By: Aishath Maaha
ދެ ލޯބިވެރިންހެން ވާހަކަ ދައްކައި، ކޮފީއަށް ގޮސް، ކާން ގޮސް، ބުރުޖަހަން އުޅޭތާ އެތައް ދުވަހެއް ފަހުން މި ބުނަނީ ތިމަންނަ އަށް ކަމުދާ އެހެން ކުއްޖަކާ ދިމާވެ ރައްޓެހިވި ވާހަކަ އެވެ. ލިބުނު ޝޮކުން އަރައިގަނެ އެކަމާ އެއްޗެހި ކިޔައި، ޒުވާބުކޮށް، އަތުންފައިން ގޯސް ހަދާ ހިސާބަށް ދިއުމުން އަމިއްލަ ދިފާއުގައި މި ބުނަނީ އަހަރެމެން "ރައްޓެހިވީ" ކޮން އިރަކުހެއްޔޭ އެވެ. އެއީ އެކުވެރިކަމޭ އެވެ.
އެކުގައި އުޅޭތާ ކިތަންމެ ގިނަ ދުވަހެއް ވެފައި ވިޔަސް ތިޔަ ގުޅުމަށް ނަމެއް ނުދެ އެވެ. މިއުޅެނީ "ރައްޓެހިވެގެން" ނޭ ނުވަތަ މިއީ ރައްޓެހިންނޭ ވެސް ނުބުނެ އެވެ. އެކުގައި އުޅެނީ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން އުޅުނަސް އެ ފުރުސަތު ނުދީ އެހެން ވާހަކައެއް ފަށަނީ އެވެ. ތި ގުޅުން ރަސްމީކޮށްގެން ތިއުޅެނީ އަމިއްލައަށެވެ. އެތައް މަހެއް ވާއިރު ވެސް އެކަން ކުރަން ނޫޅޭ ނަމަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ. ތިއީ އެ ދިރިއުޅުމަށް މުހިންމު މީހެއް ނޫނެވެ.
މުޅި ދުނިޔެ އަށް ސިއްރުން
ދެ މީހުން ރައްޓެހިވިއެކޭ ކިޔާފައި ސޯޝަލް މީޑިއާ އަށް އެކަން އަންގާކަށް ނުޖެހެ އެވެ. ރިލޭޝަންޝިޕް ސްޓޭޓަސް ޓެގުކޮށް އެންމެންނަށް އިއުލާނުކުރާކަށް ވެސް ނުޖެހެ އެވެ. އެކަމަކު މަދުމަދުން ޕޯސްޓެއްގައި ނުވަތަ ކޮމެންޓެއްގައި ޓެގުކުރުމުން އެކަން ބޮޑުކަމަކަށްވާ ނަމަ އެއީ މައްސަލައެކެވެ. އެކުގައި މާގިނައިން ބޭރަށް ދާން ބޭނުންނުވަންޏާ އެއީ ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. ސީރިއަސްކޮށް ރައްޓެހިވެގެން ނުވަތަ ލޯބިވެގެން އުޅޭ މީހަކު ނަމަ އެހެން މީހަކަށް އެނގިދާނެތީ ބިރެއް ނުގަންނާނެ އެވެ.
އެކްސް ނުވަތަ އެހެން މީހުންނާ ވާހަކަ ދެއްކުން
ކުރީގެ ލޯބިވެރިޔާއާ ނުވަތަ އެހެން މީހުންނާ ވެސް ގާތްގުޅުމެއް ބާއްވައި ވާހަކަ ދައްކާ ނަމަ ތިއީ ސީރިއަސް ގުޅުމެއް ނޫނެވެ. އެހެން އަންހެން ކުދިން ނުވަތަ އަންހެން ކުއްޖެއްގެ މެސެޖުތަކާއި ކޯލްތައް އަބަދު އަންނާނީ އެދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ނަމަ އެވެ. އަދި މެސެޖުތަކާއި ކޯލުތަކަށް ކޮންމެހެން ވެސް ޖަވާބުދޭނީ މުހިންމު ވީމަ އެވެ. ޖަވާބެއް ނުލިބޭ ނަމަ އެއްވެސް މީހަކު އަބަދު ގުޅައި މެސެޖެއް ނުކުރާނެ އެވެ.
އާއިލާ / ރައްޓެހިންނާ ބައްދަލެއް ނުކޮށްދޭ
އޭނާގެ އާއިލާ މީހުންނަކަށް ތި ގުޅުމެއް ނޭނގެ އެވެ. އެންމެ ކުޑަމިނުން ރައްޓެހިންނަކާ ވެސް ބައްދަލެއް ނުކޮށްދެ އެވެ. އެމީހުންނާއެކު ދާ އެއްވެސް ތަނަކަށް ދައުވަތެއް ނުދެ އެވެ. އަބަދުވެސް ބަހަނާ އަކީ "ގޮސް ފޫހިވާނޭ" ދޯ އެވެ. މާނައެއް ނެތް ގުޅުމެއް އޮންނަ މީހަކާ ރައްޓެހިންނާއި އާއިލާ އާ ބައްދަލުކޮށްދިނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.
ފީލިންގްސްގެ ވާހަކައެއް ނުދައްކާ
ދިމާނުވާތާ ދެތިން ދުވަސް ފަހުން ދެމީހުން ދިމާވާން އުޅޭއިރު އެކަމާ އެކްސައިޓުވާ ވާހަކަ ބުނުމުން އެކަން އޭނައަށް މަޖަލަކަށް ވާނެ އެވެ. އެވާހަކަ ބުނުމުން އެކަމާ ޖޯކު ޖަހާފައި އިމޯޖީއެއް ކަހަލަ އެއްޗެއް ފޮނުވައިފި ނަމަ އެ އެނގެނީ ތިއީ މުހިންމު މީހެއް ނޫންކަމެބެ. އެއީ ސީރިއަސް ލޯބިވެރިއެއް ނަމަ ބައްދަލުވާން އުޅޭއިރު އެކަމާ އެކްސައިޓުވާނެ އެވެ. އަދި އޭނާއާ ދޭތެރޭ ދެކޭގޮތް ނުވަތަ ގުޅުމުގެ ވާހަކަ ދައްކާއިރު އެކަމާ ސީރިއަސް ނުވާ ނަމަ ތިއީ ސީރިއަސް ގުޅުމެއް ނޫނެވެ. އަދި ތިއުޅެނީ ސީރިއަސް ރިލޭޝަންޝިޕެއްގައި ނޫނެވެ. ފަހަރެއްގައި ތިއީ ރިލޭޝަންޝިޕެއް ވެސް ނޫނެވެ.