13 Jan 2021

By: Aminath Ibrahim

އެކުވެރި އަންހެންކުދިންގެ ތެރޭގައި ސިންގަލްކޮށް ތިބި ކުދިން ގިނަކަމުން ގުރޫޕު ތެރޭގައި ބައެއް ފަހަރު އެކަމާ ގުޅިގެން ޖަހާ ޖޯކުތަކުގައި "އަހަރެންމެންނަށް މިތިބީ މީހެއްގެ ބަދު ދުއާ ޖެހިފައޭ" ބުނެވޭ ފަހަރުތައް ވެސް ގިނަ އެވެ.

ސަބަބަކީ، ކިޔަވައިގެން ކިތަންމެ ގިނަ ކާމިޔާބީތަކެއް ހާސިލުކުރިޔަސް، އުމުރުން 30 އަހަރު ވާއިރު މީހަކާ އިނދެ ކުއްޖަކު ނުހޯދައި ނުވަތަ ސިންގަލް ކޮށް ނުވަތަ ވަރިވެފައި ތިބޭ އަންހެނުންނަކީ މިޒާޖުގައި ކޮންމެވެސް އުނިކަމެއް ނުވަތަ ނުރަނގަޅު އަހުލާގެއް ހުރި މީހެއްކަމަށް ގަބޫލުކުރާ މީހުން އަދިވެސް ގިނަވީމައެވެ.

ސަމާސާ އަކަށް ހަދައިގެން "ބަދު ދުއާ" އޭ ބުންޏަސް މީގެ ސީދާ މާނަ އަމާޒުވަނީ އަހަރެމެންގެ ތެރޭގައި ވަކި ހިއްޕާފައި އޮތް އެކަނިވެރި އަންހެނުންނާއި މައިން "ކުށްވެރިކުރާ" ސަގާފަތަށެވެ. މި ސަގާފަތުގެ ތެރޭގައި އެވެރިން ތިބެނީ ބޮޑު ސުވާލެއް ދިރުވާލައިގެން ބުނާނެ އެއްޗެއް ނޭނގި، އަނގަ ނަގައިގެންނެވެ. އެކަމަކު ވިސްނުމެއް ލަދެއް ނެތި ކޮންމެ މީހަކު ވެސް ހުހަށް ހުރި އަންހެނަކު ހަމަ ފެންނަ އިރަށް އަހާލާނެ އެވެ.

"އަދިވެސް މީހަކާ ނީނދެ ސިންގަލްކޮށް ތި ހުންނަނީ ކީއްވެގެންތަ؟"

މި ސުވާލެއް ކުރުމުން މީހަކު ދެރަވެ ނުވަތަ ހިތްހަމަ ނުޖެހިދާނެ ތިން ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ކަމަކަށް، ކަމާ ނުބެހޭ މީހަކު އެހެން އަހާނީ އަމިއްލަ މަގުސަދެއް އޮވެގެންނެވެ.

ދަންނަ މީހުން މި ސުވާލު ކުރާނީ ވާހަކަ ހޯދައިގެން އެ ކަމުގައި އެމީހުންގެ އަމިއްލަ ހިޔާލު ބިނާކުރާށެވެ. ފިރިހެނަކު މިހެން އަހާނީ އޭނާ އަށް "ފުރުސަތެއް" އޮތްތޯ ބަލާށެވެ. މަގުމަތިން ފެންނަ މީހުންނާއި އާންމުކޮށް ފެނި އުޅޭ މީހުންގެ ބޭނުމަކަށް ވާނީ މިޒާޖު ދެނެގަތުމެވެ. މޮޔައެއްތޯ، އެކަނިވެރިއެއްތޯ، ރުޅި ގަދަ، ނުލަފާ މިޒާޖެއްގެ މީހެއްތޯ ނުވަތަ ޒަމާނީ މިނިވަން ހިޔާލާތުގެ މީހެއްތޯ އެ މީހުން ނިންމާނީ ދޭ ޖަވާބުގެ ގޮތުންނެވެ.

ތެރަޕިސްޓުން ބުނާނީ "ހުރިހާ އެންމެންގެ މަގުސަދު ގޯސް ނުވާނެ" ކަމަށެވެ. އެކަމަކު ހަގީގަތަކީ މި ސުވާލެއް ކުރުމުން ގިނަ މީހުން ހިތްހަމަ ނުޖެހޭ ކަމެވެ.

ދަންނަ މީހެއް ގާތު އެއްޗެއް އެހުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެއްޗެއް އަހާއިރު އެ މީހަކަށް އެ ކުރާ ސުވާލަކުން ނުރަނގަޅު ޕްރެޝަރެއް އަންނަ ނަމަ އެކަން ހުއްޓާލަންޖެހޭނެ އެވެ. އެއީ ވާހަކަ ދައްކާއިރު އަނެކާގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުގެ ބައެއްވެސް މެ އެވެ.

މީހެއްގެ ހަޔާތުގައި ނެތް ބައިވެރިއެއްގެ ވާހަކައިން ސުވާލުކުރުމުގެ ބަދަލުގައި އެމީހެއްގެ ކުރިއެރުމާއި އުންމީދުތަކާއި ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކިއްޔާ ކީއްހެއްޔެވެ؟ އޭރުން އެކުވެރިކަން ވެސް ބަދަހި ވާނެ އެވެ. ކިތަންމެ ދުވަހެއް ފަހުން ވިޔަސް ދިމާ ވީތީ އުފާ ވާނެ އެވެ.

ޓީނޭޖް

Popular