26 Oct 2020

By: Aminath Ibrahim

"މިރުސް ގަހެއް ހައްދަން ޖެހުނަސް ޕޮޓެއްގައި އިންދާ ނަމަ އެބަ ހަރަދު ކުރަންޖެހޭ މަދުވެގެން ތިރީހަކަށް ރުފިޔާ. އެކަމަކު، އަސްލު އެކަހަލަ ގަސްތައް ހައްދަން ބޮޑުއަގު ދީފައި ޕޮޓު ގަތުމުގެ ބޭނުމެއް ނެތް،"

ލޮކްޑައުން ތެރޭގައި ވައިރަހަށް ދޫނުކޮށް މުޅި ރާއްޖެއަށް ފެތުރިގެން ދިޔަ ގަސް ހެއްދުމުގެ ދިގު "ސްޕްރީ" ބަލަން ހުރި އުމުރުން 30 އަހަރުގެ އިމްރާން މުހައްމަދު (އިންމަ) މިހެން ބުނީ މިރުސް ގަހަށް ކުރާ ގަދަރު ކުޑަވެގެންނެއް ނޫނެވެ. އެކަމަކު ހަގީގަތުގައި ވެސް މިރުސް ގަހެއް ނުވަތަ ޓޮމާޓޯ ގަހެއް ހައްދަން ބޮޑު އަގު ދީފައި ޕޮޓު ގަތުމަކީ އޭނާގެ ނަޒަރުގައި ކުރެވޭ ބޭކާރު ހަރަދަކަށް ވީމަ އެވެ. އަގު ބޮޑުކޮށް ރީތި ޕޮޓެއް ގަތަސް، ގިނަ ޕްލާސްޓިކް ޕޮޓަކީ އަވީގައި ހުންނަން ޖެހުމުން ދުވަސްކޮޅަކުން މުރަނަވާނެ އެވެ. ދެން އަނެއްކާ ގަންނަން ޖެހޭނީ ޕޮޓެކެވެ. އެ ހަރަދަށް ނިމުމެއް ނާންނާނެ އެވެ.

އެހެންވެ ލޮކްޑައުން ތެރޭގައި އިންމަ އާއި އޭނާގެ ބޭބެ، ނަޝީދު ވިސްނީ، "ސްމާޓް" ހައްލެކެވެ. ވެމްކޯ އަށް އުކައިލާ ފަސް ލީޓަރުގެ ފެން ހުސްކުރި ފުޅި ހޯދައިގެން ގެނެސް، އެ ފުޅިތައް ވިރުވައިގެން ޕޮޓު ހަދައިގެން ކުޑަ އަގެއްގައި ޕޮޓުތައް ވިއްކަން ފެށީ އެވެ.

އިންމަ ފަސް ލިޓަރުގެ ފެން ފުޅިން ތައްޔާރުކުރި ޕޮޓެއްގައި ކަނޑޫ ގަސް ތަކެއް އިންދާފައި

ކޮންމެ ދުވަހަކު މާލެއިން އެކަނި، އެތައް ހާސް ޕްލާސްޓިކް ފުޅި ވެމްކޯ އަށް އުކާލާއިރު އޭގެ ތެރެއިން ވެސް އެންމެ ގިނަ ވާނީ ފެން ހުސްކުރި ފުޅި އެވެ. ފުޅީގައި ބަންދުކުރާ ފެން ބޭނުންކުރާ މީހުން ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ. ޕްލާސްޓިކާ ދެކޮޅަށް ކުރާ ކެމްޕޭނަކުން މި ފުޅިތައް ގޮނޑަށް އުކާލަންޖެހޭ އަދަދު މަދެއް ނުވެ އެވެ. މިއީ އެކަމަކު އެވާހަކަ އެއް ނޫނެވެ. އެހެން ފަހަރަކުން މި ވާހަކަ އަދި ދައްކާނީ އެވެ.

އެހެންވެ، "ޒީރޯ ޕްލާސްޓިކް" ކެމްޕޭނުން ޕްލާސްޓިކް ފުޅި މަދުވާ ތަން ނުފެނުނަސް، އިމްރާނާއި ނަޝީދު "އަގުހެޔޮ ޕޮޓު" އުފައްދަން ފެށި މަސައްކަތުން ކޮންމެވެސް ވަރެއްގެ ލުޔެއް މިކަމަށް ވެސް ލިބިއްޖެ އެވެ.

ޕްލާސްޓިކް ހުސްފުޅި ބޭނުންކޮށްގެން އިންމަ އާއި އޭނާގެ ބޭބެ ތައްޔާރުކުރާ ޕޮޓް
ޕްލާސްޓިކް ފުޅިން ހަދާފައިވާ ޕޮޓްތަކެއްގައި އެކި ކަހަލަ ގަސް ހައްދާފައި: އިމްރާން ބުނީ އޭނާގެ ޕޮޓް ތަކަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ އަތޮޅު ތެރޭގައި ކަމަށް

"ޕްލާސްޓިކް ފުޅިން ޕޮޓު ހެދީމަ މި ވާގޮތަކީ، އަވީގަ ހުއްޓަސް އަވަހަށް މުރަނަ އެއް ނުވާނެ. އެހެންވެ މި ހަދާ ގޮތަކީ، ޕޮޓެއްގެ ބައްޓަމަށް ތަތްގަނޑެއް ހަދާފަ، އެއަށް ފުޅި ފިޓް ކޮށްލާފަ ހޫނުކޮށްގެން ޑިކޮމްޕްރެސް ކުރަނީ. އޭރުން ޝޭޕަށް ރީރިކޮށް ޕޮޓެއް ނެގިފަ އިންނާނީ،" އިމްރާން ބުންޏެވެ.

View this post on Instagram

A post shared by Fulhibahthi (@fulhibahthi) on

އެ މީހުންގެ ޕޮޓުތައް ހުންނަނީ ޕްލެއިންކޮށެވެ. މާ ބޮޑު ޑެކަރޭޝަނެއް އެއަކު ނުހުރެ އެވެ. ހުރިހާ ސައިޒެއް ހަދަނީ އެއް ބައްޓަމަކަށެވެ. ބައެއް ޕޮޓުތައް ޕްލެއިންކޮށް ކުލަ ޖައްސާފައި ވެސް ހުރެ އެވެ.

"މީގެ ބޭނުމަކީ ވަރަށް ފެންސީ ޕޮޓު އުފެއްދުމެއް ނޫން. ހެޔޮ އަގުގައި ގިނަ ދުވަހު ހުންނަ ޕޮޓު ހަދަން ބޭނުންވީ. އެންމެ އަގު ބޮޑުކޮށް ވެސް 15 ރުފިޔާ އަށް ޕޮޓެއް މި ވިއްކަނީ،" ޕޮޓު ހެދުން ނޫނަސް، އެކި ކަހަލަ ކްރާފްޓް މަސައްކަތްކުރާ އިންމަ ބުންޏެވެ.

އިމްރާން ޕޮޓު ހެދުމުގެ މަސައްކަތުގައި: ޕޮޓު ހެދުމުގެ އިތުރަށް ތަރުކާރީ އާއި މޭވާ ކާވްކޮށްގެން ކްރާފްޓް މަސައްކަތްވެސް ކުރޭ

އިންމަގެ ޕޮޓު ތަކަށް ޑިމާންޑު އެބަ އޮތެވެ. އެންމެ ގިނަ އޯޑަރު ލިބެނީ ރަށްރަށުންނެވެ.

"މިހާރު ވެސް އެބަހުރި 80 ވަރަކަށް ޕޮޓު ތައްޔާރުކޮށްފައި. އެހެންވީމާ، ވަރަށް ގިނަ ގޮތް ގޮތުން ވަރަށް ރަނގަޅު ކަމެއް މި ފެށުނީ،" އެއާޕޯޓް އެމްއޭސީއެލްގައި ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ އިންމަ ބުންޏެވެ.

ތިމާވެށި

Popular