20 Sep 2020

By: Ifraz Ali

ލޯބީގެ ލަވަތަކަށް ހާއްސަކޮށް، ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) މީގެ ކުރިން ވެސް "ލަވް މެޝްއަޕް" އެއް ގެނެސްދިނެވެ. މިއީ އޭގެ ދެ ވަނަ މެޝްއަޕް އެވެ. އިޝްގީ ލޯބީގެ އުފާވެރި ވާހަކަތަކެއް ކިޔައިދޭ ތަފާތު ފަސް ލަވައެއް އެއްކޮށްލައިގެން، މި މެޝްއަޕްގެ އޯޑިއޯ ގެނެސްދިނީ މީގެ ހަތް މަސް ކުރިންނެވެ. މިފަހަރު މި ގެނެސްދިނީ މީގެ ވީޑިއޯ އެވެ.

މި މެޝްއަޕްގައި ހިމެނެނީ ފަސް ކަވާ ލަވައެކެވެ. މީގެ ތެރެއިން ފުރަތަމަ ތިން ލަވައިގެ ލިރިކްސް ލިޔުނީ މޫސާ ނަދީމް އެވެ. އަދި ފަހު ލަވައިގެ ލިރިކްސް ލިޔުނީ ޒިޕޯ އެވެ.

ޝަމްވީލްގެ ދެ ވަނަ "ލަވް މެޝްއަޕް" ގެ ވީޑިއޯ.

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނުން، ތިން ވަނަ ހޯދި ޝަމްވީލްގެ މި ލޯބީގެ މެޝްއަޕް އަކީ، ލޯބީގެ ލަވަތަކަށް ލޯބިކުރާ މީހުން އަޑުއަހާ، ބަލާލަން ރަނގަޅު އިހުތިޔާރަކަށް ވާނެ އެވެ.

"ކުރިން ގެނެސްދިން މެޝްއަޕްގެ ވީޑިއޯ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔާމަ، ބޭނުންވީ ދެ ވަނަ އެއްޗެއް ހަދަން،" ވީޑިއޯއާ އެކު ނެރުނު މި މެޝްއަޕްއާ ބެހޭގޮތުން ޝަމްވީލް ބުންޏެވެ.

ޝަމްވީލްގެ ފުރަތަމަ "ލަވް މެޝްއަޕް".

މާސްކޭ ސްޓޫޑިއޯސް އިން ވީޑިއޯ ތައްޔާރުކުރި މި ލަވައިގައި ޝަމްވީލްއާ އެކު ފެންނަނީ، މުޅިން އަލަށް ވީޑިއޯ ލަވައެއް ކުޅުނު އިބްނާ ނަސީރް އެވެ. މި ވީޑިއޯ ކެމެރާކޮށް، ޑައިރެކްޓުކުރީ އަދި ޕްރޮޑަކްޝަންގެ ހުރިހާކަމެއް ކުރީ މާސްކޭ ސްޓޫޑިއޯސްގެ ފަރާތުން ޔާމިން ޒަކީ އެވެ. ޔާމިންއާ އެކު މީގެ ޑައިރެކްޝަންގައި ލުބްނާ ނަސީރް ވެސް ބައިވެރިވި އެވެ.

މުނާޒް ޒުބައިރް މިއުޒިކް ކޮމްޕޯޒްކުރި މި ލަވައިގެ ހާމޮނީ ތައްޔާރުކުރީ ރާއިފް މުހައްމަދު އެވެ.

މޯލްޑިވިއަން އައިޑޮލް

Popular