By: Shamila Ibrahim
ރާއްޖޭގައި ފޮޓޯގްރާފަރުން ގިނަ ނަމަވެސް ޅަ އުމުރުގައި މި ދާއިރާގައި ފިޔަ ޖަހާ ހުނަރުވެރިން މަދެވެ. ނަމަވެސް މިއީ އުމުރުން 12 އަހަރުން ފެށިގެން މި ދާއިރާއަށް ލޯބި ޖެހި، ގޮންޖެހުންތަކާ އެކުވެސް ފޮޓޯގްރާފަރެއްގެ ގޮތުގައި ސާބިތުވެ ނަމޫނާ ދެއްކި ހުނަރުވެރި ޒުވާން ފޮޓޯގްރަފަރެއްގެ ވާހަކައެވެ.
ގދ.ތިނަދޫއަށް އުފަން އަދި އެ ރަށުގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ މުހައްމަދު މާނިޝް ސަލާހް، 16، ކުޑައިރުވެސް އުޅެނީ ކޮންމެވެސް ފޮޓޯއެއް ނުނެގިގެންނެވެ.
ފޮޓޯގްރާފަރަކަށް ވުމަށް މާނިޝް ދެކެމުން އައި ހުވަފެނަށް ވަކި ހިސާބަކުން ހުއްޓުން އަ އެވެ. އެއީ އޭނާ އެންމެ ފުރަތަމަ ގެންގުޅުނު ކެމެރާ ހަލާކުވި ހިސާބުންނެވެ. އެ ހިތާމަވެރިކަމާ އެކު ދެން ދުވަހަކުވެސް ކެމެރާއާ ގާތް ނުވުމަށް މާނިޝް އޭރު ނިންމި އެވެ. ނަމަވެސް ފޮޓޯގަރަފަރަކަށް ވުމަށް ދެކެމުން އައި ހުވަފެނުން ހޭލާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ ބެލީ އަލުން މި ދާއިރާގެ މަސައްކަތްތައް ދަސްކޮށް، އިތުރަށް ކުރިއަށް އޮތް ދެވެން އޮތް މަގަކަށް މިސްރާބު ބަދަލުކޮށްލާށެވެ.
"ވަރަށް ކުޑައިރު ގެންގުޅުނިން ވަރަށް ކުޑަ ކެމެރާއެއް. ދެން އެ ކެމެރާ ހަލާކުވީމަ ދުވަހަކުވެސް ކެމެރާއެއް ނުގެންގުޅެން ހުރީ. އެހެން ހުއްޓާ، ގްރޭޑް ހައެއްގައި އުޅުނު އަހަރު ސްކައުޓްގެ ފޮޓޯގްރަފީ ބެޖް ހަދަންވެގެން އެހެން އެންމެން ކެމެރާ ގެންގުޅުނު. އަސްލު ސްކައުޓްގެ ކަންތައްތަކުގައި ނޫޅެވުނު އެ ހަފުތާގައި ދިމާވި ކަމަކާއި ހުރެ. އެހެންވެ ބެޖްވެސް ނުހެދުނު،" މާނިޝް ކިޔައިދިނެވެ.
"މި ރަށުގައި (ތިނަދޫގައި)، 'ފޮޓޯސް' ކިޔާ ފޮޓޯ ނަގާ ތަނެއް ހިންގާ ދެމީހެއް އުޅޭނެ. އެއީ ޖައިޝަމް އާއި ޔާމިން. އެ ދެމީހުންގެ ފަރާތުން ދެން ވަރަށް އެހީތެރިކަން ލިބުނު. ފޮޓޯގްރަފީގައި އެހާ އެހާ ކުރިއެއް ނާރާނޭ ބުނެފައި އޮއްވައި އެ ދެމީހުންނާ އެކު ވަރަށް މަސައްކަތް ކޮށްގެން އެމީހުންނާއެކު ޝޫޓްތަކަށް ގޮސް އަލުން މިކަން ފެއްޓުނީ."
މާނިޝް ކުޑައިރު ގެންގުޅުނު ކެމެރާއަކީ ރިސޯޓްގައި ވަޒީފާ އަދާކުރާ އޭނާގެ ބައްޕައަށް ޓޫރިސްޓަކު ދިން ކެމެރާއެކެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ.
"ސްކޫލްގަ ކެމެރާ ނަގައިގެން އުޅޭތަން ފެނިގެން ޕްރިންސިޕަލް ފުރުސަތެއް ދިނީ ސްކޫލްގެ އިވެންޓްތަކާއި ސެރެމަނީތައް ކަވާކުރަން. އެއީ ސްކޫލްގެ ފޮޓޯ ގްރަފަރުގެގޮތުގައި،" ފޮޓޯގްރަފީގައި އިތުރަށް ކުރިއަށް ދާން ލިބުނު ރަނުގެ ފުރުސަތު އައި ގޮތް މާނިޝް ކިޔައިދިނެވެ.
އޭގެ އިތުރުން ވެސް މާނިޝް ދިޔައީ ޖައިޝަމް އާއި ޔާމިންގެ އެހީތެރިކަމާ އެކު، ކެމެރާއާ ކުޅޭނެ ގޮތާއި މޮޅެތި ފޮޓޯ ނެގުމުގައި ބޭނުންކުރާ މޮޅެތި އުކުޅުތައް ވެސް ދަސްކޮށް، އެމީހުން ކައިރިން އެދުރުވަމުންނެވެ. މާނިޝް މި ދާއިރާއަށް އުފަންކޮށްދިން މޭސްތިރިންނަކީ ވެސް އެއީއެވެ.
މާނިޝް ރާއްޖޭގެ ފެންވަރުގެ މޮޅެތި ފޮޓޯގްރަފަރުންނާ ބައްދަލުކޮށްދީ، އެމީހުންނަށް ތައާރަފުކޮށްދިނުމުގައި އެ ރަށުގެ އެހެން ފޮޓޯގްރަފަރެއް ކަމުގައިވާ މޫޝަންގެ ދައުރު ވެސް ބޮޑެވެ. އިންސްޓްގްރާމަށް ފޮޓޯތައް އަޕްލޯޑް ކުރަން ފެށުނީ ވެސް މޫޝަން ކައިރިން އިންސްޕަޔާ ވެގެންނެވެ. އޭގެފަހުން ފޮޓޯގެ ކޮލިޓީ އާއި އެޑިޓިންގެ ކަންކަމުގައި ވެސް ރާއްޖޭގެ މަޝްހޫރް ބައެއް ފޮޓޯގްރަފަރުންގެ ލަފާ ލިބޭކަމަށް މާނިޝް ބުންޏެވެ.
"މާލެގައި މޮޑެލް މިހޫނާގެ ފޮޓޯ ޝޫޓަކަށް މުޝާންއާ އެކު އެއްދުވަހު ދިޔައިން. ފޮޓޯ ނަގާކަށް ނޫން، އެކަމަކު އޭނާއާ އެކު ދިޔައީ. ދެން އޭނަ ކައިރިން އިންސްޕިރޭޝަން ލިބިގެން އިންސްޓްގްރާމަށް ނަގާ ފޮޓޯތައް އަޕްލޯޑް ކުރަން ފެއްޓީ. އޭނަ ބުނީ ވަރަށް ހިނގާނެޔޭ. މި އަހަރުގެ ޖެނުއަރީ 27 ގައި އެންމެ ފުރަތަމަ ފޮޓޯ އަޕްލޯޑް ކުރީ،" އެއާ އެކު މިހާރު މާނިޝްގެ ފޮޓޯތައް އިންސްޓަގްރާމުން ވެސް މިހާރު އެ ހުރީ ފެންނާށެވެ.
ގިނަ ފޮޓޯގްރަފަރުންނެކޭ އެއްފަދައިން ފޮޓޯގަނޑެއް ނަގަން އެ ކުރަންޖެހޭ ބުރަ މަސައްކަތުގެ އަގު ލިބުމަކީ މާނިޝް ވެސް ބޭނުންވާ ގޮތެވެ. އެހެންވެ އޭނާ އަންނަނީ އުމުރުން ހަގު ނަމަވެސް، މި މަސައްކަތް ކޮށްގެން އާމްދަނީގެ ގޮތުގައި ކޮންމެވެސް ވަރެއް ހޯދަމުންނެވެ.
"މި ފަހަކަށް އައިސް ނަގާ ޝޫޓްތަކުން، ކުރާ މަސައްކަތަށް އަގު ލިބޭ ގޮތަށް މަސައްކަތް ކުރަނީ. ހަމަ ވެޑިން ޝޫޓްތަކުން ވެސް. އެކަމަކު ފަހުން ކިޔަވައިގެން ޕްރޮފެޝަނަލްކޮށް މިކަން ކުރަން ބޭނުންވަނީ،" ފޮޓޯގްރަފީ ދާއިރާގައި އޭނާގެ ދުރު ވިސްނުން ހުރީ މިހެންނެވެ.