22 Aug 2021

By: Ahmed Jaishan

ތަފާތު ކެއުންތަކަށް އާ ޓްވިސްޓެއް ގެނެސްގެން އެ އުފެއްދުމަކީ ފާތިމަތު އާސިލާ މުހައްމަދު އެންމެ ލޯބިކުރާ އެއް ކަންތަކެވެ. މިއީ އެލީ އެވެ. އޭނާގެ ބަދިގެއިން އުފެދިގެން އައީ ދިވެހިން އެންމެ ލޯބިކުރާ ފޮނިކާތަކެތީގެ ތެރޭގައި ހިމެނޭ އައްޑޫ ބޮނޑީގެ ތަފާތު އެއްޗެކެވެ. އެއީ އައްޑޫ ބޮނޑި ކޭކެވެ.

އުމުރުން 29 އަހަރުގެ އެލީ އަކީ އެންމެ ކުރިން ވެސް ކެއްކުމަށް ވަރަށް ލޯބިކުރާ ޒުވާނެކެވެ. އެގޮތުން ތަފާތު އެކި ކަހަލަ އެއްޗެހި ކެއްކުމަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް ކުރާ ހިތްވާ ކަމެއް ކަމަށް އެލީ ބުންޏެވެ.

"ވަރަށް ކުރިން ވެސް ކައްކާ ހެދުމަށް ވަރަށް ލޯބިކުރަން. އަދި އެހެންވެ އެކި އެއްޗެހި ބަލާ ހަދައިގެން އަމިއްލަ އަށް އެކި އެއްޗެހި ކައްކަން ދަސްކޮށްފައި ހުންނާނީ ވެސް،" އެލީ ބުންޏެވެ.

ކެއްކުމަށް ލޯބި ހުރި ނަމަވެސް އެއީ ޕްރޮފެޝަނެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ދާއިރާއެއް ކަމެއް އެލީއަކަށް ކުރިންނެއް ނޭނގެ އެވެ. އެކަމަކު ކައްކައިގެން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ކަން އެނގެނު ހިސާބުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އޭނާ ގޭގައި ކައްކައިގެން އެ އެއްޗެހި ވިއްކަން ފެށީ އެވެ.

އޭގެ ފަހުން އެލީ މިހާރު ވަނީ ކަލިނަރީ އާޓްސް ވެސް ކިޔަވައިފަ އެވެ.

އެލީގެ ބަދިގެއިން ތަފާތު މީރު ކެއުންތައް ހަދައިގެން ވިއްކާއިރު އޭނާއަށް އެންމެ ކަމުދަނީ ކުޅި އެއްޗެހި ނަމަވެސް އެލީ ބުނި ގޮތުގައި އައްޑޫ ބޮނޑި ކޭކަކީ އޭނާގެ އުފެއްދުންތަކުގެ ތެރެއިން ގިނަ މީހުންނަށް އެންމެ މީރު އެކައްޗެވެ.

އައްޑޫ ބޮނޑި ކޭކުގެ ވާހަކަ

އައްޑޫ ބޮނޑިއަކީ ވަރަށް ގިނަ ދިވެހިންނަށް ވެސް ކަމުދާ އެއްޗެކެވެ. އައްޑޫ ބޮނޑި ކޭކަކަށް ބަދަލުކުރުމުގެ ހިޔާލު އެލީއަށް ލިބުނީ ތަފާތު އެއްޗެއް ހެދުމަށް ވިސްނަން އުޅުމުގެ ތެރޭގަ އެވެ.

"ދިވެހި އެއްޗެއް އަލުން ތަފާތުކޮށްލާނެ ގޮތަކާ މެދު ވިސްނަނިކޮށް ލިބުނު އައިޑިއާއެއް މިއީ،" އެލީ ކިޔައިދިނެވެ.

އެލީ ބުނި ގޮތުގައި އައްޑޫ ބޮނޑި ބޭނުންކޮށްގެން އެ ރަހަ ކޭކަށް ބަދަލުކުރުމަށް ވަރަށް ގިނަ އެކްޕެރިމެންޓް ހަދަން ޖެހުނެވެ. އަދި ރަހަތައް އެކި ފަހަރު އެކްސްޕެރިމެންޓް ކުރުމަށް ފަހު އެންމެ ރަނގަޅު އަދަދުތައް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ކޭކަށް ބޭނުންވާ ބޮނޑި ގެންނަނީ ސީދާ އައްޑޫގައި ބޮނޑި ހަދާ މީހެއްގެ ފަރާތުން. އަދި ވީހާ ވެސް ފްރެޝްކޮށް ބަހައްޓަން ވަގުތުން ބޮނޑި ގެންނަން އަބަދު ވެސް އިސްކަން ދެން،" އެލީ ބުންޏެވެ.

އެލީ ބުނި ގޮތުގައި އައްޑޫ ބޮނޑި ކޭކެއް ބޭނުން ނަމަ ކުރިން އޯޑަރު ދޭން ޖެހޭނެ އެވެ. އައްޑޫން ބޮނޑި ގެންނަނީ އޯޑަރު ލިބުމުންނެވެ. އައްޑޫ ބޮނޑީގެ ރަހަ ނުގެއްލޭ ގޮތަށް ކޭކު ހަދަން، ބޮނޑީގައި ބޭނުންކުރާ ބައެއް ތަކެތި ކަމަށްވާ ދިޔާ ހަކުރު ކޭކުގައި ވެސް އެލީ ބޭނުންކުރެ އެވެ.

ނަމަވެސް އެލީގެ ބަދިގެއިން ހަދަނީ ހަމައެކަނި އައްޑޫ ބޮނޑި ކޭކެއް ނޫނެވެ. އައްޑޫ ބޮނޑި ކޭކުގެ އިތުރުން ވެސް އެލީގެ ވަރަށް މަގުބޫލު ޑިޝް އެބައޮތެވެ. އެއީ ތައިލެންޑުގެ ފޮނި ކެއުމެއް ކަމަށްވާ މެންގޯ ސްޓިކީ ރައިސް އެވެ. ގްލުޓިނަސް ހަނޑޫ ބޭނުންކޮށްގެން ހަދާފައިވާ ބޮނޑިބަތް ފަދަ މި ކެއުމަށް އެލީ ވަނީ ކުޑަ ބަދަލެއް ގެނެސްފަ އެވެ.

އެލީގެ ޑިޝްގައި އަނބުގެ އިތުރުން ދެން ހުންނާނީ ސާގެވެ. މި ޑިޝް އަކީ ވެސް ދިވެހީންގެ ތެރޭގައި މަގުބޫލު ޑިޝް އެއް ކަމަށް އެލީ ބުންޏެވެ.

ފޮނި އެއްޗެހީގެ އިތުރުން ވެސް އެލީގެ ބަދިގެއިން، ދިވެހިން އާންމުކޮށް ކައި އުޅޭ އެއްޗެހި ލިބޭނެ އެވެ. އޭގެތެރޭގައި ތަފާތު އެކި ވައްތަރުގެ ކުޅި އެއްޗެހި ހިމެނެ އެވެ.

އެންމެ ބޮޑު އުނދަގުލަކީ އިންގްރީޑިއަންޓްސް

ތަފާތު އެކި ޒާތުގެ އެއްޗެހި ކައްކާ އިރު އެކި ބާވަތުގެ އިންގްރީޑިއަންޓްސް ވެސް އެއަށް ބޭނުންވާނެ އެވެ. ނަމަވެސް ގިނަ ފަހަރަށް ބޭނުންވާ އެއްޗެހި ނުލިބޭ ކަމަށް އެލީ ބުންޏެވެ.

"އެއްބައި ފަހަރަށް، ބޭނުންވާ އެއްޗެއް ނުލިބިދާނެ އެއްގޮތަކަށް ވެސް ގަންނަން. ދެން ތިން ވަރަކަށް މަސް ފަހުން އެ ހުރެދާނެ އަލުން އައިސް، އެކަމު އޭގެ އަގު ހުރެދާނެ ތިން ގުނަ އަށް އިތުރު ކޮށްލާފައި،" އެލީ ބުންޏެވެ.

އިންގްރީޑިއަންޓްސްގެ ދަތިކަމާ ހެދި މަސައްކަތަށް އުނދަގޫ ވިޔަސް މިއީ އޭނާ ކުރިއަށް ދާން ބޭނުންވާ ދާއިރާއަކަށް ވާތީ އެ ގޮންޖެހުންތަކާ އެކު ވެސް އެ މަސައްކަތްކުރަން އެލީ ހުރީ ތައްޔާރަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަކީ ވެސް އެލީގެ ބޮޑު އުންމީދެކެވެ.

އައްޑޫ

Popular