10 Sep 2020

މޮންސްޓެރާ އެހާ އަގުބޮޑީ ކީއްވެ؟

3 ފޫޓްގެ ވެރިގޭޓެޑް މޮންސްޓެރާ ގަހެއް އާންމުކޮށް ލިބެނީ 3،000ރ. އަށް

3 ފޫޓްގެ ވެރިގޭޓެޑް މޮންސްޓެރާ ގަހެއް އާންމުކޮށް ލިބެނީ 3،000ރ. އަށް

By: Ifraz Ali

ބޮޑު މޮންސްޓެރާ ގަހެއް ގޭގެ ސިޓިންރޫމްގައި ބަހައްޓާފައި، އެއަށް ބަލަހައްޓައިގެން އިންނައިރު، ހިތަށް އެ ލިބޭ ހިތްހަމަޖެހުމާއި އުފާ އެނގޭނީ، މީގެ ގަހެއް ގެންގުޅޭ މީހަކަށެވެ. އެހާ އާންމު ނޫން އަދި ވަރަށް ރީތި، ހާއްސަ ސިފަތަކެއް ލިބިގެންވާ މި ގަސް ދިވެހިންނަށް ތައާރަފުވެ، މާ މަގުބޫލު އެއްޗަކަށް ވެގެން މި ދިޔައީ ލޮކްޑައުންގެ ތެރޭގައި، ގޭގައި ގަސް ހައްދައި، ގެންގުޅުމަށް އުފެދުނު ފޯރިގަނޑުގެ ތެރެއިންނެވެ.

އެކަމަކު މޮންސްޓެރާ މާ އަގުބޮޑު ވުމަކީ އެތައް ބައެއްގެ ޝަކުވާ އެވެ. މި ގަސް މިހާ އަގުބޮޑު ވަނީ ކީއްވެގެން ހެއްޔެވެ؟

View this post on Instagram

A post shared by Pixy (@pixymv) on

ގިނަ މީހުނަށް އެންމެ ކަމުދާ، އެމީހުން އެންމެ ބޭނުންވާ ކަހަލަ މޮންސްޓެރާގެ ވެރިގޭޓެޑް ގަހެއްގެ އަގު، މާލޭގައި އާންމުކޮށް އުޅެނީ 3،000ރ. އަށް ވުރެ މަތީގަ އެވެ. އެއީ މީގެ 3 ފޫޓަށް ހެދިފައި ހުންނަ ގަހެއްގެ އާންމު އަގެވެ. މޮންސްޓެރާގެ ތަފާތު ވައްތަރުތައް ހުންނައިރު، އެންމެ އަގުބޮޑީ ވެސް މި ކިޔާ ވެރިގޭޓެޑް -- ދެތިން ކުލައަކުން ފަތް ލާފައި ހުންނަ -- މޮންސްޓެރާގެ ގަސްތަކެވެ. މި ގަހުގެ އަގު އެހާ މަތީގައި އުޅެނީ ކީއްވެގެންތޯ މާލޭގައި ގަސް ވިއްކާ ބައެއް މީހުން ގާތުގައި އަހަރެމެން އަހާލީމެވެ.

"ވެރިގޭޓެޑް މޮންސްޓެރާ އަކީ ވަރަށް ރެއާކޮށް [މަދުން] ހެދޭ ގަހަކަށް ވީމަ. ވަރަށް އުނދަގުލުން ގަންނަން ލިބެނީ ވެސް. ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބޭތީ އަގު ބޮޑު ވަނީ،" މާލޭގައި ގަސް ވިއްކާ ފިހާރާއެއް ކަމަށްވާ "ޕިކްސީ" އިން ބުންޏެވެ.

ޕިކްސީން ބުނީ މި ގަހަކީ އެހާ ފަސޭހައިން ހެއްދޭ އެއްޗަކަށް ނުވާތީ، މި ކަހަލަ ގަސްތައް ބްރީޑްކުރާ މީހުންނަށް މިހާރު ދުނިޔޭގައި މި ގަހަށް އޮތް ޑިމާންޑާ އެއްވަރަށް ގަސް ހައްދައިގެން، ސަޕްލައި ނުކުރެވުމަކީ ވެސް އަގުބޮޑުވާން މެދުވެރިވާ ސަބަބެއް ކަމަށެވެ.

"މިހާރު ކޮވިޑް އައި ފަހުން، މުޅި ދުނިޔޭގައި ވެސް މިއަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައި."

View this post on Instagram

A post shared by Urban Jungle (@urbanjunglemv) on

އޮންލައިންކޮށް ގަސް ވިއްކާ ދިވެހި ވެބްސައިޓެއް ކަމަށްވާ "ދި އާބަން ޖަންގަލް" އިން ބުނީ ގިނަ މީހުނަށް އެންމެ ކަމުދަނީ ބޮޑުކޮށް ހެދިފައި ހުންނަ މޮންސްޓެރާ ގަސްތައް ކަމަށެވެ. އެކަމަކު މި ގަހަކީ ވަރަށް ގިނަ ދުވަހުން ބޮޑު ކުރެވޭ އެއްޗަކަށް ވުމުން، މި ގަސް ވިއްކާ މީހުންނަށް، މި ވިއްކޭވަރު ވަންދެން ވެސް ވަރަށް ގިނަ ދުވަހު މަޑުކުރަންޖެހޭ ކަމަށް ވެސް ބުންޏެވެ. އެވެސް އަގު ބޮޑުވާ ސަބަބެކެވެ.

"އެންމެ އަގުބޮޑީ ވެރިގޭޓެޑް ގަސްތައް. އަނެއްކާ ވެރިގޭޓެޑް މި ވަނީ އޭގެ އަމިއްލަ ޒާތުގައެއް ނޫން. އެއީ ނެޗުރަލް ޕްރޮސެސްއެއް. ވެރިގޭޓްވެފައި ހުރެފައި އަނެއްކާ ހަމަ ދުވަސްކޮޅަކުން ވެރިގޭޝަން ފިލައި ގޮސް ވެސް ދާނެ. މިއީ ވަރަށް މަދުން ވާ ކަމެއް،" ދި އާބަން ޖަންގަލް އިން ބުންޏެވެ.

އާންމުކޮށް ގަސްތައް ވެރިގޭޓް ވަނީ ދެ ސަބަބެއް މެދުވެރިވެގެންނެވެ. އެއީ ގަހުގެ ޖެނެޓިކްސްއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ހާއްސަ ސަބަބެއް މެދުވެރިނުވެ، ކުއްލިއަކަށެވެ.

View this post on Instagram

A post shared by @floragrandmv on

މާލޭގައި ގަސް ވިއްކާ އެހެން ފިހާރައެއް ކަމަށްވާ "ފްލޯރާ ގްރޭންޑް" އިން ބުނީ މޮންސްޓެރާ އަކީ ވަރަށް ގިނަ މީހުން ގޭގައި ގެންގުޅެން ބޭނުންވާ ގަހެއް ކަމަށާއި އަދި އޭގެ ފަތްތަކުގައި އެ ހުންނަ "ކަޓް" އަކީ ވަރަށް ގިނަ މީހުނަށް މި ގަސް ކަމުދާ ސަބަބު ކަމަށެވެ.

"މޮންސްޓެރާ ގަހެއް ގެންގުޅުމަކީ މިހާރު ޓްރެންޑެއް ކަހަލަ ކަމެއް. ގަސް ގެންގުޅުމުގައި ލެވެލްއެއް ކޮމްޕްލީޓްވުން ކަހަލަ ކަމެއް، ޕްރިވިލެޖެއް ކަހަލަ ކަމެއް،" އެހެންވެ މި ގަސް ގަންނަން މިހާރު ވަރަށް ގިނަ މީހުން ބޭނުންވާ ކަމަށް ބުންޏެވެ.

***

ކަވަ ފޮޓޯ: ފްލޯރާ ގްރޭންޑް އެމްވީ

Popular