15 Oct 2020

By: Ahmed Nadym

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އުޅުނު ގޮތަށް ބޯދިގުކޮށް، ގޮޅި ޖެހި ގަމީސް ލައިގެން ވެސް ދިވެހިން އުޅުނެވެ. އޭނާ ލަވަކީ އިރު ޖެއްސި ވައްތަރުތަކާއި ގެންގުޅުނު ހަރަކާތްތަކާއި އުކުޅުތައް ދަސްކޮށް ކޮޕީކުރި ބަޔަކު ވެސް ތިއްބެވެ. އަލީ ރަމީޒުހެން ހީވާ ގޮތަށް ލަވަކިޔައި ވާހަކަ ދެއްކި މީހުން ވެސް މި ރާއްޖެ ދެކެފިއެވެ. އަދި އަލީ ރަމީޒަކުން އިންސްޕަޔާވެގެން ހަމަ އެގޮތަށް ލަވަކިޔާ އެތައް، އެތައް ލަވަކިޔުންތެރިންނެއް ވެސް މި ރާއްޖޭގައި އުފެދި، އޮއްސި، ނިމިގެން ވެސް ގޮސްފިއެވެ. އެކަމަކު އޭނާ ލަވަކިޔުން ހުއްޓާލިތާ ވިއްސަކަށް އަހަރު ފަހުން މިއަދު ވެސް ބަދަލުނުވެ އޮތް ހަގީގަތަކީ ދިވެހިންގެ ނަމްބަ ވަން އަކީ އަދިވެސް އެ "އައްޔަ" ކަމެވެ. ދިވެހިންނަށް "ރިޕްލޭސްމަންޓެއް" ނުހޯދުނު ހަމައެކަނި ލަވަކިޔުންތެރިޔަކީ އަލީ ރަމީޒުކަމެވެ. -- އެކަމަކު ދަމަކުން ބަޑިއެއް ޖަހާލާ އުސޫލުން ލަވަތަކެއް ނެރޭ، ރެޕް އާޓިސްޓުންތަކެއް ރެއަކާއި ދުވާލުން ގޮސް އެ ބަލިކޮށްލީ ރާއްޖޭގައި މިހާތަނަށް އުފެދު އެންމެ ކުޅަދާނަ އަދި އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ ކަމަށް މުޅި ގައުމު ވެސް ހެކިވާ އަލީ ރަމީޒެވެ.

ސިމްބޮލިކް ރިކޯޑްސްގެ ނަމުގައި ހިޕްހޮޕް ލޭބަލެއްގެ ދަށުން ނެރުނު "މާރޯކާ" އެކޭ ކިޔާ ރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް ސޯލޯ އަލްބަމަކާ އެކު ރެޕް އާޓިސްޓް މާޓު، ދިވެހިންގެ ހިތްތަކުގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ލަވަފޮށީގައި ބަލިކޮށް ވައްޓާލި ޚަބަރު އަހަރެމެން މި "ދޯ" އެއްގައި ވެސް ލިޔުނީމެވެ. – ތާރީޚަށްޓަކައެވެ. އެއްބަޔަކު ބުނާ ގޮތުން ނަމަ، ނުވެސް ދަންނަ، ދުވަހަކު އަޑުވެސް ނާހާ، ޖެހިފައި ވެއްޓުނަސް މީހަކަށް ނޭނގޭ ވަރުގެ ހިޕްހޮޕް އާޓިސްޓަކު ހަމަ ކުއްލިއަކަށް އަރައި "އަލީ ރަމީޒު" ވައްޓާލުމުން އެކަން ޚަބަރަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި ހަމައެގޮތަށް، އަލީ ރަމީޒު ކަހަލަ އައިކޮނިކް ލެޖެންޑަކު ވައްޓާލާފައި މެއިންސްޓްރީމް ވެސް ނުވާ މިއުޒިކް ޖޮންރާއެއްގެ އާޓިސްޓަކާއި މި ރާއްޖޭގައި ނެތްވަރުގެ ބޮޑު ހިޕްހޮޕް ރިކޯޑް ލޭބަލެއް ކަމަށް ބުނާ ބަޔަކު ލަވަފޮށީގެ ބޮންތިއަށް އެހާ ފަސޭހައިން އެރިގޮތް ވެސް ނުބަލަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. – ލަވަފޮށީގެ ރަސްކަމަށް އަރަން ސިމްބޮލިކުން މަކަރާއި ހީލަތް ހެދި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ދާއިރާގެ ގިނަ އާޓިސްޓުންތަކެއް ކުރާތީ އެވެ. އަނެއްކޮޅުން "ބޮޓުތަކެއް" ބޭނުންކޮށްގެން އާޓިސްޓުންތަކެއް ލަވަފޮށީގައި އެމީހުންގެ ޕްލޭ ކައުންޓް ވަރަށް ބޮޑަށް އޮޅުވާލި ކަމަށް ޚުދު ލަވަފޮށިން ވެސް މިހާރު ބުނާތީ އެވެ.

ފޮޓޯ: ސިމްބޮލިކް ރިކޯޑްސް

ސިމްބޮލިކަށް މި ހުރިހާ ތުހުމަތެއް ގޮސް އަމާޒުވާއިރު "އާދަޔާހިލާފަށް" ލަވަފޮށީގައި "ޕްލޭ ކައުންޓް" ޖަހައި ރިކޯޑްތައް މުގުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެ އަމިއްލަ އަށް ވެސް ބެޖު ޖެހި އިތުރު ދެ ވަނަ ބަޔަކު ނެތެވެ. މާޓު ގޮސް އަލީ ރަމީޒު ވައްޓާލީމަ، ސިމްބޮލިކްގެ އެހެން އާޓިސްޓެއް ކަމަށްވާ ޕެސްޓް ގޮސް މާޓު އާއި އަލީ ރަމީޒު ވެސް ވައްޓާލާފައި އެބަހުއްޓެވެ.

ނަމަވެސް "ބޮޓް" ބޭނުންކޮށްގެން ލަވަތަކަށް "ފޭކް ޕްލޭ" އިތުރުނުކުރެވޭ ގޮތަށް ލަވަފޮށިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުން ސިމްބޮލިކަށް އެމީހުންގެ ތަހުތު ކުއްލިއަކަށް ގެއްލި އެއްކަލަ "ކޮޕީ ލަވަތައް ކީ" އަލީ ރަމީޒު އަނެއްކާވެސް އެއް ވަނަ އަށް އެރުމަކީ ސިމްބޮލިކް މުގުރި އެ ހުރިހާ ރިކޯޑްތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަން ލިބޭ ހާލަތަކާއި ވެއްޓުމެކެވެ. އަދި ލަދުވެތިކަމެއް ވެސްމެއެވެ.

"ބޮޓު" ބޭނުންކޮށްގެން ލަވަފޮށީގައި ރިކޯޑްތައް މުގުރީ ސިމްބޮލިކުންތަ؟

މި ސުވާލަށް ސީދާ ޖަވާބެއް ދޭން ލަވަފޮށީގެ ފައުންޑާ އަބްދުﷲ ނާޒިމް (އައްލޮ) ދެކޮޅެވެ. ނަމަވެސް އެކަން "ފްރޯޑެއް" ގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށް އައްލޮ ވެސް އެއްބަސްވެ އެވެ.

"އަހަރެން ނުބުނާނަން ވަކި ބައެއްގެ ނަމެއް. އެއީ ކޮން ބައެއްކަން ހާމަކުރާކަށް އަހަރެން ބޭނުމެއް ނުވޭ،" ލަވަފޮށީގެ ޕްލޭތައް ގަޑުބަޑުކޮށްލައިގެން އުޅެނީ ސިމްބޮލިކް ކަމަށް މަޝްހޫރު އެހެން އާޓިސްޓުން ކުރާ ތުހުމަތާ ގުޅިގެން ސުވާލުކުރުމުން އައްލޮ ބުންޏެވެ.

އޭނާ ބުނީ އަމިއްލަ އެދުމެއް ނެތި އާޓިސްޓުންނަށް ކޮށްދިން ކަމެއްގެ ގޮތުގައި އޭނާ އާއި އަލީ ހާރިސް އަދި ހުސެއިން އިނާދު މީގެ ތިން އަހަރު ކުރިން ފެށި މިއުޒިކް ސްޓްރީމިން އެޕް، އާޓިސްޓުންގެ ބަޔަކު އެގޮތަށް "މިސް ޔޫޒް" ކުރުމުން ހިތާމަކުރާ ކަމަށާއި އެއީ އެއްގޮތަކަށް ވެސް އާޓިސްޓުން އުޅެން ޖެހޭ ގޮތެއް ނޫން ކަމަށެވެ.

"އަހަރެން ނުބުނަން ބަޔަކު މީހުން މި އެޕްލިކޭޝަން މިސް ޔޫޒެއް ނުކުރެއެކޭ. އަހަރެމެންނަށް ފާހަގަކުރެވިފަ އެބަހުރި ކުރީގަ ބައެއް މީހުން ބޮޓްސް ބޭނުންކޮށްގެން ޕްލޭ ކައުންޓް މައްޗަށް އަރުވާކަން. އެކަމަކު މިހާރު އަހަރެމެންނަށް އެނގޭނެ ބޮޓްސް ބޭނުންކޮށްގެން ހަދަންޏާމު އެއީ ކޮން ބައެއްކަންވެސް،" ފޯނުން ވާހަކަ ދައްކަމުން އައްލޮ ކިޔައިދިނެވެ. އައްލޮ ބުނީ އޭނާގެ އެޕްލިކޭޝަނުގައި ސަލާމަތީ ފިޔަވަޅުތައް މިގޮތަށް ވަރުގަދަކުރަން މަޖުބޫރުވީ އޭގައި ހުރި "ލޫޕްހޯލްއެއް" ގެ ނާޖާއިޒުފައިދާ ބަޔަކު ނަގައި ވަރަށް ބޮޑަށް އެމީހުންގެ އެޕްލިކޭޝަން "މިސްޔޫޒްކުރުމުން" ކަމަށެވެ. އޭނާ ކިޔައިދިން ގޮތުން ނަމަ ބޮޓްތައް ލަވަތަކަށް ލައިގެން "ފޭކް ޕްލޭސް" އުފައްދަމުން ދިޔަ ނިސްބަތުން ލަވަފޮއްޓަށް ދިޔައީ މާލީ ގޮތުން ވެސް އޮބިނޯވެގެންނެވެ.

އައްލޮ ބުނީ ބަޔަކު މީހުން މަކަރު ހަދައިގެން "ޕްލޭތައް" އޮޅުވާލައިގެން ރޯޔަލްޓީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގިޔަސް އެކަން މައްސަލައަކަށް ނަހަދައި އެ ހުރިހާ ފައިސާއެއް ވެސް އެ އާޓިސްޓުންނަށް ދީފައިވާނެ ކަމަށެވެ.

ފޮޓޯ: ސިމްބޮލިކް ރިކޯޑްސް

"އެ މައްސަލަގަނޑާ ގުޅިގެން އަހަރެމެން ހުންނާނެ ދެ ތިން އާޓިސްޓެއް ބްލެކްލިސްޓް ވެސް ކޮށްފައި. މިހާރު ބަޔަކު އެގޮތަށް ބޮޓްސް ބޭނުންކުރާ ނަމަ ސިސްޓަމުން ނަގާނެ އެފަދަ މައްސަލައެއް އުޅޭ ނަމަ،" އައްލޮ ބުންޏެވެ.

"އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އެގޮތަށް އޭރު އެ ކަންތައް ހިނގައިދިޔައީ އަހަރެމެންގެ ސިސްޓަމުގައި ހުރި ލޫޕްހޯލްއެއްގެ ސަބަބުން ކަމަށް ގަބޫލުކުރީ. ބަލާފަ އަހަރެން އެންގީ އެ ޕްލޭތަކަށް ވެސް ޖެހޭ ފައިސާގެ އަދަދު އެ އާޓިސްޓުންނަށް ވެސް ޕޭކުރާށޭ. އެއީ އަހަރެމެންގެ މައްސަލައެކޭ"

"އެކަމަކު އެގޮތަށް މިސް ޔޫޒް ކުރުން އެއީ އެއްވެސް ބަޔަކު ކޮށްގެން ނުވާނެ ކަމެއް އެމީހެއްގެ ޕްލޭ ކައުންޓް މަތިކުރަން. އެކަމަކު މިހާރަކު އަހަރެމެންގެ ސިސްޓަމުގައި އެގޮތަކަށް ޕްލޭތަކަކާ ނުކުޅެވޭނެ."

ޕްލޭ ކައުންޓް ލަވަފޮއްޓަށް އޮބިނޯވެގެން ދިޔަ ކަމަށް ސިމްބޮލިކުން ވެސް ބުނޭ!

ބޮޓުތައް ބޭނުންކޮށްގެން ލަވަފޮށީގައި "ޕްލޭ ކައުންޓް" އޮޅުވާލައި މަކަރު ހެދި ކަމަށް ކުރާ ތުހުމަތު ތާކުންތާކު ނުޖެހޭ ކަމަށް ބުންޏަސް ސިމްބޮލިކް ރިކޯޑްސްގެ މެނޭޖިން ޑިރެކްޓަ އަހުމަދު މުހައްމަދު (އޭޑީ) ވެސް ބުނަނީ ލަވަފޮށި ފަށައިގަތް ދުވަސްވަރު އެ މީހުންގެ ލަވަތަކުގެ ޕްލޭ ކައުންޓް އުފުލިގެން ދިޔަ ނިސްބަތްވީ ލަވަފޮއްޓަށް ވެސް އޮބިނޯންނަ ވަރަށް ކަމަށެވެ. ނަމަވެސް އެއީ "ފޭކް ޕްލޭތަކެއް" ގެ ސަބަބުން އަރައިގެން ދިޔަ މިންވަރެއް ކަމަކަށް އޭޑީ އެއްބަހެއް ނުވެ އެވެ. އަދި އެފަދަ ކަމެއް ވާން ލަވަފޮށިން ދޫކޮށްލާނެ ކަމަކަށް އޭނާ ގަބޫލެއް ވެސް ނުކުރެއެވެ.

"އަހަރެމެންގެ ލަވަތަކުގެ ސްޓްރީމިން ގިނަވެގެން ގޮސް ލަވަފޮއްޓަށް އޮބިނޯވެގެން ދިޔައީ. މިސާލަކަށް ދެ ދުވަސް ތެރޭގައި ވެސް އަހަރެމެންގެ ކޯޓާ އެބަ ހަމަވޭ ލަވަފޮށީގައި. މިސާލަކަށް 2000، 3000ރ. ގެ އާމްދަނީއެއް އެބަ އުފެއްދެއޭ ދެ ތިން ދުވަސް ތެރޭގައި ވެސް،" ލަވަފޮށީގައި ސިމްބޮލިކް ކުއްލިއަކަށް އަރައިގެން ދިޔަ ދުވަސްވަރުގެ ހިސާބުތައް ޖަހަމުން އޭޑީ ކިޔައިދިނެވެ.

ފޮޓޯ: ސިމްބޮލިކް ރިކޯޑްސް

އޭނާ ބުނީ އެ މީހުންގެ ޕްލޭ ކައުންޓް އިންތިހާ އަށް އަރައިގެން ދިއުމުން ބަދަލުގައި ލިބެން ޖެހޭ ރޯޔަލްޓީގެ އަދަދު ބޮޑުވެ ލަވަފޮއްޓަށް އެކަން ބުރައަކަށްވުމުން އެންމެފަހުން ރޯޔަލްޓީގެ ގޮތުގައި ނަގާ އަދަދު މަދުކުރަން ވެސް ފަހުން އެއްބަސްވި ކަމަށެވެ.

"ރޯޔަލްޓީގެ ގޮތުގައި އަހަރެމެންނަށް ދޭންޖެހޭ ވަރު ބޮޑު ވެގެން އޮބިނޯވެގެން ދިޔައީމަ ލަވަފޮށިން އެދިގެން އަހަރެމެން ވާނީ ރޯޔަލްޓީގެ ނިސްބަތް މަދުކުރަން ވެސް އެއްބަސްވެފައި. އެއީ ލަވަފޮށި ކަހަލަ ޕްލެޓްފޯމެއް ނެތިގެންދާން އަހަރެމެން ވެސް ބޭނުންނުވަނީ. ސަސްޓެއިންނުކުރެވިގެން އެމީހުން ހުއްޓާލައިފިއްޔާ ވަރަށް ގިނަ އާޓިސްޓުންނަށް ވެސް ގެއްލުމަކަށްތާ ވާނީ،" އޭޑީ ބުންޏެވެ.

މިގޮތަށް ވާހަކަ ދައްކަމުން ގޮސް އޭނާ ބުނީ ސިމްބޮލިކުން ޕްލޭ ކައުންޓް އޮޅުވާލައި މަކަރު ހެދި ކަމަށް ބަޔަކު ބުނުމަކި އެއްވެސް ހަގީގަތެއް އޭގައި އޮތް ތުހުމަތެއް ނޫން ކަމަށެވެ. އަދި ސިމްބޮލިކަށް ގިނަ އަދަދަކަށް "ޕްލޭ ކައުންޓް" ލިބިގެން އުޅެނީ ހަމައެކަނި ލަވަފޮށީގައި ނޫންކަން ވެސް އޭނާ ފާހަގަކުރި އެވެ.

"ސިމްބޮލިކްގެ ލަވަފޮށި ޕްލޭސްގެ އަދަދު އުޅޭނީ މިލިއަނުން. އަހަރެމެންގެ މި ޖާނީ އަށް ވިސްނީމަ އެނގޭނެ ދޯ އަހަރެމެން މި ހިސާބަށް އައި ގޮތް. ތިހެން ބުނާ ބަޔަކަށް އަދި ތި ފެންނަނީ ލަވަފޮށި އެކަނިތާ. އަހަރެމެން ދައްކާލަފާނަން ތިހެން ބުނާ ބަޔަކަށް އަހަރެމެންގެ ސައުންޑްކްލައުޑް ވެސް،" އޭޑީ ބުންޏެވެ.

"އަހަރެމެން މިއީ ދުވަހަކުވެސް އެއްޗެއް ބޫސްޓްކުރި ބައެއް ނޫން ރާއްޖެއިން ބޭރަކަށް. ސައުންޑްކްލައުންޑްގަ އެކަނި ވެސް އެބަ އުޅޭ 15 މިލިއަނަށް ވުރެ ގިނަ ޕްލޭ. އަހަރެމެންގެ ޔޫޓިއުބްގަ ވެސް އެބައުޅޭ ހަ މިލިއަނަށް ވުރެ ގިނަ ޕްލޭސް ލިބިފަ."

އޭނާ ބުނި ގޮތުގައި ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ސިމްބޮލިކުން އުފައްދަނީ "ހުސް ޖެނުއިން" ވިއުސް އެވެ.

"އަހަރެމެންގެ ހުންނާނީ ހަމަ ޖެނުއިން ޕްލޭސް. ކޮންމެ ދިމާއަކަށް ގޮސް ބެލިޔަސް ސިމްބޮލިކްގެ ފޭން ބޭސް މިހާރު ފެންނާނެ. އަހަރެމެންނަކީ ވިއުސް ހޯދާކަށް (ފައިސާ) ސްޕެޑް ކުރާ ބައެއް ނޫން. ބަޔަކަށް އަދަދުތައް ދައްކަން ބޫސްޓްކޮށްގެން އުޅެނީކީއެއް ނޫން،" އޭޑީ ބުންޏެވެ.

އޭނާ ބުނާ ގޮތުން ނަމަ ލަވަފޮށީގައި ބަޔަކު ބޮޓު ބޭނުންކޮށްގެން "ވިއުސް އޮޅުވާލައި މަކަރު ހެދި" ކަމަށް ބުނުމަކީ ވެސް ހަމަޖެހޭ ވާހަކައެއް ނޫނެވެ.

"މިސާލަކަށް އަހަރެމެން އެހެން މީޑިއަމްތައް ބޭނުންކޮށްގެން (ފޭކް ޕްލޭތައް ޖެނެރޭޓްކުރިޔަސް) އެއީ ލަވަފޮއްޓަށް ލިބޭ ގެއްލުމެއްތާ. އެމީހުން ޕޭކުރަން ޖެހޭ އެތި ބޮޑުވާނެ ދޯ އަހަރެމެންނަށް. އެހެންވީމާ އެމީހުންނެއް ނުތިބޭނެ ދޯ އެކަން އެގޮތަށް ހިނގާ ނަމަ ނުބަލައެއް ވެސް."

ފޮޓޯ: ސިމްބޮލިކް ރިކޯޑްސް

މަކަރު ނުހަދާ، އެހާ ފަސޭހައިން އަލީ ރަމީޒު ބީޓެއް ނުކުރެވޭނެ!

"އަހަންނަކަށް ހީއެއް ނުވޭ އަލީ ރަމީޒުމެން ކަހަލަ އާޓިސްޓަކު އެހާ ފަސޭހައިން ބީޓުކުރެވިދާނެހެނެއް، މަކަރު ހަދައިގެން ނޫން ގޮތަކަށް. އައްޔަ ޓޮޕަކުން ވައްޓައެއް ނުލެވޭނެ އެހާ ފަސޭހައިންނެއް ކްލެސިކް އެހާ ގިނަ ލަވަތަކެއް އެބައެއްގެ އަތުގައި ނެތިއެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ރާއްޖޭގެ ވަރަށް މަޝްހޫރު އާޓިސްޓަކު ބުންޏެވެ.

"ކީއްވެހޭ ހަމައެކަނި ސިމްބޮލިކާއި އެހެން ހިޕްހޮޕް ލަވަތަކަކަށް އެ ވަރަށް ހިޓްސް ލިބޭއިރު އެއަށް ވުރެ ރާއްޖޭގައި މަޝްހޫރު އަދި މަގްބޫލު، މީހުން ޒަމާނުއްސުރެން ފެށިގެން އަދިވެސް އެންމެ އަޑުއަހާ، ރޭޑިއޯގައި ވެސް އެންމެ ރިކުއެސްޓްކުރާ އެހެން ލަވަތަކަށް، އެއާ ގާތްކުރާ ވަރުގެ ހިޓްސްތަކެއް ނުލިބެނީ؟"

"އެހެންވީމަ މީގަ އެބަ އުޅޭތާ ހަމައެކަނި ހިޕްހޮޕް ލަވަތަކަކަށް އާދަޔާހިލާފަށް ލަވަފޮށީގައި އެވަރަށް ހިޓްސް ލިބުމުގައި މައްސަލައެއް."

އެހެން އާޓިސްޓަކު ނަން ނުޖަހަން އެދި ބުނީ ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓުން ލަވަފޮށީގައި ރިކޯޑްތައް މުގުރައި އަލީ ރަމީޒު ކަހަލަ ކްލެސިކް އާޓިސްޓަކު ވައްޓާލި ގޮތަށް މިހާރު އެންމެ ޓޮޕަށް ނޭރިގެން އުޅެން ޖެހުމަކީ ވެސް ހިޕްހޮޕް އާޓިސްޓުން، ވަކިން ހާއްސަކޮށް ސިމްބޮލިކުން ޕްލޭ ކައުންޓުގައި މަކަރު ހެދިކަމަށް ކުރާ ތުހުމަތަށް ބާރު ލިބޭ ކަމެއް ކަމަށެވެ.

"ސުވާލަކީ މިހާރު ކީއްވެގެން ހެއްޔޭ ސިމްބޮލިކަށް އެއް ވަނަ އަށް ނޭރިގެން އުޅެނީ. އަލީ ރަމީޒު ބީޓުނުކުރެވިގެން އުޅެނީ. އަލީ ރަމީޒު ވައްޓާލި ސިމްބޮލިކްގެ މާޓު އިއްޔެ އޮތީ (ކުރީގެ ލަވަކިޔުންތެރިޔާ) އުމަރު ޒާހިރަށް ވުރެ ވެސް ދަށުގައޭ،" ލަވަފޮށީގައި އުޅޭ އާޓިސްޓު ބުންޏެވެ.

"ސިމްބޮލިކުން މިއަދު ވެސް ލަވަފޮށީގެ ޓޮޕަށް އަރައި ސާބިތުކޮށްދޭންވީ ނުން އެމީހުން އޭރު އެއް ވަނަ އަށް އެރީ ހަމަ ޖެނިއުނިން ޕްލޭއިންކަން. ލަވަފޮށިން އެ ބުނަނީ އޭރު އެބައެއްގެ ޕްލޭ ކައުންޓް ދިޔައީ އޮބިނޯވެގެންނޭ. ސިމްބޮލިކުން ވެސް އެ ބުނަނީ އެމީހުންގެ ޕްލޭ ކައުންޓް ދިޔައީ އޮބިނޯވެގެންނޭ"

"އެހެންވީމަ ވަރަށް ސާފު ދޯ މީގައި ކޮން ބައެއްކަން މަކަރު ހަދައިގެން ލަވަފޮށީގެ ޓޮޕަށް އެރީ."

ފޮޓޯ: ސިމްބޮލިކް ރިކޯޑްސް / ލަވަފޮށި

ބީޓޮލޮޖީން ބުނަނީ އެމީހުން އެއްވެސް މަކަރެއް ނަހަދާ ކަމަށް!

ސިމްބޮލިކުން ލަވަފޮށީގައި ބޮޓުތައް ބޭނުންކޮށްގެން ޕްލޭ އޮޅުވާލި ކަމަށް ބައެއް އާޓިސްޓުން ތުހުމަތުކުރާއިރު މި ތުހުމަތެއްގެ އިނގިލި، ސިމްބޮލިކާ އެންމެ ވާދަވެރި އަދި ލަވަފޮށީގައި މަގްބޫލު ކަމަށް ފެންނަ އަނެއް ހިޕްހޮޕް ގްރޫޕް، ބީޓޮލޮޖީ އަށް ވެސް އަމާޒުކުރާ ބަޔަކު އެބަ ތިއްބެވެ. ނަމަވެސް ބީޓޮލޮޖީ ސްޓޫޑިއޯސް އިން ބުނަނީ ދުވަހަކުވެސް އެފަދަ ކަމެއް ހިންގާފައި ނުވާނެ ކަމަށެވެ.

"އަހަންނަށް އެނގިގެން އަހަރެމެން އެއްވެސް ބޮޓެއް ބޭނުމެއް ނުކުރަން. އެއީ އަހަރެމެން ބޭނުންވަނީ އަހަރެމެންގެ އަސްލު ފޭން ބޭސް އަހަރެމެންގެ ލަވަތައް އަޑުއަހާވަރު ބަލަން،" ބީޓޮލޮޖީގެ ފައުންޑާ އަދި މިއުޒިކް ޕްރޮޑިއުސަރު ޓްރޯ ބުންޏެވެ.

Popular