17 Jan 2021

By: Ifraz Ali

ހެދިކާ ދޮލަނގު މިހާރު ވެފައި ވަނީ ރަން ކިއުމުގެ ހަފުލާތަކާއި އޮފީސްތަކުގައި ހަދާ ސަޔަށް ވެސް ވަރަށް މަގުބޫލު އެއްޗަކަށެވެ؛ މީގައި ހުންނަނީ ޓްރޭއެއްގައި އެކި ވައްތަރުގެ ހެދިކާ، ރީއްޗަށް އަތުރާލައިފަ އެވެ.

މާލޭގައި މީގެ ވިޔަފާރީކުރާކުރާ މީހުންގެ ތެރެއިން، ދެބެއިން ކަމަށްވާ އައިޝަތު ރީޝާ އާއި އޭނާގެ ދައްތަ ރުޝްދާ ރޯޒްލީ ވެސް މި ކަހަލަ ހެދިކާ ދޮލަނގެއް އެންމެ ފުރަތަމަ ތައްޔާރުކޮށްދިނީ އާއިލާގެ މީހެއްގެ ރަންކިއުމުގެ ހަފުލާއަކަށެވެ. އެ ދެބެއިން މިއަށް ދިން ހާއްސަ ނަމަކީ "ވެދުން" އެވެ. މިއީ މީހަކަށް ނުވަތަ ބަޔަކަށް ވެދުމަކަށް އެރުވިދާނެ އެއްޗެކެވެ.

ފުރުޓްސް ވެދުން.

ދަތުރުދާ މީހުނަށް ހާއްސަކޮށް "މަސްކާށި ވެދުން" އަދި "މޭވާ ވެދުން" ވެސް ހަދައިދެ އެވެ.

"ވަރަށް ފަހުން ފެމެލީ ކުއްޖެއްގެ ރަން ކިއުމަކަށް ހެދީ ހެދިކާ ޓްރޭއެއް. އޭގެ ފަހުން މާލޭގެ ބޮޑު އޮފީހަކުން އަޅުގަނޑުމެންނަށް ލިބުނީ އޮފާއެއް، ތައްޔާރުކޮށްދެވިދާނެތޯ،" ވިޔަފާރިއެއްގެ ގޮތުގައި މިކަން ފެށުނު ގޮތް ރީޝާ ކިޔައިދިނެވެ.

އައިޝަތު ރީޝާ އާއި ރުޝްދާ ރޯޒްލީ ހެދިކާ ވެދުން ތައްޔާރުކުރަނީ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް، އެކި ވައްތަރުގެ ލުއި ކާނާ ބޭނުންކޮށްގެން މިގޮތަށް ޓްރޭތައް ހަދައިގެން ވިއްކަ އެވެ. ހާއްސަކޮށް އަރަބި ގައުމުތަކުގަ އެވެ. ރީޝާ އާއި ރުޝްދާ ވެސް ހިޔާލަކަށް ބެލީ އެ އެއްޗެއްސަށެވެ.

View this post on Instagram

A post shared by vedhun (@vedhun_mv)

"ޕިންޓްރެސްޓުން ވަރަށް ގިނައިން ފެނޭ މިގޮތަށް ހަދައިފައި ހުންނަ އެއްޗެހި. އެ ބަލައިގެން މަސައްކަތް ފެށުނީ،" ރީޝާ ބުންޏެވެ.

"ވެދުން"ގެ ހެދިކާ ޓްރޭގައި 17 ވައްތަރެއްގެ ހެދިކާ ހުރެ އެވެ. އެއީ ޕެޓީސް، ރިހަފޮޅި، ހަނޑޫގުޅަ، އާދައިގެ ގުޅަ، މަސްރޮށި، ޕިއްޒާ، ފުއްޖެހި ކަވާބު، ކުޅި ބޯކިބާ، ފޮނި ބޯކިބާގެ ދެ ވައްތަރެއް، ހަލުވާ، ޒިލޭބީ އަދި ކަޓްލަސް ކަހަލަ ހެދިކާ އެވެ. އަދި މީގެ ތެރެއިން މީހުންގެ މެދުގައި އެންމެ މަގުބޫލުވެފައި ވަނީ ބަޖިޔަލާއި ހަނޑޫގުޅަ އާއި ޒިލޭބީ އެވެ.

View this post on Instagram

A post shared by vedhun (@vedhun_mv)

ހެދިކާ "ވެދުން" ގެ ބޮޑު ޕެކޭޖަކާއި ކުޑަ ޕެކޭޖެއް ވިއްކަ އެވެ. ޖެނުއަރީއަށް ހާއްސަކޮށް މި ޕެކޭޖުތަކުގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެއީ ކުރިން 2،000ރ. ވިއްކި ބޮޑު ޕެކޭޖެއް 1975ރ. އަށެވެ. އަދި މިއާއެކު 1.5 ލީޓަރުގެ ސަރުބަތު ފުޅިއެއް ވެސް ލިބެ އެވެ. ބޮޑު ޕެކޭޖަކުން 25 މީހުނަށް ފުދޭވަރު ވާނެ އެވެ.

ކުޑަ ޕެކޭޖުގެ އަގަކީ 1،250ރ. އެވެ. މި ޕެކޭޖުން 15 ވަރަކަށް މީހުނަށް ކެވޭނެ އެވެ.

މަސްކާށި ވެދުން.

"އެކަކު އެކަންޏަކަށް އަސްލު މިކަމެއް ނުވެވޭ. ދައްތަ ކޭކު އޯޑާ ވެސް ނަގާތީ، އެކަމަށް ވެސް ބަލައިފައި އޯޑަރު ނަގަނީ،" ބޮޑަށް އިސްކަންދެނީ ހަފުތާ ބަންދުގައި އޯޑަރުތައް ނެގުމަށް ކަމަށް ރީޝާ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި މަސް ދަތުރުތަކަށާއި އުފަންދުވަހުގެ ޕާޓީތަކަށާއި ބްރައިޑަލް ޝަވާސްތަކަށް ހާއްސަ ޕެކޭޖުތައް ވެސް ހަދަން އެ މީހުން އަންނަނީ ވިސްނަމުންނެވެ.

View this post on Instagram

A post shared by vedhun (@vedhun_mv)

"އެހެން ބަޔަކު ވެސް 'ވެދުން' ހަދަން ފަށައިފިއްޔާ އަހަރެމެން ވެސް ވަރަށް އުފާވާނެ. އެއީ ހޯމް ބޭކާސް ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރާ ކޮންމެ ބަޔަކަށް ވެސް މިއީ ހަމަ ކުރަން ވަރަށް ރަނގަޅު މަސައްކަތަކަށް ވާތީ،" ރީޝާ ބުންޏެވެ.

ކައިވެނި ހަފްލާ ހެދިކާ

Popular