14 Apr 2021

ފޮޓޯ ސްޓޯރީ: އެއްމާބަނޑު ދެބެއިންނާ އެކު އިހުގެ ރޯދައިގެ ތެރެއަށް

މި ދެބެއިން ބޭނުންވީ މި ޖީލަށް ނުފެނި، މާޒީގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ ބައެއް ސަގާފީ ކަންކަން އަލުން ދައްކާލަން

މި ދެބެއިން ބޭނުންވީ މި ޖީލަށް ނުފެނި، މާޒީގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ ބައެއް ސަގާފީ ކަންކަން އަލުން ދައްކާލަން

By: Ifraz Ali

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތްކުރާ "ވަން ސައިޓް" ދެ ފޮޓޯގްރާފަރުން އަދި އެއްމާބަނޑު ދެބެއިން ކަމަށްވާ އަހްމަދު މިރާޝް ނާޝިމް އާއި މުހައްމަދު މިރާން ނާޝިމް ބޭނުންވީ މި ރޯދަ މަހު އިހުގެ ހަނދާންތަކެއް އަލުން އާކުރާށެވެ. މިއީ ރޯދަ މަހަށް ހަނދު ފެނުމުން، މުލަ ރޯދަ ވިލޭރޭ ދިވެހިން ކުރިން ކޮށް އުޅުނު ބައެއް ކަންކަން ހިމަނައިގެން، ފޮޓޯ ސްޓޯރީއެއްގެ ގޮތުގައި ގެނެސްދިނުމަށް މި ދެބެއިން ކުރި ވަރަށް ބުރަ މަސައްކަތެކެވެ.

އެދެބެއިން ބޭނުންވީ މި ޖީލަށް ނުފެނި، މާޒީގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ ބައެއް ސަގާފީ ކަންކަން މެނިޕިއުލޭޝަންސްގެ އެހީގައި ގެނެސްދޭށެވެ.

"ވަން ސައިޓް" ދެ ފޮޓޯގްރާފަރުން އަދި އެއްމާބަނޑު ދެބެއިން ކަމަށްވާ އަހްމަދު މިރާޝް ނާޝިމް އާއި މުހައްމަދު މިރާން ނާޝިމް.--

"އެހެންވެ މަންމަ ގާތުގައި އެހީ މި ކަންކަން ކުރިން ހިނގަމުން އައި ގޮތް. އެއީ ކުރިން މި ކަންކަން ހިނގަމުން އައި ގޮތް ނޭނގޭތީ. މަންމަ ވަރަށް ހެވިފައި ހުރެ ކިޔައިދިނީ. އޭރުގައި އަސްލު މި ކަހަލަ ކަންކަމަށް އޮތް ޖޯޝު ބޮޑު،" ފޮޓޯ ސްޓޯރީއަށް ހިޔާލު އެއްކުރި ގޮތް މިރާޝް ކިޔައިދިނެވެ.

"ތުރީޑީ އެންވަޔަރަމަންޓްސްއާ އެކީ ފޮޓޯޝޮޕް ކޮމްޕޯޒިން ބޭނުންކޮށްގެން ފޮޓޯތައް ހަދައިފައި ހުންނާނީ،" އޭނާ ބުންޏެވެ.

ފޮޓޯތަކުގައި މޮޑެލުންގެ ގޮތުގައި ފެންނަނީ ދެބެއިންގެ ރައްޓެހިންނާއި އާއިލާގެ ބައެއް މީހުންނެވެ. މި ހުރިހާ ފޮޓޯއެއް ނަގައިފައި ވަނީ ގދ.މަޑަވެއްޔާއި ހަމަ އެ ރަށާ ގުޅާލާފައި އޮންނަ ހޯޑެއްދޫގަ އެވެ.

ރަމަޟާން މަހުގެ ހަނދު ފެނުމުން ސަންގު ފުންމުން

ފޮޓޯ: ވަން ސައިޓް

٠ ٨ ٣ ١ ގެ އަހަރުތަކަށް ޖެހިލާއިރު ރަމަޟާން މަހުގެ ހަނދު ބެލުމަކީ ވެސް ތަފާތުކޮށް ކުރަމުން އައި ކަމެކެވެ. އެގޮތުން ހަނދު ފެނުމުން ސަންގު ފުމުން އޮވެ އެވެ.

"މަންމާ.. އެ އިވެނީ ސަންގު ފުމޭ އަޑު"

ފޮޓޯ: ވަން ސައިޓް

ހަނދު ފެނުމުން ފުމޭ ސަންގުގެ އަޑު ގޭގައި ތިބޭ ޅަދަރިންތައް އިވުނު ކަމަށް މައިންބަފައިން ގާތުގައި ބުނަމުން ދިޔަ އެވެ.

ސަންގުގެ އަޑަށް އަވަށު ރައްޔިތުން އެއްވުން

ފޮޓޯ: ވަން ސައިޓް

ސަންގުގެ އަޑަށް، އަވަށުތެރޭގައި ތިބި ކުދިބޮޑު އެންމެން އެއްތަނަކަށް ޖަމާވަމުން ދިޔަ އެވެ. އަދި ހަނދު ފެނުނުކަން ޖެހިގެން އޮތް ރަށުގައި ތިބި މީހުންނަށް އެންގުމަށް އަލިފާންގަނޑު ރޯކުރުމަށް ތައްޔާރުވެ އެވެ.

ކުޑަކުދިން "ރޯދަ ހުޅު" ބަލަން ދާ ހިތުން އުފަލުން

ފޮޓޯ: ވަން ސައިޓް

ޖޯޝުގައި އެންމެން އެއްވުން

ފޮޓޯ: ވަން ސައިޓް

ޒަމާނުއްސުރެ އޮންނަ ދިވެހިންގެ ރީތި ލާމަސީލު އެއްބައިވަންތަކަން ކޮންމެ ކަމަކުން ވެސް ފެންނަމުން ދެ އެވެ. ދިވެހިވަންތަ ކެއުންތައް ތައްޔާރުކޮށް ރަށުގެ އެންމެން އަލިފާންގަނޑުގެ މައިޒާނަށް އެއްވަމުން ދެ އެވެ.

ހުުޅުގަނޑު ރޯކުރުމަށް ތައްޔާރުކޮށްފައި

ފޮޓޯ: ވަން ސައިޓް

ހުޅުގަނޑު ރޯކުރަން ދިއުން

ފޮޓޯ: ވަން ސައިޓް

ހަނދު ފެނުނުކަން ޖެހިގެން ހުރި ރަށްރަށަށް އެންގުން

ފޮޓޯ: ވަން ސައިޓް

ރޯދަ، އީދަށް ހަނދު ފެނުމުން ހުޅު ޖެހުމަކީ އިހުޒަމާނުގައި ކާބަފައިން މުއާސަލާތީ ވަސީލަތެއްގެ ގޮތުގައި ކުރަމުން އައި ކަމެކެވެ. އެގޮތުން ހަނދު ފެނުންކަން ކަށަވަރުކޮށް ދިނުމަށް އެއް ރަށުން އަނެއް ރަށަށް އަންގަނީ މިހެންވެ.

"އޭ ބަލަ އެޔޮއް ރޯކުރީ އަލިފާންގަނޑު"

ފޮޓޯ: ވަން ސައިޓް

އަލިފާންގަނޑުގެ ހިތްގައިމު އަލިކަން

ފޮޓޯ: ވަން ސައިޓް

ކުއްލިޔަކަށް ފެނިގެން ދިޔައީ ޖެހިގެން އޮތް ރަށުގެ އަތިރިމަތީގައި ރޯކުރި ހުޅުގަނޑެވެ. އެ ހިތްގައިމު އަލީގައި ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ އެތައް ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަ މަންޒަރަކީ ވަރަށް ވެސް ހިތްގައިމު މަންޒަރެކެވެ.

٢ ٤ ٤ ١ | ރަމަޟާން މުބާރަކް

"މި މަސައްކަތުގައި އެހީވި އެންމެނަށް ޝުކުރިއްޔާ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިންގެ ޒަމާންވީ ސަގާފަތް ދައްކުވައިދޭ ގިނަ ސްޓޯރީތަކެއް ފެންނާނެ،" މިރާޝް ބުންޏެވެ.

ސަގާފަތް އާދަކާދަ

Popular