By: Aishath Maaha
މިއީ ހުސެން ޔާމީން އަދި އަޒްލީނާ (އަޒޫ) އެވެ. މި ކިޔައިދެނީ މި ދެމަފިރިންގެ ވާހަކަ އެވެ. ލޯތްބާއި ކުލުނާއި އޯގާވެރިކަމުގެ ތެރެއިން ގޮސް އުފެދުނު "އޯގާ" އެއްގެ ވާހަކަ އެވެ. "އޯގާ" އަކީ ދެމަފިރިން ހިއްސާވާ ކުންފުނި އާޓިސްޓްރީގެ ތެރެއިން ފައްކާކޮށް މުޅިން އަލަށް ނެރެފައިވާ ބާތު އެންޑް ބޮޑީ ބްރޭންޑެވެ. އޭގެ ތެރޭގައި މިވަގުތަށް އަދި ހަމައެކަނި ސައިބޯންޏާއި ޝޭމްޕޫ ހިމެނުނަސް މިއީ އެއަށް ވުރެން ބޮޑު ހުވަފެނެކެވެ.
އެންމެ ފުރަތަމަ މި ދެމަފިރިންނާ ބައްދަލުވުމުން މަރުހަބާ ކީ "އޯގާ" ބްރޭންޑްގެ ސައިބޯނިންނެވެ. ފޮތިން ފަހާފައި އޮތް ކުޑަކުޑަ ކޮތަޅުތަކެއްގައި ވަރަށް ރީއްޗަށް ބަންދުކޮށްލާފައިވާ ސައިބޯނިތަކަކާއި "ވެށި ކަލެކްޝަން" ގެ ނަން ދީފައިވާ ކުޑަ ފޮއްޓެއް ވެސް އޮތެވެ. އޭގައި އޮތީ "އޯގާ" ބްރޭންޑްގެ ފަސް ފްލޭވާގެ ފަސް ސައިބޯންޏެވެ. އޭގެތެރޭގައި މިރެކަލް މޮރިންގާ، މިލްކީ މެލޯ، ކޮކޮނަޓް ކްރޭވް، ލަވް އެޓޯލް އަދި އައިލެންޑް ޑްރިފްޓް ވެސް ހުއްޓެވެ. "އައިމިނާ ރަނި"، "ރެހެންދި"، "ނީމް" އަދި ޓާމަރިކް ސައިބޯނި ވެސް ހުރެ އެވެ. މިހާތަނަށް ޖުމްލަ 50 ވައްތަރެއްގެ ސައިބޯނި އުފައްދައިފި އެވެ.
ބަންދުކޮށްލާފައި އޮތް ކޮތަޅުން ނަގާއިރު ކޮންމެ ފްލޭވާއެއް ބަންދުކޮށްލާފަ ހުރީ ތަފާތު ލޭބަލެއްގަ އެވެ. ފްލޭވާއާ ގުޅޭގޮތަށް ޑިޒައިންކޮށްފަ އެވެ. އޭގެ ހިތްގައިމު ބްރޭންޑިން ހަދައިދީފައި ވަނީ ކުޅަދާނަ އިލަސްޓްރޭޓަރު އީމާން ރަޝީދެވެ.
މި ސައިބޯނިތައް ކަނޑާލުމުން މުޅިތަން އެއް ވަސް ކޮށްލީ ސައިބޯނިތަކުން ދުވި މީރުވަހުންނެވެ. ހުރިހާ ސައިބޯންޏެއް އެއްކައިރިކޮށްލާ އަތުރާލުމުން ރާޅެއް ސިފަވެގެންދެ އެވެ. އެ ކުރެހުންތަކަށް އިންސްޕަޔާވަނީ ގުދުރަތީ ހިތްގައިމު މަންޒަރުތަކުންނެވެ.
ދެން ގެންގޮސް ވެއްދީ މި ސައިބޯނިތައް އުފައްދާ ކުޑަކުޑަ "ފެކްޓަރީ" އަށެވެ. ހުސެން އަދި އަޒޫ ދިރިއުޅޭ ގޭގައި ހުންނަ ކުޑަކުޑަ އެ ކޮޓަރީގައި ސައިބޯނި އުފައްދަން ބޭނުންކުރާ ސާމާނުތައް ހުއްޓެވެ. އުނދުނާއި، ސޯޕްކަޓަރާއި ފްރިޖެއް ހުއްޓެވެ. ހުރިހާ މަސައްކަތެއް ވެސް ކުރަނީ މެނުއަލްކޮށެވެ. ތައްޔާރުކޮށްފަ ހިއްކަން ބަހައްޓާފަ ހުރި ސައިބޯނިތަކަކާއި ޝޭމްޕޫ ބާތަކެއް ވެސް ހުއްޓެވެ. އޭގެއިތުރުން އަމިއްލައަށް ތައްޔާރުކޮށްފަ ހުރި އުއްބައްތިތަކެއް ވެސް ހުއްޓެވެ. މުޅިތަނުގައި ހިފާލާފައި ހުރީ އެ ސައިބޯނީގެ ހިތްގައިމު "އޯގާ" ގެ މީރުވަހެވެ.
"އޯގާ" އަކީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ދެ މީހުން ދިމާވެ ދެމީހުންގެ ގުޅުމުގެ ތެރެއަށް ލޯބީގެ ކުލަޖެހެމުން ދިޔައިރު ފޮޅުވި މަލެއްގެ ސިއްރެވެ.
"އަޒޫ މެލޭޝިޔާގައި އުޅުނިން ދެ އަހަރެއްހާ ދުވަހު. އޭރު ޓްރެންޑްވަމުން އައީ މިކަހަލަ އޯގެނިކް ބޮޑީ ޕްރޮޑަކްޓްސް. އެކަހަލަ އެއްޗެހި އިހުތިޔާރު ކުރެވޭ އެއީ އަހަރެންގެ އިސްތަށިގަނޑާއި ސްކިން އެހާ ނޯމަލް ނުވީމަ. އެހެންވެ އެއަށް ވެސް ޓްރީޓްމަންޓާ އެއްޗެހި ބޭނުންވާތީ އޭރު ޝައުގުވެރިކަން އުފެދިފަ ހުރީ," ސައިބޯނި ހެދުމުގެ މަސައްކަތް ފެށިގެން އައި ގޮތް ކިޔައިދެމުން އަޒޫ ބުންޏެވެ.
އަޒޫގެ އެ ހުވަފެން ފޮހެވިގެން ނުދަނީސް ދެ މީހުން އެކުގައި ގޮސް މެލޭޝިޔާއިން ކުރު ކޯހެއް ހަދައި މިހުރިހާ ކަމެއް އެންމެ ފުރަތަމަ ދަސްކުރީ އެވެ. ޗުއްޓީ ދަތުރެއްގެ ގޮތުގައި ކުރި އެ ދަތުރު ނިންމާލާފަ އެނބުރި މާލެ އައީ ސައިބޯނި ހަދަން ދަސްކޮށް އެކަމަށް ބޭނުންވާ ގިނަ ސާމާނު ގަނެގެން ހިތް ފުރާލައިގެންނެވެ.
ރާއްޖެއިން ލިބެން ހުންނަ އެއްޗެއް ވިއްޔާ ގަންނަނީ ރާއްޖެއިންނެވެ. ދިވެހި އެހެން ވިޔަފާރިތަކަށް ވެސް އެހީތެރިވެވޭނެތީ އެވެ.
ކުރީގެ ކައިވެންޏަށް އަޒޫއަށް ލިބިފައި ހުރި ދަރިފުޅަށް ވަގުތު ދެމުން، އަމިއްލަ ފައިމައްޗަށް ތެދުވަން އަދި ކެމިކަލާ ދުރު އުފެއްދުންތަކެއް ބޭނުންވެފައި ތިބި ދަނޑިވަޅަކަށްވާތީ އަޒޫ އަދި ހުސެންއަށް ވެސް ފެނުނު އެންމެ ރަނގަޅު ހައްލަކީ މިފަދަ އުފެއްދުމެއްކަމަށް ވެސް ގަބޫލުކުރެވިގެންނެވެ. އޭގެއިތުރުން ޕްލާސްޓިކާ ދެކޮޅަށް ދުނިޔެއިން ކުރަމުންދާ މަސައްކަތަށް ވެސް އެހީތެރިވެވިދާނެ ގޮތްތަކެއް މި އުފެއްދުމުގެ ތެރެއިން ދައްކާލެވޭނެތީ އެވެ.
އިތުރު ސަބަބެއް ދައްކާލަންހޭ ބުނެފައި އަޒޫ ކިޔައިދޭން ފެށީ ތަފާތު މަސައްކަތެއް ކުރަން އަޒޫގެ ޝައުގުވެރިކަން ހުރި މިންވަރެވެ. ކޭކު ކޯހެއް ހަދައިގެން ކޭކު އެޅުމުގެ މަސައްކަތް ކުރި އެވެ. ފަހާ ކޯހެއް ހަދައިގެން ފަހަން ވެސް ފެއްސެވެ. އެކަމަކު އެ ދެ ކަންތައް ވިޔަފާރިއެއް ގޮތުގައި އަޒޫ ނުކުރެ އެވެ. ބޭރުން އެއްޗެހި ގެނެސްގެން އޮންލައިން ވިޔަފާރިވެސް ކުރި އެވެ. އޭގެއިތުރުން އާޓަކީ އަޒޫގެ ޝައުގުވެރިކަން އެންމެ ކުޑައިރުން ފެށިގެން ވެސް ހުއްޓިފައިވާ ދާއިރާއެކެވެ. އަޒޫގެ އެ ޝައުގުވެރިކަމާއި ހުނަރު ގިނަ ބަޔަކަށް ދައްކާލަން އަޒޫ އަބަދުވެސް ހުރީ ބޭނުންވެފަ އެވެ. ސައިބޯނިތަކުގައި އެ ހުންނަ ކުރެހުމަކީ އަޒޫ އަމިއްލައަށް އަތުން ކުރަހާފަ ހުންނަ ކުރެހުންތަކެވެ.
"އޯގާ" ސައިބޯނި ތައްޔާރުކުރުމުގެ ތެރެއިން. --
ހުސެން ކުރިން މަސައްކަތްކުރީ ބީއެޗްއެމްގެ މާކެޓިންގަ އެވެ. އޭގެ އިތުރުން ހުސެން އަކީ ގްރެފިކް ޑިޒައިނަރެއް ވެސްމެ އެވެ. އާޓަކީ އާއިލާގެ ފަރާތުން ހުސެންއަށް ވާރުތަވެފަ އޮތް ހުނަރެކެވެ. ހުސެންގެ ބައްޕައަކީ އާޓިސްޓެކެވެ. ހުސެންގެ ކްރިއޭޓިވިޓީ ތަފާތު ގޮތަކަށް ދައްކާލަން ހުސެން ވެސް ހުރީ ބޭނުންވެފަ އެވެ. ތަފާތުކަމެއް ކުރުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް އަމަލީ ސިފައެއް ގެންނަން އުނދަގޫވެފަ ހުރި ދަނޑިވަޅުގައި އަޒޫ އާ ދިމާވެ ހުސެންގެ ޝައުގުވެރިކަން ވެސް ގުުދުރަތީ ބާވާތްތައް ބޭނުންކޮށްގެން އުފައްދާ ސައިބޯންޏާއި ދިމާއަށް ހުއްޓުނީ އެވެ. ދެމަފިރިންގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްލާފަ އޮންނަނީ މިމަސައްކަތަށެވެ.
ދެ މީހުންގެ ވިސްނުން ވެސް ތަފާތުކަމެއް ފެށުމަށް ޝައުގުވެރިވެ ގުޅޭ ހިސާބަކީ މިއީ އެވެ. އެ ތަފާތުކަމެއް ވިޔަފާރީގެ ތެރެއިން ފެނުނީ މިފަދަ އުފެއްދުމެއް އުފައްދައިގެން ކަމަށް ގަބޫލުކުރެވިގެންނެވެ. އޭގެ އިތުރުން ކުރިއަށް ގެންދިޔަ މާކެޓް ރިސާޗްތަކާއި ކުދިކުދި ސާވޭތަކުގެ ނަތީޖާ ދެއްކީ މިފަދަ ވިޔަފާރިއަކަށް ތައްޔާރުވެފައި އޮތްކަމެވެ. ދެ މީހުންގެ އާޓިސްޓިކް ހުނަރު ދައްކާލަން ވެސް ލިބޭ ފުރުސަތަކަށް ވެސް ވާނެތީ އެވެ.
"މިކަހަލަ އޯގެނިކް ބާތު އެންޑް ބޮޑީ ޕްރޮޑަކްޓްތަކެއް ބޭނުންވޭ މިތަނަށް. އޭގެތެރެއިން ވެސް އެއްފަހަރާ ބައިވަރު އެއްޗެހިތަކެއް ހަދަން އުޅެގެން ރަނގަޅަށް ފޯކަސްއެއް ނުކުރެވޭނެ. އެހެންވެ ޑިސައިޑްކުރީ ސައިބޯނި ހަދަން. އޭގެން މާސްޓާކޮށް އައިއެސްއޯ ސެޓްފިކެޓް ހޯދާފަ ދެން އެހެން އުފެއްދުމަކަށް ދާން،" މިދިޔަ ފެބްރުއަރީ މަހު "އޯގާ" އައިއެސްއޯ މިންގަނޑަށް ފެތި ސެޓިފައިވިކަން ފާހަގަކުރަމުން ހުސެން ބުންޏެވެ. "އޯގާ" މި ބްރޭންޑް ވުޖޫދުވެގެން އައީ ވެސް މި އަހަރެވެ. ކުރިން ސައިބޯނި ވިއްކަމުން ދިޔައީ އާޓިސްޓްރީގެ ދަށުންނެވެ.
މިވަރުގެ ކާމިޔާބީއެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ނަމަވެސް އެންމެ ފުރަތަމަ ވީ ފެއިލް އެވެ. ދެވަނަ ފަހަރު ހެދި ސައިބޯނިތައް ވެސް ކަމަކުނުދިޔަ އެވެ. އެކަމަކު އެއީ ވެސް ކާމިޔާބެއް ކަމަށް ބަލާ ތިން ވަނަ ބެޗެއް ވެސް ހެދީ އެވެ. ކުރީ ދެ ބެޗުން ދަސްވި ފިލާވަޅުތަކަށް ވެސް ބަލައިގެންނެވެ.
"ފުރަތަމަ ވަރަށް ހާސްވި. ޓީޗަރު ކައިރި ހުރެ ހެދުމާއި މިހެން އައިސް އަމިއްލައަށް ހެދުމާއި ޓިއުޓޯރިއަލް އެއް ބަލައިގެން ހެދުމާއި ވަރަށް ތަފާތު. އޭގައި ހުންނާނެ އެމީހުން ނުކިޔައިދޭ ބައިވަރު އެއްޗެހި. ވީޑިއޯ އެއްޗެހީގައި ހުންނާނެ ނުކިޔައިދީ. އަހަރުމެން ޓީޗަރެއް ކައިރިއަށް ދިޔައީމަ ކިޔައިދީފަ ހުރީ މިކަހަލަ އެއްޗެހި." ކޯހަށްފަހު އަމިއްލައަށް ފުރަތަމަ ހެދި ސައިބޯނ ބެޗުގެ ވާހަކަ ކިޔައިދެމުން އަޒޫ ބުންޏެވެ.
ކޮންމެ ސައިބޯނި ބެޗެއް ހެދުމަށްފަހު ހިއްކުމަށް މަސް ދުވަހު ބަހައްޓަން ޖެހޭކަމަށް ވެސް އަޒޫ ބުންޏެވެ. ކޮންމެ ބެޗެއްގައި ތައްޔާރުކުރަނީ 50 ސައިބޯންޏެވެ. އެކަމަކު 200 ސައިބޯނި ތައްޔާރުކުރުމުގެ ކެޕޭސިޓީ އެބަހުއްޓެވެ.
"ފެއިލްވާ ކޮންމެ ފަހަރަކު ވެސް އެތައް ކަމެއް ދަސްވާނެ. އެ ނޮލެޖު ބޭނުންކޮށްގެން ދެން ހަދާ ފަހަރު ހަދަނީ."
ކާމިޔާބު ސައިބޯނި ބެޗެއް އުފައްދައިގެން އެންމެ ފުރަތަމަ މާކެޓަށް ނެރުނީ 2017 ވަނަ އަހަރުގެ އޯގަސްޓް ހިސާބުގަ އެވެ. އޭރު އުފެއްދީ ލެވެންޑާ އަދި ޗާކޯލް ފްލޭވާ އެވެ. ވިއްކަން ނެރުނީ އަމިއްލައަށް ޓެސްޓުކޮށް އެތައް ގޮތަކަށް ބެލުމަށް ވެސް ފަހުގަ އެވެ. ސައިބޯނި ވިއްކީ އާޓިސްޓްރީގެ ނަމުގައި އިންސްޓަގްރާމްގައި އެކައުންޓެއް ހަދައިގެންނެވެ.
"އޯގާ" މިހާތަނަށް 50 ފްލޭވާއެއްގެ ސައިބޯނި އުފައްދައިިފ. --
"އޯގާ" ސައިބޯނި އައިއެސްއޯ ސެޓިފައިވުމުން އޭގެ ތެރެއިން މިހާރުވަނީ ޝޭމްޕޫ ބާ އުފައްދާފަ އެވެ. އޭގެ އެއް ބެޗު ވިއްކާ ނިންމުމަށްފަހު މިހާރު އިތުރު ބެޗެއް ބާޒާރަށް ނެރުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ޝޭމްޕޫ ބާ އެއް ހެދީމާ ބައެއް މީހުން އުފައްދާ ސުވާލަކީ ބޮލުގައި އުނގުޅީމާ ހަޑިއެއް ނުވާނޭ ހެއްޔޭ އެވެ. ބައެއް މީހުން ގަނޑު ސައިބޯނި ބޭނުންކުރުން ހުއްޓާލާފަ ފުޅީގައި ބަންދުކުރި ސައިބޯނިތަކާއި ދިމާލަށް ދިޔަ އެއް ސަބަބަކީ އެއީ އެވެ.
"އެއީ އަސްލު މިސްކޮންސެޕްޝަނެއް. އެގޮތަށް ބޭނުންކުރިއަސް ނުވާނެ ހަޑިއެއް. އެކަމަކު ގިނަ މީހުން އެއް ސައިބޯނި ބޭނުންކުރުން ރަނގަޅެއް ނޫން. ސައިބޯނީގައި ހުރެއެއް ނުން ތެޔޮގޮތެއް. ސައިބޯނި ގައިގައި އުނގުޅީމަ ގައިގައި ހުންނަ ޖަރާސީމުތައް ދާނެ." ހުސެން ކިޔައިދިނެވެ.
"އޯގާ" ސައިބޯންޏަކީ ޓޯޓަލް ފެޓީ މެޓާ މިންވަރު ހުރީ 80.8 ޕަސަންޓުގައި ކަން ހުސެން ފާހަގަކުރި އެވެ. ހުސެން ބުނީ ބާޒާރުގައި ހުރި އެންމެ ކޮލިޓީ ސައިބޯނީގެ ޓޯޓަލް ފެޓީ މެޓާ ހުރީ 76.5 ޕަސަންޓުގަ ކަމަށެވެ.
"އެންމެ ކޮލިޓީ ސައިބޯނީގައި ހުރީ 76.5 ޕަސަންޓު. އެއަށްވުރެ ދަށްވެއްޖެޔާ ބީ ގްރޭޑް. 62%އަށް ވުރެ ދަށްވެއްޖެޔާ އެއީ އޯމޯ އާ އެއް ފެންވަރު. އަހަރުމެންގެ ސައިބޯނި ޓެސްޓުކުރި އިރު ހުރީ80.8 ޕަސަންޓު. އެއީ މާކެޓް ޝެލްފްތަކުގައި ހުރި އެއްޗެއްސާ އަޅާބަލާއިރު އެއީ ބީ ގްރޭޑް. އަހަރެމެން މީ އޭ ގްރޭޑް އޭ ބުނެވިދާނެ." ހުސެން ބުންޏެވެ.
ދިވެހިންގެ އިތުރުން ފަތުރުވެރިންގެ ތެރެއަށް މި އުފެއްދުން ދޫކޮށްލަން މިހާރު ތައްޔާރެވެ. ސޯނޭވާފުށި ރިސޯޓުގެ ސްޕާއިން މިހާރު އޯގާ ގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އިތުރު ދެތިން ރިސޯޓާއި ވާހަކަ ދައްކަމުން އަންނައިރު އެއާޕޯޓުގަ ވިއްކަން ބަހައްޓަން ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ. ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް އަދިވެސް "އޯގާ" ސައިބޯނި ގަނެވޭނެ އެވެ.
"ދިވެހިންގެ އިތުރުން ބޭރު މީހުންނަށްވެސް ޓާގެޓްކުރަން. އަންހެން ކުދިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު. ޝޭމްޕޫ ބާ ވެސް ހަދާފަ ހަމަ އެދުވަހު ހުސްވެއްޖެ." އަޒޫ ބުންޏެވެ. އަޒޫ ބުނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ޝޭމްޕޫ ބާ ތައް ވިއްކަން ފަށާނެ ކަމަށެވެ.
"އޯގާ" ސައިބޯންޏެއް ވަކިން 120 ރުފިޔާއަށް ވިއްކާއިރު ފަސް ސައިބޯނި ހިމެނޭ "ވެށި ކަލެކްޝަން" ބޮކްސް އެއް ވިއްކަނީ 100 ރުފިޔާއަށެވެ. "އޯގާ" ޝޭމްޕޫ ބާއެއްގެ އަގަކީ ވެސް 100 ރުފިޔާ އެވެ. ޝޭމްޕޫ ބާ ގެ ދެ ވައްތަރެއް އުފައްދަ އެވެ. އެއީ ހާބަލް އަދި މޮއިސްޗުރައިޒިން އެވެ.
"އޯގާ" އިން ވަނީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު އޫރިދޫގެ ޕްރޮޖެކްޓަކަށް ވެސް ގިނަ އަދަދެއްގެ ސައިބޯނި ތައްޔާރުކޮށްފަ އެވެ. އެދެމަފިރިންގެ ކައިވެނި ޕާޓީގެ ގިވްއަވޭ އަށްވެސް ވަނީ ސައިބޯނި ހަދިޔާކޮށްފަ އެވެ.
View this post on Instagram
Gentle Facial bar This highly moisturizing bar of soap is made up with all natural ingredients such as Olive oil, Coco butter, Shea butter, Coconut oil, Castor oil, Grapeseed oil, Calendula, Turmeric, Goatmilk, Honey, Frankincense and Rose Geranium Essential oil. -Turmeric and Rose Geranium is well known for its antibacterial properties -Calendula soothes your skin. Frankincense essential oil heals and prevents signs of aging - Honey has antioxidants properties. -Goat milk is known for many benefits to skin especially for irritated skins. MVR130/- OUT OF STOCK . . . Gentle Facial bar without any essential oil is available in limited quantities. MVR110/- #artistreemv #madeinmaldives #soap #organic
A post shared by artistree (@artistree.mv) on
"އޯގާ" ސައިބޯނި ބޭނުންކުރަންވީ ސަބަބުތަކެއް:
- 100% ނެޗުރަލް އިންގްރީޑިއަންޓްސް ބޭނުންކޮށްގެން އުފައްދާފަ ހުރުން
- މެނުއަލްކޮށް ކޮންމެ ސައިބޯންޏެއް އުފެއްދުން
- އައިއެސްއޯ ސެޓިފައިޑް ސައިބޯނި
- ޓޯޓަލް ފެޓީ މެޓާ ސައިބޯންޏަކަށްވުން
- އެންމެ ބޮޑެތި ސައިބޯނި ކުންފުނިތަކާއި އެއް ފެންވަރަކަށް އާދެވިފަ ހުރުން
- 100 ޕަސަންޓު ވެޖިޓޭރިއަން ސައިބޯނި އެބަހުރި
މިހާތަނަށް ނެގެޓިވް ފީޑްބެކެއް "އޯގާ" އަށް ނުލިބެ އެވެ. އޭގެ ބަދަލުގައި ލިބެނީ ޕޮޒިޓިވް ކޮމެންޓާއި ފީޑްބެކެވެ. އާއިލާ އާއި ރައްޓެހިންގެ ފަރާތުން ވެސް ސަޕޯޓްލިބޭ ކަމަށް ބުންޏެވެ.
"އޯގާ" ބްރޭންޑް އިތުރަށް ފުޅާކޮށް "ބާތް އެންޑް ބޮޑީ"ގެ އިތުރު އުފެއްދުންތައް އުފައްދާ އަމިއްލަ ފިހާރައެއް ހުޅުވުމަކީ މިދެމަފިރިން މިހާރު ދެކެމުން އަންނަ ހުވަފެނެކެވެ. ބޭރުން އެއްޗެހި ގެނެސްގެން ވިއްކުމުގެ ބަދަލުގައި އަމިއްލައަށް އުފައްދައިގެން ވިއްކުމަކީ އެމީހުންގެ އެންމެ ބޮޑު އެއް އަމާޒެވެ.