22 Jan 2018

ދީނާ: ރާއްޖޭގެ އެންމެ ޓޮޕް މޮޑެލް؟

ދީނާގެ އަމާޒު މިހާރު ހިފާފައި ވަނީ ތޮށިގަނޑު ފަޅާލާފައި ރާއްޖެއިން ބޭރުވުމަށެވެ. ދިވެހި މެގަޒިންތަކާއި އިޝްތިހާރުކުޅުމުގެ މާކެޓުގައި މިހާރު ވެސް އޭނާ އަށް ނުލިބޭ ފުރުސަތެއް ނެތެވެ.

ދީނާގެ އަމާޒު މިހާރު ހިފާފައި ވަނީ ތޮށިގަނޑު ފަޅާލާފައި ރާއްޖެއިން ބޭރުވުމަށެވެ. ދިވެހި މެގަޒިންތަކާއި އިޝްތިހާރުކުޅުމުގެ މާކެޓުގައި މިހާރު ވެސް އޭނާ އަށް ނުލިބޭ ފުރުސަތެއް ނެތެވެ.

By: Ahmed Nadym

މޮޑެލިން އަކީ ރާއްޖޭގައި މާ ބޮޑު ފިއުޗާއެއް އޮތް ކަމެއް ކަމަށް ބަޔަކު ގަބޫލުނުކޮށްފާނެ އެވެ. އަދި ދިވެއްސަކަށް ފެޝަންގެ މި ދާއިރާގައި މާ ބޮޑު ކާމިޔާބީތަކެއް ހޯދިދާނެ ކަމަކަށް ވެސް މީހުން ގަބޫލުނުކޮށްފާނެ އެވެ. އެކަމަކު މިދިޔަ އަހަރު އަހަރެމެންނާ ވަކިވެގެން ދިޔަ ރައުދާ އާތިފް އަކީ ފެޝަންގެ އެއް ވަނަ ދުނިޔޭގައި ދިވެހި މޮޑެލުންނަށް ވެސް ފައިތިލަ ސާބިތުކޮށްލެވިދާނެކަމުގެ އުއްމީދު މި ދާއިރާ އަށް ޝައުގުވެރިވާ އެހެން ހުރިހައި ދިވެހިންނަށް ހޯދައިދިން ކުއްޖެކެވެ. އޭނާގެ ނަމޫނާ ގަބޫލުކޮށް އެ ހުވަފެންތަކާ އެކު ކުރިއަށްދާ އެހެން ވަރަށް ގިނަ ދިވެހި މޮޑެލުން ވެސް އެބަތިއްބެ އެވެ. އޭގެ ތެރެއިން ވެސް ދީނާ އަބޫބަކުރު މިއީ ހާއްސަ މޫނެކެވެ.

މޮޑެލް: ދީނާ | މޭކަޕް އެންޑް ހެއާ: ރިޒްނާ | ފޮޓޯ އަދި ރީޓަޗިން: ނާވިން

އުމުރުން 26 އަހަރުގެ މި މޮޑެލްގެ އަމާޒު މިހާރު ހިފާފައި ވަނީ ތޮށިގަނޑު ފަޅާލާފައި ރާއްޖެއިން ބޭރުވުމަށެވެ. ދިވެހި މެގަޒިންތަކާއި އިޝްތިހާރުކުޅުމުގެ މާކެޓުގައި މިހާރު ވެސް އޭނާ އަށް ނުލިބޭ ފުރުސަތެއް ނެތެވެ. އެއަށް ފަހު މި ހުރިހާ ފުރުސަތުތަކެއްގެ ތެރެއިން އޭނާ އަށް ބޭރު ދުނިޔެއިން ވެސް ވެސް މޮޑެލްކުރުމުގެ ފުރުސަތުތައް މިހާރު ވަނީ ލިބެން ފަށައިފަ އެވެ.

"މިފަހުން ފުރުސަތު ލިބުނު ލަންކާގެ ފެޝަން ޝޯއަކުން ވެސް. އެކަމަކު އެ ފުރުސަތުގެ ބޭނުން ނުހިފުނީ އެ ދުވަސްކޮޅު އެހެން މަސައްކަތްތަކެއްގައި މާ ބިޒީކޮށް އުޅެން ޖެހުމުން،" ރާއްޖޭގައި ކުރިން ނުލިބޭ ގިނަ ފުރުސަތުތަކެއް މޮޑެލްކުރާ ކުދިންނަށް މިހާރު ލިބެމުން ދިޔަ ނަމަވެސް މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް ގިނަކަން ފާހަގަކޮށް ދީނާ ބުންޏެވެ.

މޮޑެލް: ދީނާ | ފޮޓޯ އަދި ރީޓަޗިން: ޑަބަލް ޑޮޓް އަޒޫ

"އާންމުކޮށް ގިނަ މީހުން މި ދާއިރާއާ މެދު ދެކޭ ގޮތް ގޯހީ. މީހުން ދެކެނީ މިއީ ގޯސްކަމެކޭ. އެކަމަކު އެ ވިސްނުން މަޑުމަޑުން ބަދަލުވަމުން ގޮސް މިހާރު މާލޭގައި ނަމަ އެބަލިބޭ ވަރަށް ގިނަ ފުރުސަތުތައް ދިވެހި މޮޑެލުންނަށް،" ދީނާ ބުންޏެވެ.

"މި ދާއިރާ އިން ރާއްޖެއިން ބޭރުން ވެސް ފުރުސަތު ލިބޭ ފެންވަރުގެ ކުދިން އެބަތިބި މިހާރު ވެސް. މީހުން ކިޔާނެ އެއްޗަކަށް ބަލައިގެން މި ދާއިރާ އަށް ނުނިކުންނަންވީ ސަބަބެއް ނެތް."

މޮޑެލް: ދީނާ | މޭކަޕް އެންޑް ހެއާ: ރިޒްނާ | ފޮޓޯ އަދި ރީޓަޗިން: ނާވިން

އެކަމަކު ދީނާ ބުނީ މޮޑެލްކުރަން ހިތުލައިގެން ނުކުންނައިިރު މިއީ ރާއްޖޭގައި އަދި ރަނގަޅަށް ފައްކާނުވެ އޮތް ދާއިރާއެއްކަމުން ވިސްނަން ޖެހޭ ކަންކަމާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ދީނާ ބުނީ އޭނާ މި ދުވަސްކޮޅު ފުލްޓައިމްކޮށް މޮޑެލިން އަށް ހުސްވެގެން ހުއްޓަސް މޮޑެލުންގެ މާ ބޮޑު އަގެއް އަދިވެސް ރާއްޖޭގައި ނެތެވެ.

"އެހެންވީމަ ބޮޑަށް މިކަމުގައި މި އުޅެވެނީ ހޮބީއަކަށް. ނުވަތަ އަބަދުވެސް ކުރާހިތްވާ ކަމަކަށްވާތީ އުޅެވެނީ. ސްކޫލް ނިންމި ގޮތަށް އެހެން ޖޮބްތަކުގައި އުޅެމުން، ހޮބީއަކަށް އަޅުގަނޑު ވެސް މިކަން ކުރަން ފެށީ ފުރަތަމަ،" ދިރާގުން 2009 ވަނަ އަހަރު ނެރުނު ދިވެހިވަންތަ ކަލަންޑަރެއްގައި ހިމެނި ފޮޓޯތަކަކަށް އެންމެ ފުރަތަމަ މޮޑެލްކުރި ދީނާ ބުންޏެވެ.

މޮޑެލް: ދީނާ | ޕޮޓޯ އަދި ރީޓަޗިން: ކެވިން ޕިނާޑީ

"މި ދުވަސްކޮޅު ގިނައިން ޝޫޓްތައް ލިބުނަސް ކުރިން ފަށައިގަތްއިރު މުޅި އަހަރު ޝޫޓެއް ނުލިބި ހުންނަން ވެސް ޖެހިދާނެ. އެކަމަކު މިހާރު ވަރަށް ބައިވަރު ފުރުސަތު ލިބޭ. ކުންފުނިތަކުން ވެސް މޮޑެލުން ހަޔާކޮށްގެން އިޝްތިހާރު ވެސް އެބަހަދާ. މެގަޒިންތައް ވެސް ގިނަވުމުން ފުރުސަތު އިތުރުވޭ."

ނަމަވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މޮޑެލްކުރާ ކުރިންގެ އަގު މައްޗަށް އަރުވަން ބައެއް މީހުން ބޭނުމެއް ނުވުމެވެ.

މޮޑެލް: ދީނާ | ފޮޓޯ އަދި ރީޓަޗިން: ޑަބަލް ޑޮޓް އަޒޫ

"ލިބޭ އަގު ކުޑައީ އަދިވެސް. މިސާލަކަަށް އިޝްތިހާރު ހަދާއިރު ވެސް އިޝްތިހާރު ހަދާ މީހުންނަށް ވަަރަށް ބޮޑު އަގެއް ލިބޭ. އެކަމަކު މޮޑެލުންނަށް އަގު ދޭން ޖެހޭ ހިސާބުން ދެން ވާ ގޮތެއް ނޭނގޭ،" ކިޔާ އަގުތަކަށް މީހުން އާންމުކޮށް ދެކޮޅުހަދާކަން ފާހަގަކޮށް ދީނާ ބުންޏެވެ.

ދީނާ ބުނީ މޮޑެލްކޮށްގެން ލިބޭ އަގު ކުޑަވުމަކީ ބައެއް ކުދިން މި ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިނުވާ ކަމަކަށް ވެދާނެ ކަމަށެވެ.

މޮޑެލް: ދީނާ | ފޮޓޯގްރެފީ: ފަންކޮ

ނަމަވެސް ދީނާގެ މަގްބޫލުކަމަށް ފަޑުކަމެއް އައިކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ލެކިއުޓުން ނެރުނު ލެވިޝް މެގަޒިން އާއި ވައިބް މެގަޒިން ފަދަ މުހިންމު ނަންތަކުގެ ކަވަރުން މިހާރު ޖާގަ ލިބިފައިވާ މި މޫނަށް ދަނީ ފިލްމީ ދާއިރާގެ ހުށަހެޅުންތައް ވެސް ލިބެމުންނެވެ. އޭނާ ލައްވައި ފިލްމާއި ލަވަ ކުޅުވަން ބޭނުންވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންވެސް ވަރަށް ގިނަ އެވެ. ނަމަވެސް ދީނާ ބުނަނީ އެކްޓިންގެ ތެރެއަށް ނުކުތުމުގެ ވިސްނުމެއް އޭނާގެ އަދި ނެތް ކަމަށެވެ.

ޒުވާނުން ފެޝަން

Popular