31 Jul 2021

By: Ahmed Jaishan

ކޮވިޑް ތެރޭގައި ގިނަ ބަޔަކު ގެއަށް އާ މެމްބަރެއްގެ ގޮތުގައި ބުޅާ ގެނަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ބުޅާ ގެންގުޅެން ފެށި މީހުން ވެސް މަދެއް ނޫނެވެ. ބުޅަލެއް ގެނެސް ބަލަން ފަށާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ބައެއް ކަންތައް އެބަހުއްޓެވެ.

މީހުން ބުޅޭ ގެންގުޅޭތަން ފެންނާތީ އެކަން ކުރުމުގެ ބަދަލުގައި މިކަން ކުރަންވާނީ ޒިންމާ ނަގަން ކެރިގެން ކޮމިޓްމަންޓެއްގެ ގޮތުގަ އެވެ. މި ކިޔައިދެނީ ބުޅަލެއް ގެންގުޅޭ ނަމަ ކޮށްގެން ނުވާނެ މުހިންމު ބައެއް ކަންކަމާއި ކުރަންވީ ބައެއް ކަންކަމެވެ.

"ޑީ-ކްލޯ" ނުކުރާތި!

.

މިއީ ބުޅާ ގެންގުޅޭ ބައެއް މީހުން ކުރާ ކަމެވެ. ބުޅާ ގެންގުޅޭއިރު ގައިގައި ވަކި އެޅިދާނެތި ބައެއް މީހުން ބުޅާތައް ޑީ-ކްލޯ ކޮށް ހަދަ އެވެ. ޑީ-ކްލޯ ކުރުން ނުވަތަ ވަކިތައް ބުޑުން ކަނޑާލުން މިއީ ބުޅަލަން ވަރަށް އަނިޔާވާ ކަމެކެވެ. މިއީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މަނާ ވެސް ކަމެކެވެ. ޑީ-ކްލޯ ކުރުމަކީ އިންސާނެއްގެ ކޮންޓެކްސްޓެއްގައި ބަލާއިރު އިނގިލީގެ ހުޅަކުން ބުރިކޮލުން ފަދަ ކަމެކެވެ. ޑީކްލޯ ކުރުމާއި ނިޔަފަތި ކެނޑުމާ މިއީ ވަރަށް ތަފާތު ކަމެކެވެ. ޑީކްލޯ ކުރުމުގެ ބަދަލުގައި ނިޔަފަތި ކަނޑާލުމުން ރަނގަޅުވާނެ އެވެ. ނިޔަފަތި ކަނޑާނީ ވެސް ވަކީގެ ކޮޅުގެ ކުޑަ ތަންކޮޅެކެވެ. ގޭގައި ސްކްރެޗިން ޕޯސްޓެއް ގެންގުޅޭނަމަ ނިޔަފަތި ކަނޑަން ޖެހޭ މިންވަރު ވެސް ކުޑަ ވާނެ އެވެ.

ނިއުޓާ އަދި ސްޕޭކުރަން ޖެހޭނެ!

.

ބުޅާ ނިއުޓާ ކުރުމާއި ސްޕޭކުރުމަކީ ބުޅާ ގެންގުޅޭ މީހުންގެ ޒިންމާއެކެވެ. ފިރިހެން ބުޅާ ނިއުޓާކޮށް އަންހެން ބުޅާ ސްޕޭކުރުމަކީ ކުދި ބުޅާތަކުގެ އާބާދީ މަދުކުރުމަށް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި އޭގެ އިތުރުން ނިއުޓާ ކުރުމުގެ ސަބަބުން ފިރިހެން ބުޅާތަކުގެ އެގްރެސިވް އާދަތައް މަދުވާނެ އެވެ. އަންހެން ބުޅާތައް ސްޕޭކުރުމުން އެ ބުޅާތައް އަބަދު ގޮވާ ގޮވުމާއި ރުއިން މައިތިރިވާނެ އެވެ.

ބޮޑު ކޮމިޓްމެންޓެއްކަން ހަނދާން ކުރާތި!

.

ބުޅަލެއް ހޯދުމަކީ އަލަށް ޖީންސް އެއް ނުވަތަ ޓީޝާޓެއް ގަތުން ކަހަލަ ކަމެއް ނޫނެވެ. މިއީ ބޮޑު ކޮމިޓްމަންޓެކެވެ. އެހެންވީމާ އެ ބުޅަލަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ ބުޅަލުގެ ބެލެނިވެރިޔާގެ ޒިންމާއެކެވެ. އެ ބުޅަލަށް ބޭނުންވާ ކާއެއްޗިއްސާއި ދޭން ޖެހޭ ވެކްސީން އަދި އެ ނޫން ވެސް ބޭނުންތައް ފުރިހަމަ ކޮށްދިނުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ.

ބުޅަލެއް ބަލަން ގެއަށް ގެންނައިރު އެޔަށް ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެވޭނެ މާލީ ގާބިލުކަން ހުރުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ބުޅާ ދުޅަހެޔޮކަމާއި އުފަލާ އެކު އުޅުމަށްޓަކައި އެއަށް ހަރަދުތަކެއް ކުރަން ޖެހޭނެތީ އެވެ. އަދި އެ ހަރަދުތަކަކީ އަބަދު ވެސް ކުރަން ޖެހޭނެ ހަރަދުތަކަކަށް ވާތީ އެކަމަށް ބޮޑު ސަމާލުކަން ދޭން ޖެހޭނެ އެވެ.

ޕެޓް

Popular