18 Jan 2018

ބުލީން އީމް ނިޒާމް "ކާލައިފި"

ބުލީ ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެކަމާ ކުރިމަތިވި މީހަކަށް ނޫނީ ނޭނގޭނެ އެވެ. އެކަމަކު މި ނުބައި އާދައިގެ ތެރޭގައި އަހަރެމެންގެ އެތައް ބަޔަކު މަޖާވެގެން ހެނީ އެވެ.

ބުލީ ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެކަމާ ކުރިމަތިވި މީހަކަށް ނޫނީ ނޭނގޭނެ އެވެ. އެކަމަކު މި ނުބައި އާދައިގެ ތެރޭގައި އަހަރެމެންގެ އެތައް ބަޔަކު މަޖާވެގެން ހެނީ އެވެ.

By: Aishath Maaha

ބުލީކުރުމާއި އޮންލައިން ހެރެސްމަންޓާ ދެކޮޅު ކަމަށް ކޮންމެ މީހަކު ވެސް ބުނެ އެވެ. އެކަމަކު މިއަށް ވުރެ ގިނައިން އަހަރެމެން ކުރާ ކަމެއް އޮންނަހެން ހިއެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި މީހަކާ ދިމާކުރަން ވެއްޖެ ނަމަ ނިކަން ފޯރި ހުރެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ ދެކެ ވެވުނު ލޯތްބާއެކު ސުނީތާ އަލީ އޭނާގެ ފޭނަކަށްވެ މެސެޖްތަކާއި ޓްރިބިއުޓްތައް ދޭން ފެށުމުން ސޯޝަލް މީޑިއާގައި ސުނީތާ ރޮލައި "ކާލީ" އެވެ. އެކަމަކު މިހާރު ސުނީތާ މާ ގަދަކޮށްފި އެވެ. މަލާމާތަކުން، ފުރައްސާރައަކުން ސުނީތާގެ ހިތް މަރައެއް ނުލެވުނެވެ.

ސުނީތާގެ ހިތްވަރުން ބުލީންގެ ކިބައިން ސަލާމަތްވެ ހިތްދެމިލައި ބުލީގެ ހަނދާންތައް ފަނޑުވަމުން ދަނިކޮށް އަންގާރަ ދުވަހު "ދޯ"ގެ "ލޯތްބާއެކު" ސެގްމެންޓު ބެލި އެތައް ބަޔަކު އެ ސެގްމެންޓުގެ ފުރަތަމަ ގެސްޓް އީމް ނިޒާމަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެ އިންޓަވިއު ބަލާފައި ގިނަ މީހުން ކުރީ ސައިބާ ބުލީ އެވެ. އީމް ނިޒާމަކީ ކާކުކަން ނޭނގޭ މީހުން ވެސް ވަރަށް ހުތުރުކޮށް ދިމާކޮށްފައިވެ އެވެ.

އީމްގެ ވާހަކަ ދެއްކުމުގައި އަނގަމަތީ ބަހެއްގެ ގޮތުގައި ބޭނުންކުރެވުނު ދެތިން ބަހެއްގައި ހިފައިދަމައިގަތީ އެވެ. ސޯޝަލް މީޑިއާގައި ރައްޓެހިން ޓެގުކޮށް މަލާމާތްކޮށް ފުރައްސާރަކުރި އެވެ. އެ ފުރައްސާރަ އަކީ ބޮޑު މަޖާގަނޑަކަށް ހެދި އެވެ.

އީމް ނިޒާމްގެ "ލޯތްބާއެކު" އިންޓަވިއު

އެންމެ ގިނަ މީހުންގެ ގާތަށް ހިނި އައީ ކޮސްމެޓިކް ސާޖަރީއާ ގުޅޭގޮތުން އީމް އޭނާގެ ހިޔާލު ފާޅުކުރުމުންނެވެ. އެއީ ހަރާމް ކަމެއް ކަމަށް ބުނުމުންނެވެ. އަދި އީމްގެ ރީތި އިސްތަށިގަނޑަށް ތައުރީފް ކުރުމުގެ ކުރިން މާޝާ ﷲ އޭ ބުނުމަށް އޭނާ ހަނދާންކޮށްދިނުމުންނެވެ. ދިވެހި ބަހަށްވުރެ ގިނައިން އިނގިރޭސި ބަސްތައް ބޭނުންކޮށްފައި ވާތީ އެކަން ވެސް ވަރަށް ބޮޑުކޮށްލި އެވެ. ސޯޝަލް މީޑިއާގައި ވައިވެފައި ތިބި މީހުންގެ ބުލީގެ ޝިކާރައަކަށް އީމް ވެގެން ދިޔައީ ވަރަށް ފަސޭހައިންނެވެ.

ވާހަކަ ދެއްކުމާއި ސިފަޔާއި މީހުންގެ މިޒާޖު ނުވަތަ އެ ނޫން ވެސް ކަންކަމާ ގުޅުވައިގެން ފުރައްސާރަ ކުރުމާއި އެފަދަ ހުތުރު ކަންކަން ކުރާ މީހުންގެ ވާހަކަތަކަށް ހިތްވަރު ދީ އަތްޖަހަން ތިބޭ މީހުން ވެސް ހާދަ ގިނަ އެވެ.

އެހެން މީހުންނަށް ދިމާލަށް ފުރައްސާރައިގެ އިނގިލި ދިއްކުރުމުގެ ކުރިން ތިމާގެ ހާލަތާ މެދު ވިސްނާލަން ޖެހެ އެވެ. ބުލީގެ ޝިކާރައަކަށް ތިމާ ނުވަތަ ތިމާގެ އާއިލާގެ މީހެއް ނުވަތަ ރައްޓެއްސަކު ވެއްޖެ ނަމަ ކުރެވޭނެ އިހްސާސްތަކާ މެދު ވިސްނާލާށެވެ.

ބުލީކުރުން

Popular