21 Jun 2020

By: Aminath Ibrahim

ބަނބުކެޔޮ ބަހުސް އެކި ދިމަދިމާލަށް ކުރި ފަޅަމުން ގޮސް މިހާރު މި ދިޔައީ މުޅިން އެހެން ދިމާލަކަށެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސިހެން ކޮށައި ތެލުލާފައި ހުރި ބަނބުކޭލުގެ ފޮޓޯއެއް ޓްވިޓާ އަށް ދޫކޮށްލުމާ އެކު ފެށުނީ ބަނބުކެޔޮ ތެލުލަން ކޮށާނެ ވަކި ގޮތެއް އޮންނަންޖެހޭ ހެއްޔޭ ކިޔައިފަ އެވެ.

މި ފެނުމުން ދަހިވެއްޖެ ދޯ އެވެ. އެކަމަކު އިހަށް މި ބަހުސްގެ ތެރެއަށް ވަންނަން ހިނގާށެވެ.

"މިހެން ތެލުލި ބަނބުކެޔޮ ކޮށަން ހުއްދަތަ؟،" އެކަކު ޓްވިޓާގައި އަހާފައި އޮތެވެ.

"ހީވަނީ ތެއްލާފަ ހުރި އަލަނާސި ހެން،"،

ޒަމާނުއްސުރެ ދިވެހިން ބަނބުކެޔޮ ތެލުލައި އުޅެނީ ބަނބުކެޔޮ ހަތަރު ފަޅި އަށް ފަޅާލުމަށް ފަހު އޭގެ ބައްޓަމާ އެއްގޮތަށް ތުނިކޮށް ފޮއްޗަށް ކޮށައިގެންނެވެ. އެހެންވެ އެއީ "ތެލުލި ބަނބުކޭލުގެ ގަވާއިދު" ކަމަށް އޮތީ ހަމަޖެހިފަ އެވެ. ފޮތިތައް މާ ބޯ ވީމާ ވެސް ކަމަކު ނުދެ އެވެ. މާ ދިގުވީމާ ވެސް ކަމަކުނުދެ އެވެ. އެކަމަކު މި ހުރިހާ ގޮތަކަށް ބަނބުކެޔޮ ތެލުލަން ކޮށާފައި ހުއްޓާ ދެކެފީމެވެ. އެކަމަކު ކަރުގަނޑު ނަގާފައި، ބަނބުކެޔޮ އޮންނަ ގޮތަށް ވަށްކޮށް ކޮށާފައި ހުއްޓާ އަދި މި ފެނުނީ އެވެ.

އެއްބައި މީހުންނަށް މިގޮތް މާ ކަމުހިނގައްޖެ އެވެ. ވަގުތު ސަލާމަތްވެފައި މާ ފަސޭހަ ގޮތަކަށް ވެސް ވެދާނެ އެވެ. އެކަމަކު އަނެއްބައި މީހުންނަށް ރަނގަޅީ ހަމަ "ޓިޕިކަލް" ދިވެހި ތެއްލި ބަނބުކެޔޮ ފޮއްޗެވެ.

އަބަދު އެއްގޮތަކަށް ކުރަން އާދަވެފައި އޮންނަ ކަމެއް ތަފާތު ގޮތަކަށް މީހަކު ކުރީމާ އެކަމަށް އެންމެންގެ ސަމާލުކަން ހުއްޓެ އެވެ. ވަކިން ހާއްސަކޮށް، ޒަމާނުއްސުރެން އާދަކާދައެއް ގޮތަށް ކުރަމުން އައި ކަމެއް އެ ނޫން ގޮތަކަށް ކުރީމާ ދެން އެ އަންނަ އެކި ކަހަލަ ފާޑުކިޔުންތަކާއި ހިޔާލުތައް ވަރަށް މައްޗަށް ވެސް ހިނގައިދެ އެވެ.

މި ބަހުސެއް ބޮޑުވެ، މި ފޮޓޯ އަށް އެންމެންގެ ކަޅި ހުއްޓުނު ހިސާބުން އަހަރެންވެސް ކިޔުންތެރިންނާ ސުވާލެއް ކޮށްލާ ހިތްވީ އެވެ.

ބުނެބަލާށެވެ. ތެލުލި ބަނބުކެޔޮ ކޮށަން ވަކި ގޮތެއް އޮންނަންޖެހޭ ހެއްޔެވެ؟

ސަގާފަތް ކެއްކުން

Popular