7 Sep 2022

އައްޔުގެ ފުރަތަމަ އޮރިޖިނަލް ލަވަ ނެރެން ތައްޔާރުވަނީ

By: Ahmed Jaishan

ޒުވާނުންގެ ތެރޭގައި މި ދުވަސްކޮޅު އެންމެ މަގުބޫލުވަމުން އަންނަ އެއް ލަވަކިޔުންތެރިޔަކީ އަލީ އިނާން ސައީދު ނުވަތަ އައްޔު އެވެ. މޯލްޑިވިއަން އައިޑަލްގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނަމަވެސް އަމިއްލަ ނަމެއް މިހާރު ހޯދަމުން އަންނަ އައްޔު މިހާރު ތައްޔާރު ވަނީ އޭނާގެ އަމިއްލަ އޮރިޖިނަލް މިއުޒިކްގެ ފެންވަރު ދައްކާލުމަށެވެ.

މުބާރާތުގެ ކުރީކޮޅު އެލިމިނޭޓް ވެގެން ދިޔަ ނަމަވެސް އައްޔު މަސައްކަތް ފެށީ އާ އަޒުމެއްގަ އެވެ. ބައެއް އާޓިސްޓުން މިއުޒިކް ކުޅުން ހުއްޓާލި ނަމަވެސް އައްޔުގެ އަޒުމު ވީ ވަރުގަދަ އެވެ.

އައިޑޮލްގެ ބޭރުން އައްޔު އަމިއްލަ ނަމެއް ހޯދާފައިވަނީ ތަފާތު އެކި ކަވަ މިއުޒިކް އުފައްދަމުންނެވެ. ރީތި އަދި ހިމޭން އަޑެއްގެ ޒުވާން އައްޔު ވަނީ ގިނަ ދުވަސްތަކެއް ނުވެ ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ.

މިހާރު އަައްޔު އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ އޭނާގެ އަމިއްލަ ރާގުގެ ސިންގަލް ނެރުމަށެވެ. އައްޔުގެ ފުރަތަމަ ސިންގަލް އަށް ކިޔަނީ "ތި ރީތިކަން" އެވެ. ލަވައިގެ ޓީޒާއެއް ވެސް ނެރެފި އެވެ.

އައްޔު ބުނި ގޮތުގައި މިއުޒިކް އުފެއްދުމަށް އައްޔު އެންމެ ބޮޑަށް އިންސްޕިރޭޝަން ހޯދަނީ އޭނާގެ އަމިއްލަ ހަޔާތުންނާއި އޭނާގެ ކައިރީގައި އުޅޭ މީހުންގެ ފަރާތުންނެވެ. ފުރަތަމަ ސިންގަލް ވެސް އުފެދިގެން އައީ އެގޮތަށެވެ. އަދި އަލްބަމްގައި ހިމެނޭ ލަވަތައް ވެސް އުފައްދަނީ އެގޮތަށެވެ.

ފުރަތަމަ ސިންގަލްގެ ކޮމްޕޯސިންގެ މަސައްކަތް ކޮށްފައިވަނީ ލެޖެންޑަރީ އާޓިސްޓު ޝަހީދު ލެގަސީ އެވެ.

މި ލަވައަކީ އައްޔުގެ ފުރަތަމަ ޑެބިއޫ ސްޓޫޑިއޯ އަލްބަމް "ޖަވާހިރު"ގެ ފުރަތަމަ ސިންގަލް އެވެ. އައްޔު މިހާރު ވެސް އަންނަނީ އަލްބަމްގެ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެންމެ ލަސްވެގެން ވެސް ސިންގަލް ނެރޭނެ ކަމަށް އައްޔު ބުންޏެވެ.

Popular