By: Aminath Ibrahim
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ބައެއް މީހުންނަކީ މުޖުތަމައުގައި ކޮންމެވެސް ހާއްސަ މަގާމަކާ އެކު ފޮރުވިފައި ތިބޭ ބައެކެވެ. މީހުން އިތުބާރުކުރާ އަޚްލާގު ރަނގަޅު ބައެއްގެ ގޮތުގައި ސިފަވެ އެކަން ނިވާފަތްގަނޑަކަށް ބޭނުންކުރާ މީހުންނެވެ. މިބައި މީހުން ކޮންމެ ތަނެއްގައި ކޮންމެ ސިފައެއްގައި ވެސް ތިބެދާނެ އެވެ. އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ އެކި ހިސާބުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން މަހެއްގެ މައްޗަށް ވިއްސަކަށް ކޭސް ޖެންޑާ އަށް އެވްރެޖްކޮށް ރިޕޯޓު ކުރެ އެވެ. އަހަރެއްގެ މައްޗަށް މި ނިސްބަތުން ބަލާއިރު އެ އަދަދު 200 އިން މައްޗަށް އަރައެވެ. މިކަމަށް ނިމުމެއް އެބައޮތް ހެއްޔެވެ؟ ހިޔަނީގައި ތިބެގެން ކުދިންނަށް ހަމަލާދޭ ނުލަފާ، މުޑުދާރު މީހުންގެ ކިބައިން ރެކެވޭނެ ގޮތެއް އެބަ އޮތް ހެއްޔެވެ؟
އެއީ ހަމަ ކޮންމެ މީހަކަށް ވެސް ވެދާނެ!
އެއީ ގޭދޮށު ފިހާރައިގެ ސޭޓަށް ވެސް ވެދާނެ އެވެ. ގޭ ދޮށު ޖޯލިފަތީގައި އިންނަ މުސްކުޅި ބޭބެ އަށް ވެސް ވެދާނެ އެވެ. ނުވަތަ އަބަދު ގެއަށް ގެންނަ އެކުވެރިޔާ އަށް ވެސް ވެދާނެ އެވެ. މީހަކު ފެންނަ ފެނުމަށް، އަޅާ ހެދުމަށް ބަލައިގެން ވަހުމެއްގައި ނުޖެހޭށެވެ.
އާންމުކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަނީ ފިރިހެނުންނެވެ. އެއްވެސް ވަޒީފާއެއް އަދާ ނުކުރާ މީހާއިން ފެށިގެން އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ވެސް މިބާވަތުގެ މުޑުދާރު އަމަލުކުރާ މީހުން އުޅެ އެވެ.
ބޮޑަށް ސަމާލުވާންވީ، ބޮޑެތި މީހުންނަށްވުރެ ބޮޑަށް ކުޑަކުދިންނާއި ވާހަކަ ދައްކައި ހަދާ މީހުންނާ މެދުގަ އެވެ. އެކަހަލަ ބައެއް މީހުންނަކީ އާންމުކޮށް ގާތް ރައްޓެހިން ތިބޭ ބައެއް ނޫނެވެ. ނޫނީ ގެންގުޅޭ މަދު ރައްޓެހިންނަކީ ވެސް އެބާވަތުގެ އަމަލު ހިންގާ މީހުންނަށް ވެދާނެ އެވެ.
އާންމުކޮށް މިކަހަލަ މީހުންގެ ޝިކާރައަކަށް ވަނީ 10 އަހަރުން ދަށުގެ ކުދިންނެވެ. ނަމަވެސް މީގެ ތެރޭގައި ވަރަށް ތުއްތު ކުދިންނާއި ފުރާވަރުގެ ކުދިން ވެސް ހިމެނެ އެވެ. ގއ. ކަނޑުހުޅުދޫގައި މިހާރު ހިނގައިގެން އުޅޭ ހާދިސާ އަކީ މީގެ ހެއްކެކެވެ. އެ ތުއްތު ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތުކުރާ މުނިކާފަ އަކީ އެރަށުގެ އެހެން ކުޑަކުދިންނާ ފާޅުގައި ފޮށޭ މީހެކެވެ.
މި ސިފަތައް ފެންނަ މީހުންނާ މެދު ސަމާލުވޭ!
- ހާއްސަކަމެއް ނެތި، ބޭނުމެއް ނެތި ފޯނުން ކުދިންގެ ފޮޓޯ ނަގައި އުޅުން
- އާންމުކޮށް ސަމާސާ ނުކުރާ ވަރަށް ކުދިންނާ ވާހަކަ ދައްކައި މަޖާކުރުން
- ކުދިންނާ ސަމާސާ ކުރާއިރު ބޭ އަދަބީ ބަސް ބޭނުންކުރުން
- އެއްވެސް ސަބަބެއް، ބޭނުމެއް ނެތި ހަދިޔާ ދިނުން
- ސިއްރުން ކުދިންނަށް ފޯނުކުރުން
- ޖިންސީ އަނިޔާ ލިބިފައިވާ ކަމުގެ ރިކޯޑެއް އޮތުން
- ކުދިންނާ މެދު ހަރުކަށި ގޮތް ގެންގުޅުން
- މާ ގާތްކޮށް މޫނުން ދޮން ނަގައި ބައްދައި ހެދުން
ކުއްޖަކަށް މީހެއްގެ ފަރާތުން ޖިންސީ އަނިޔާއެއް ލިބުމަކީ ބަލަންވާ ވަރަށް ނުބެލޭތީ ދިމާވެދާނެ ކަމެއް ނޫނެވެ. އެކަމަކު އެފަދަ އަނިޔާއެއް ކުއްޖަކަށް ލިބޭކަން އެނގި ސިއްރު ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމަކަށް ކުއްޖަކު ހުށަހެޅިފައިވާކަން އެނގިހުރެ، އެ ރައްކާތެރިކަން ނުދިނުމަކީ ވެސް ކުށެކެވެ.