18 Jun 2022

By: Aishath Maaha

ދިވެހި ރެޕް "ރަސްގެފާނު" އިސްމާއީލް އިފްހާމް މުހައްމަދު "ޕެސްޓް" މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި މިހާރު އޮތީ ޖަލުގަ އެވެ. އެކަމަކު ޖަލުގައި އޮވެ ޕެސްޓު އިއްޔެ ވަނީ އޭނާގެ އާ ލަވައެއް ޕެސްޓު ނިސްބަތްވާ ރެކޯޑް ލޭބަލް "ސިމްބޮލިކްސް ރެކޯޑް" މެދުވެރިކޮށް ނެރެފަ އެވެ.

"ވެރިންގެ ވެރިކަން" ނަމުގައި ނެރެފައިވާ އެ ލަވަ ސައުންޑްކްލައުޑް، ޔޫޓިއުބް، ފޭސްބުކް، ޓުވިޓަ އިންސްޓަގްރާމް އަދި ޓިކްޓޮކުން އަޑުއަހާލެވޭނެ އެވެ.

ޕެސްޓް ލިިރިކްސް ލިޔެ، އަދި ކިޔާފައިވާ އެ ލަވައިގެ މިއުޒިކް ހެދީ ރައިޑޭ އެވެ.

"ވެރިންގެ ވެރިކަން" ގައި އިންސާފު ލިބުމުގައި ވެރިންނާއި ރައްޔިތުންގެ ފަރަގުތަކާއި ދެރަ ނިކަމެތި މީހާއަށް އިންސާފު ނުލިބޭ ވާހަކަ އަދި އާންމުންނަށް އިންޒާރާއި ޖޫރިމަނާތައް ކުރިމަތިކުރާ ވާހަކަ ބުނެ އެވެ.

"ގައުމު ދަވާލިޔަސް ވެރިމީހާ

ހެޔޮ އަމުރުވަނީ ބާއްވަން ގޭގާ

އަބުރު ނަގާލާ ތުހުމަތުގާ

ހެޔޮ ނިކަމެތި މީހާ ބަންދެއްގާ

ދޯ؟

ވެރިންގެ ވެރިކަން ތިން ބާރޯ

ޖަލު ކުޑަގޮޅި މީ މަގެ އިންފާރޯ" ޕެސްޓުގެ ލަވައިގައި އޭނާ ކިޔާފައިވެ އެވެ.

މި ލަވައިގެ ލިރިކްސް ވީޑިއޯއެއް ނެރެފައިވާއިރު އިތުރު ވީޑިއޯއެއް ވެސް ނެރެފާނެ ކަމުގެ ސިގްނަލެއް ވަނީ ސިމްބޮލިކްސް ރިކޯޑްސް އިން ދީފަ އެވެ. އެ ރިކޯޑް ލޭބަލުން ބުނީ ޕެސްޓުގެ އިތުރު ލަވަތައް ވެސް އެބަހުރި ކަމަށެވެ. އަދި އެ ލަވަތައް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށެވެ.

ޑްރަގް ޓްރެފިކިން ތުހުމަތަށް ޕެސްޓު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ ފަހުން އޭނާ ގޭ ބަންދަށް ދޫކޮށްލި ނަމަވެސް ފަހުން ވަނީ އަނެއްކާވެސް ކޯޓު އަމުރަށް ޖަލަށް ބަދަލުކޮށްފަ އެވެ. ޕެސްޓުގެ މައްޗަށް ވަނީ ފަސް ދައުވާއެއް އުފުލައިފަ އެވެ.

Popular