8 Aug 2018

ދިވެހި އެކަމަކު ޒަމާނީ އައިލެންޑް އެޕޯތެކެއަރީ

ކެމިކަލެއް ނާޅައި ހަމައެކަނި ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ހަމުގެ ފަރުވާގެ އުފެއްދުންތަކެއް ޑިޒައިންކޮށް ބާޒާރަށް ނެރުނު ދިވެހި ބްރޭންޑް ވަރަށް ކާމިޔާބު

ކެމިކަލެއް ނާޅައި ހަމައެކަނި ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ހަމުގެ ފަރުވާގެ އުފެއްދުންތަކެއް ޑިޒައިންކޮށް ބާޒާރަށް ނެރުނު ދިވެހި ބްރޭންޑް ވަރަށް ކާމިޔާބު

By: Asiyath Mohamed Saeed

ސްކިން ކެއާ އުފެއްދުންތައް އެހެން ފަރާތްތަކަށް ފަރުމާކޮށްދިނުމާއި ފްރީލާންސްކޮށް ސްޕާ ކޮންސަލްޓެންސީ ފޯރުކޮށްދިނުމުގެ ތެރެއިން އާމިނަތު ޝަފާނާ އަށް ލިބުނު ތަޖުރިބާ ވީ ވަރަށް ވެސް އަގުހުރި އެއްޗަކަށެވެ. އޭނާގެ ހުނަރާއި ޝައުގުވެރިކަން އަދި ފަތްޕިލާވެލީގެ ބާވަތްތަކަށާއި ހޯލިސްޓިކް ވެލްނެސް އަށް ކުރާ ލޯބި ގަށައި އެއްކޮށްލީމާ ނުކުތީ ވަރަށް ޚާއްސަ ނަމެކެވެ؛ އައިލެންޑް އެޕޯތެކެއަރީ އެވެ. ކެމިކަލެއް ނާޅައި ހަމައެކަނި ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ހަމުގެ ފަރުވާގެ އުފެއްދުންތަކެއް ޑިޒައިންކޮށް، އިތުރު ހަތަރު މީހެއްގެ އެހީތެރިކަމާ އެކު، ޝަފާނާ ބާޒާރަށް ނެރުނު ދިވެހި ބްރޭންޑް ކިތަންމެހާ ވެސް ކާމިޔާބެވެ.

ރީޓެއިލް ލައިނަކާއި ޕްރޮފެޝަނަލް ސްޕާ ލައިނެއް ހިމެނޭ އައިލެންޑް އެޕޯތެކެއަރީއަކީ ޝަފާނާ އާއި އިތުރު ދެ ދިވެއްސަކު ގުޅިގެން ރާއްޖޭގައި އުފައްދައި އާއްމުންނަށާއި ސްޕާތަކަށް ވިއްކާ ބްރޭންޑެކެވެ. އެ ވިޔަފާރި އަށް ދޮޅު އަހަރުވީ އިރު 55 އުފެއްދުމެއް ބާޒާރަށް ނެރެ ގިނަ ބައެއްގެ މަގްބޫލުކަން ވަނީ ހޯދައިފަ އެވެ. އެންމެ ފުރަތަމަ ޝަފާނާ އެކަނި ބަދިގޭގައި އެއްޗެހި ތައްޔާރުކުރަން ފެށި ވިޔަފާރި މިހާރު މުވައްޒަފުންނާ އެކު ވަކިން ތަނެއްގައި ހިންދެމިލައިފި އެވެ. މާލޭގައި އައިލެންޑް ބާޒާރާއި މެރާކީ އާއި ޓޮޑީ ޝޮޕުން ރީޓެއިލްކޮށް ވިއްކުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ސްޕާތަކާ ހަމައަށް ވެސް އައިލެންޑް އެޕޯތެކެއަރީގެ މީރު ވަސްތައް ވަނީ ފޯރައިފަ އެވެ. އޭގެ ތެރޭގައި ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު އަދި ސޮނެވާފުއްޓާއި ހުވަފެންފުށި ފަދަ މަތީ ފެންވަރުގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.

ޝަފާނާ އޭނާގެ މަސައްކަތުގައި

"ލޯންޗުކުރީއްސުރެ ވެސް ކަސްޓަމަރުން ބަލައިގަންނަ ޕްރޮޑަކްޓްތަކަކަށް ވެފައި އޮތީ. ދެ މާކެޓް ވެސް ވަރަށް ބޮޑަށް ހިނގާ. ކަސްޓަމަރުންގެ ފީޑްބެކްއާ އެއްގޮތަށް ބައެއް ބަދަލުތައް ވެސް ގެނެސްފައި ހުންނާނެ. ދެން ޔުނީކް ކޮލަބޮރޭޝަންސް ވެސް ހުންނާނެ. މިސާލަކަށް ބައެއް ސްޕާތަކުން ބޭނުންވޭ އެ ސްޕާއަކަށް ވަކި ޚާއްސަ ޕްރޮޑަކްޓެއް ހަދައިދޭން. އެ ގޮތަށް ލިބުނު ރެސްޕޮންސް ވެސް ވަރަށް ރަނގަޅު،" ޝަފާނާ ބުންޏެވެ.

ކާމިޔާބީގެ ސިއްރަކީ އައިލެންޑް އެޕޯތެކެއަރީގެ އުފެއްދުންތައް ތަފާތުވުން ކަމަށް ޝަފާނާ ގަބޫލުކުރެ އެވެ. "ހަށިގަނޑަށް ކާނާއެއް"ގެ ގޮތުގައި އޭނާ ސިފަކުރާ އެ އުފެއްދުންތައް ވަނީ ދިވެހި އާދަކާދަ އާއި ސަގާފަތާ ގުޅުވާލައިފަ އެވެ. ހަންގަނޑު ރީތިކުރުމަށް އިހު ޒަމާނުގައި ދިވެހިން ގެންގުޅުނު އެއްޗެއްސާއި ދިވެހި ބޭސްވެރިކަމުގެ ބާވަތްތައް އައިލެންޑް އެޕޯތެކެއަރީގައި ހިމެނެ އެވެ. ކެލަ އާއި ކާށި ތެލާއި ފިނިފެންމަލުގެ ފިޔަ ފަދަ އެއްޗެއްސެެވެ.

"މުޅި ޕްރޮޑަކްޓް ލައިން ޑިޒައިންކުރި އިރު ބަލާފައި ހުންނާނީ ކުރީ ޒަމާނުއްސުރެ ދިވެހިން ބޭނުންކޮށްފައި ހުރި އިންގްރީޑިއެންޓްސް ޒަމާނީ ގޮތަކަށް ގެނެވޭތޯ،" ޝަފާނާ ބުންޏެވެ.

"ކޮންމެ ޕްރޮޑަކްޓެއް ވެސް ހަދަނީ މަދު އެތިކޮޅުކޮޅުން. ހުރިހާ އެއްޗެއް ވެސް ވަރަށް ފަރުވާތެރިކަމާ އެކު އަތުން ތައްޔާރުކޮށްގެން މި ނެރެނީ. ނެރުމުގެ ކުރިން ހުރިހާ ސްކިން ޓައިޕެއްގައި ޓެސްޓުކޮށްގެން ބަލާފައި ފައިނަލްކުރަނީ ވެސް."

ކާށި ތެލާއި ކޮފީ އެކުލެވޭ ޓޭނިން އޮއިލް އާއި ކާށި ތެލާއި މޫދު ލޮނުން ތައްޔާރުކުރާ ބޮޑީ ސްކްރަބް އަދި އެލޮވޭރާ އެކުލެވޭ "ރެސްކިއު ސެލްވް" އަކީ އައިލެންޑް އެޕޯތެކެއަރީގެ އެންމެ މަގްބޫލު އުފެއްދުންތަކެވެ. އޭގެ އިތުރުން ފޭޝަލް ޓޯނާ ނުވަތަ މިސްޓްސްގެ ޚާއްސަކަން ވެސް ޝަފާނާ ފާހަގަކުރެ އެވެ. އޭނާ ސިފަކުރާ ގޮތުގައި އައިލެންޑް އެޕޯތެކެއަރީގެ ހުރިހާ އުފެއްދުންތަކެއް ވެސް ތައްޔާރުކުރަނީ "ބައިވަރު ލޯތްބާ އެކު"ގަ އެވެ. އަދި ތިމާވެއްޓާއި އިޖުތިމާއީ އަދި ވިޔަފާރީގެ އެންމެ މަތީ މިންގަނޑުތަކުގައި ހިފަހައްޓައިގެން، އިންގްރީޑިއެންޓްސް އިން ފެށިގެން ސަޕްލަޔަރުން ހަމަޖެއްސުމާ ހަަމަ އަށް ވެސް، އެ ކަންކަމަށް ސަމާލުކަން ދޭކަން އޭނާ ފާހަގަކުރި އެވެ.

"ހުރިހާ އިންގްރީޑިއެންޓްސްއަކީ ގުދުރަތީ އެއްޗެހި. އަދި ވީހާ ވެސް ބޮޑަށް އޯގެނިކް އިންގްރީޑިއެންޓްސް ބޭނުންކުރެވޭތޯ ބަލަނީ. ޔޫއެސްޑީއޭ އޯގެނިކް ސަޓިފައިޑްވާނެ. އެންމެ ފެންވަރު ރަނގަޅު އިންގްރީޑިއެންޓްސް ހުރިހާ އެއްޗަކަށް ވެސް މި ބޭނުންކުރަނީ. އެއްވެސް ޕްރޮޑަކްޓެއްގެ އެނިމަލް ޓެސްޓިންއެއް ނަހަދަން. އެހެންވީމާ ކްރުއެލްޓީ ފްރީ ވާނެ. އަދި ފެއާ ޓްރޭޑް ސަޓިފައިޑް،" ޝަފާނާ ބުންޏެވެ.

އެންމެ ފުރަތަމަ އަމިއްލަ އަށް އެކްސްޕެރިމެންޓްކޮށްގެން ޕްރޮޑަކްޓްތައް ފަރުމާކުރަން ދަސްކުރިޔަސް މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުރިހާ ކަމެއް އުނގެނެން ސްރީ ލަންކާގައި އޭނާ ވަނީ ކޯސްތައް ވެސް ހަދައިފަ އެވެ.

"ސްކިން ކެއާ ބްރޭންޑެއް މާކެޓަށް ނެރޭ އިރު އަސްލު ވަރަށް ގިނަ ކަންތައްތަކަކަށް ބަލަން ޖެހޭ. ސަޓިފިކޭޝަންސް އާއި ވަކި މިންގަނޑުތަކެއް ގެންގުޅުމާއި ގުޑް މެނުފެކްޗަރިން ޕްރެކްޓިސެސްއާ އެކަހަލަ ކަންތައްތައް ހަމަ ކޯސްތައް ހަދައިގެން ދަސްކުރަން ޖެހުނީ،" އާއިލާއާ އެކު ލަންކާގައި ދިރިއުޅެމުން ވިޔަފާރީގެ ކަންކަމުގައި ގަވާއިދުން މާލެ އަށް ދަތުރުކުރާ ޝަފާނާ ބުންޏެވެ.

އައިލެންޑް އެޕޯތެކެއަރީގެ ތިން ޕާޓްނަރުންނަށް އޮތް ހިތްހަމަޖެހުމަކީ ހަމުގައި އުނގުޅަން ގުދުރަތީ އުފެއްދުންތައް ގަންނަން ދިވެހިން ވެސް ފަށައިފައިވުމެވެ. ޝަފާނާ ގަބޫލުކުރާ ގޮތުގައި އެ ހޭލުންތެރިކަން ދިވެހިންގެ ތެރޭގައި ރަނގަޅެވެ.

"އަސްލު ލައިފްސްޓައިލެއް ގޮތަށް މި ކަހަލަ އުފެއްދުންތައް ބޭނުންކުރާ މީހުން މިހާރު ވަރަށް ގިނަ. ނެޗުރަލް ކޮސްމެޓިކްސް އަށް ޝައުގުވެރިވެގެން، ކެމިކަލް ނުހުންނަ އެއްޗެހި ބޭނުންކުރަން ބޭނުންވާ އަދި ގަވާއިދުން ބޭނުންކުރާ ކްލަޔަންޓް ބޭސްއެއް އެބަ އޮތް،" އޭނާ ފާހަގަކުރި އެވެ.

"މިހާރު ވަރަށް ގިނަ މީހުން ބޭނުންވޭ އޯގެނިކް ފުޑް ވެސް. ހަމަ އެކަހަލަ ގޮތަކަށް، ގައިގައި ލެވޭ އެއްޗަކީ ވެސް ކެމިކަލް ފްރީ އެއްޗަކަށް ވާން ބޭނުންވާ ވަރަށް ގިނަ ބަޔަކު ވެސް އެބަ އުޅޭ."

ޝަފާނާގެ ބަހުން ނަމަ އައިލެންޑް އެޕޯތެކެއަރީގެ ކުރިމަގު އަދި އޮތީ އެވެ. އެ ބްރޭންޑް ބައިނަލްއަގުވާމީ ބާޒާރަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ އިރު، އޭނާ ބުނަނީ އިތުރަށް ވެސް "އެކްސައިޓިން ޕްރޮޖެކްޓްތަކެއް އެބަހުރި" ކަަމަށެވެ.

"މަޑުމަޑުން ހާމަކުރަން ދާނަން. ވެލްނެސްގެ ތެރެއިން ވަރަށް ތަފާތު ކަންތައްތަކެއް އެބަ ހުރި،" ޝަފާނާ ބުނެލި އެވެ.

އަންހެނުން ކުދި ވިޔަފާރި ބިއުޓީ އަންހެނުން ބާރުވެރިކުރުން

Popular