6 Jun 2022

By: Aishath Maaha

ކައިވެނި ޕާޓީތަކަށް ފްލާވާ ބުކޭ ހަދައިދޭ މީހުންގެ ތެރެއިން މިވަގުތު މާލޭގައި އެންމެ މަޝްހޫރު މީހުން ހޯދައިގެން ލިސްޓުކުރާ ނަމަ "ލިލިއަން ފްލޯރާ" އަންނާނެ އެވެ. "ލިލިއަން ފްލޯރާ" އަކީ ދެ ކުދިން ގޮވައިގެން އުޅެމުން ލިބޭ ވަގުތުތަކުގައި ނާއިފާ އަބްދުﷲ ހައްދަމުންދާ "މާބޮނޑި" އެކެވެ.

މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރު އަލަތު ދަރިފުޅު ލިބުމާ ހަމައަށް، ގޭގައި ހުރެގެން މިކަހަލަ މަސައްކަތެއް ކުރުމަކީ ނާއިފާ ދުވަހަކު ވެސް ހީކުރި ކަމެއް ނޫނެވެ. އޭނާ އަބަދުވެސް ބޭނުންވީ ޓީޗަރަކަށް ވާށެވެ. އުފަން ރަށް ހދ. ވައިކަރަދޫއިން ގްރޭޑް ނިންމާލާފައި މާލެ އައިސް މަތީ ތައުލީމް ހާސިލް ކުރީ ވެސް އެދާއިރާއިންނެވެ. އޭނާ 2012 ވަނަ އަހަރު އައިއައިޕީޑީ އިން އާލީ ޗަޔަލްޑްހޫޑް ހަދައިގެން އައިސް ކެންގަރޫ ކިޑްސްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

"ކެންގަރޫ ކިޑްސްގައި 3 އަހަރު އުޅުނިން، ދެން އަސްލު ވީގޮތަކީ ދަރިފުޅު ލިބިގެން ބޭނުންނުވީ ޖޮބަށް ދާން، އެކަމަކު ތިން މަސް ދިޔައިން ޖޮބަށް ބޭބީ ލިބުނު ފަހުން، ދެން ހިތަށް އެރީ ގޭގައި ކުރެވޭ ކަމެކޭ ދެން ކުރާނީ، ދަރިފުޅު ގާތުގައި ހުރެގެން ކުރެވޭ ކުރަން މާހިތްހަމަޖެހޭނެތީ،" މާބޮނޑި ހެދުމުގެ މަސައްކަތް ފެށިގެން އައިގޮތް ކިޔައިދިނެވެ.

އޭރު އޮތީ ރައްޓެއްސަކަށް ހަދައިދިން ހެޑްބޭންޑެއް މާބޮޑަށް ކަމުގޮސްގެން އެހެން ރައްޓެއްސަކު ވެސް އެކަހަލަ އެއްޗެއް ހަދައިދޭން އެދިފަ އެވެ. ހެޑްބޭންޑާއި، މާބޮނޑި އާއި މި ހުރިހާ އެއްޗެއް ހަދަން ނާއިފާއަށް ހިޔާލު އައީ އެހިސާބުންނެވެ.

"ލިލިއަން ފްލޯރާ" ހަދައިގެން މަސައްކަތް ފެށީ އެހާ ހިސާބުންނެވެ.

View this post on Instagram

A post shared by Lillian 🇲🇻 (@lillianfloramv)

"ޕޭޖު ހަދައިގެން މާގިނަ ދުވަހެއް ނުވެ އޯޑަރުތައް ލިބެން ފަށައިފި، އެހެން ގޮސް ފެށުނީ، ފުރަތަމަ ފެށިއިރު ނުވެސް އެނގޭ މާބޮޑަކަށް ހަދާކަށް، ދެން ޓްރައިކުރަމުން ކުރަމުން ގޮސް މަޑުމަޑުން ވަރަށް ގިނަ އެއްޗެހި ދަސްވި، ކުރާ ކޮންމެ ކަމަކުން ވެސް އާ އެއްޗެއް ދަސްވޭ،"

View this post on Instagram

A post shared by Lillian 🇲🇻 (@lillianfloramv)

އޭގެފަހުން މިހާތަނަށް އެތައް ސަތޭކަ ބުކޭ އަކާއި، ހެޑްބޭންޑާއި، ކްރޮސާޖާއި، ބޮޓަނިއާޒް ހެދިއިރު އެ ހުރިހާ އެއްޗެއް ވެސް ހެދީ އަމިއްލައަށެވެ. އެންމެ ގިނައިން ލިބެނީ ބުކޭ އޯޑަރުތަކެވެ. އިންސްޓަގްރާމް އެކައުންޓަށް ލާ ފޮޓޯތައް ފިރިމީހާ ނަގައިދޭއިރު ޑެލިވަރީ ކޮށްދެނީ ކޮއްކޮ އެވެ.

ދެ ކުދިންގެ ކަންކަން ކޮށްފައި ލިބޭ ވަގުތުތަކުގައި މި މަސައްކަތް ކުރާއިރު މަސައްކަތް ކުރާ ދުވަހެއް ނަމަ އާންމުކޮށް ތިން ގަޑިއިރު ނުވަތަ އެޔަށްވުރެ ގިނަ ވަގުތު މަސައްކަތަށް ހޭދަކުރާ ކަމަށް ނާއިފާ ބުންޏެވެ.

View this post on Instagram

A post shared by Lillian 🇲🇻 (@lillianfloramv)

"ގިނައިން މަސައްކަތް ކުރަނީ ރޭގަނޑު، ދުވާލު މި ކަމަށް މަސައްކަތް ކުރަންޏާ ހަޒްބަންޑް މަޑުކޮށްލާނެ ކުދިން ގާތުގައި،"

މި ވިޔަފާރި އިތުރަށް ފުޅާކުރަން ނާއިފާ އުންމީދު ކުރާއިރު ބޭނުންވާ ކުލަތަކުގެ އަދި ބޭނުންވާ ކަހަލަ މާތައް މާލެއިން ނުލިބުމަކީ އޭނައަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. ކަސްޓަމަރުން ބޭނުންވާ ކަހަލަ ބުކޭތައް ތައްޔާރުކުރަން ރާއްޖޭން ބޭރުން މާ ގެންނަން ޖެހޭލެއް މަދ ނޫންކަން އޭނާ ފާހަގަކުރި އެވެ.

"ވެޑިން ސީޒަންތަކުގައި ވަރަށް ގިނަ އޯޑަރު ލިބޭ، މާދުވަސް ކައިރި ނޫނިއްޔާ ހުރިހާ އޯޑަރެއް ވެސް ނަގަން، އެންމެ ލަސްވެގެން މަހެއް ކުރިން އޯޑަރު ނަގަން، އެކަމަކު ފުރަތަމަ ބަލަން ކޮން ކުލައެއްތޯ ނޫނީ ލިބޭ ކަހަލަ މަލެއްތޯ. ދެން ކަސްޓަމާ އާއި ޑިސްކަސް ކުރަން އެކަން ވެސް، އަތުގައި ނެތިއްޔާ މާލެއިން ލިބޭތޯ، ނުލިބެންޏާ ކަސްޓަމާ އާއި ވާހަކަ ދައްކާ ބުނަން، ދެން ގިނަ ފަހަރަށް ޗޭންޖް ވެސް ކުރޭ، ނޫނީ އަހަރެންގެ ހިޔާލު ހޯދާ ރީތިވާނެ ގޮތަކަށް، ނޫނީ އެއްކޮށް ހަމަ އަހަރެން އަތްމައްޗަށް ދޫކޮށްލާ ރީތިކޮށް ހަދަން،"

View this post on Instagram

A post shared by Lillian 🇲🇻 (@lillianfloramv)

ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭގޮތަށް ތައްޔާރުކޮށްދިނުމަށް ބުކޭ ތައްޔާރުކުރަމުން ދާއިރު ވެސް ފޮޓޯ ފޮނުވައި ކަސްޓަމަރަށް ކަމުދޭތޯ ޔަގީންކުރާ ކަމަށް ނާއިފާ ބުންޏެވެ. އަދި ތައްޔާރުކޮށް ޑެލިވަރީ ކުރާފަހުން ވެސް ކަސްޓަމަރު ބަދަލެއް ގެންނަން ބޭނުންވާނަމަ އިތުރު ފީއެއް ނުނަގައި އެކަން ކޮށްދެ އެވެ.

މިހާރު އޭނާ މަސައްކަތް ކުރަނީ، ހދ، ހަނިމާދޫއަށް ދިރިއުޅުން ބަދަލު ކުރުމާއެކު އެރަށުގައި ހުރެގެންނެވެ. އެކަމަކު ވެސް އޯޑަރުތައް ނެގުމުގައި ބަދަލެއް ނުގެނެސް އަދި ޑެލިވަރީގެ ހިދުމަތަށް ވެސް އިތުރު ލަސްކަމެއް ނާންނަ ކަމަށް ބުންޏެވެ.

"އެކަމަކު މިހާ ހިސާބަށް އާދެވުނީ ކަސްޓަމަރުންގެ އިތުރުން ފިރިމީހާ އާއި އާއިލާ އަދި ރައްޓެހިންގެ ސަޕޯޓު ވަރަށް ބޮޑަށް ލިބުނީމަ،"

Popular