5 Apr 2020

By: Ahmed Nadym

ކޮވިޑް-19 ގެ ބަލިމަޑުކަން ސުނާމީއެއްގެ ބާރުމިނުގައި އައިސް ބޮލަށް ބިންދާލީ މި ނުރައްކަލަށް އެއްވެސް ތައްޔާރީއެއް ނުވެ، މަންޒަރު ބަލަން ގިނަ މީހުން އާގަމަވެފައި ތިއްބައެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކާއި މި ރިސޯޓުތަކުގައި ޓޫރިސްޓުން މުނިފޫހިފިލުވައިވޭ ދިވެހި މިއުޒީޝަނުންނާއި އާޓިސްޓުން ވެސް ތިބީ މިވަރުގެ ގެއްލުންބޮޑު ނަތީޖާއަކަށް ވިސްނައިގެނެއް ނުނެވެ. ނަމަވެސް ކޮންމެ ހަފުތާއެއްގެ ހަތަރު ރޭ ދެ ތިން ރިސޯޓެއްގައި މިއުޒިކް ކުޅެ ދިރިއުޅުން ކިރިޔާ ދެކޮޅު ޖައްސަމުން އަންނަ ގިޓަރިސްޓު، މުހައްމަދު އަދުލީ (އަޑްލީ) ގެ ވާހަކަ ލޯކަލް އެހެން އާޓިސްޓުންނާ ތަފާތެވެ. -- ޗައިނާގައި ކޮރޯނާވައިރަހުގެ ނުރައްކާތެރި އާ ރޯގާއެއް ހަލުވިކަމާ އެކު ފެތުރެން ފެށި ޚަބަރުތަކާ އެކު އަޑްލީ މި ބަލިމަޑުކަމަކަށް ތައްޔާރުވާން ފަށައިފިއެވެ. އޭރު އަދި މި ބައްޔަށް ނަމެއް ވެސް ނެތެވެ.

"ލޮކްޑައުން ކުރުމުގެ އެއް ހަފުތާ ކުރިން ނިންމައިފިން ރިސޯޓަށް ނުދާން. އަދި މި ވައިރަހެއް ފެތުރެން ފެށިކަން އެނގުމާ އެކު ޑިސެމްބަރު މަހުން ފެށިގެން އާމްދަނީ ވެސް ރަނގަޅަށް ސޭވްކުރަން ފަށައިފިން އަހަރެން. އެހެންވީމަ ލިބިލިބި ހުރި އާމްދަނީ ކުއްލިއަކަށް ހުއްޓުމަކަށް އަޔަސް އަދި މިވަގުތަށް ދައްޗެއްނުވޭ،" އުމުރުން އެންމެ ސޯޅަ ތަސާރަ އަހަރުން ފެށިގެން ރިސޯޓު މިއުޒިކުން އާމްދަނީ ހޯދަމުން އަންނަ ކުޅަދާނަ ގިޓަރިސްޓު ކިޔައިދިނެވެ.

"ލޮކްޑައުން އަކަށް ދާން އުޅޭ ވާހަކަ ހުރިހާ ރިސޯޓަކުން ވެސް އާޓިސްޓުންނަށް ވެސް އެންގި ކުރިއާލައި. އެގޮތަށް އެންގީމަ އަޑްލީ ނިންމީ ރިސޯޓަށް ނުދާން. އެއީ ރިސޯޓުގައި ހުއްޓާ ލޮކްޑައުންކޮށްފި ނަމަ އެނބުރި ނުވެސް އާދެވޭނެތީ. މިހާރު ވެސް ބައެއް މިއުޒީޝަނުން އެބަތިބި ބައެއް ރިސޯޓުތަކުގައި ތާށިވެފައި."

އާއިލާ ގޮވައިގެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ ގިޓަރިސްޓު ބުނީ އޭނާ އަކީ އަބަދުވެސް ދުރާލާ ކަންކަމަށް ވިސްނާ މީހެއް ކަމަށާއި އެ މިޒާޖުގައި އަބަދުވެސް ދެ ތިން މަސް ކުރިއަށް އޭނާ ހުރިހާ ގޮތަކުން ވެސް ތައްޔާރުވާ ކަމަށެވެ.

"ދުރާލައި ތައްޔާރުވާން ފެށީ މިކަހަލަ ކްރައިސިސްއެއް ކުރިމަތިވެދާނެ ކަމަށް ވިސްނައިގެން. މީގެ ކުރިން ވެސް އަޅުގަނޑަކީ އާންމުކޮށް އެއް އަހަރު ކުރިއަށް ވިސްނައިގެން ލިބޭ އާމްދަނީ ސޭވްކޮށް ވަރަށް ބަލައިގެން އުޅޭ މީހެއް. އެކަމަކު މި ވައިރަހެއް ދުނިޔޭގައި ފެތުރޭކަން އެނގުނު ހިސާބުން ފެށިގެން އާމްދަނީގެ 90 ޕަސެންޓް އެއްކޮށް ސޭވްކުރަން ފެށީ،" އަޑްލީ ބުންޏެވެ.

"އެހެންވީމަ ހީވަނީ މި ރޭޓުގައި ދާ ނަމަ އަދި ތިން ވަރަކަށް މަސް މިގޮތުގައި ހިފަހައްޓާލެވިދާނެހެން ރިސޯޓު މިއުޒިކަށް ނުދިޔަޔަސް."

އަޑްލީ ޝޯއެއްގައި ކުޅެނީ. --ފޮޓޯ: މުހައްމަދު އަދުލީ

ގޭގައި އާ ކަންތައް ދަސްކޮށް އާ މިއުޒިކް އުފައްދަނީ!

ބޭންޑަކާ އެކު އެންމެ ފުރަތަމަ ރިސޯޓު މިއުޒިކަށް ވަން ނަމަވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ އަށް ފަހު އަޑްލީގެ ޕާފޯމަންސްތަކަށް ވަނީ މިހާރު ބަދަލުތަކެއް އައިސްފައެވެ. އޭނާ ބުނީ މިހާރު ރިސޯޓުތަކުގައި ކުޅޭއިރު އާންމުކޮށް ކުޅެން ދަނީ ލަވަކިޔުންތެރިޔަކާ އެކުގައި ނުވަތަ ސޯލޯ އިންޓުމެންޓަލް އާޓިސްޓެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ރިސޯޓުގެ އެ ހިތްގައިމު މާހައުލު އެންމެ އަވަހަށް ދޫކޮށްލި އެކަކަށް އަޑްލީވާނެއެވެ. އެއަށް ފަހު އޭނާ ގޭގައި މަޑުކޮށްލައިގެން ހުރިއިރު މި ދުވަސްކޮޅު އެންމެ ބޮޑަށް މަސައްކަތްކުރަނީ އަމިއްލަ އިންސްޓްރުމެންޓަލް ލަވަތައް ނިންމައި އަލްބަމެއްގެ ސިފައިގައި ފުރިހަމަ އަށް ރިކޯޑްކުރުމަށެވެ. އެކަމަށް ހާއްސަކޮށްގެން އޭނާ ގޭގައި އަމިއްލަ ސްޓޫޑިއޯއެއް ވެސް ގާއިމުކޮށްފައިވާއިރު އާ މަސައްކަތަކަށް ދަސްކުރަމުން ދަނީ ވީޑިއޯ އެޑިޓިންގެ މަސައްކަތެވެ.

"މިހާރު މިގޮތަށް އުޅެން ޖެހުމުން އިތުރު ހިޔާލުތަކެއް ވެސް އެބަހުރި. އެގޮތުން ސީދާ ހަމައެކަނި މިއުޒިކް ކުޅުމަށް އެކަނި ޑިޕެންޑްނުވަންވެގެން އެހެން ކޮންމެވެސް މަސައްކަތެއް ވެސް ފެށުމުގެ ވިސްނުން ގެންގުޅެނީ،" އަޑްލީ ބުންޏެވެ.

"އެގޮތުން ވީޑިއޯ މަސައްކަތްތައް ވެސް ކުރަން ދަސްކޮށް ލޮކްޑައުން އަކަށް ދާ ވާހަކަ ބުނި ހިސާބުން އަޅުގަނޑު މި އުޅެނީ ގޭގައި އަމިއްލަ ހޯމް ސްޓޫޑިއޯއެއް ވެސް ހަދައިގެން މިހާރު. އެގޮތުން މިހާރު މިއުޒިކްގެ އިތުރުން ވީޑިއޯގެ މަސައްކަތްތައް ވެސް ކުރެވޭ ގޮތަށް މިހުރީ."

އަޑްލީ ބުނީ އޭނާ ތައްޔާރުވަނީ ކުރިއަށް އޮތް ތިން މަހަށް ކަމަށާއި އެ ތިން މަސް ކުރިއަށް ގެންދަން ބޭނުންވަނީ އާ ކަންތައް ދަސްކޮށްލާ ތަޖުރިބާއެއްގެ ގޮތުގައި ކަމަށެވެ.

"މި ތިން މަސް ކުރިއަށް ގެންދެވޭތޯ މި ބަލަނީ އާ ކަންކަން ދަސްކޮށް ލާނިން އެކްސްޕީރިއަންސެއްގެ ގޮތުގައި. ރިސޯޓަށް މިއުޒިކް ކުޅެން ނުދެވުނަސް އެކަމުގެ ދެރައެއް ފީލްނުވޭ އަސްލު،" އަޑްލީ ބުންޏެވެ.

އަޑްލީ ޝޯއެއްގައި ކުޅެނީ. --ފޮޓޯ: މުހައްމަދު އަދުލީ

ރިސޯޓު މިއުޒިކަށް އެކަނި ބަރޯސާނުވުން ބުއްދިވެރި!

ރިސޯޓުތަކުގައި މިއުޒިކް ކުޅޭ ލޯކަލް ހުރިހާ އާޓިސްޓުންނަށް އަޑްލީ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ. އޭނާ ބުނީ ހަމައެކަނި ރީސޯޓް މިއުޒިކްގެ އާމްދަނީ އަށް ބަރޯސާވުމަކީ މިފަދަ ކަމެއް ދިމާވާއިރު އަޑިގަނޑަކަށް ވެއްޓި ފަސޭހައިން ހާލުގައި ޖެހިދާނެ ކަމެއް ކަމަށެވެ.

"އަހަރެން ވިސްނަނީ ހަމައެކަނި މިއުޒިކް ކުޅުމަށް ބަރޯސާނުވެ އެހެން ގޮތްތައް ވެސް ހޯދައިގެން ދިރިއުޅުން ހަމަޖައްސަން. ވާގޮތަކީ ބޭރުގެ ބޭންޑްތައް ރިސޯޓުތަކަށް ގެންނަވަރުން ލިބޭ ފުރުސަތުތައް މަދުވުމާއި އަނެއްކޮޅުން މިއީ ވަރަށް ވަރުބަލިކޮށްލާ ކަމެއް މިގޮތަށް ދަތުރުކޮށް މިއުޒިކް ކުޅެ ހެދުމަކީ ގަވާއިދުން. ބޮޑު ސިންގާހާ ސްޓްރަގްލްއެއް މިއީ އަސްލު،" އަމިއްލަ ތަޖުރިބާއިން އަޑްލީ ކިޔައިދިނެވެ.

"އާންމުކޮށް ރިސޯޓު މިއުޒިކް އިންޑަސްޓްރީ ރާއްޖޭގައި އޮތް ގޮތަށް ބަލާއިރު ލޯކަލް މިއުޒީޝަނުންގެ ބާރެއް ނެތް. އެހެންވީމަ އެންމެ ފަހު ވަގުތު އަބަދުވެސް ކެހި ލިބޭ ބަޔަކީ އަހަރެމެން. އެކަމަކު ފަހުން މި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް މި ބަލަނީ"

"މިއީ ފުލްޓައިމް ޖޮބެއްގެ ގޮތުގައި ބައެއް ކުދިން ކުރާ މަސައްކަތަކަށްވީމަ، މި ހާލަތުގައި ބައެއް ކުދިންގެ އެ ޖޮބް ހަމަ އެއްކޮށް ގެއްލިގެން އެ ދިޔައީ. މާނައަކީ އެއްވެސް ލާރިއެއް މިހާރަކު އެކުދިންނަކަށް ނުލިބޭނެއޭ އާމްދަނީއެއްގެ ގޮތުގައި."

Popular