16 Oct 2020

"ދޯ" އިން ކުރީ ސުވާލެކެވެ. އެއީ ލަވަފޮށީގައި ސިމްބޮލިކް ރެކޯޑްސް އިން އަލީ ރަމީޒު ވައްޓާލީ މަކަރު ހަދައިގެންތޯ އެވެ. އެހެން ލިޔަން ޖެހުނީ ބަޔަކު އެގޮތަށް ތުހުމަތުކުރާތީ އެވެ. އެ ލިޔުމުގައި، ތުހުމަތަށް ސިމްބޮލިކުން ޖަވާބުދާރީވެ އިންކާރުކޮށްފައި އޮތެވެ.

އެކަމަކު އެންމެ ފަހުން ލަވަފޮށިން މިހާރު މި އޮތީ އަސްލު ވެސް ކިންގަކީ ސިމްބޮލިކް ކަމަށް ރަސްމީކޮށް އިއުލާނުކޮށް އިއުތިރާފުވެފަ އެވެ.

ދޯ ގައި ޖެހި އާޓިކަލްގައި، ލަވަފޮށިންފެންނަ ސިމްބޮލިކްގެ އާދަޔާހިލާފް ކާމިޔާބީއާ ބެހޭ ގޮތުން ލަވަފޮށިން ވާހަކަ ދެއްކި އިރު ވެސް ސިމްބޮލިކުން މަކަރުހަދައި އޮޅުވާލާ ކަމަކަށް ބުނެފައެއް ނުވެ އެވެ. ހަމައެކަނި ބުނި ވާހަކަ އަކީ ބައެއް އާޓިސްޓުން އެގޮތަށް ކަންތައްކުރާ ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ.

"ދޯ"ގެ އާޓިކަލް އަކީ ސިމްބޮލިކަށް ކުޑައިމީސްކޮށް ލިޔުނު އެއްޗެއްކަމުގެ ތުހުމަތާ އެކު ސިމްބޮލިކުން ނެރުނު އިންޒާރުގެ ނޯޓިސް އަަކަށް ފަހު ލަވަފޮށިން "ރާގު ބަދަލުވީ" އެވެ. އާޓިސްޓުން ލަވަފޮށީގައި ހިޓްސް ހޯދަން ބޮޓް ބޭނުންކުރާ ކަަމަށް ތުހުމަތުވާ ގޮތަށް ލަވަފޮށިން ދެއްކި ވާހަކަ އަކީ ސިމްބޮލިކުން މަކަރު ހަދާ ކަމަށް ބުނެ އެ ތުހުމަތަށް ދިން ބާރެއް ކަމަށް ބުނެ، ލަވަފޮށިން ސިމްބޮލިކްގެ އުފެއްދުންތައް ނަގާނެ ކަމަށް ދިން އިންޒާރާ އެކު ލަވަފޮށިން ބަޔާން ނެރެ އާޓިސްޓުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. ވާހަކަ ބަދަލުވުމުގެ ސަބަބުތަކުގެ ވާހަކަ ހެއްކާ އެކު ހުރި ނަމަވެސް މިފަހަރު ދޫކޮށްލާނީ އެވެ.

ސިމްބޮލިކުން އަލީ ރަމީޒު ވައްޓާލި ގޮތަށް މިހާރު އެކަން ވަމުންދާތައް ލަވަފޮށިން ނުދައްކާ ސަބަބެއް އެއްވެސް ފަރާތަކުން ސާފުކޮށެއް ނުދެ އެވެ.

ލަވަފޮށިން ބަޔާން ނެރެ އިއުތިރާފްވީ ސިމްބޮލިކަކީ އަދިވެސް ކިންގް ކަމަށެވެ. ނަމަވެސް ސިމްބޮލިކުން ބަޔާނެއްގެ ސިފައިގައި ނެރުނު ހަރުކަށި އިންޒާރަކަށް ބިރުން ވިޔަސް ލަވަފޮށިން ހަގީގަތް އޮޅޭ ގޮތަށް މި މައްސަލާގައި ބަޔާން ނެރުމަކީ ވަރަށް ދެރަ ނިންމުމެކެވެ.

ދިވެހި އާޓިސްޓުން ޕްރޮމޯޓްކުރުމުގައި "ދޯ" އަކީ އެފަދަ ދެ ވަނައެއް ނެތް ޕްލެޓްފޯމެއް ކަމަށް އަޅުގަނޑުމެން ވާނީ މީގެ ކުރިން ވެސް ސާބިތުކޮށްދީފައެވެ. ރާއްޖޭގެ އެހެން އެއްވެސް މީޑިއާ އަކުން އާޓިސްޓުންނަށް ނުދޭ ސަމާލުކަމާއި ޕްރޮމޯޝަން "ދޯ" އިން އަބަދުވެސް ލޯކަލް އާޓިސްޓުންނަށް އެކި ސިފަސިފައިގައި ދެއެވެ.

މި ތުހުމަތުތަކެއް ސިމްބޮލިކަށް އަމާޒުވެ އެއާ ގުޅުވައިގެން މި އާޓިކަލްއެއް ޝާއިއުކުރުމުގެ ކުރިން "ދޯ" އަކީ އަބަދުވެސް އާޓިސްޓުންނާ ވަރަށް ގާތުން މަސައްކަތްކުރަމުން އައި ޓީމެކެވެ. ވަކިން ހާއްސަކޮށް ސިމްބޮލިކާއި ހިޕްހޮޕް އެހެން އާޓިސްޓުންނަށް ދޭ ސަމާލުކަމާއި ހާއްސަކަން އަބަދުވެސް "ދޯ" އިން ފާހަގަކުރެވޭނެއެވެ.

ލަވަފޮށީގައި ރިކޯޑްތައް މުގުރީތީ "ދޯ" ގެ ފަރާތުން ސިމްބޮލިކަށް އަދިވެސް އެއް ފަހަރު މަރުހަބާ އެވެ!

Popular