29 Jun 2020

By: Aminath Ibrahim

ބަލިވެ އިނުމާއި ވިހެއުން އަދި އޭގެ ފަހުން ކުރާ ތަޖުރިބާ ކޮންމެ މީހަކަށް ވެސް ހާއްސަ އެވެ. ޝަޒީނާ އިސްމާއިލް (ޝަޒީ) ގެ މި ދަތުރު އަދި ވަކިން ހާއްސަ އެވެ. ކައިވެންޏަށް އެތައް އަހަރެއްވީ އިރު ކުއްޖަކު ނުލިބި ހޯދަންޖެހުނު ފަރުވާތަކާއި އެންމެ ފަހުން އައިވީއެފް ހަދައިގެން އެއްމާބަނޑު ދެ ކުދިން ލިބުމުގެ ބުނެދޭން ނޭނގޭ އުފާވެރިކަމާއި އެ ތަޖުރިބާ އެވެ. އިންސްޓަގްރާމްގައި އޮތް އޭނާގެ ޕްރެގްނަންސީ ޑައިރީގެ ޝައުގުވެރިކަން ބޮޑީ އެހެންވެ އެވެ.

މިދިޔަ ފެބްރުއަރީ މަސް ނިމުމަކާ ހަމައަށް އައި އިރު ޝަޒީ، 32، ގެ ބަނޑަށް 35 ހަފުތާއެވެ. ޓްވިންސެއް ލިބެން އުޅޭތީ، ވިހެއުމުގެ ކަންކަމަށް މަޑުމަޑުން އޭރު އައީ ތައްޔާރު ވަމުންނެވެ. އެކަމަކު ވިހަން ދާއިރު ތައްޔާރުކުރަންޖެހޭ ވަށިގަނޑާއި ދަބަސް އޭރު ހުރީ ގަތް ގޮތަށެވެ. އެއަށް ބޭނުންވާ އެތައް ސާމާނެއް ގަންނަން ހުއްޓެވެ.

ތައްޔާރީތައް ފުރިހަމަ ނުވަނީސް އަށް މަހުގައި ހެދި ސްކޭނުން، ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބޮޑުނުވާކަން ފާހަގަވެގެން އިމަޖެންސީގައި ސިޒޭރިއަން ހަދައިގެން ކުދިން ނަގަން ޖެހުނީ އެވެ. އޭރު އެއް ކުއްޖެއްގެ ބަރުދަނުގައި ހުރީ 1.5 ކިލޯ އެވެ. އަނެއް ކުއްޖާގެ ބަރުދަނުގައި 2.3 ކިލޯ އެވެ.

"ކުއްލިއަކަށް އޮޕަރޭޝަން ކޮށްގެން އޮންނަން ޖެހުނީމާ އެނގުނީ، ބައިވަރު ކަންކަމަށް ތައްޔާރު ނުވެވި ހުރިކަން. އޭރު ބްރެސްޓް ޕަމްޕަކަށް ވެސް އޮތީ ދައްތަ އަތުން ހޯދި އެއްޗެއް. އެ ބޭނުންކުރާނެ ގޮތް ވެސް ނޭނގެ. ދެން، ކުޑަ ދަރިފުޅު އެންއައިސީޔޫ އަށް ލައިގެން، އަނެއް ދަރިފުޅުގެ ވެސް ބައެއް ކޮމްޕްލިކޭޝަންސްތަކެއް ހުރެގެން އެހެން އުޅެން ފެށީމާ، ބައިވަރު އާ ކަންތައްތަކެއް ދަސްވާން ފެށި،" އިންސްޓަގްރާމް އެކައުންޓެއް ހަދައިގެން ޑައިރީ ލިޔަން ފެށި ގޮތް ޝަޒީ ކިޔައިދިނެވެ.

"އާ ކޮންމެ ކަމެއް ދަސްވާއިރު ހިތަށް އަރަނީ، އެވަރަށް ސްޓަޑީ ކުރިއިރު ވެސް މިހިރީ ހުސް ނޭނގޭ ކަންކަމޭ، ވިހެއުމުގެ ކުރިން މިކަންކަން އެނގުނު ނަމަ ކިހާ ރަނގަޅުހޭ. އެހެންވެ، އަލަށް ޕްރެގްވާ މަންމައިންނަށް ޓިޕްސް ވެސް ލިބޭގޮތަށް ލިޔަން ފެށީ،"

ޝަޒީނާގެ ދެމަފިރިން ދެކުދިން އުރާލައިގެން؛ ޝަޒީ އަންނަނީ އޭނާ ފަދައިން ކުދިން ހޯދަން އުނދަގޫވެ އައިވީއެފް އަށް ދާން ވިސްނާ މީހުންނަށާއި އަލަށް ބަލިވެ އިންނަ މަންމައިންނަށް އޭނާގެ ތަޖުރިބާއިން ވާހަކަތައް ހިއްސާކޮށް އެހީތެރިވަމުން

މި ހިމަނާލަނީ ޝަޒީގެ ޕްރެގްނަންސީ ޑައިރީން، އަލަށް ވިހަން ތައްޔާރުވާ މައިންނަށް ހާއްސަ ޓިޕްސް ކޮޅެކެވެ. މާބަނޑު އިރު ރިސާޗް ހަދާއިރު މިކަންކަން ވެސް ދިރާސާކޮށްލާށެވެ.

ފުރަތަމަ ދެ މަހަށް ބްލެންކްޓްގެ ބަދަލުގައި ސްވެޑްލް - ބޮޑު ފަސޭހަ އެއް!

"ދުވަސް ނުފުރާ ވިހެއުމާ އެކު ވެސް، ކުދިންނަށް ވަރަށް ބޮޑަށް ފިނިވާތީ ރަނގަޅަށް ރަޖާ އޮޅާފައި އަބަދު ބާއްވަން ޖެހެނީ. އެކަމަކު އެހެން ބާއްވާފައި އޮންނަ އިރު ވަރަށް ގިނައިން ފެނޭ ރަޖާ މޫނުގައި އެޅިގެން ބޭބީ އަށް އުނދަގޫވެގެން ތެޅޭތަން. ވަރަށް ބިރުގަނޭ އެކަމާ. އޭރަކު ނޭނގެ، ފިޓް ކުރެވޭ ގޮތަށް ހުންނަ ސްވެޑްލް ބްލޭންކެޓް ހުންނަ ކަމެއް،" ޝަޒީ ބުންޏެވެ.

ސްވެޑްލް ބްލޭންކެޓް ހުންނާނީ އޮޅާލާފައި ހުންނަ ރަޖައެއް ގޮތަށް ދެ ފަރާތުގައި ތަތްކުރެވޭ ގޮތަށެވެ. އޭގައި އޮޅާފައި ބާއްވާފައި އޮންނަ އިރު ވަރަށް އަރާމުކޮށް ބޭބީއަށް އޮވެވޭނެ އެވެ. އަނެއްކާ، އެންމެ ކުޑައިރު ސްވެޑްލް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭބީ ރަނގަޅަށް ނިދުމަށް އެހީވެދޭނެ އެވެ. އެހެން ނޫނީ އެންމެ ތުއްތު ކުދިން ނިދާފައި އޮންނަ އިރު ސިއްސަ ސިއްސައިގެން ދާ ގޮތް (ސްޓާޓްލިންގް ރިފްލެކްސް) ވާނެ އެވެ. ސްވެޑްލް ކުރުމުން އެކަހަލަ ކަންތައްތައް ފަސޭހަވެފައި ބޭބީ އަށް ގިނައިރު ނިދަން ފަސޭހަވާނެ އެވެ. - ވިހެއުމުގެ ކުރިން ސޭފް ސްވެޑްލް ކުރާނެ ގޮތް ދަސްކުރުމަކީ ވެސް މުހިއްމު ކަމެކެވެ-

View this post on Instagram

A post shared by S.I (@twinmommaldives) on

ސްވެޑްލް ގަންނަން ލިބޭ ޕޭޖްތައް ވެސް ޝަޒީގެ އިންސްޓާގައި ޓެގްކޮށްފައި އެބަހުއްޓެވެ. ބޭބީ ޝޮޕިން ކުރާއިރު، ސްމާޓް ޕްރޮޑަކްޓް ޗޫޒްކުރުމަކީ އޭނާގެ ނަސޭހަތެވެ.

ވިހައިގެން އޮންނަ ދުވަސްކޮޅު ވެސް ނިދި ހޯދޭނެ؛ ބޭނުންވަނީ ޕްލޭނެއް!

ކުދިން ލިބުމުން އެންމެ ބޮޑަށް ޑިޕްރެސްވާ އެއް ސަބަބަކީ ހަމަ ނިދި ނުލިބުމެވެ. ކުއްޖާ ވެސް ނުނިދައިގެން މަންމަ އަށް ވެސް ނުނިދިގެން މީހާ ވަރުބަލިވެ މޫޑީވުމަކީ އާންމު ކަމެކެވެ.

"އެހެން އުޅެނިކޮށް، އިންސްޓާއިން ފެނުނު އެމެރިކާގެ ސްލީޕް ކޮންސަލްޓެންޓެއްގެ ލިޔުންތަކެއް ކިޔަން ފެށީ. އެފަހުން އޮންލައިންކޮށް މެލޭޝިއާގެ ސްލީޕް ކޮންސަލްޓަންޓަކާ ކޮންޓެކްޓް ކޮށްގެން އޭނާގެ ލަފާ ވެސް ހޯދަން ފެށީ. އެހާ ހިސާބުން އެނގުނީ، އެންމެ ތުއްތު އިރުން ފެށިގެން ވެސް ދަރިފުޅު ވަކި ރޫޓިންއަކަށް ނިންދަވަން އާދަ ކުރެވިދާނެ ކަން،" ޝަޒީ ބުންޏެވެ.

ރަނގަޅު ރޫޓިންއަކަށް ދަރިފުޅު ނިންދަވަން އާދަކުރާ ނަމަ، ދެ މައިންނަށް ވެސް ފުދޭ މިންވަރަށް ނިދި ހޯދިދާނެ އެވެ. މިސާލަކަށް، އަތްމަތީގައި ދަރިފުޅު ނިދަން ދެން ބާއްވައިގެން އިނުމުގެ ބަދަލުގައި ރަނގަޅަށް ބުއް ދީފައި އެއްކޮށް ނުނިދެނީސް ތަންމަތީގައި ބޭއްވުމުން އަމިއްލަ އަށް ނިދުމަށް ބޭބީ އަށް އާދަ ވާނެ އެވެ.

ފުރަތަމަ ތިން މަހު އެހާ ސްޓްރިކްޓް ކޮށް ނުދިޔަޔަސް، ދެތިން މަސް ވުމުން މިގޮތަށް އާދަކުރަން މަސައްކަތް ކުރެވިދާނެ ކަމަށް ޝަޒީ ބުންޏެވެ. އޭނާ އަށް އެގޮތް ފަސޭހަ އެވެ.

View this post on Instagram

A post shared by S.I (@twinmommaldives) on

ކުޑަ އެނދު ބޭކާރެއް ނޫން، ލިބޭ ނަމަ އެނދެއް ގަނޭ!

"މީހުން އަބަދުވެސް ބުނާ އަޑު އިވެނީ، ބޭބީސްގެ ކުޑަ އެނދަކީ ބޭކާރު އެއްޗެކޭ. ތިމަންނަ ވެސް އެނދު ގަނެފަައި، ފަހުން ވީ ބޭކާރޭ. އެހެންވެ، އަޅުގަނޑުމެން ގަތީ ބޮޑުސިންގާ ޑަބަލް އެނދެއް. އޭތި ވެއްދީމަ މުޅި ކޮޓަރި އޮންނަނީ ފުރިފަ. މާފަހުން މި އެނގެނީ އަސްލު ކުޑަ އެނދުގަ ކުދިން ނިންދެވުމުގެ މުހިންމުކަން. އަނެއްކާ ސޭފް ގޮތަކީ ވެސް އެއީ،"

ވަކިން އެނދެއްގައި ކުދިން ނިންދެވުމަކީ ސަޑަން އިންފެންޓް ޑެތު ސިންޑްރޯމް (ނިދާފައި އޮންނަ އިރު ވާނުވާ ނޭނގި މަރުވުން) ކަހަލަ ކަންކަމުން ވެސް ކުދިން ސަލާމަތްކޮށްދޭ ކަމެކެވެ. އަނެއްކޮޅުން، ކުއްޖާ އަށް އަމިއްލަ އަށް ނިދަން ވެސް ދަސްވާނެ އެވެ. މަންމަގެ ވަސް ޖެހޭ ހިސާބުގައި ބާއްވާނަމަ، ބޭބީ ބޭނުންވާނީ އަބަދު އެގޮތެވެ.

"ކުރިން މިކަންތައް އެނގުނު ނަމަ، ދެ ކްރިބް ގަންނާނީ،" ޝަޒީ ބުންޏެވެ.

ނިދާއިރު ފަނޑު އަލި: ހުދު އަލިން ރީނދޫވުން ދުރުކޮށް ނުދޭ!

ކުދިން ނިންދަވަން އެންމެ ރަނގަޅު ގޮތަކީ ނިދާ ގަޑިގައި ކޮޓަރީގެ އަލި ތަންކޮޅެއް ފަނޑުކޮށް ބެހެއްޓުން ކަމަށް ޑޮކްޓަރުން ވެސް، ސްލީޕް އެކްސްޕާޓުން ވެސް އެއްބަސްވެ އެވެ.

"ބައެއް މީހުން ބުނާނެ، ހުދު އަލީގައޭ ނިންދަވަން ވާނީ ބޭބީ އެންމެ ކުޑަ އިރު. އެހެން ނޫނީ ރީނދޫ ވާނެއޭ. އަޅުގަނޑުގެ ކުދިން ވެސް ވިހައިގެން ރީނދޫވި. ފޮޓޯ ލައިޓްގައި ވެސް ބޭއްވި. އޭގައި ބާއްވާފައި އޮންނަ އިރު ވެސް މަންމަމެން ބުނާނެ، ކޮޓަރީގައި އޮންނަ ހުދު އަލި ވެސް ދިއްލާފައި ބަހައްޓާށޭ. އެކަމަކު އެހާ އަލި ގަދަކޮށްގެން އަޅުގަނޑަށް ނުނިދޭތީ، ޑޮކްޓަރު ކައިރީ އަހާލީމަ ވިދާޅުވީ، އެ އަލިން ރީނދޫވުން ހުއްޓުވައި ނުދޭނެއޭ،"

ރީނދޫވުން ހުއްޓުވައި ދޭނީ ވަކި ވޭވް ލެންތެއްގެ ބްލޫ ލައިޓް އިންނެވެ. އެހެންވީމަ އާދައިގެ ބޮކިން އަސްލު ރީނދޫވުން ދުރުކޮށް ނުދޭނެ ކަމަށް ޑޮކްޓަރު ލަފާ ދިން ކަމަށް ޝަޒީ ބުންޏެވެ.

View this post on Instagram

A post shared by S.I (@twinmommaldives) on

"ދެން ދުވާލު މާބޮޑަށް އަލި ވަންނަ ކޮޓަރިއެއް ވެއްޖިއްޔާ، ކުދިން ނިދާ ގަޑީގައި ކޮޓަރި އަނދިރިކޮށްލަން، 'ބްލެކްއައުޓް ކާޓަން' ބޭނުންކުރެވިދާނެ. އެ ހުންނާނީ ތަންކޮޅެއް ބޯކޮށް، ޑާކް ކުލަތަކުގަ. އެއިން ލައިޓް އެއްކޮށް ބްލޮކް ކޮށްދޭނެ،" ޝަޒީ ބުންނެވެ.

ކިރު ނާންނަ ނަމަ، އެންމެ ރަނގަޅު ހައްލަކީ ގިނައިން ޕަމްޕް ކުރުން!

ދުވަސް ނުފުރާ ހެދި ސިޒޭރިއަނަށް ފަހު ޝަޒީ އަށް ދިމާވި އެންމެ ސްޓްރެސްފުލް އެއް ކަމަކީ ތިން ހަތަރު ދުވަސް ވީ އިރުވެސް ކިރު ނައިސްގެން އުޅެން ޖެހުމެވެ. އޭނާގެ އެއް ބޭބީ އައިސީޔޫގައި ބާއްވައިގެން އެ ބޭބީ އަށް ދޭން ކިރު ނެގުމާއި، ކައިރީގައި އޮތް ދެވަނަ ދަރިފުޅަށް ފުދޭ ވަރަށް ބުއް ދިނުން ވީ ފުދޭ ޗެލެންޖަކަށެވެ.

"ދެ ކުދިން ތިބީމައާ ވެސް އެކު، ކިރު ނައިސްގެން ވަރަށް ބޮޑު ހާސްކަމެއްގައި އުޅުނީ. ދެން އެއް ދުވަހު ޑޮކްޓަރު އައިސް ބުނީ، ކިރު ޕަމްޕުކުރާށޭ ގިނަ ގިނައިން. ކޮންމެ ތިން ގަޑިން ތިން ގަޑިން ކިރު ޕަމްޕު ކުރާށޭ. ގިނައިން ޕަމްޕުކުރި ވަރަކަށޭ ކިރު އުފެދޭނީ،"

ޝަޒީއަށް އެނގިފައި އޮތް ގޮތުން، ކިރު ހުންނަ ނަމަ ލީކް ވާނެ އެވެ. ލީކް ނުވާ ނަމަ، ނުވަތަ ފަސޭހައިން ކިރު ނާންނަ ނަމަ، އޭގެ މާނައަކީ ކިރު ނެތީ އެވެ.

View this post on Instagram

A post shared by S.I (@twinmommaldives) on

"އެކަމަކު އަސްލު ވާގޮތަކީ، ޑިމާންޑް އެންޑް ސަޕްލައި ބޭސިސް އަށް މި ވެސް ވޯކް ކުރަނީ. ގިނައިން ކިރު ދޭ ވަރަކަށް އެހެން ނޫނީ ކިރު ނަގާ ވަރަކަށް ސިކުނޑި ވިސްނަދޭނެ ކިރު ބޭނުންވާކަން އެހާ ވަރަށް. ދެން ކިރު އުފައްދާނެ. އެހެންވީމަ އެ ބުނަނީ ގިނަ ގިނައިން ޕަމްޕު ކުރާށޭ. ނަޔަސް ވެސް ޕަމްޕު ކުރާށޭ. އެގޮތަށް ހަދަން ފެށީމަ އަޅުގަނޑަށް ވެސް ކިރު އަންނަން ފެށީ،" ޝަޒީ ބުންޏެވެ.

ވިހެއުމުގެ ކުރިން ނަގާ ތެރަޕީ އަކީ ވިހެއުމުގެ ފަހަށް ލިބޭ ތެރަޕީއެއް!

ޕްރެގްނެންސީ އަށް ތައްޔާރުވާން ކުރެވުނު އެންމެ ފައިދާހުރި އެއް ކަމަކީ ތެރަޕީ ނެގުން ކަމަށް ޝަޒީ ގަބޫލުކުރެ އެވެ. އޭނާ އަކީ ބަލިވެ އިނުމުގެ ކުރިން ވެސް އެންޒައިޓީ އާއި ޑިޕްރެޝަން ތަޖުރިބާ ކުރި މީހެކެވެ. ކުއްޖަކު ނުލިބިގެން ކުރި އުނދަގޫ ދަތުރުގައި ވެސް އޭނާގެ އުނދަގޫތައް އިންތިހާއަށް އިތުރުކޮށްލީ އެންޒައިޓީ އާއި ޑިޕްރެޝަނެވެ. ބަލިވެ އިނުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ތެރަޕީ ސެޝަންތަކެއް ޝަޒީ ނެގި އެވެ. އެ ސެޝަންތަކުން ދަސްވި ކަންތައްތަކަކީ، މުޅި ޕްރެގްނެންސީ އާއި އޭގެ ފަހުގައި ދިމާވި އުނދަގޫ ވަގުތުތަކުގައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ޝަޒީ ބުންޏެވެ.

"އެމްބްރިޔޯ ލައްވަން އިންޑިއާ އަށް ދިއުމުގެ ކުރިން، އެކަމަށް ވެސް ވަރަށް ތައްޔާރުވިން. އެވަރުގެ ކަމެއް ކުރާތީ، ސެޝަނަކަށް 500 ރުފިޔާ ދެއްކުން ވެސް މުހިއްމު ކަމެއްގެ ގޮތުގައި ފެނުނީ. އަމިއްލަ އަށް ވަޒީފާއަށް ދާތީ، އެގޮތަށް ހަރަދު ހަމަޖައްސައިގެން އޭރު ސެޝަންތަކަށް ވެސް ދިޔައީ. އޭގެ ފައިދާ ވަރަށް ބޮޑަށް ކުރި،"

View this post on Instagram

A post shared by S.I (@twinmommaldives) on

ތެރެޕީ އަށް ދިއުމުން ނެގެޓިވިޓީއާ ކޯޕްކުރާނެ ގޮތްތަކާއި، ހާސްވާ ދަނޑިވަޅުތަކުގައި އަމިއްލަ މީހާ ރިލެކްސް ކުރާނެ ގޮތްތަކާއި، މިހެން ގޮސް ވަރަށް ބައިވަރު ކަންތައްތަކެއް ދަސްވި ކަމަށް ޝަޒީ ބުންޏެވެ.

"އެހެންވީމަހެން އަޅުގަނޑަށް ހީވަނީ، ވިހައިގެން ވަރަށް ބައިވަރު މައްސަލަތަކެއް ދިމާވި އިރުގަ ވެސް އަޅުގަނޑަށް ކޮންޓްރޯލްގައި ހުރެވުނީ، ހަމަ އެހެންމެ އާއިލީ ސަޕޯޓްވެސް ވަރަށް މުހިއްމު."

ގޮވާލަން އަންނަ މީހުންނަށް ގެއަށް އަންނަން ހިތްވަރުދީ!

ވިހައިގެން ކުރެވުނު ތަޖުރިބާއާ އެކު، އަލަށް މަންމައިންނަށް ވާން އުޅޭ މީހުންނަށް މިއީ ވެސް ޝަޒީ ދޭން ބޭނުންވާ މެސެޖެކެވެ. ވިހައިގެން ހޮސްޕިޓަލުގައި އޮންނަ ދުވަސްކޮޅު މީހުން އަންނަން ބޭނުންނުވާ ނަމަ، ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގެއަށް ބަދަލުކުރުމުން ގޮވާލަން އަންނަން އާއިލާ އާއި ރައްޓެހިންނަށް ކުރީ ބައިގައި ދައުވަތު ދީ ވިސްނައިދޭން އޭނާ ހިތްވަރުދެ އެވެ. އެއީ ވިހައިގެން އޮންނަ ވަގުތު މައިމީހާއަށް ވާ އުނދަގޫތައް ވީހާވެސް ކުޑަކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ގަބޫލުކުރާތީ އެވެ.

View this post on Instagram

A post shared by S.I (@twinmommaldives) on

"ގިނައިން ވާ ގޮތަކީ، މީހުން ހިތްހަމަނުޖެހިދާނެތީ ނުކެރޭ ބުނަން ނަޔަސް ރަނގަޅުވާނެއޭ، ނޫނީ އުނދަގޫ ވަންޏާ ވެސް އުނދަގޫ ވެޔޭ. މީހުންނަށް ވާގޮތަކީ، ހީވަނީ ނުގޮއްސިއްޔާ މަންމަ ވެސް ހިތްހަމަ ނުޖެހިދާނެހެން. އެކަމަކު، ހޮސްޕިޓަލްގައި އޮންނަ ދުވަސްކޮޅު މަންމަ އެންމެ ބޭނުންވާނީ އަމިއްލަ ވަގުތު. އަނެއްކާ ތުއްތު ކުދިންނަށް ފަސޭހައިން އިންފެކްޝަން ވެސް ޖެހޭނެ،" މިކަހަލަ ކަންކަން އާއިލާ ތެރޭގައި ނޫނީ ރައްޓެހިންނާ އެކު ރަނގަޅަށް ވާހަކަ ދެކެވިގެން ހަމަޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މާބަނޑުވުން މައިންގެ ސިއްހަތު

Popular