19 Nov 2019

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްގައި ތިން ވަނަ ހޯދައި ސްޓޭޖުން ފައިބައިގެން ދަމުން ޝަމްވީލް މުހައްމަދު (ބަރޯ) ބުނީ އަމިއްލަ ރާގުގެ އަލްބަމެއް ފޭނުންނަށް ހަދިޔާކުރާނެ ކަމަށެވެ. އެ ދަތުރުގައި "ސޮރު"ގެ ނަމުގައި އަލްބަމެއް އިއުލާނުކޮށް އޭގެ ދެ ވަނަ ލަވަ މިހާރު ވަނީ ލަވަފޮއްޓަށް ލައިފަ އެވެ.

"ފަރި ހަންޑި" ނަމުގައި ނެރުނު މި ލަވަ އަކީ ފިރިހެން ކުއްޖަކު އޭނާ އަށް "ހަންޑި ލޯބިވެރިއެއް" ލިބިގެން ކަމަށް ބުނެ ރަށުތެރޭގައި ވާހަކަ ދައްކަމުން ހިނގާ ވާހަކަ ކިޔައިދޭ ލަވަ އެކެވެ. އިތުރު އެއްވެސް މީހަކަށް އެ އަންހެން ކުއްޖާ ނުފެންނާނޭ ކިޔައި ތޯތޯ ވާހަކަތަކެއް މި ލަވައިގައި ކިޔައިދޭނެ އެވެ.

އޯޑިއޯ މި ލަވައިގެ މެލޮޑީ ހެދީ ޝަމްވީލެވެ ލަވައިގެ ލިރިކްސް ހެދީ މުހައްމަދު އަބްދުލް ގަނީ (ތޭރަ) އެވެ. އަދި މިއުޒިކް އެރޭންޖް ކޮށްދީފައިވަނީ ޒިޔާ، ޝަމާއިލް، ތޮލާލް އަދި އަރުހަމް އެވެ.

ހުރިހާ ލަވައެއް ވެސް "ސޮރު" އާ ގުޅުވާފައި

"މި ލަވަ މި އިންނަނީ އަލްބަމް ނަމާ ގުޅުވާފައި. އަލްބަމްގެ ކޮންމެ ލަވައެއްގައި ވެސް ސޮރު އުޅޭނެ. ފުރަތަަމަ ލަވައިގައި ކިޔައިދޭނީ ސޮރު އަލަށް މަހަށް ދިޔަ ދުވަހުގެ ވާހަކަ. ދެވަނަ ލަވައިގަ މިއުޅެނީ ފޮނި ކަނޑާ ތޯތޯ ވާހަކަ ދައްކަމުން ހިނގާ ސޮރެއް،" ޝަމްވީލް ކިޔައިދިނެވެ.

"ސޮރު" އަކީ ހަ ލަވައިގެ އަލްބަމެކެވެ. މި އަލްބަމްގެ އާ ލަވައެއް އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ޝަމްވީލް ބުންޏެވެ. އިތުރު ލަވަތަކުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"ފަރިހަންޑި" ކަވަ

"ޝަމްވީލް ބޭނުންވަނީ ތެޅިނުގަނެ ރީތިކޮށް މަޑުމަޑުން މަސައްކަތްކޮށްގެން ލަވަތައް ނެރެން. ފަހަރަކު ލަވައެއް މި ނެރެނީ އެގޮތަށް. އަނެއްކާ އަލްބަމް އެއްކޮށް ނެރެން ބޮޑު އެއްޗެއް ހަރަދުވެ އެކަމަށް ވަގުތު ހުސްކޮށްގެން ހުންނަން ޖެހޭ."

ވަޒީފާގައި އުޅެމުން ގިގްތަކަށް ދަމުން އަމިއްލަ ލަވަތަކަށް

"ސޮރު" އަލްބަމްގެ ފުރަތަމަ ލަވަ ރިލީޒްކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އަލްބްމަގެ ލަވަތަކަށް ޝަމްވީލް ވަގުތު ދެމުން ވަޒީފާ އަދާކޮށް ޕްރައިވެޓް ޝޯތަކާއި ރިސޯޓް މިއުޒިކަށް ވެސް ވަގުތު ހުސްކުރެ އެވެ.

"ހޮޓެލް އެންޑް ޓޫރިޒަމް މެނޭޖްމަންޓް ޝަމްވީލް ކިޔެވީ. ކިޔެވި އެއްޗެއް ދޫނުކޮށްލަން ވަޒީފާއަށް ދަމުން ދެކަންތައް މި ކުރަނީ. މަދުމަދުން ރިސޯޓް މިއުޒިކަށް ދަން."

އޭގެ އިތުރުން އީދު ޝޯތަކަށް ވެސް ޝަމްވީލް ވަގުތު ހުސްކުރެ އެވެ.

ލަވަތައް ނެރެން އާޓިސްޓުންނަށް އެހީތެރިކަން ބޭނުންވޭ

މިއީ ގިނަ އާޓިސްޓުންގެ ޝަކުވާ އެކެވެ. އޯޑިއޯ ލަވައެއް ނެރެން 10،000 ރުފިޔާ އާއި 15،000 ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުވާ ކަމަށް ޝަމްވީލް ބުންޏެވެ.

"ރާއްޖޭގައިި އާޓިސްޓުންނަށް ލަވަތައް ނެރެ އެކަންކަމުގައި އެހީތެރިވާނެ ހާއްސަ ބަޔަކު ނެތް. ވަރަށް ބޮޑު އެއްޗެއް ސްޕެންޑް ވޭ. ސްޓޫޑިއޯ އެއް ހޯދުމާއި ޕްރެކްޓިސްކުރާނެ ތަނެއް ނުލިބުމާއި، މިކަންކަން ކުރިމަތިވާތީ ގިނަ ކުދިން ދާއިރާއިން ގެއްލެނީ،"

އާޓިސްޓް

Popular