13 Aug 2019

By: Asima Nizar

އިންޑިއާގެ ޓީވީ ހޮސްޓް އަދި ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން މީގެ ކުރިން ދެތިން ފަހަރަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށް ބައެއް ލަވަތަކުގެ މަސައްކަތްކުރީ ރިސޯޓުތަކުގަ އެވެ. ނަމަވެސް ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސޭންޑް ރިޕަބްލިކުން ބޭއްވި ބޮޑު ޝޯ އަށް އަދިތުޔާ ފުވައްމުލަކުގައި ހޭދަކުރި ވަގުތު ވެގެން ދިޔައީ އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަށެވެ. އެ ސިޓީގެ ގުދުރަތީ ރީތިކަމުން އޭނާ ހުރީ އަޖައިބުވެފަ އެވެ.

އަދިތުޔާ، 32، ބުނި ގޮތުގައި ފުވައްމުލަކުގެ ތުނޑި އަކީ ހައިރާންވާ ވަރުގެ ތަނެކެވެ. އެނަތަނަށް އެ ބިންދާލާ ބިޔަ ރާޅު އޭނާ އަށް ވީ ވަރަށް ހާއްސަ އެއްޗަކަށެވެ.

View this post on Instagram

बताओ कौनसा Avenger? #Khatraख़तराKhatra @colorstv

A post shared by Aditya Narayan (@adityanarayanofficial) on

"އަނެއްކާ ވެސް ވަރަށް އަވަހަށް ފުވައްމުލަކަށް އަންނާނަން މިތަން އެއްކޮށް ބަލައި ޑައިވިން ތަޖުރިބާކޮށްލަން،" މިއުޒިކްގެ އާއިލާއަކަށް ނިސްބަތްވާ ފަންނާނު ބުންޏެވެ.

މިދިޔަ ޖޫން މަހު އޭނާ ރާއްޖެ އައިސް ދެ ލަވައެއްގެ ވީޑިއޯ ކުޅެފައިވެ އެވެ. މި މަހުގެ ފަހުކޮޅު އެތަނުން އެއް ލަވަ ރިލީޒްކުރާއިރު އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދާނެ ލަވައެއް ކަމަށް އަދިތުޔާ ބުންޏެވެ. "ލިއްލާ" ނަމަކަށް ކިޔާ އެ ލަވަ ކުޅެން ރާއްޖެ އަށް ވުރެ ރީތި ތަނެއް ނުވިސްނުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން މިދިޔަ މަހު އާއިލާއާއެކު ރާއްޖޭގެ ރިސޯޓެއްގައި ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާ އެއްވަރަށް އޭނާ އަށް އެ ރަށުން ލިބުނު މެހެމާންދާރީއާ މެދު ވެސް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދިތުޔާ ބުނިގޮތުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ މީހުންގެ ރަނގަޅުކަމެވެ. ހިތްހެޔޮ ކަމެވެ.

View this post on Instagram

मज़ा आ गया! I absolutely love the Maldives & can spend every vacation here. What’s your dream vacation? #HeritanceAarah #Maldives

A post shared by Aditya Narayan (@adityanarayanofficial) on

އަދިތުޔާ ސިފަކުރި ގޮތުގައި ރާއްޖޭގެ ވެރިރަށް މާލެ އަކީ އިންޑިއާގެ ތޮއްޖެހިފައިވާ މުމްބާއީ ކަހަލަ ތަނެކެވެ. ފުވައްމުލަކަށް ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރު ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ވަރަށް ފުރިހަމަވާނެ ކަމަށް އޭނާ ބުންޏެވެ.

"ރާއްޖެ އަންނަން، ފުވައްމުލަކަށް ޒިޔާރަތްކުރަން ރައްޓެހިންނަށް ސަޖެސްޓް ކުރާނަން. ވަރަށް ހިތްހަމަޖެހޭ، ވަރަށް ރީތި ތަނެއް،" އަދިތުޔާ ބުންޏެވެ.

-- ކަވަ ފޮޓޯ: ފުވައްމުލަކުގައި ބޭއްވި ޝޯގައި އަދިތުޔާ ލަވަކިޔަނީ.-- ކްރިސްޓަލް ފޮޓޯ/ޝިފްދާ

ފުވައްމުލައް އަޟްހާ އީދު މިއުޒިކް

Popular