13 Jul 2020

By: Aminath Ibrahim

ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ރޭޕްގެ ހާއްޔަކަށް ގައުމު ވެފައި އޮންނަ އިރު، މިކަންކަން ރަނގަޅުކުރަން ދައްކާ އެއްވެސް ވާހަކައެއް "ގިނަ ވާހަކަ" އަކަށް ނުވާނެ އެވެ. ޖިންސީ ގޯނާގެ ވާހަކަ އެއް އަޑަކަށް އިވޭއިރު، އެކަމާ މެދުގައި ސެންސިޓިވް ވާންވީ ކިހާ ވަރަކަށް ކަން ނޭނގޭ ނަމަ މި ލިޔުމުން ވެސް ކޮންމެވެސް ވަރެއްގެ އެހީއަކަށް ވާނެ އެވެ.

މި ކިޔައިދެނީ ޖިންސީ ގޯނާ އާއި ރޭޕާއި ޖިންސީ ފުރައްސާރައާ ގުޅިގެން އައިސްފައި ހުންނަ ތޯތޯ ހިޔާލުތަކާއި އަސްލު ހަގީގަތް އޮތް ގޮތެވެ.

ތޯތޯ ވާހަކަ: އަނިޔާ ކުރަނީ، އަނިޔާ ލިބޭ މީހާ ކުރާ ކަމަކުން

ހަގީގަތް: އެއްވެސް މީހަކު ރޭޕް ވާކަށް ނޭދޭނެ. މީހަކު ލާ ހެދުމަކީ ރޭޕަށް ދޭ ދައުވަތެއް ނޫން. އާންމުކޮށް ޖިންސީ އަނިޔާ ކުރާ މީހުން، ބިރު ދައްކައިގެން ނުވަތަ ގަދަ ބާރުން އަނިޔާ ކޮށްގެން ކަންކަން ކުރޭ. އެއްވެސް އަނިޔާއެއްގެ ނިޝާން ފެންނަން ހުރުމަކީ އަނިޔާ ލިބުނު ފަރާތް، އެ އަނިޔާއާ ދެކޮޅު ކަމުގެ ހެއްކެއް.

ތޯތޯ ވާހަކަ: ނުބުނެ ފޮރުވައިގެން ހުންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ

ހަގީގަތް: ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތަކަކީ އެންމެ މަދުން ރިޕޯޓްކުރެވޭ، އަދި ސާބިތުވާ މައްސަލަތައް. ޖިންސީ އަނިޔާ ލިބޭ މީހަކު އޭނާގެ ވާހަކަ ހިއްސާކުރަން ބޭނުން ނުވެދާނެ ނުވަތަ ޖެހިލުންވެދާނެ ސަބަބުތައް ބައިވަރު ހުރޭ. އޭގެ ތެރޭގައި؛

- މީހުން އެވާހަކަތައް ގަބޫލުނުކޮށްފާނެ ކަމުގެ ބިރު

- އެ ވާހަކަ ދެއްކުމުން އިތުރަށް އަނިޔާ ލިބިދާނެ ކަމުގެ ބިރު

- ކުށްވެރިކޮށް ބަދުނާމުވެދާނެ ކަމުގެ ބިރާއި ލަދު

- އެވާހަކަ ފޮރުވަން ބޭނުންވާ މީހުންގެ ފަރާތުން އަންނަ ޕްރެޝަރު

- އަދުލުގެ ނިޒާމަށް އިތުބާރު ނެތުން (އިންސާފު ލިބިދާނެ ކަމުގެ އުންމީދު ނެތުން)

- ދައްކާ ވާހަކަ ސާބިތުކޮށްދެވޭ ވަރަށް ހެކި ނެތް ކަމަށް ގަބޫލުކުރެވުން

- އަނިޔާ ކުރި ފަރާތް ބަދުނާމުކޮށްލަން ބޭނުން ނުވާތީ ދައްކަން ނުކެރުން

ތޯތޯ ވާހަކަ: އެކަނި ގޮސްގެން ނުވާނެ

ހަގީގަތް: މިޒާތުގެ "ހުއްޖަތް" ދެއްކުމަކީ ރޭޕްކުރާ މީހުންނަށް އެ މީހުން އެ ކުރާ މުޑުދާރު އަމަލުތައް ކުރަން ދެވޭ ހިތްވަރެއް. އަމިއްލަ އިހުތިޔާރުގައި މިއިން ތަނަކަށް ދިޔަޔަސް، އެއްވެސް މީހަކަށް އަނެކާގެ އިހްތިޔާރަކާ ނުލައި އަނެކާގެ ހަށިގަނޑުގައި އަތްލައި އަނިޔާކުރުމުގެ ހުއްދައެއް ނޯންނާނެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.

ތޯތޯ ވާހަކަ: އަނިޔާއެއް ކަމަށް ވާނީ ދުރު މީހަކު އެކަން ކުރީމަ

ހަގީގަތް: ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކުގައި އެކަން ކުރަނީ ދަންނަ މީހެއް. އުޅޭ މާހައުލުން ފެނި، ކޮންމެވެސް ވަރެއްގެ އިތުބާރަކާއި ގާތްކަމެއް އުފެދިފައިވާ މީހެއް.

ތޯތޯ ވާހަކަ: "ނުރައްކާތެރި" ތަންތަނަށް އެކަނި ނުދާނަމަ ރޭޕެއް ނުވާނެ. މީހަކު ނުބެހޭނެ.

ހަގީގަތް: ރޭޕް ނުވަތަ ގިންސީ ގޯނާގެ އަމަލެއް، ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ވެސް ހިނގާފާނެ.

ތޯތޯ ވާހަކަ: ރޭޕް ކުރިކަމަށް ވާނީ ގަދަހަދައި ސަލާމަތްވާން މަސައްކަތް ކުރި ނަމަ.

ހަގީގަތް: ރޭޕް ފަދަ އަނިޔާއެއްގެ ޝިކާރައަށް މީހަކު ވާއިރު، އެއީ އަދި އަންހެނަކަސް އަދި ފިރިހެނަކަސް އެމީހަކަށް ގަދަހަދައި ރެކެން މަސައްކަތް ނުކުރެވިދާނެ ސަބަބުތައް ބައިވަރު ހުރެދާނެ. އެއީ އަނިޔާ ކުރާ ފަރާތް އިތުރަށް ރުޅިއައިސް ބޮޑަށް އަނިޔާ ކޮށްފާނެ ކަމަށް ވެސް ހީކޮށްފާނެ. ނޫނީ ލިބޭ ޝޮކެއްގެ ސަބަބުން ހަދާނެ ގޮތް ހުސްވެ، ގާވެފައި ވެސް ހުރެދާނެ. ގަންނަ ބިރެއްގެ ސަބަބުން "ޕްލޭ ޑެޑް" ހާލަތެއްގައި ވެސް މީހަކު އޮވެދާނެ.

ތޯތޯ ވާހަކަ: ޖިންސީ ގޯނާ އަކީ ދެއްކި ވާހަކައިގެ މިސްރާބު ހުރި ގޮތުން އެރި އޮޅުމަކުން ހެދުނު ގޯހެއް

ހަގީގަތް: އެއްވެސް ބާވަތެއްގެ ގޯނާއެއް، ފުރައްސާރައެއް، ނުވަތަ އަނިޔާ އަކީ ހެދޭ ގޯހެއް ނޫން. އެއީ ކުށެއް. އެއީ ދައްކާ ވާހަކައަކުން އޮޅުމެއް އަރައިގެން ހެދޭނެ ގޯހެއް ނޫން. ޖިންސީ ގޯނާ އަކީ، މީހެއްގެ ހުއްދައާ ނުލައި ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު ދައްކައިގެން ނުވަތަ މީހަކު ހައްދައިގެން ނުވަތަ ގްރޫމްކޮށްގެން ޖިންސީ އެދުމެއް ފުއްދަން އުޅުން.

ތޯތޯ ވާހަކަ: އަހަރެން ދަންނަ މީހަކަށް ނޫނީ އަހަންނަށް ޖިންސީ އަނިޔާ އެއް ނުދެވޭނެ.

ހަގީގަތް: އަންހެނުން، ފިރިހެނުން، ކުޑަކުދިން އަދި މުސްކުޅިންނާއި ވަކި ދީނެއް ނުވަތަ ނަސްލެއް އަދި ފަންތިއެއް މީގައި އުންޏެއް ނުވޭ. ކޮންމެ ފަދަ މީހަކު ވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެދާނެ. ކުދި ރަށްރަށުގަ އާއި ބައިބޯ މާލޭގައި އެންމެންގެ ތެރޭގައި ވެސް މިފަދަ ކަމެއް ހިނގާފާނެ.

ތޯތޯ ވާހަކަ: ފިރިހެނުންނަށް ޖިންސީ ގޯނާއެއް ނުލިބޭނެ

ހަގީގަތް: ފިރިހެނުންނަށް ޖިންސީ އަނިޔާ ކުރޭ، އަދި އެފަދަ އަމަލުތައް މި ރާއްޖޭގައި ވެސް ހިނގާ. އެއީ ވަކި ސިފައެއް ހުރެގެން ކުރާ ކަންކަމެއް ނޫން. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް އުތުރުގެ ރަށަކުން ވަނީ ފުލުހަށް ހުށަހަޅާފައި. ފިރިހެންނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާލެއް ވަރަށް މަދު. އެކަމަކު އެއީ އެކަން ނުހިނގާ ކަމަށް ބުނެވެން އޮތް ހެއްކެއް ނޫން.

ތޯތޯ ވާހަކަ: އަންހެނަކު "ނޫން" ބުންޏަސް، ހިތުން އޭނާ އެކަމަށް ހުއްދަ ދޭނެ

ހަގީގަތް: ހުއްދަ ދޭ ކަމަށް ވާނީ ސާފު ބަހުން "އާނ" އެކޭ ބުނުމުން. މީހަކު ސާފު ބަހުން "ނޫން" ބުނެފި ނަމަ އޭގެ އިތުރު މާނައެއް ދެން ކުރާކަށް ނުޖެހޭނެ އެވެ. ބައިވެރިއަކާ އެކު އުޅޭ އިރު ވެސް މިކަމަށް ވިސްނަން ވާނެ އެވެ. ޔަގީން ނުވާނަމަ، ޔަގީން ކުރަން އަހާށެވެ. ބައިވެރިޔާ އަށް ވިޔަސް، ހަށިގަނޑުގައި އަތް ލާން ހުއްދަ ނުދޭ ނަމަ، ނުވަތަ ހުއްދަ ދޭން ޖެހިލުން ވާނަމަ އޭނާގެ އެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭނެ.

ރޭޕް ޖިންސީ ގޯނާކުރުން

Popular