By: Ifraz Ali
        
      
  
        
        އަހަރެމެންނަށް ކުރިން މި ރަށް އެނގެނީ ލ.އިސްދޫކަލައިދޫގެ ގޮތުގަ އެވެ. އެކަމަކު މި ދެ ރަށް ވަކިކޮށް، ވަކި ދެ ދާއިރާއެއްގެ ދަށުން ހިނގާ ދެ ރަށަށް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު މިއީ ލ.ކަލައިދޫ އެވެ. އާބާދީ 1،000 އަށް ވުރެ ގިނަ މި ރަށަކީ ދަނޑުވެރިކަމަށް ހާއްސަ، ބިން ބޮޑު ރަށެކެވެ. މިއީ ދަތުރުވަރެއްގައި ގޮސް، ހިތްހަމަޖައްސާލަން ބޭނުންވާ ބަޔަކަށް ވަރަށް ކަމުދާނެ މަންޒިލެކެވެ.
       
  
  
      
    
  
            
         ލ.ކަލައިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ހަސަން ފާއިޒް
        
                  ލ.ކަލައިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ހަސަން ފާއިޒް
              
      
  
  
        
        "ބަޖެޓް ޓްރެވެލިން" ނަމުގައި އަހަރެމެން ވާނީ ކުރިން ވެސް ބައެއް ރަށްރަށް ގެނެސްދީފަ އެވެ. އެކި ރަށްތަކުގެ ހާއްސަ ސިފަތާކައި ދަތުރަކަށް ހިނގާނެ ހަރަދާއި ކެއުމާއި ބުއިމަށް ދާނެ ހަރަދުތައް ވެސް ހިމެނޭހެން ގެނެސްދިން އެ ސިލްސިލާ މެދުކަނޑާލީ، ކޮވިޑް-19 ފެތުރި، އާންމު ދަތުރުފަތުރު ހުއްޓާލުމާ ގުޅިގެންނެވެ.
       
  
  
  
        
        އެހެންވެ، ކުރިއަށް އޮތް ތަނުގައި މި ހާލަތުން މިންޖުވެ، ދަތުރުފަތުރަށް ލުޔެއް ލިބިއްޖެ ނަމަ، ލޮކްޑައުނަށް ފަހު ޗުއްޓީ ހޭދަކޮށްލަން ދާނެ ބައެއް ރަށްރަށް ކިޔުންތެރިންނަށް އަނެއްކާ ވެސް ފާހަގަކޮށްދޭން ނިންމީ އެވެ. އެގޮތުން ކަލައިދޫ އަކީ މި ސިލްސިލާގައި ގެނެސްދޭ ފުރަތަމަ ރަށެވެ.
       
  
  
  
            
         ލ.ކަލައިދޫގެ ދަނޑުތައް: މި ރަށަކީ ވަރަށް ގިނައިން ފަލަމަޑީގެ ބާވަތްތައް ހައްދާ ރަށެއް.-- ފޮޓޯ: ވިޒިޓް ލާމު ކަލައިދޫ ފޭސްބުކް ޕޭޖް
        
                  ލ.ކަލައިދޫގެ ދަނޑުތައް: މި ރަށަކީ ވަރަށް ގިނައިން ފަލަމަޑީގެ ބާވަތްތައް ހައްދާ ރަށެއް.-- ފޮޓޯ: ވިޒިޓް ލާމު ކަލައިދޫ ފޭސްބުކް ޕޭޖް
              
      
  
  
  		  
  
  
  
        
        މާލެއިން ކަލައިދު އަށް ދެވޭނެ ދެ ގޮތެއް އެބަ އޮތެވެ. އެއީ ވައިގެ މަގުންނާއި ސްޕީޑް ލޯންޗުގަ އެވެ.
       
  
  
  
  		  
  
  
  
        
        ވައިގެ މަގުން ދާ ނަމަ ފުރަތަމަ ދާންޖެހޭނީ ލ.ކައްދޫ އަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން، ކައްދޫ އެއާޕޯޓަށް ދިއުމަށް ހޭދަވާނީ 40 މިނެޓެވެ. ލޮކްޑައުނާ އެކު އެތެރޭގެ އުދުހުންތައް ވެސް މެދުކަނޑާލައިފައި އޮތުމުން މި ދަތުރަށް ހޭދަވާނެ އަގު މިހާރު ޔަގީނެއް ނޫނެވެ. ކުރިން ކައްދު އަށް މަތިން ދެވެނީ، މީހަކަށް ކޮޅަކަށް 805ރ. - 1113ރ. ދެމެދުގެ އަގެއްގަ އެވެ.
       
  
  
  
        
        ކައްދު އަށް ދިއުމަށް ފަހު ޖެހޭނީ ޓެކްސީއެއް ނަގައިގެން، ލ.ގަމުގެ ތުނޑީ އަވަށު ބަނދަރަށް ދާށެވެ. މި ޓެކްސީ ދަތުރަށް 200ރ. ހަރަދު ވާނެ އެވެ. ގަމުން، ކަލައިދު އަށް ދިއުމަށް ޖެހޭނީ ސްޕީޑް ލޯންޗު ފެރީން ދަތުކުރާށެވެ. އަމިއްލައަށް ލޯންޗު ހިފައިގެން ވެސް ދެވިދާނެ އެވެ. އެކަމަކު އެ ގޮތް ހަރަދު ބޮޑު ވާނެތީ، ފެރީގައި ދަތުކުރަން ބޭނުން ނަމަ ފްލައިޓް ޓިކެޓް ނަގާއިރު ފެރީ ގަޑިއާ ދިމާވާނެ ގޮތަކަށް ބަލާށެވެ.
       
  
  
  
        
        މި ދަތުރަށް 30 މިނެޓް ހޭދަކުރަން ޖެހޭއިރު، ފީއަކަށް ދައްކަން ޖެހޭނީ މީހަކަށް ކޮޅަކަށް 100ރ. އެވެ.
       
  
  
  
              
        
          
        
        ލަ.ކަލައިދޫގެ ރަށު ތެރޭގެ ބައެއް ފޮޓޯތައް.
       
    
  
  
  		  
        ސްޕީޑް ލޯންޗުގައި ދާ ނަމަ
       
  
  
  
        
        މާލެ އާއި ކަލައިދޫ ދެމެދު ދަތުރުކުރާ ސްޕީޑް ލޯންޗު ފަހަރު އޮވެ އެވެ. އެއީ 5 ގަޑިއިރުގެ ދަތުރެކެވެ. މި ދުވަސްވަރު އާންމު ދަތުރުތައް މެދުކަނޑާލައިފައި އޮތުމުން، ދެން ފަށާއިރު ޓިކެޓް ވިއްކާނެ އަގު އަދި ޔަގީނެއް ނޫނެވެ އެވެ. ކުރިން ދަތުރެއް ކޮށްދެނީ، މީހަކަށް 750ރ. އަށެވެ.
       
  
  
  
  		  
  
  
  
        
        މި ރަށުގައި އަދި ގެސްޓް ހައުސްތަކެއް ނުހުރެ އެވެ. އެކަމަކު ވަރަށް ގިނަ ގޭގޭގައި ކުއްޔަށް ދޫކުރާ ކޮޓަރިތައް ހުރެ އެވެ. އޭސީ ކޮޓަރިއެއް ދުވާލަކަށް، 300ރ. - 400ރ. އަށް ލިބޭނެ އެވެ. އަދި އޭސީ ނުކުރާ ކޮޓަރިއެއް ދުވާލަކަށް، 250ރ. ލިބޭނެ އެވެ.
       
  
  
  
        
        ރަށުގައި ހުންނަ ކެފޭ އަދި ހޮޓާތަކުން ކެއުން ލިބޭނެ އެވެ.
       
  
  
  
  		  
        ބަލައިލެވޭނެ ތަންތަނާއި ކުރެވޭނެ ކަންކަން
       
  
  
  
  		  
  
  
  
        
        ދަނޑުވެރި ރަށެއް ވީމަ ކަލައިދޫގެ ދަނޑުތައް ބަލައިލަން ދިއުން ވަރަށް ރަނގަޅު ވާނެ އެވެ. މި ރަށަކީ ލ.އަތޮޅުގެ ނިސްބަތުން ކައްޓަލަ އެންމެ ގިނައިން ހައްދާ އެއް ރަށެވެ. ކަލައިދޫގައި އާންމުކޮށް ހައްދާ ކައްޓަލައިގެ ބައެއް ވައްތަރުތަކުގެ ތެރޭގައި ރެޑުބާނާ ކައްޓަލަ، ކުރިރަތް ކައްޓަލަ، ދޮންފަޅޯ ކައްޓަލަ އަދި ފަތްބޮޑު ކުރީ ކައްޓަލަ ހިމެނެ އެވެ.
       
  
  
  
              
        
          
        
        ކަލައިދޫގައި ދަނޑު ހައްދާ ދެމަފިރިން ކަމަށްވާ ބުލޫރޯޒްގޭ އަލީ ޝަމީމު އާއި ފާތިމަތު ޔޫސުފު.
       
    
  
  
        
        ކަލައިދޫ ޕްރޮމޯޓްކުރުމަށްޓަކައި ހަދާފައިވާ ފޭސްބުކް ޕޭޖް "ވިޒިޓް ލާމު ކަލައިދޫ" ގައި ބުނެފައި ވަނީ މި ދަނޑުތަކަކީ އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުންނުކޮށް، ބިންގަނޑު ރަނގަޅުކުރުމަށްޓަކައި އަޅި ބޭނުންކޮށްގެން ހައްދާ ކައްޓަލަ ދަނޑުތަކެއް ކަމަށެވެ. 
       
  
  
  
        
        އެ ޕޭޖުގެ ޕޯސްޓެއްގައި ވަނީ ކަލައިދޫގައި ކައްޓަލަ ހައްދަމުން އަންނަ، ދެމަފިރިން ކަމަށްވާ އަލީ ޝަމީމު އާއި ފާތިމަތު ޔޫސުފްގެ ވާހަކަ ވެސް ގެނެސްދީފަ އެވެ. މި ދެމަފިރިން ކައްޓަލަ ހެއްދުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު 15 އަހަރު ވެއްޖެ އެވެ. އަދި މި ދެމަފިރިން ބުނި ގޮތުގައި އެމީހުންގެ ދަނޑުން ނެގި ކައްޓަލަތަކުގެ ތެރެއިން މިހާތަނަށް އެންމެ ބަރު ކައްޓަލާގައި 2 ކިލޯ 200 ގްރާމު ހުއްޓެވެ.
       
  
  
  
        
        ކައްޓަލައިގެ އިތުރުން ވެސް ވަރަށް ގިނަ ފަލަމަޑީގެ އެކި ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ވެސް މި ރަށުގެ ދަނޑުތަކުގައި ހައްދަ އެވެ.
       
  
  
  
  		  
        ރާޅާ އަޅައި ސްނޯކްލިން އަށް ދިއުން
       
  
  
  
        
        ކަލައިދޫގެ ފުއްޓަރު ފަރާތު މޫދަށް ރާޅާ އަޅަން ދިއުމާއި އަދި ކަލައިދޫ އާއި ދަނބިދޫގެ ދެމެދުގައި އޮންނަ ތިލަފަޅަށް ސްނޯކްލިންއަށް ދާން ވެސް ސަޅި ވާނެ އެވެ. އަދި ކަލައިދޫއާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ފޮނަގާދޫ އާއި އެ ރަށާއި ދެމެދުގައި އޮންނަ ތިލަފަޅަށް ވެސް ސްނޯކްލިން އަށް ދެ އެވެ.
       
  
  
  
              
        
          
        
        ކަލައިދޫގެ ކުޑަކުއްޖަކު ރާޅަ އަޅަނީ.
       
    
  
  
  		  
        އިސްދު އަށް ވެސް ގޮސްލެވޭނެ
       
  
  
  
        
        ވަކި ދެ ރަށެއް ނަމަވެސް ކަލައިދޫ އާއި އިސްދޫ އަދިވެސް އޮންނަނީ އެއް ފަސްގަނޑަކުން ގުޅިފަ އެވެ. އެހެންވެ، ކަލައިދޫ އަށް ދާ ބަޔަކަށް، އިސްދޫގެ އެކި ތަންތަން ބަލައިލަން ވެސް ދެވިދާނެ އެވެ. އިސްދޫގައި ހުންނަ ޒަމާންވީ ހުކުރު މިސްކިތާއި އެ ރަށުގެ ހަވިއްތަ ބަލައިލަން ވެސް ދެވިދާނެ އެވެ.
       
  
  
  
              
        
          
        
        ކަލައިދޫގެ އަލަ ދަނޑުތައް.
       
    
  
  
  		  
        އިސްދޫ ބޭސް ކުޅިއަށް ވެސް އެރިލަން ވާނެ
       
  
  
  
        
        އިސްދޫގައި އޮންނަ ބޭސް ކުޅި ކިޔާ ޗަސްބިމަކީ ވެސް މަޝްހޫރު ތަނެކެވެ. ހަމުގެ އެކި ކަހަލަ މައްސަލަތަކާއި އަދި ހުޅުތަކުގައި ރިއްސުން ކަހަލަ ބަލިތައް ހުންނަ މީހުން މި ޗަސްބިމުން ވަޅު ކޮނެގެން އެރި ހަދަ އެވެ. އޭރު ރަނގަޅުވާ ކަމަށް ވެސް ވެ އެވެ. އަދި މަޖާކޮށްލާއި ހިތްހަމަޖައްސާލަން މިތަނަށް އެރެންދާ މީހުން ވެސް މަދެއް ނޫނެވެ.