17 Jan 2021

By: Aminath Ibrahim

ތުއްތު ދަރިފުޅަށް ދެވަނަ ބަހެއް ދަސްކޮށްދޭން ވަކި ހާއްސަ ރަނގަޅު ވަގުތެއް ނޯންނާނެ އެވެ. ރަނގަޅު ވަގުތު ކަނޑައަޅާނީ މައިންބަފައިންނެވެ. އެކަމަކު ދެ ބަހަކުން ވާހަކަ ދައްކަން ދަސްކޮށްދޭ ނަމަ އެންމެ ރަނގަޅީ ވީހާ ވެސް އަވަހަކަށް ކުއްޖާއަށް ދެ ވަނަ ބަސް ވެސް ތައާރަފްކުރުމެވެ.

އެކަމަކު މީގެ މާނަ އަކީ ޓީވީ ނުވަތަ ޓެބްލެޓުން ފެންނަ ކާޓޫނު މެދުވެރިކޮށް އިނގިރޭސި ބަސް ދަރިފުޅަށް ތައާރަފްކުރުން ކަމަށްވާ ނަމަ، ތިޔަ ވިސްނުނު ގޮތް އަދި ކަމަކުނުދެ އެވެ. އެކަމަކު، ކުއްޖާގެ އުމުރުން ހަތް އަހަރު ވުމުގެ ކުރިން އެ ކުދިންގެ ސިކުނޑި ފުދޭވަރަކަށް ބޮޑަށް ހުޅުވިފައި ފްލެކްސިބަލް ވާނެ އެވެ. އެހެންވެ، ދަސްކުރުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެ އެވެ. އާ ކަންކަން ފަސޭހައިން ދަސްކޮށް އަމިއްލަކުރުމުގެ ބާރު ސިކުނޑީގައި ހުރެ އެވެ.

އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވައި، ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ލީލާ އަހުމަދުގެ ނަޒަރުގައި، މައިންބަފައިން ތައްޔާރު ނަމަ، ތުއްތު ދަރިފުޅަށް އެއްފަހަރާ ދެ ބަސް ދަސްކޮށްދެވިދާނެ އެވެ. އެކަމަކު މީގައި ފަރުވާތެރިވާންވީ ގިނަ ކަންތައްތަކެއް ހުރެ އެވެ. މިސާލަކަށް، އެއް ވަގުތެއްގައި ދެ ބަސް އެއްކޮށްގެން ވާހަކަ ނުދެއްކުމަށް ކޮންމެހެން ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެއް ބަހަށް ވުރެ ގިނަ ބަސް ތައާރަފްކުރުމަކީ މައްސަލައެއް ނޫން. މައްސަލަ އަކީ މިކްސް ކޮށްގެން ދަސްކޮށްދިނުން. މިސާލަކަށް، ކުއްޖާއަށް އިނގިރޭސި ބަސް ތައާރަފް ކުރަނީ. އެހެން ވެއްޖިއްޔާ އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހާ އަބަދުވެސް ވާހަކަ ދައްކަން ވާނީ އިނގިރޭސި ބަހުން. އެއަށް އެހެން ބަހެއް އެއްކޮށްގެނެއް ނުވާނެ. އޭރުން ކުއްޖާއަށް އެނގޭނެ އެ ބަހުން ވާހަކަ ދައްކާ މީހަކު އައިމަ އެ މީހަކާ އެ ބަހަކުން ވާހަކަ ދައްކަން،" ލީލާ ވިދާޅުވި އެވެ.

ތުއްތު ކުއްޖަކަށް ބަސް ދަސްކޮށްދޭ ދެ ގޮތެއް އޮވެ އެވެ. ފުރަތަމަ ގޮތަކީ ވަކި ބަހަކުން އާންމުކޮށް ވާހަކަ ދެއްކުމެވެ. ދެން ކުރާ ކަމަކީ އެ ބަހަކުން ފޮތް ކިޔައިދީ ތަސްވީރު ބުނެދިނުމެވެ. ވާހަކަ ދައްކައި، ކިޔައިދީ ހަދާ އެއްޗެހިން ކުދިންގެ ބަސްކޮށާރު މުއްސަނދިވާނެ އެވެ. އެހެންވީމާ ފުރަތަމަ އެކަން ކުރަން ފަށައިގަންނައިރު ވަކި ބަހެއް ހިޔާރުކުރުން މުހިއްމެވެ.

ލީލާގެ ނަޒަރުގައި ފަށައިގަންނަން އެންމެ ރަނގަޅީ މާދަރީ ބަހުންނެވެ. މަންމަ އާއި ބައްޕަ އާންމުކޮށް ވާހަކަ ދައްކައި އުޅޭ ބަހަކުން ފަށައިގަތުމުން، ކިތަންމެ ކުޑަޔަސް، އޭގެ ހަމަތަކާއި ބަސް ގެންގުޅޭ ގޮތް ކުއްޖާއަށް ދަސްވާނެ ކަމަށް ވިދާޅުވި އެވެ. ބަހާ މެދު މިފަދަ ވިސްނުމެއް އުފެދުމުން ދެވަނަ ބަހެއް ތައާރަފްކުރުމުން އެ ބަސް، ސިކުނޑިއަށް ނަގައިގަނެ ދަސްކުރަން ކުދިންނަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު ދެ ބަސް ދަސްކޮށްދޭއިރު ޕެރެލަލް [ހަމަހަމަ] އުސޫލަކަށް އަމަލުކުރުން މުހިއްމު. މިސާލަކަށް، އިނގިރޭސި ބަހުން ވާހަކަދައްކާ މީހާ ނޫން އެހެން މީހުން ތިބޭ ތަންތާނގައި، ނުވަތަ އާއިލާ އެންމެން އެއްތަންވާ ވަގުތަކީ ހަމައެކަނި ދިވެހި ބަހުން ވާހަކަ ދައްކާ ވަގުތަކަށް ހެދިދާނެ،" ލީލާ ވިދާޅުވި އެވެ.

މިހެން ހެދުމުން ކުއްޖާ އަށް ދެ ބަސް އެކު އެކީގައި، އެކަމަކު ދެ ވަގުތެއްގައި ދަސްކުރެވޭނެ އެވެ.

އިނގިރޭސި، ދިވެހި ދަސްކޮށްދޭ އިރު ހެދޭ ގޯސްތައް

"ތުއްތު ކުދިންނާ ވާހަކަ ދައްކާއިރު ވަރަށް ގިނައިން އިވޭ އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކޮށްގެން ވާހަކަ ދައްކާ އަޑު. މިސާލަކަށް 'ދަރިފުޅާ ސިޓް'، މިކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން ކުއްޖާއަށް ދެ ބަސް އޮޅި، އޮޅުން އަރާގޮތް ވާނެ،" ލީލާ ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން، ކުއްޖާ އަމިއްލަ އަށް ވާހަކަ ދައްކާ އިރު، ދައްކަންވީ ބަސް ނުވަތަ ބޭނުންކުރަންވީ ލަފުޒު ނޭނގި އާ ގަންނަން ފަށާ ކަމަށް ލީލާ ވިދާޅުވި އެވެ. މިކަމުގެ އަސަރުތައް ބޮޑުވުމުން ދެމިހުންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބަސް ދަސްކޮށްދިނުމަކީ ޓޫ-ވޭ-ޕްރޮސެސް އެކެވެ. މުއާމަލާތްކުރުން މުހިއްމު ވަނީ މިހެންވެގެންނެވެ. ތުއްތު އިރު ޓީވީ ދެއްކުން ގޯސްވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީ އެވެ.

"މިސާލަކަށް އިނގިރޭސި ކާޓޫނު ބަލާ ކުއްޖާ، ކާޓޫނުން ލަފްޒުތައް ދަސްވެގެން އަންނައިރު މަސައްކަތް ކުރާނެ އެ ބަސް ކިޔަން، ބޭނުންކުރަން. އެކަމަކު އޭނައަށް ނުބައިކޮށް އެ ނެގުނީމާ، ސްކްރީނުން އޭތި ރަނގަޅެއް ނުކޮށްދޭނެ. އެކަމަކު މީހަކާއެއްކޮށް ވާހަކަ ދައްކާ ނަމަ ނުބައިކޮށް ކިޔުނީމަ އެ މީހަކު އެ ރަނގަޅު ކޮށްދޭނެ. އެހެންވީމާ ޓޫވޭ ޕްރޮސެސްއަކަށް މި ވަނީ،" ލީލާ ވިދާޅުވި އެވެ.

ލީލާ ވިދާޅުވީ، މައްސަލަ ޖެހެނީ ވަން ވޭ ޕްރޮސެސްއެއްގެ ތެރެއިން މިހާރުގެ ކުދިންނަށް ބަސް ދަސްކޮށްދެވޭތީ ކަމަށެވެ. ކުދިންގެ އުމުރާ ނުގުޅޭ ބަސް ބަސް ދަސްވެ މިންގަނޑުން ކަޓައިގެން ދާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުން، ކުޑަކުދިންނަށް ދޭ ސްކްރީން ވަގުތަކީ، ކޮމްޕިއުޓާ، ފޯނު، ޓީވީ، މި ހުރިހާ އެއްޗެއް އެއްކޮށްގެން އުމުރުފުރާ ތަކަށް ވަކި ވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. މިސާލަކަށް ކުއްޖާގެ އުމުރުން 7-8 އަހަރު ވަންދެން ދުވާލަކު ދެ ގަޑި އިރަށްވުރެ ގިނަ އިރު ސްކްރީން ވަގުތު ނުދޭން ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.

"ސްކްރީނުން މި ދަސްކުރާ ދަސްކުރުމަށް މި ކިޔަނީ ޕެސިވް ލާނިން. މިގޮތަށް ވީމަ މި ވާގޮތަކީ ނުބައިކޮށް ކުއްޖާއަށް އެއްޗެއް އެނގުމުން ރަނގަޅު ކޮށްދޭ މީހަކު ނުހުރޭ. ކުދިން ރަނގަޅަށް ތަރުބިއްޔަތު ވާނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް، ވިސްނޭ ބަހަކުން ކުއްޖާއަށް ކަންކަން އޮޅުންފިލުވައި ދެވުމުން. އެކަން ނުވެ، ކޮމްޕިއުޓަރަކާ ހަވާލު ކުރެވުނީމަ ދެން އަޅުގަނޑުމެންނަކަށް ރަނގަޅު ބަސްމަގެއް ނުވަތަ ބަސްކޮށާރެއް ކުއްޖާއަށް ބިނާއެއް ނުކޮށްދެވޭނެ." ލީލާ ވިދާޅުވި އެވެ.

ކުޑަކުދިން ތައުލީމް ދަރިން ތަރުބިއްޔަތުކުރުން ދިވެހި ބަސް ބަސް

Popular