21 Oct 2019

By: Aminath Ibrahim

ފަސް އަހަރުގެ އަންހެން ދަރިފުޅުގެ އުފަން ދުވަހު، ހާއްސަ ގޮތަކަށް ނަލަ ހައްދާލަން މޫނާއި ތުންފަތުގައި މޭކަޕް ކުލަކޮޅެއް ހާކާލުމަކީ ގޯހެއް ނޫނެވެ. ނުވަތަ ހުކުރު ދުވަހެއްގައި ދެމައިން އެކުގައި ހޭދަކުރާ ހާއްސަ ވަގުތުކޮޅެއްގެ ތެރެއިން އަމިއްލަ އަށް ގެންގުޅޭ މޭކަޕް ސާމާނުތަކާ ކުޅެލަން ކުޑަ ވަގުތުކޮޅެއް ދަރިފުޅަށް ދިނުން ވެސް ހަމަ އެންމެ ރަނގަޅެވެ. އެކަމަކު ކަންމަތީ ފިހާރަ އަށް ހަތަރު އަހަރުގެ އަންހެން ދަރިފުޅު އުރާލައިގެން ދާ ގަޑީގައި ތުންފަތާއި ހަމުގެ ކުލަ ނުފެންނަ ވަރަށް މޭކަޕް ކާއްތާފައި ހުރުން ރަނގަޅު ހެއްޔެވެ؟

ދަރިފުޅު ދެކެ ވާ ލޯތްބަކުން ކުރެވޭ ކަމަކަށް ވިޔަސ،ް މިއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސަބަބުތައް އެބަހުއްޓެވެ.

މޭކަޕަކީީ ހުސް ކެމިކަލް

ހުރިހާ މޭކަޕް އުދެއްދުމެއްގައި ވެސް ކުޑަކުދިންގެ ނާޒުކު ހަމާ ނުގުޅޭ އެތައް ބައިވަރު ކެމިކަލެއް ބޭނުންކުރެ އެވެ. ކުޑަކުދިންނަކީ އަހަރެމެންނަށް ނޭނގޭ އެތައް އެއްޗަކަށް ސެންސިޓިވް ބައެކެވެ. ހިރަފުސް ޖެހިގެން ވެސް ބައެއް ކުދިން އެލާޖިކްވެ އެވެ. މޫނުގައި ޖަހާ ބޭބީ ފުށުން ވެސް އެއްބައި ކުދިންނަށް، ނޭވާލުމުގެ އުނދަގޫ ކުރިމަތިވެ އެވެ. އަދި މި ދައްކަނީ މޭކަޕްގެ ވާހަކަ އެވެ.

ހަމުގެ މައްސަލަތަކަށް ދައުވަތެއް

ކުޑައިރު ކުދިން މޭކަޕް ފަދަ ތަކެއްޗަށް އާދަކުރުވުމާ މެދު ހަމުގެ ޑޮކްޓަރ،ު މުހައްމަދު ހައިކަލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައި މޭކަޕް ކުރުމުން "އެކްޒީމާ" ފަދަ ހަމުގެ ބަލިތައް ޖެހުން މެދުވެރިވެދާނެ ކަމަށެވެ. އެހެންކަމުން ވަކި އުމުރަކަށް އެޅެންދެން އެފަދަ ތަކެއްޗާ ކުޑަކުދިން ދުރުކޮށްގެން ގެންގުޅެން ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.

"އެކްޒީމާ އަކީ ރާއްޖޭގެ ކުޑަކުދިންނަށް ދިމާވާ ވަރަށް އާންމު ހަމުގެ މައްސަލައެއް. ބައެއް ކުދިންނަކީ ހަމުގެ މައްސަލަތަކަށް ނާޒުކު ވިޔަސް ވިހާއިރު އެފަދަ މައްސަލަތައް ނުހުރެދާނެ ކުދިން. މިކަހަލަ ކަންކަން ޑިވެލޮޕް މިވަނީ ކުއްޖާ ބޮޑުވަމުން އަންނަ އިރު. އެންވަޔަރަމަންޓްގަ ހުންނަ ކަމަކުން، ހިރަފުހަށް އެލާޖިކް ވެގެން ވެސް އެކްޒީމާ ޑިވޮލޮޕް ވެދާނެ. އެހެންވީމަ ވީހާވެސް ރަނގަޅު ގޮތަކީ ކުދިން މިބާވަތުގެ ކެމިކަލްތަކާ ދުރުކޮށްގެން ގެންގުޅުން،" ހައިކަލް ވިދާޅުވި އެވެ.

ފުރާ ވަރަށް އަޅާއިރު ހަމުގެ ތާޒާކަން ގެއްލޭ

މޭކަޕުން ހަންގަނޑުގައި ހުންނަ ނެޗުރަލް ގްލޯ ގެއްލުވައިލަ އެވެ. ހަންގަނޑު ބޯވެ، ޑެޑް ސެލްތައް އިތުރުވުމަކީ ހަންގަނޑުގެ ތެތްކަމާއި ޝާއްބަކަން ގެއްލުވާލައި ބިހި ނެގުމަށް ފަހިކުރުވާ ކަމެކެވެ. ކުދިން ފުރާވަރަށް އަޅާ ދުވަސްކޮޅަކީ ތަފާތު ބަދަލުތައް އަންނަ ދުވަސްކޮޅެކެވެ. އެހެންވީމާ އަމިއްލައަށް ކުދިން ރީތިކޮށް ދެކެން ބެނުންވާ ދުވަސް އަންނަން ވާއިރަށް ކުދިން ހުތުކޮށް ނުލާށެވެ.

އަސްލު ސިފައާ މެދު ކުދިންގެ އިތުބާރު ގެއްލޭ

ކުޑަކުޑަ އިރު މޭކަޕް ކުރުމަށް ހިތްވަރު ދިނުމުން ކުދިން، އެކުދިންގެ ނެޗުރަލް ލޫކް އަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ. މޭކަޕްގެ ޓަޗެއް ނެތި ތިމާ މީހާ ރީތި ކަމަށް ގަބޫލު ނުކުރެވުމަކީ ހާއްސަކޮށް މިފަދަ ކުދިން ފުރާވަރަށް އަޅައިގެން އަންނަ އިރު ދިމާވެދާނެ މައްސަލައެކެވެ.

އެހެންވީމާ ކުދިން ދެކެ ލޯބިން، ހިތްވަރު ދޭންވީ ހެލްތީ ލައިފްސްޓައިލެއް ދިރިއުޅޭށެވެ. މޭކަޕަކީ ހަގީގީ ސިފަ ކަމުގައި ގަބޫލުކުރުމުގެ ފުރުސަތު ކުދިންނަށް ނުދޭށެވެ. ދަރިފުޅުގެ އަސްލު ހަމާއި ސިފަ އަކީ އެންމެ ރީތި ސިފަ ކަން ވިސްނުވައިދޭށެވެ. އޭރުން ކުދިންނަށް އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްވާނެ އެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ބޮޑުވާނެ އެވެ.

ކުޑަކުދިން ހަމުގެ ފަރުވާ މޭކަޕްކުރުން

Popular