29 Aug 2021

By: Ahmed Jaishan

އައިމިނަތު ދީމާ ގޭގައި ކެއްކި އެއްޗެއްގެ ފޮޓޯ ނަގާފައި ސޯޝަލް މީޑިއާ އަށް ލީ މާ ބޮޑު ވިސްނުމެއް ނެތި އެވެ. އެކަމަކު އެ ޕޯސްޓަކީ އޭނާ ކުރިއަށް ދާންވީ މަގު ދައްކައިދިން އެއްޗަކަށްވި އެވެ. ސޯޝަލް މީޑިއާއަށް ލީ ޕޯސްޓާ އެކު ލިބުނު ހިތްވަރުން ދީމާ ބޭނުންވީ ކާއެއްޗެހި ރިވިއުކޮށް އަމިއްލައަށް އެކި އެއްޗެހި ކައްކައި ތަޖުރިބާ ހިއްސާކުރާށެވެ. މިހާރު ދީމާއަކީ ގިނަ ބަޔަކަށް އެނގޭ ފުޑް ބްލޮގަރެކެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް ދީމާ އަކީ ތަފާތު އެއްޗެހި ކެއުމާއި އެ ކެއްކުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. ނަމަވެސް ފުޑް ބްލޮގު ހަގީގަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅު އެޅުނީ 2019 ވަނަ އަހަރު އެވެ.

"އެންމެ ފުރަތަމަ ގޭގައި އެއްޗެހި ހަދާފައި އެ ރިވިއުކޮށް ހަދަން ފެށީ. އެންމެ ފުރަތަމަ ޕޯސްޓުކުރީ ވެސް އަމިއްލައަށް ހެދި އެއްޗެއް. އެއަށް ދެން ރިވިއުކޮށް ޕޯސްޓުކުރީ،" ދީމާ ކިޔައިދިނެ އެވެ.

އުމުރުން 26 އަހަރުގެ ދީމާ އެންމެ ފުރަތަމަ ޕޯސްޓު ކުރުމާ އެކު ވެސް އެފަދަ ތަފާތު ޕޯސްޓުތައް ކުރަން މީހުން އެދެން ފެށި އެވެ. މި ހިސާބުން ދީމާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ތަފާތު އެކި ޒާތުގެ އެއްޗެހި ހަދަން ފަށައި އެ އެއްޗެހިގެ ރިވިއު ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބްލޮގުކުރަން ފެށި އެވެ.

View this post on Instagram

A post shared by Food Diva (@dhee.ma)

ނަމަވެސް މިހާރު ރިވިއު ކުރަނީ އަމިއްލަ ހަދާ އެއްޗެހި އެކަންޏެއް ނޫނެވެ. ރެސްޓޯރެންޓުތަކުން ވެސް ހަދާ ތަފާތު އެއްޗެހި ދީމާ ރިވިއު ކުރެ އެވެ.

ތަފާތު އެކި ރެސްޓޯރެންޓުތަކަށް ގޮސް އެތަނުން އެންމެ ފާހަގަކުރެވޭ އެއްޗެހި ބަލައި އެ އެއްޗެހި ރިވިއު ކުރުމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަވެ އެވެ.

"ދެން ރެސްޓޯރެންޓުތަކުގައި ހުންނަ ތަފާތު އެއްޗެހި ރިވިއުކޮށް ޕޯސްޓުކުރީމާ، އާންމުންނަށް އެނގޭނެ ތަނަކަށް ގޮސް އެތަނުގައި ހުންނަ އެއްޗެހީގެ ތެރެއިން ނަގަންވީ އެއްޗަކާއި ނުނަގަންވީ އެއްޗެއް،" ދީމާ ބުންޏެވެ.

View this post on Instagram

A post shared by Food Diva (@dhee.ma)

ފުޑް ބްލޮގުގެ މަސައްކަތަކީ އެކަމަށް އޭނާ ވަގުތު ހުސްކޮށްގެން ކުރަން ބޭނުންވާ މަސައްކަތެއް ކަން ވެސް ދީމާއަށް އެނގުނީ މި ކަންތައްތަކުގެ ތެރޭގައި އުޅެނިކޮށެވެ. އެހާ ހިސާބުން އިތުރަށް އޭނާގެ ހުނަރު ވަރުގަދަކުރަން އެކި މަސައްކަތް ފެށި އެވެ.

އެންމެ ފުރަތަމަ ކަމަކަށް ދީމާ ފެށީ، ކާއެއްޗެހީގެ ފޮޓޯގްރަފީ ދަސްކުރުމުގެ މަސައްކަތެވެ.

"ސޯޝަލް މީޑިއާގައި ކާއެއްޗެހި ޕޯސްޓުކުރާ އިރު އެ އިތުރަށް ރީތިވާނެ ގޮތަށް ހުންނާނެ ގޮތް ހެދުމަށް ފުޑް ފޮޓޮގްރަފީ ދަސްކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައި،" ދީމާ ބުންޏެވެ.

ދީމާގެ ފޮޓޮގްރަފީގެ ހުނަރު ވެސް މިހާރު ވަރަށް ބޮޑަށް ތަރައްގީވެފައިވާކަން ޝޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގެ އެވެ. ޕޯސްޓުކުރާ ހުރިހާ ކާއެއްޗެއްސެއް ވެސް ބަލައިލަން ވަރަށް ރީއްޗެވެ.

View this post on Instagram

A post shared by Food Diva (@dhee.ma)

އާންމުންގެ ގިނަ ބަޔަކަށް ދީމާގެ ކެއްކުން ވެސް މީރުވެ އެ މަސައްކަތް ފަށަން ވެސް ވަކި ހިސާބުން ހިތްވަރުދޭން ފެށި އެވެ. އެ ހިޔާލަށް ބަލައިގެން ދީމާ ފެށީ ގޭގައި ޗީޒްކޭކް ހަދައިގެން ވިއްކާށެވެ. ނަމަވެސް އެހާ ގިނަ ދުވަހަކު މި މަސައްކަތެއް ނުކުރެވުނެވެ.

"އަސްލު ވަގުތު ނުވީ އެވަރަށް. އަމިއްލަ މަސައްކަތެއް ކުރަމުން ފުޑް ބްލޮގު ހިންގަން. ފުޑް ބްލޮގަށް ފުރިހަމަ އަށް ވަގުތު ހުސްކުރަން ބޭނުންވެގެން އެ މަސައްކަތް ހުއްޓާލީ،" ދީމާ ބުންޏެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އަދި އަމިއްލަ އެއްޗެހި ހަދައި ވިއްކުމުގެ ހިޔާލު ދީމާގެ އެބަ އޮތެވެ. އެކަމަކު މިވަގުތު ދީމާގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވަނީ ފުޑް ބްލޮގިން އާއި ރިވިއުކުރުމަށެވެ.

View this post on Instagram

A post shared by Food Diva (@dhee.ma)

ފުޑް ރިވިއު ކޮށް ބްލޮގުކުރުމުގައި ދީމާ އުޅުނު ދުވަސްތަކުގެ ތެރޭގައި އޭނާއަށް ތަފާތު ކަންތައްތައް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެތެރެއިން ފުޑް ބްލޮގަރުން މަދުކަމަކީ އެންމެ ބޮޑު އެއް ކަންތަކެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާ ބަލާއިރު ރާއްޖޭގައި ފުޑް ބްލޮގިންނަށް ފުރުސަތު މަދުވެދާނެ ކަމަށް ބަލަން. އެކަމަކު އެކަމަށް އިތުރު ހައްލެއް ހޯދާނަމަ ގިނަ ދިވެހިން މި ކަހަލަ މަސައްކަތް ފަށަން ވަރަށް ރަނގަޅު،" ދީމާ ފާހަގަކުރި އެވެ.

އިތުރު ދިވެހިން ފުޑް ބްލޮގްކޮށް ރިވިއު ކުރުމަކީ ދާއިރާއަށް ލިބޭނެ ބޯޑު ކުރިއެރުމެއް ކަމުގައި ދީމާ ގަބޫލު ކުރެ އެވެ. އޭގެ ސަބަބުން ގިނަ ހިޔާލުތައް އާންމުންނަށް ލިބޭނެ ކަމަށް ވެސް ދީމާ ގަބޫލުކުރެ އެވެ.

ސަންގު ޓީވީގެ ކެއްކުމުގެ ޕްރޮގްރާމެއްގައި ދީމާ ހޯސްޓެއްގެ ގޮތުގައި

ފުޑް ބްލޮގަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު ދީމާ އަށް ތަފާތު އެކި ކުރިއެރުންތައް ވެސް ވަނީ ލިބިފަ އެވެ. މިހާރު ރެސްޓޯރެންޓެއްގައި އާ ޑިޝް އެއް ހެދިޔަސް އެ ޓެސްޓުކޮށް ރިވިއު ކުރުމަށް ދީމާއަށް ދައުވަތު ބައެއް ފަހަރަށް ލިބެ އެވެ. އޭގެ އިތުރުން ދިވެހި ބައެއް ޗެނަލްތަކުން ވަނީ ދީމާގެ ކެއްކުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބިފަ އެވެ.

ކެއްކުން

Popular