6 Oct 2019

By: Ifraz Ali

ކޮންމެ ދެ ހަފުތާއަކުން ގެނެސްދޭ "ދޯ" ގެ އެންމެ ރީތި ފޮޓޯތަކަށް ވާދަކުރުމަށް، ސޯޝަލް މީޑިއާ އަށް ފޮޓޯ ދޫކޮށްލާއިރު ReethiDho# މި ހޭޝްޓެގު ބޭނުންކުރާށެވެ. މި ގެނެސްދެނީ މިދިޔަ ދެ ހަފުތާގައި އެންމެ އާންމުވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.

niyashhh@

ފޮޓޯ: ނިޔާޝް ނިޒާރް

އައްޑޫ ނޭޗާ ޕާކުގައި އޮންނަ ކޯއްޓޭ އިން ފެނުނު ގްރީންސީ ވެލައެކެވެ. ފޮޓޯ ނެގި ނިޔާޝް ބުނީ މި ވެލާ މިހާރު 15 ވަރަކަށް ފަހަރު އޭނާއަށް ފެނިއްޖެ ކަމަށެވެ. މިއީ އެހެން ފެނުނު ފަހަރެއްގައި ނެގި ފޮޓޯއެކެވެ.

alys_capture@

ފޮޓޯ: އަލީ އިބްރާހިމް

އިއްޔެ ސޯޝަލް މީޑިއާގައި މި ފޮޓޯ ވަރަށް ވައިރަލްވި އެވެ. އަލީ އިބްރާހިމްމެން މަހަށް ގޮސް ހިފި ރެހިތަކެއްގެ މި ފޮޓޯއާއެކު، ރެހި ތެއްލާފައި ހުރި ފޮޓޯއެއް ވެސް ފޭސްބުކަށް ލިޔެ އެވެ. ދިވެހި ކެއުމުގައި ތެއްލި ރެއްސަކީ ވެސް ވަރަށް މުހިންމު އަދި މީރު އެކައްޗެވެ.

barmiuder@

ފޮޓޯ: ބާމިއުޑާ

މި ފެންނަނީ ށ.ފުނަދޫގެ ކުޅި އެވެ. އަދި ކުޅި ތެރޭގައި ރިޔަލު ދޯންޏެއް ވެސް އެބަ އޮތެވެ. ރަށުގެ ދިގަށް މި ކުޅި އޮންނަނީ އެ ރަށުގައި މީހުން ދިރިއުޅޭ ފަރާތް ނޫން އަނެއް ފަރާތުގަ އެވެ.

nauttephotos@

ފޮޓޯ: ނައުޝާދު އަބްދުލް ރައްޒާގު

މި ފެންނަ ތަނަކީ ވާވު އަތޮޅުގެ ރަމްޒެކޭ ވެސް މިހާރު ބުނެދިވާނެ އެވެ. އެ އަތޮޅަށް ދަތުރުކުރާ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް މަންޒިލަކީ މިއެވެ. ވ.ކެޔޮދޫއާ ވަރަށް ކައިރީގައި އޮންނަ މި ތަނަކީ އަހަރުތަކެއް ކުރިން ފެތުނު ބޯޓެއް އޮންނަ ތަނެކެވެ. ނައުޝާދު މި ފޮޓޯ ނެގީ ޓޫރިޒަމް ދުވަހު އެ ރަށުގައި ބޭއްވި އިވެންޓަކަށް ފަހު އެވެ.

nausham.waheed@

ފޮޓޯ: ނައުޝަމް ވަހީދު

"ބޮޑުވެގެން ވާން ބޭނުމީ ކޮން ކަހަލަ މީހަކަށް؟"

މައިންބަފައިން، ދަރިން ސުކޫލަށް ފޮނުވާ ފުރަތަމަ ދުވަހުން ފެށިގެން މަތީ ތައުލީމާ ހަމަޔަށް ދަންދެން މުދައްރިސުން އެ ކުދިންނާ ކުރާ އެއް ސުވާލަކީ ބޮޑުވެގެން ވާން ބޭނުމީ ކޮން ކަހަލަ މީހަކަށްތޯ އެވެ. ނަމަވެސް ކިޔަވާ ނިމުމުން، ވާން ބޭނުންވާ މީހަކަށް ނުވަތަ ކުރިއަށް ދާން ބޭނުންވާ ދާއިރާ އިހުތިޔާރު ނުކުރެވި، ބައެއް ކުދިންނަށް މައިންބަފައިން ބުނާ ދާއިރާއެއްގައި އުޅެންޖެހެ އެވެ.

"ކޮންމެ ކުއްޖަކީ ޑޮކްޓަރަކަށް ނުވަތަ ވިޔަފާރިވެރިއަކަށް ވާން ޖެހޭ ކުއްޖެއް ނޫނެކެވެ. އަމިއްލަ އަށް ކުރިއަށް ދާން ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެކެވެ. އެހެންކަމުން ޓީޗަރުން، މައިންބަފައިންނާއި މި ސުވާލު ނުކުރަނީ ކީއްވެ ހެއްޔެވެ؟" އިއްޔެ ފާހަގަކުރި ޓިޗާރުންގެ ދުވަހު، މި ފޮޓޯ އިން ނައުޝަމް ދޭން ބޭނުންވި މެސަޖީ މި އެވެ.

noonuphoto@

ފޮޓޯ: ނޫނު ފޮޓޯ

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރީ މިދިޔަ ހަފުތާގަ އެވެ. މިއީ އެ ދުވަހުގެ މުނާސަބަތުގައި ނޫނު ފޮޓޯ އިން ޕޯސްޓުކުރި ފޮޓޯއެކެވެ.

"މިއަދު މި ފާހަގަކުރާ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހު، އަހަރަމެންގެ މުޖުތަމައުއަށް އެމީހުން ކޮށްދީފައިވާ ހުރި، އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރަމާ،" މީގެ ކެޕްޝަންގައި ލިޔެފައި އޮތެވެ.

ފޮޓޯގްރަފީ ސޯޝަލް މީޑިއާ

Popular