2 Apr 2020

By: Ahmed Nadym

ގދ. އަތޮޅުގައި އޮންނަ ރޮބިންސަން ކްލަބް މޯލްޑިވްސް އަށް ދިއުމަށް ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މީގެ 16 ދުވަސް ކުރިން ގޮސް ކާޑެއްދުއިން ލޯންޗަކަށް އެރީ އާދައިގެ މަތިން ކޮންމެ ހަފުތާއެއްގެ ފަސް ރޭ އޭނާ ކުޅޭ ރިސޯޓު ގިގުތަކުގެ ސިލްސިލާގައި އަމާރީ ހަވޮއްޑާގައި ކުޅުމަށް ފަހު އެ ވަރުގެ ފޯރިގަދަ އިތުރު ގިގަކަށް ތައްޔާރުވެގެންނެވެ. ނަމަވެސް ރޮބިންސަނަށް ފެށި ދަތުރުމަތީގައި ކޮރޯނާވައިރަހުގެ ވިލާގަނޑެއްގެ ދަށަށް އޭނާ ދަމައިގެން ދިޔައީ އެވެ. ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިިޔަ ބަލިމަޑުކަމުގެ އެންމެ ފަހުގެ ޚަބަރުތައް ކިޔަން އިންދައި އޭނާގެ ފޯނަށް ދެން އައީ "ރިސޯޓު ލޮކްޑައުން" ކުރަން އުޅޭ ކަމުގެ އެލާޓެވެ.

"ދެން އަހަންނަށް އެނގިއްޖެ، ރޮބިންސަނަށް ގޮސް އަހަރެން އެތަނުގައި ލޮކްޑައުން ވާނީކަން. އޭރު އަހަރެން އިނީ ދަތުރުމަތީގައި،" ފޯނުން ވާހަކަ ދައްކަމުން މެޒޯ ކިޔައިދިނެވެ.

"ރިސޯޓަށް ގޮސް ފޭބިއިރު ޖީއެމްހުރި ޖެޓީގައި. އަހަރެން ފެނުމުން އޭނާ ބުނީ ތެންކިއު ވެރީ މަޗުއޭ އައީތީ. ދެން ކަލޭ މިތަނުގައި ހަރުލީ ނޫންހޭ. ދެން މަދުވެގެން 15 ދުވަސް ނުވަނީހެއް އެނބުރިއެއް ނުދެވޭނެއޭ."

މެޒޯ މުހައްމަދު މިހާރު ވެސް ހުރީ ރޮބިންސަން ކްލަބްގެ އެކަހެރިކަމުގައެވެ. ދެން މިއޮތީ މި އެކަހެރިކަމުގައި ބަންދުވެ ހުރެ އޭނާ ކިޔައިދޭ ވާހަކަ އެވެ. ނަމަވެސް، ހުސްވެފައި އޮތް ރިސޯޓެއްގައި ގިޓާގަނޑަކާ އެކު އެކަހެރިވެ ހުރި ތަޖުރިބާއަކީ އޭނާގެ މިއުޒިކީ ހަޔާތުގައި ކިޔައިދޭން ނުވަތަ ކުޅެން ފަސޭހަ ލަވައެއް ނޫނެވެ.

"އަޅުގަނޑު މިގޮތަށް ރިސޯޓުތަކުގައި މިއުޒިކް ކުޅޭތާ 44 އަހަރުވީ. ވަރަށް އުނދަގޫ ދަނޑިވަޅެއް މިއީ. މަގޭ ލައިފުގައި ނާދޭ، ވާހަކަ ދައްކަން ވެސް މިހާ އުނދަގޫ ވަގުތެއް،" މެޒޯ ބުނެލިއެވެ.

"ނުވިސްނޭ މީހަކު މި ދުވަސްވަރު ސިނގިރޭޓެއް ވެސް ބޯނީ. އެވަރަށް ވެސް އިސްރާފެއް ކުރެވެން ނެތް ހާލަކަށް ވެއްޓިފައި މިތިބީ މިހާރު."

މެޒޯ މުހައްމަދަކީ ވެސް ރާއްޖޭގެ ވަރަށް ގިނަ އެހެން މިއުޒީޝަނުން ފަދައިން ސީދާ ރިސޯޓު މިއުޒިކުގެ އާމްދަނީއަކަށް ބަރޯސާވެ ދިރިއުޅުން ކޮނޑަށް ލައިގެން ގަނަތެޅެމުންދާ އާޓިސްޓެކެވެ. ކޮންމެ ހަފުތާއެއްގެ ފަސް ރޭ އޭނާ ހަތަރު ރިސޯޓެއްގައި ގިގު ކުޅެމުންދަނިކޮށް އާމްދަނީގެ އެ ފާލަން ކުއްލިއަކަށް ވެއްޓުމުން ލޯކަލް އެހެން އާޓިސްޓުންނެކޭ އެއްފަދައިން މެޒޯ ވެސް އެހެރީ ފާޑަކަށް ހަމަ އިނދަޖެހިފައެވެ.

"އެކަމަކު މި ހާލަތުގައި ވަކި މީހަކަށް ތަފާތު ގޮތެއް ވެއްޖެ ކަމަށް ބުނަން މަށަށް ވަރަށް އުދަނގޫ. އެހެންނަމަވެސް މިއުޒިކް ކުޅޭ މީހުންނަށް މި ރާއްޖޭގައި ދެމެހެއްޓެނިވި އާމްދަނީއެއް ލިބެން އޮތް ހަމައެކަނި ގޮތަކީ، އާމްދަނީއަކަށް ވާކަހަލަ އާމްދަނީއެއް ލިބޭ ހަމައެކަނި ގޮތަކީ ރިސޯޓުތަކުގައި މިއުޒިކް ކުޅުން،" މެޒޯ ކިޔައިދެމުން ދިޔައެވެ.

"އަނެއްހެން ބުނަންޏާމު ހަންޑްރެޑް ޕަސެންޓް އާމްދަނީ ހުއްޓުނީ އެ މީހުންގެ މިހިސާބުން. ހަމަ ޒީރޯ އަށް ދިޔައީ މިއުޒިކު ކުޅޭ އެންމެންގެ އިންކަމް."

"މިގޮތަށް މިއުޒިކް ކުޅޭ މީހެއްގެ ނުހުންނާނެ ވަޒީފާ ދިން ފަރާތެއް. އެއް އަހަރު ދުވަސް ވަންދެން ނުވަތަ ހަ މަސް ދުވަސް ވަންދެން ރިސޯޓުގައި މިއުޒިކް ކުޅުވަން ހަދާފައި އޮންނަ ކޮންޓްރެކްޓެއް ފިޔަވައި އިތުރު އެއްވެސް ބާރެއް ނޯވޭ މިއުޒީޝަނެއްގެ އަތަކު. ދެން އެފަދަ އެއްބަސްވުމެއްގައި ނޯންނާނެ މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އެހީއެއް ނުވަތަ ޕަސެންޓެއް ލިބޭނެއެކޭ ބުނެފައެއް."

"ވިސްނާ ވިސްނާ" އާއި "އުޑުން ތަރިތައް" އަދި "އެޅި މި ކަނޑުމަތި" ފަދަ ކްލެސިކް އެތައް ލަވައެއް ގެނެސްދީފައިވާ ލަވަކިޔުންތެރިޔާ ބުނީ ރިސޯޓް މިއުޒިކް ނޫން އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް މިވަގުތު އަދި ކުޑަވަރެއްހެ އުއްމީދެއް އޮތް ނަމަވެސް އެކަހަލަ އުއްމީދެއް މިއުޒީޝަނުންނަކަށް ނެތް ކަމަށެވެ.

"މި ބުނަން އުޅޭ އެއްޗަކީ، ރަސްމީ ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ވަޒީފާ ގެއްލުނަސް އަދިވެސް އެބައޮތޭ ކުޑަކުޑަ އުއްމީދެއް. އެކަމަކު ދިވެހި މިއުޒިޝަނުންނަށް އޮތް އުއްމީދަކީ ދުނިޔެ ހަމައަކަށް އެޅުން. މާދަމައަށް ވެސް އޭގެ އަނެއް ދުވަހަށް ވެސް ނެތް ހެދޭނެ ގޮތެއް. އެކަމަކު އެހެނިހެން ވަޒީފާތަކުގައި އުޅޭ ގިނަ މީހުންނަށް އެބަހުރިތާ ސަލާމަތްވެވޭނެ ޕްލޭންސްތަކެއް ހެދިފަ،" މެޒޯ ބުންޏެވެ.

މެޒޯ މުހައްމަދު

އާޓިސްޓުން އެކަންޏެއް ނޫން، އެންމެން ވެސް ތިބީ އެހީ ބޭނުންވެފައި!

މި ހާލަތުގައި ވަކި ބަޔަކަށް ސަރުކާރުން އެހީވުމަށްވުރެ ޖުމްލަ ގޮތެއްގައި ގައުމުގެ ހުރިހާ ރައްޔިތުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުން މުހިންމު ކަމަށް މެޒޯ ބުންޏެވެ. ނަމަވެސް މިއުޒީޝަނުންނަކީ ކުރިން ވެސް ރާއްޖޭގައި އަގެއް ނެތް، ބާރެއް ނެތް ބައެއްކަން ފާހަގަކުރަމުން އޭނާ ބުނީ މިހާރު އާޓިސްޓުން ތިބީ ކުރިއަށްވުރެ ވެސް ބޮޑު އަޑިގަނޑެއްގައި ކަމަށެވެ.

"މިއުޒިކަކީ ރާއްޖޭގައި އެ މީހުންގެ ހައްގަށް މަސައްކަތްކުރާނެ އެސޯސިއޭޝަނެއް އޮތް ބައެއް ނޫން. ރަސްމީ ވަޒީފާއެއްގެ ގޮތުގައި އިން ހައުސްވެގެން ރިސޯޓުތަކުގައި މިއުޒިކް ކުޅެން ދިވެހިން އާދަވެފައެއް ނެތް އެ ފުރުސަތު އޮތަސް. އަނެއްކޮޅުން އިންހައުސްވެގެން މިއުޒިކް ކުޅުނަސް ލިބޭ އާމުދަނީ ވޯތެއް ނޫން،" މެޒޯ ކިޔައިދިނެވެ.

"އެހީވާން ޖެހޭނެ ދެން މި ވަގުތު. އެކަމަކު ވަކި ސީދާ ލޯކަލް އާޓިސްޓުންގެ ވާހަކަ އެކަނި ދެއްކޭކަށް އަޅުގަނޑަށް ނެތް ހާލަތު އޮތް ގޮތަށް ބަލާއިރު. އެހީވާ ނަމަ ސަރުކާރަށް ވީވަރަކުން ހުރިހާ ރައްޔިތުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

އައިސޮލޭޝަނުގައި އަހަރެން މި އުޅެނީ ރިސޯޓު ސްޓާފަކަށް ހެދިގެން!

މެޒޯ ބުނި ގޮތުގައި މިފަދަ ހާލަތެއްގައި ދުނިޔެއިން އެކަހެރިވެ ދުވަހުގެ ހުރިހާ ވަގުތެއް މީހާ އަށް ލިބުނަސް މިއީ ކްރިއޭޓިވް މަސައްކަތެއް ކުރަން ކޮންމެ މީހަކަށް ވެސް އުނދަގޫވާނެ ވަަގުތެކެވެ. އެހެން ކަމުން ސީދާ މިއުޒިކުގެ ތެރޭގައި އުޅުމަށްވުރެ ބޮޑަށް އޭނާ ސަމާލުކަން ދެނީ މި ހާލަތުގައި ނުތަނަވަސްވެފައި ތިބި ސިކުނޑިތަކާ އަނގަތަޅައި އެ ނުތަނަވަސްކަން ދުރައްޖައްސާށެވެ.

"އަހަރެން އައިސޮލޭޝަނުގައި މި ރިސޯޓުގައި އުޅޭއިރު އަހަރެންގެ ހިޔާލުގައި އަހަރެން މި އުޅެނީ މި ތަނުގެ މުވައްޒަފަކަށް ބަދަލުވެގެން،" މެޒޯ ބުންޏެވެ.

"ހާލަތާ ގުޅުވައިގެން ކުދިންނަށް ނަސޭހަތް ދެނީ. ލޮކްޑައުންކުރި ދުވަހު ދިމާނުވޭ މައްސަލަ ނުޖައްސާ ހަމަ އެންމެ ދިވެއްސަކާ ވެސް. ދެން އަޅުގަނޑު މަސައްކަތްކުރީ އެ އެންމެނަށް އެހެން ގޮތެއް ވިސްނައިދޭން. ޗުއްޓީއެއްގައި ކޮންމެހެން ރަށަށް ދާން ނުޖެހޭކަން މިވަގުތަކު ވިސްނައިދޭން"

"މިހާރަކު އާޓިސްޓަކަސް، ކްރިއޭޓިވް މީހަކަށް، ވަރަށް މަދު މީހަކަށް ނޫނީ ރަނގަޅު މަސައްކަތެއް ނުކުރެވޭނެ. އާޓިސްޓުންނަކީ ހެޕީ މޫޑެއްގައި އުފާވެރި ލަވައެއް ލިޔެފައި ނޯމަލް ލައިފުގައި ދެރަވާއިރު ލަވައެއް ލިޔެފާނެ ބައެއް. އެކަމަކު މިހާރުގެ ހާލަތު ތަފާތު. މިވަގުތު މި ވަނީ ހުރިހާ ކަމެއް ހުއްޓިފައި. ހުއްޓުމެއް އެރީ."

ނަމަވެސް މި ހުއްޓުމުގެ ތެރެއިން ވެސް މެޒޯ އަކަށް އޭނާގެ ގިޓާ އާއި މިއުޒިކަކާ މުޅިއަކުން ވައްކެތް ނުވެވުނެވެ.

މިހާރުގެ "ލަވައެއް ހިޓެއް" ޝޯގެ އެޕިސޯޑެއްގައި މެޒޯ މުހައްމަދު އޭނާގެ އެންމެ މަޝްހޫރު "އުޑުން ތަރިތައް" ޕާފޯމްކުރަނީ.

"އަހަރެން މަސައްކަތްކޮށްފިން ލަވައެއް ވެސް ހެދޭތޯ. އެގޮތުން އެއް ލަވަ ލިޔެވެސްލައިފިން. އެކަމަކު މި ހާލަތަކަށް، ކޮވިޑޭ ކިޔައިގެނެއް އަހަންނަށް ނުލިޔެވޭނެ ލަވައެއް. އަހަރެން މި ލިޔުނީ ހަޔާތެއްގެ ވާހަކަ،" މެޒޯ ބުނެލިއެވެ.

އޭނާ ބުނީ ރިސޯޓުން އަންގާފައި އޮތް ގޮތުން ނަމަ ލޮކްޑައުން ނިމުމަކަށް އަންނާނީ މި އެޕްރީލް މަހުގެ އަށް ވަނަ ދުވަހު އެވެ. އެކަމަކު ލޮކްޑައުން ނިމުމަކަށް އަޔަސް ރިސޯޓުން ފުރައިގެން މާލެ އައުމުގެ ވިސްނުމެއް އޭނާގެ އަދި ނެތެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު އެޕްރީލް 8 އަށް ލޮކްޑައުން ނިމޭނެ ކަމަށް ވަނީ. އެކަމަކު ލޮކްޑައުން ނިމުމަކަށް އަޔަސް މި މީހުން މަ ބަހައްޓަންޏާމު ކޮންމެހެން ދާން ބޭނުންވާ ފިކުރެއްގައެއް ނޫން މި ހުރީކީ އަދި،" މެޒޯ ބުންޏެވެ.

"އަހަންނާ މެދު އަހަރެން ދާ ރިސޯޓުތަކުން ކަންތައްކުރާ ގޮތް އާދަޔާހިލާފަށް ރަނގަޅު އަބަދުވެސް. އެހެންވީމަ މިސާލަކަށް ބުނާ ނަމަ އަހަރެން އަހަރެންގެ ގޭގައި މި ދުވަސްވަރު ހުރުމަށް ވުރެން މާ ރަނގަޅު ގޮތެއް މިއީ މި ހާލަތުގައި މިތަނުގައި ހުރެވުން."

ރިސޯޓްތައް

Popular