8 Jan 2020

By: Ifraz Ali

ތަފާތު އަމިއްލަ ރާގުތަކާ އެކު ދިވެހި މިއުޒިކު އެންމެ އުސް ސްޓޭޖަށް ގެންގޮސްދިން ފަހުރުވެރި ޑިންބާ މިއުޒިކްގެ އާ އަލްބަމް "ފައިލަސޫފި"، ބައިސްކޯފުން ސްޓްރީމް ކުރަން ފަށައި ހިތްތައް ފަތަހަކުރަން ފަށައިފި އެވެ. މި އަލްބަމަކީ ޑިންބާގެ އަމިއްލަ ރާގުގެ ސިލްސިލާ އަށް އެމީހުން އިތުރުކުރި 16 ވަނަ އަލްބަމެވެ. އަދި ދިވެހި މިއުޒީޝަނުންނަށް ހާއްސަ ގިނަ ފުރުސަތުތަކެއް ހޯދައިދެމުން އަންނަ ބައިސްކޯފުން ނެރެދިން ޑިންބާގެ ދެ ވަނަ އަލްބަމެވެ. މި އަލްމަބާއެކު ބައިސްކޯފުން ވަނީ މިހާތަނަށް ހަތަރު މިއުޒިކް އަލްބަމެއް ނެރެދީފަ އެވެ. އެއީ ޑިންބާގެ ދެ އަލްބަމްގެ އިތުރުން ގްރެވިޓީ އަދި ކުށެއް ނޫނޭގެ އަލްބަމެކެވެ.

ޖޭޒް، ބްލޫސް އަދި ރެގޭ ސްޓައިލްގެ ލަވަތަކާ އެކު ޖުމްލަ ހަތް ލަވަ ހިމެނޭ މި އަލްބަމްގެ ލަވަތައް ކިޔާފައި ވަނީ ރާއްޖޭގައި މިވަގުތު ތިބި ކުޅަދާނަ ބައެއް ލަވަކިޔުންތެރިންނެވެ. އަދި މުޅިން އާ ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. މި އަލްބަމްގައި އިނގެރޭސި ބަހުން ކިޔާފައިވާ ދެ ލަވަ ވެސް ހިމެނެ އެވެ.

މި އަލްބަމް ނެރެދީ ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ބައިސްކޯފްގެ ސީއީއޯ މުހައްމަދު މިރުޝާން އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

ޑިންބާގެ "ފައިލަސޫފި" ލޯންޗުކުރަން ބޭއްވި އިވެންޓް.

މި އަލްބަމުގެ ޓައިޓަލް ލަވަ ވެސް ކިޔާދީފައި ވަނީ އެމީހުންގެ ކުރީގެ އަލްބަމް "މަގޭ އޮޑި" ގެ ޓައިޓަލް ލަވަ ވެސް ކިޔައިދިން ޔާމީން ރަޝީދެވެ. އޭނާގެ އިތުރުން މަޝްހޫރު އެހެން ލަވަކިޔުންތެރިން ކަމަށްވާ އަބްދުލް ރަޝީދު އަލީ (އަބްސީ)، ޝިފާ ތައުފީގް އަދި ޒާރާ މުޖުތަބާ ވެސް ލަވަތައް ކިޔާފައިވެ އެވެ. އަބްސީ އާއި ޝިފާ ކިޔާފައި ވަނީ ޑުއެޓް ލަވެކެވެ. އެއީ "ޗުއްޕު ތުކީ ހައްޕު" އެވެ. ޒާރާ ކިޔާފައި ވަނީ "ގަނޑުވަރު މަނިކުފާނު" އެވެ.

މީގެ އިތުރުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕެނެމާ ޝަފީގް ލަވައެއް ވެސް ހިމެނެ އެވެ. އިނގެރޭސި ބަހުން ކިޔާފައިވާ "ވައިލްޑް ފްލާވާ" އަކީ އޭނާގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވަ އެވެ. އިނގެރޭސި ބަހުން ކިޔާފައިވާ ދެ ވަނަ ލަވަ "ބްލޫސް ނައިޓް" ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޖައިޝާ ވަހީދު އެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ރަނަރަޕް އައިމިނަތު ސައިނާ މުހައްމަދު ވެސް ލަވައެއް ކިޔާފައިވެ އެވެ. އެއީ "އުކުނޑިބުކުނޑި" އެވެ.

އާ ލަވަކިޔުންތެރިޔާ އަލީފް އަދި މައިސާން (ބޮކިޓޯޒް) އެކުގައި ކިޔާފައި ވަނީ "މާވަހަރު" އެވެ.

މި ހުރިހާ ލަވަތަކެއް ހަދާފައި ވަނީ ފައިލަސޫފި ނުވަތަ އިނގެރޭސި ބަހުން ބުނާ ނަމަ ފިލޯސޮފީއާ ގުޅޭ ޅެންތަކަށެވެ. މި ލަވަތަކުގެ ޅެންތައް ހެދީ ޑިންބާ މިއުޒިކްގެ ހުންގާނުގައި ހުރި އަހްމަދު އިޝާން (އިޝާންޓޭ) އެވެ. މީގެ އެއް ލަވަ، ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަލާ ދީދީ ވެސް ހައްދާފައިވެ އެވެ. އެއީ "މާވަހަރު" އެވެ.

މި އަލްބަމްގެ ހިތްގައިމު "ކަވާ އާޓް" ޑިޒައިންކުރީ ކުރެހުންތެރިޔާ މާނު (އާޓްލައިން) އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"ފައިލަސޫފި" ގެ ކަވާ އާޓް.

ޑިންބާ މިއުޒިކް ފެށުނު ހިސާބު

ޑިންބާ މިއުޒިކްގެ ފަހަތުގައި ހުރީ އިޝާންޓޭ އެވެ. އެންމެ ފުރަތަމަ މިއީ އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަދި (ސީޗައިލްޑް) ގެ ކުރީގެ ބޭންޑްމޭޓް، މަޝްހޫރު ލަވަކިޔުންތެރިޔާ އީސައާ އެކު އިޝާންޓޭ ދުށް ހުވަފެނެކެވެ. ނަމަވެސް އީސައާ އެކު މި ހުވަފެން ހަގީގަތަށް ނެހެދި އުޅެނިކޮށް 2005 ގެ ޑިމޮކްރަސީގެ އިންގިލާބުގެ ތެރެއިން އެހެން އެތައް އާޓިސްޓުންނަކާ އެކުގައި "ޑިންބާ މިއުޒިކް" އުފަންވީ އެވެ.

"އެންމެ ފުރަތަމަ އަހަރެމެން މިގޮތަށް ތަފާތު މިއުޒިކު ކުޅެން ފެށީ އެކްޓިވިސްޓް އެއްވުންތަކުގައި. އެއްގޮތަކަށް ވެސް ސިޔާސީ ކަމަކަށް ކޮންމެހެން ތާއީދުކުރާކަށް ނޫން. އެކަމަކު އޭގެ ތެރޭގައި އުޅެގެން ވެސް އަސްލު ބޭނުންވީ މިއުޒިކް ކުޅެ މިއުޒިކް ކުރިއަރުވަން. އަހަރެން މިއީ ކަވާ ލަވަކުޅެން ބޭނުންވާ މީހެއް ވެސް ނޫން. އަހަރެން ބޭނުންވީ އަމިއްލަ ތަފާތު މިއުޒިކެއް އުފައްދަން،" ޑިންބާ އުފެދުނު ގޮތާ ބެހޭ ގޮތުން ކުރިން ދިން އިންޓަވިއުއެއްގައި އިންޝާންޓޭ ބުނެފައިވެ އެވެ.

ޑިންބާ، ދިވެހި ހުރިހައި ލަވަކިޔުންތެރިންނާއި ހުނަރުވެރި މިއުޒީޝަނުންނާ އެކު "ޑިންބާ ފެމިލީ" އަށް ބަދަލުވުމުގެ ކުރިން އެންމެ ފުރަތަމަ އުފެއްދި އޮރިޖިނަލް އެއް ލަވަ އަކީ ޒުވާނުންގެ މެދުގައި ފަހުން ބޮޑު މަގްބޫލުކަމެއް ހޯދި "އޯކިޑް އޭނާގެ މާ" އެވެ. މި ލަވަ ފަހުން ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހައިޝަމްގެ އަޑާ އެކުގަ އެވެ.

ޑިންބާ މިއުޒިކްގެ ފެށުމަކަށްވީ ހިސާބަކީ އެއީ އެވެ.

"ރައްޓެހިންގެ ތެރޭގައި އުޅޭއިރު އަހަރެމެން ކިޔާ އެއްޗެއް އެއީ ޑިންވުން. މާ ބޮޑަށް މީހަކު ކަމެއްގައި އޯވާވާ ނަމަ އެމީހަކާ ދިމާކޮށްލަން ކިޔައި އުޅެނީ ކަލޭ ދެން މާ ބޮޑަށް ޑިންނުވާށޭ. އެގޮތަށް އުޅެނިކޮށް އެންމެ ފަހުން އެބަހުން ޑިންބާ އުފެދުނީ. އެ ބަސް ކުއްލިއަކަށް ސަޅިވެގެން، ވަރަށް މަޖާ ނަމެއް އަދި އެންޖޯއިކުރެވޭ އެއްޗެއްގެ ގޮތުގައި ޑިންބާ ބޭނުންކުރަން ފެށީ،" ތަފާތު ލަވަ އާއި ލިރިކްސް އާއި މިއުޒިކަށް ޑިންބާގެ ތަފާތު ނަން ދެވުނު ގޮތް ސާފުކޮށްލަދެމުން އިޝާންޓޭ ބުނެފައިވެ އެވެ.

Popular