24 May 2023

By: Aishath Jazlee

މިއުޒިކް ސްޓްރީމިން ޕްލެޓްފޯމެއްގެ ގޮތުގައި ދިވެހި މިއުޒިކަށް ހާއްސަ "ލަވަފޮށި" ގައި ދޮހޮއްކޮބެ ފަދަ ލެޖެންޑުންގެ ލަވަތަކުން ފެށިގެން މި ޒަމާނުގެ ޑީޖޭއިންނާއި ރެޕާސް އަދި ސޯލޯ އާޓިސްޓުން އެބަ އުޅެ އެވެ.

އެކި ޖޯންރާތަކުގެ އެތައް ދިވެހި އާޓިސްޓުންނެއްގެ މިއުޒިކް ސްޓްރީމް ކުރެވެން ހުރި އިރު ވެސް އެންމެ މަގުބޫލް އާޓިސްޓުގެ ގޮތުގައި އަދިވެސް އޮތީ ދެހާހުގެ ކުރީ ކޮޅު ހިތް އަތުލި އެކަމަކު މިހާރު ލަވަޔާއި މިއުޒިކާ ދުރަށް ގޮސްފައިވާ އަލީ ރަމީޒެވެ.

ލަވަފޮށީގެ ޓޮޕް ޕްލޭ ލިސްޓާއި ޓޮޕް އަލްބަމް އަދި ޓްރެންޑިން އާޓިސްޓުގެ މަގާމުގައި ވެސް އެއް ވަނައިގެ ލަގަބު އަލީ ރަމީޒު އަތުން ދާއިމީކޮށް ނެގުނު އާޓިސްޓެއް ނެތެވެ.

ލަވަފޮށީގައި ޓޮޕް ޕްލޭ ލިސްޓުގައި އަލީ ރަމީޒާއި އެންމެ ގާތުން ވާދަކުރަނީ ސިމްބޮލިކް ރެކޯޑްސް އެވެ.

ޓްރެންޑިން އާޓިސްޓުންގެ ގޮތުގައި ވެސް އެއްވަނައިގައި އޮންނަ އަލީ ރަމީޒު ވައްޓާލައި، ދޭތެރެ ދޭތެރެއިން އެ މަގާމަށް ސިމްބޮލިކުގެ ބައެއް އާޓިސްޓުން އަރަ އެވެ. ސިމްބޮލިކުގެ ޕެސްޓަކީ އެ މާގަމަށް ވާދަކޮށް އެތައް ފަހަރަކު އެ މަގާމު ހޯދި އާޓިސްޓެކެވެ. އަދި ސިމްބޮލިކްގެ ޕެސްޓުގެ އިތުރުން ޓޯއި އަދި މާޓު ވެސް އަލީ ރަމީޒުގެ މަގާމަށް ވަނީ އަރައިފަ އެވެ.

ލަވައެއްގެ އާ ރިލީޒްއާ އެކު ދޭތެރެ ދޭތެރެއިން އަލީ ރަމީޒުގެ މަގާމު އެކި އާޓިސްޓުން ހޯދި ނަމަވެސް، އަނބުރާ އެ މަގާމަށް އައްޔަ ދެ އެވެ. ލަވަކިޔުން ހުއްޓާލިތާ އެތައް އަހަރެއްވެފައި ވީ އިރު ވެސް، އެއްވެސް އާ ރިލީޒެއް ނެތި ވެސް ދިވެހިންނަށް އެންމެ ކަމުދާ އާޓިސްޓުގެ މަގާމަށް ބަދަލެއް ނާދެ އެވެ.

ފަހުގެ އާޓިސްޓުންނާއި ބައެއް ޒުވާނުންގެ ފާޑުކިއުން އަލީ ރަމީޒުގެ ބައެއް ލަވަތަކަށް އަމާޒުވި ނަމަވެސް އަދިވެސް އައްޔަގެ ޓްރޫ ފޭނުންގެ އަދަދު ގިނަ އެވެ. އަލީ ރަމީޒުގެ ލަވަތަކަށް ލޯބިކުރާ މީހުން ގިނަ އެވެ.

އައްޔަގެ "ފިނިފެންމަލެކޭ"، "މަރުވެދާނޭ"، "ނިންދެވީ ތި މޭ މަތީ"، "ވަސްވާސް" ފަދަ ލަވަތަކަކީ އަދިވެސް އަހަރެމެން ހިތުދަސް ލަވަތަކެކެވެ.

މި ހުރިހާ އަހަރުތަކަކަށް ފަހު ވެސް އަލީ ރަމީޒުގެ މަޑުމައިތިރި ލަވަތަކާއި ހިތް ދަމަގަންނަ އެ އަޑު އަދިވެސް ހިތުން ފިލުވައެއް ނުލެވުނެވެ. އެކަމަކު އަލީ ރަމީޒަށް އޮތް ލޯބި އިތުރު އާޓިސްޓުންނަށް ވެސް ހޯދި ދާނެ ކަން، ދޭތެރެއަކުން ޓްރެންޑިން އާޓިސްޓްގެ އެއްވަނަ އަށް އަންނަ ބަދަލުތަކުން އިނގެ އެވެ.

Popular