12 Feb 2020

By: Aminath Ibrahim

ހަރު މީހުން ބުނެ އެވެ. "ސަމާސާ އަކަށް ނަމަވެސް ދޮގެއް ނަހަދާށެވެ."

އެކަމަކު ކަމަކާނުލައި ދޮގު ހެދޭ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދޮގުހެދުމަކީ ބައްޔެއްގެ އަލާމާތަކަށް ވެދާނެ ހެއްޔެވެ؟

ދިމާ އަށް ފެންނަން ހުންނަ ކަންކަމުގައި ވެސް ތެދާއި ދޮގާއި ފޮނިތޮއްޓާއި ކާފޫރު ތޮޅި ހެޔޮވަރަށް ހިމަނައިގެން ވާހަކަ ދައްކާ މީހުންނަށް އިނގިރޭސި ބަހުން "ޕެތޮލޮޖިކަލް ލަޔާސް" ކިޔައި އުޅެ އެވެ. ޕެތޮލޮޖިކަލް ކަމެއްގެ ގޮތުގައި ނިސްބަތްކުރަނީ ދިމާވެފައިވާ ބަލި ހާލަތެއްގެ ސަބަބުން، ނުވަތަ ނަފްސާނީ މައްސަލައެއްގެ ސަބަބުން އަށަގަންނަ އާދަތަކަށެވެ. އެކަމަކު ހުރިހާ ދޮގުވެރިންނަކީ މި ގްރޫޕްގައި ހިމެނޭނެ މީހުންނެއް ނޫނެވެ.

"ކަމަކާނުލައި" ދޮގު ހެދުން!

މި ބުނީ އެންމެ ފަސޭހައިން ބުނެވެން އޮތް ގޮތަށެވެ. މިއީ ފާޑެއްގެ އެޑިކްޝަނެކެވެ. ކިތަންމެ ކުޑަ ދޮގަކަށް ވިޔަސް، ދޮގެއް ހަދާ ނުލައި މިކަލަ މީހުންނަށް ކެތެެއް ނުވާނެ އެވެ. އެހެންވެ ކޮންމެވެސް ވާހަކައެއްގެ ތެރެއިން ކޮންމެވެސް ކަހަލަ ދޮގެއް ހަދާލަނީ އެވެ. ގިނަ ފަހަރަށް މިހެން ހަދާ ދޮގަކީ މީހަކަށް ގެއްލުމެއް ދިނުމުގެ ގޮތުން ނުވަތަ، ކަމެއް ސިއްރުކުރުމުގެ ގޮތުން ހަދާ ބޮޑެތި ދޮގުތަކެއް ނޫނެވެ.

"އަހަރެންގެ ކްލާސް ކުއްޖަކު އެއްފަހަރު ބުނި އޭނަ ނަން މަތީގައި ޕްރައިވެޓް ޖެޓެއް އޮންނަ ވާހަކަ. އެކަމަކު މި ރާއްޖޭގަ ޕްރައިވެޓް ޖެޓުން ނުގެންގުޅޭ އެންމެ މުއްސަނދިން ވެސް. އޭގެ ދުވަސްކޮޅެއް ފަހުން ބުނި އޭނަ އަށް ބްރެސްޓް ކެންސަރު ޖެހުނު ވާހަކަ. އާސްތުމާ ހުންނަ ކަމަށް ވެސް ބުނި. ދެން ބުނީ ބޭސް ކައިގެން ރަނގަޅުވީއޭ. އެ ގެއަށް ދިޔަ ދުވަހެއްގައި އެ ކުއްޖާގެ ދައްތަ ހުއްޓައި އެ ވާހަކަތައް ދެއްކުނީމަ އެނގުނީ އެއީ ހުސް ދޮގުކަން."

ގިނަ ފަހަރަށް މި ކަހަލަ ދޮގު ހަދާ މީހުންނާ އެކު އުޅޭ އެންމެންނަށް އެ މީހަކު އެ ހަދަނީ ދޮގުކަން އެނގޭނެ އެވެ. އެހެންވީމާ ދޮގުތަކުގެ ސަބަބުން ގިނަ ފަހަރަށް ގެއްލުން ލިބޭނީ ވެސް ދޮގު ހަދާ މީހާ އަށެވެ.

ނަފްސާނީ މައްސަލައަކަށް ވެދާނެ!

މިއީ ހުރިހާ ކަމެއް ނަފްސާނީ ބައްޔާ ގުޅުވަނީއެއް ނޫނެވެ. އެކަމަކު ސައިކޮލޮޖިސްޓުން ދެކޭ ގޮތުގައި، މިގޮތަށް ތާކުންތާކު ނުޖެހޭ ދޮގު ހަދާ މީހުން އާންމުކޮށް ދޮގުހަދައި އުޅެނީ އެހެން މީހުންގެ ސަމާލުކަން އަތުލާށެވެ. ނުވަަތަ އެހެން މީހުންގެ ކުރިމަތީގައި އަމިއްލަ މީހާ މާ މޮޅު މީހެއްގެ ގޮތުގައި ދެކެން ވެގެން ވެސް ދޮގު ހަދާފާނެ އެވެ. މަލާމާތާއި ފުރައްސާރައިން ރެކެން ވެސް މިގޮތަށް ދޮގު ހެދުން ފެށިދާނެ އެވެ. އެކަމަކު ދޮގު ހެދުން އަތްމަތީ ކަމަކަށް ހަދާތީ، ކޮޅަކުން ކޮޅަކު ނުޖެހޭ ގޮތަށް ވެސް މި މީހުން ހަދާ ދޮގުތައް ހުރެދާނެ އެވެ.

މި އާދަ އާންމުކޮށް ފެންނަ ބައެއް މީހުންނަކީ ސެލްފް ކޮންފިޑެންސް ދަށް މީހުންނެވެ. އަދި އެބިއުސް އާއި ޑިޕްރެޝަން ތަހައްމަލުކުރާ މީހުންގެ ފަރާތުން ވެސް މިގޮތަށް ކުދި ދޮގު ހެދުމުގެ އާދަ ފާހަގަވެ އެވެ.

މިކަހަލަ މީހަކު ރައްޓެހިންގެ ތެރޭގައި ހުރިކަން އެނގޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހަކަށް ހިތްވަރު ނުދިނުމެވެ. އަދި ދޮގު ހެދުމަކީ ރަނގަޅު ގޮތެއް ނޫންކަން ނަސޭހަތެއް ގޮތަށް ބުނެދޭށެވެ. ދޮގު ހެދުމަކީ އެހެން މީހުންގެ އިތުބާރު ގެއްލި، މީހުން ފޫހިކޮށްލާ ކަމެއްކަން ވިސްނައިދިނުމަކީ ވެސް ރަނގަޅު ގޮތެކެވެ.

ސައިކޮލޮޖީ

Popular