24 Mar 2022

By: Aishath Maaha

ޒުވާން، މޮޅު ލަވަ ކިޔުންތެރިންތަކެއް މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނުން ވެސް ވިދާލި އެވެ. މުބާރާތުގެ ކުރީކޮޅު ވަކިވެގެން ދިޔަ އެތައް ޒުވާނުންނެއް އަލުން އާ ހިތްވަރު ނެރެގެން މިއުޒިކް އިންޑަސްޓްރީގައި މަޑުމަޑުން ފައިހަމަކުރަމުން އެބަ އާދެ އެވެ. އެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލަވަކިޔުންތެރިޔަކީ އަލީ އިނާން ސައީދު (އައްޔު) އެވެ.

ތިއޭޓާ ރައުންޑާ ހިސާބުން ވަކިވެގެން ދިޔަ އެހެން ގިނަ ބައިވެރިންނާ ހިލާފަށް އައްޔު ލަވަކިޔުން އެއްކޮށް ހުއްޓައެއް ނުލި އެވެ. މިއަދާ ހިސާބަށް ހަތަރު ކަވަ ލަވަ ނެރެ އަމިއްލަ ރާގުގެ އަލްބަމެއްގެ މަސައްކަތް މިހާރު އުޅެނީ ފަށައިގެންނެވެ.

އައިޑޮލަށް ވުރެ ބޮޑަށް މީހުންގެ ތެރެއަށް އައްޔު އެނގި މަޝްހޫރުވެ މަގުބޫލުވީ ވެސް ކަވަ ލަވަޔަކުންނެވެ. އެއީ އައްޔުގެ ފުރަތަމަ ކަވަ "އޭ މިރޭ" އެވެ. އައްޔުގެ ބަރު އަޑުން ކިޔާފައިވާ އެ ލަވަ ޒުވާނުންގެ މެދުގައި މަގުބޫލުވީ ގާތްގަނޑަކަށް ސައުވީހަކަށް ގަޑިއިރުގެ ތެރޭގަ އެވެ. އޭގެ ފަހުން ނެރުނު "ލޯބިވާޔާ ނުލާ"ގެ ކަވަ ވެސް ހިޓަކަށް ބަދަލުވީ އެވެ.

Ali Inaan Saeedh - Ayyu - · Loabivaayaa Nulaa Cover by Ayyu

އެކަމަކު އައްޔު މިއީ އެންމެ ފުރަތަމަ ލަދުން މީހުންގެ ތެރޭގައި ލަވައެއް ކިޔާލަން ވެސް ނުކެރިގެން އުޅުނު ހުނަރުވެރި އެކެވެ. އެކަމަކު އަބަދުވެސް މިއުޒިކަށް ޝައުގުވެރުކަން ހުރެ އެވެ.

"އޭރު އައިޑޮލުން ކެޓީމަ އެންމެ ފުރަތަމަ ވަނީ ގުރަހަލި ބޮޑުބެރު ގްރޫޕަށް، އެއީ ހަމަ ސްކޫލް ނިންމާލި ގޮތަށް، އޭރު އުމުރުން ވާނީ 17 އަހަރު،"

"އެވެސް އަސްލު މިއުޒިކަށް އިންޓްރެސްޓް ހުރި ވަރުން، އެތާ އުޅެނިކޮށް ޔާމިން ރަޝީދާ ދިމާވެގެން އޭނަ ގެންދިޔައީ "ޓްރައިބް" ބޭންޑަށް، އެއީ ފުރަތަމަ ކަވަ ސޯންގް ނެރެވުނު ހިސާބު،" މިއުޒިކީ ކެރިއަރު ފެށިގެން އައި ގޮތް އައްޔު ކިޔައިދިނެވެ.

އައްޔު ވެޑިން އެއްގައި ޕާފޯމްކުރަނީ. -- ފޮޓޯ: މާއިސް އެމްވީ

ދެން އޭގެ ފަހުން އައީ މިއުޒިކުން ބްރޭކެކެވެ. އެކަމަކު އެނބުރި އައީ ޝާދިން އާއެކު ކިޔާފައިވާ ކަވާ މޭޝްއަޕަކާ އެކުގަ އެވެ. އެޔާއެކު މަޑުވެފައި އޮތް އައްޔުގެ އަޑު އަނެއްކާ ވެސް ގަދަވީ އެވެ.

އެއަށްވުރެ ވެސް އައްޔުގެ މަގުބޫލުކަން އިތުރުވީ މިދިޔަ އަހަރުގެ އޯޓިޒަމް ދުވަހު އޯޓިޒަމް ކުދިންގެ ދުވަހު އެކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށް ނެރުނު "ބީވެދާނެބާ"ގެ ކަވާ އާ އެކުގަ އެވެ.

"އެލަވަ ވަރަށް ބޮޑަށް މަގުބޫލުވި، ކަވާ ކިޔާފައި އިންނާނީ ވެސް އެދުވަހާ ގުޅޭގޮތަށް ކުދި ކުދި ބަދަލު ގެނެސްގެން،"

Ali Inaan Saeedh - Ayyu - · Beevedhaanebaa Cover by Ayyu.

"ދެން އެންމެ ފަހުން ނެރުނީ [ތީ ލޯބި ޖަވާހިރު]، އެއީ ހިންދީ ލަވަ [މޭރޭ ރަންގޮ ޝަރޮބަތު] ގެ ރާގަށް އައްޔު ލިރިކްސް ހަދާފައި އިން ލަވައެއް،"

އެކަމަކު މި ލަވައެއް މިއީ އެންމެ ފުރަތަމަ އެއްކޮށް ލިޔެ ނިންމަން އައްޔު ވިސްނާފައި އޮތް ލަވައެއް ވެސް ނޫނެވެ. އިންސްޓަގްރާމް ސްޓޯރީއަށް ލީ ކުޑަ އޯޑިއޯކޮޅެއް މާބޮޑަށް މަގުބޫލުވެ ރިކުއެސްޓުތައް އަންނަން ފެށީ އެވެ.

އައްޔު: އައްޔު އަންނަނީ އަމިއްލަ ރާގުގެ އަލްބަމެއްގެ މަސައްކަތް ކުރަމުން. -- ފޮޓޯ: މާއިސް އެމްވީ

"އެ ލަވަ ސްޓޯރީ އިން ސްކްރީން ރިކޯޑުކޮށްގެން ޓިކްޓޮކާ ތަންތަނުގައި އުޅުނު މީހުން ލައިގެން، ދެން ގިނަ ރިކުއެސްޓްތަކެއް އައި އެ ލަވަ ކޮމްޕްލީޓްކުރަން، އެހެންވެ އެ ލަވަ އެއްކޮށް ނިންމީ،" މީގެ ތިން މަހެއްހާ ދުވަސް ކުރިން އެ ލަވަ ނެރުން ގޮތް އައްޔު ކިޔައިދިނެވެ.

އަދި މިއުޒިކީ ކެރިއަރުގައި މާ އުސް ހަރުފަތްތަކަކަށް ގިރާ ނުކުރެވުނު ނަމަވެސް މިހާރު ވެސް އައްޔު އަންނަނީ އަމިއްލަ ރާގުގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ. އަވަސް މުސްތަގުބަލެއްގައި އަލްބަމް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޔު ބުންޏެވެ. އަދި އޭގެ އިތުރުން ވެޑިންތަކާއި ޕާޓީތައް އަދި ކުދި ކުދި ގިގްތައް އަންނަނީ ކުޅެމުންނެވެ. - އައްޔު ނުހުއްޓި ކުރިއަށެވެ. ލަވަ އަހާ މީހުން އައްޔުގެ އަޑަށް ފޫއްސެއް ވެސް ނުވި އެވެ.

ޕްރޮފައިލް

Popular