2 Nov 2019

މިއީ ވެސް ގެއްލިފައި ހުރި ރީތި ލަވަތަކެއް

މިއީ ވެސް ގެއްލިފައި ހުރި ރީތި ލަވަތަކެއް

By: Ifraz Ali

ކުރީގެ މަޝްހޫރު ރީތި ލަވަތައް، ނަމަވެސް މިހާރު މަދުން ނޫނީ އަޑުނީވޭ ބައެއް ލަވަތައް ހިމެނޭ ލިސްޓެއް މީގެ ކުރިން ވެސް ގެނެސްދިނީމެވެ. މިއީ އޭގެ ދެ ވަނަ ބައެވެ. މި ލަވަތަކުގެ ތެރެއިން ބައެއް ލަވަތަކުގެ ފުރިހަމަ މައުލޫމާތެއް ނުލިބުނެވެ. އެކަމަކު މައުލޫމާތު އެގެންހުރި ވަރަކަށް އެ ވާހަކަތައް ހިމަނާފައި ހުންނާނެ އެވެ.

މި އާ ލިސްޓަށް ދިއުމުގެ ކުރިން، ކުރީގެ ލިސްޓް ބަލައިލަން ބޭނުން މީހުނަށް ލިންކް މިއޮތީ އެވެ؛

1. ލޯބިވާށޭ ލޯބިދޭށޭ

މައިންބަފައިންގެ ހިތުގައި ދަރިއަކަށް އޮންނަ ލޯބި އަދި ދަރިއަކު މައިންބަފައިންގެ ފަރާތުން ބޭނުންވާ ލޯބި ކިޔައިދޭ އަސަރުގަދަ މި ލަވައިގެ ޅެން ތައްޔާރުކުރީ ހަފްޒާ އަލީ އެވެ.

2. ކޮން ކަހަލަ ބަލިމަޑުކަމެއް

ޑައިބެޓިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު މި ލަވަ ކިޔާފައި ވަނީ އިބްރާހިމް ޝަކީބް އާއި އައިމިނަތު ރަޝީދާ އެވެ. މީގައި ކިޔައިދެނީ ހަކުރު ބަލީގެ ވާހަކަތަކެވެ.

3. ކެޔޮޅާ ބޭބޭ ދޫންޏާ

މިނިކާ ރާއްޖޭގެ ގަސްކަރަ ބަލައިލަން ދިޔަ ބަޔަކު ދޯނި ވަކި ހިސާބަކުން ހުއްޓި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ލަވައެކެވެ. ދިހަ މިނެޓުގެ މި ދިގު ލަވާގައި މަޝްހޫރު ކޮމެޑީ އެކްޓަރު ޔޫސޭ ވެސް އުޅެ އެވެ.

4. ރޭޝަމް

މިއީ ކުރީގެ ޑްރާމާ "ރޭޝަމް" ގެ ތީމް ލަވަ އެވެ. މި ޑްރާމާގެ ލީޑު ކުޅުނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ އެވެ.

5. ލާމަސީލު ސޫރަ

ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުވި ހިންދީ ޑްރާމާއެއް ކަމަށްވާ "ކަހީތޯ ހޯގާ" ގެ ބަތަލާ އަމްނާ ޝަރީފް ރާއްޖެއަށް ކުރި ދަތުރެއްގައި ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެއްކޮށް ކުޅެފައިވާ ލަވައެކެވެ. މި މަންޒަރުތައް ނަގާފައި ވަނީ ކ.ހުރާގަ އެވެ.

6. ހިތްބޭނުމޭ ދުލުން

އަމިއްލަ ރާގެއްގެ ގޮތުގައި ނިކުތް މި ލަވައަކީ ކޮފީ ރާގެއް ކަމަށް ބުނެ ކުރީގައި ބޮޑު ބަހުސެއް ކުރި އެވެ. މި ލަވަ ކިޔާފައި ވަނީ މުމްތާޒް މޫސާ އެވެ.

7. ބުނަންތޯ

ޝާނީ ކިޔާފައިވާ މި ލަވައަކީ ލަންކާ ލަވައެއްގެ ދިވެހި ވާޝަނެކެވެ. މި ލަވަ އެންމެ ބޮޑަށް މަޝްހޫރުވީ މީގައި ބޭނުންކޮށްފައި ހުރީ ވިޝުއަލް އިފެކްޓްސްތަކުގެ ސަބަބުންނެވެ.

8. ހިތް ދެވިއްޖޭ

އާދަމް ހަލީމް ޅެން ލިޔެފައިވާ މި ލަވައަކީ ވެސް ކުރީގައި ވަރަށް މަގުބޫލުވި ލަވައެކެވެ. ފިލްމު "ނިއުމާ" އަށް މި ލަވަ ކިޔައިދީނީ ކުޑަ އިއްބެ އަދި މާއިން އެވެ.

9. ހަމަ ބޭނުން

މުނީފާ އަދި މާޕުގެ އަޑުން އިވުނު މި ލަވައިގެ ބައެއް ކަޑިތައް އަދިވެސް މަޝްހޫރެވެ. ކަޑިތަކުގެ އިތުރުން މި ލަވައިގެ ވީޑިއޯ ވެސް ވަރަށް ތަފާތެވެ.

10. މަށެއް ނޫން

ޒައިން ވަނީ އެކި އަހަރުތަކުގައި ޓީވީއެމްގެ ލަވަ މުބާރާތުގައި ބައިވެރިވެ ޕާފޯމްކޮށްފަ އެވެ. މިއީ 2001 ވަނަ އަހަރު އޭނާ ހުށަހަޅައިދިން އަދި އެންމެ މަޝްހޫރުވި ލަވަ އެވެ.

Popular