29 Jul 2019

By: Ahmed Nadym

އުމުރުން 24 އަހަރުގެ މާހީ އަބްދުﷲ މީގެ ފަސް ވަރަކަށް އަހަރު ކުރިން މެލޭޝިއާ އަށް ދިޔައީ ހުރިހާ މާއްދާއަކުން އޭ ފާސް ޖަހާލައިގެން ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގަ އެވެ. އެކަމަކު އޭރު ވެސް އޭނާގެ ގިނަ ރައްޓެހިން މާހީ ދަންނަނީ ވަރަށް މޮޅަށް ކުރަހާ ކުއްޖެއްގެ ގޮތުގަ އެވެ. އެންމެފަހުން ޑޮކްޓަރަކަށްވުމުގެ ހިޔާލު ދޫކޮށްލާފައި އާކިޓެކްޗާއިން ޑިގްރީ އަށް ކިޔަވަން ފެށީ ރައްޓެހިންނާއި ގާތް އެންމެން ބުނެގެން އޭނާ ހެދި ފޭސްބުކް ޕޭޖަކަށް އަމިއްލަ ކުރެހުންތައް އަޅައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮހެންފެށި ތައުރީފާ އެކުގަ އެވެ.

އަންނަ އަހަރު އާކިޓެކްޗާއިން މާސްޓާސް އަށް ކިޔެވުމަށް ތައްޔާރުވަމުން އަންނައިރު މާހީ އަކީ މިއަދު ފްރީލާންސް އާޓިސްޓަކުން ފަށައިގެން ފުލްޓައިމް އާޓިސްޓެއްގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއި ބްރޭންޑްތަކާއި މިއުޒިކް ބޭންޑްތަކާއި ޓެޓޫ އާޓިސްޓުންނަށް ވެސް ކުރަހައިދޭ ހުނަރުވެރިއެކެވެ. ފޭސްބުކާއި އިންސްޓަގްރާމުގެ ބާރުގައި އޭނާގެ ހުނަރުވެރިކަން ދުނިޔޭގެ ހަ ބިތަށް ފާއްދާލާފައި ވާއިރު މާހީ ބުނަނީ އާކިޓެކްޓަކަށް އުޅެގެން އޭނާ އަށް ލިބޭ އާމްދަނީ އަށް ވުރެ ހިތްހަމަޖެހޭ އާމްދަނީއެއް "މާހީ އާޓްސް" އިން ވެސް މިއަދު އޭނާގެ އުނގަށް ބަންޑުންކުރަމުން އަންނަ ކަމަށެވެ.

"އެންމެ ކުޑައިރު ވެސް ކުރަހަން. އެކަމަކު ކުރަހަން އެނގުނަސް ރާއްޖޭގައި އާޓް ލައިފާއި އޭގެ ޑިމާންޑް އޮންނަ ގޮތުން އެހާ ބޮޑު ޝައުގުވެރިކަމެއް ނުދެވޭ މިކަމަކަށް ކެރިއާއެއްގެ ގޮތުގައި. އެހެންވެ އެންމެ ފުރަތަމަ މެލޭޝިއާ އަށް ކިޔަވަން ދިޔައީ އޯލެވެލް އަށް ފަހު ޑޮކްޓަރުކަން ކިޔަވަންވެގެން،" ކުރެހުމުގެ ތެރެއަށް ވަދެވި ހިތްޖެހުނު ގޮތް ކިޔައިދެމުން މާހީ ފަށައިގަތެވެ.

"ދެން އެކޮޅަށް ގޮސްގެން އުޅެނިކޮށް އެންމެން ކިޔާ ވަރުން ކުރެހުންތައް އަޅަން ވެގެން ފޭސްބުކްގައި ފުރަތަމަ ޕޭޖެއް ހެދީ. އެހިސާބުން ފެށިގެން އެކަން ސަޅިވެގެން ދެން ކިޔަވާކަށް ވެސް ނުދަން. ހިތަށް އެރީ ޑޮކްޓަރަކަށްވެއްޖެ ނަމަ ދެން ކުރަހާކަށް ވަގުތެއް ވެސް ނުވާނެއޭ."

އޭނާގެ މަސައްކަތަކީ ކުރަހައި އެ ކުރެހުންތައް ފޭސްބުކަށް ލައި އޮންލައިންކޮށް އޭނާގެ ޕްލެޓްފޯމް ފެތުރު އެންމެ ދުރަކަށް ފެތުރުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގައި ނެތް ވަރުގެ ކާމިޔާބު އޮންލައިން އާޓިސްޓަކަށް އޭނާ ބަދަލުވެގެން ދިއުމެވެ. މިއަދު މާހީ އަށް ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރެހުންތަކަށް އޯޑަރު ލިބޭއިރު އޭނާގެ އޮރިޖިނަލް ކުރެހުންތަކާއި ޕްރިންޓްސްތަކަށް ލިބޭ އޯޑަރު ވެސް ދަނީ އޮބިނޯވެގެންނެވެ. އިންސްޓަގްރާމާއި ފޭސްބުކުގައި އެކަނި ވެސް އޭނާ ފޮލޯކުރާ ލައްކަ އަށް ވުރެ ބޮޑު މާކެޓެއް މިހާރު ވެސް އެބައޮތެވެ.

އެކަމަކު މާހީ ބުނަނީ މިހެންނެވެ.

"ކޮންމެ ތަނެއްގައި ވެސް އާޓިސްޓަކަށް ވުމަކީ ރިސްކެއްހެން މާހީ އަށް ހީވަނީ. އެހެން ޖޮބްތަކާ ހިލާފަށް ވަރަށް ޕެޝަނޭޓް، ސްޕްރިޗުއަލް ކަމެއްތާ އެއީ. އެހެން ގައުމުތައް މިސާލަކަށް ޔޫކޭ ނުވަތަ އެމެރިކާ ކަހަލަ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި އަދިވެސް އެކަހަލަ ފުރުސަތުތަކެއް ނެތް އާޓިސްޓުންތަކަށް. އެކަމަކު އިންޓަނެޓާއެކު އެ ބެރިއާ ވަރަށް ބޮޑަށް ހިނގައްޖެ،" މާހީ ބުންޏެވެ.

"އެހެންވީމަ އަސްލު މިހާރު ރާއްޖޭގައި ހުއްޓަސް ނުކުރެހިގެން ނުވަތަ ކްލައިންޓްސް ނުލިބިގެން ނުހޯދިގެން އުޅޭކަށް ނުޖެހޭނެހެން މާހީ އަށް ހީވަނީ. އެއީ ސޯޝަލް މީޑިއާ ތުރޫކޮށް އެކަން ވަރަށް ފަސޭހަވެފައި މިހާރު އޮތީ."

އާޓިސްޓުންނަށް ގޮންޖެހުންތަކެއް ހުއްޓަސް މާހީ ބުނަނީ ޑޮކްޓަރަަކަށް ވުމުގެ ހުވަފެން ދޫކޮށް އާޓިސްޓަކަށް ވެވުމަކީ އޭނާ އެއްގޮތަކަށް ވެސް އެކަމަކާ ދެރަވާ ނިންމުމެއް ނޫން ކަމަށެވެ.

"އެގޮތަކަށް ހިތަކަށް ނާރާ. ސަބަބަކީ އަދިވެސް ފުލްޓައިމް އާޓިސްޓަކަށް ނުވެވޭތީކަން ނޭނގެ. މިހާރު ވެސް މި އުޅެނީ އާކިޓެކްޓެއްގެ ގޮތުގަ އާއި އާޓިސްޓެއްގެ ގޮތުގައި. ދެ ކަމުގައި ވެސް ބެލެންސްކޮށްގެން ކުރިއަށް ދެވޭތޯ މި ބަލަނީ މިހާރު. ހިތަށް އަރަނީ ފުލްޓައިމް އާޓިސްޓަކަށް ވެވޭނީ ކޮން ދުވަހަކު ބާވައޭ. އޭރުން މިކަމަށް ފުލް ޓައިމް އާއި އެނާޖީ ވެސް ދެވޭނެ."

މާހީގެ ކުރެހުމުގެ ސްޓައިލްއަކީ ޒެންޓޭންގަލް އާޓެވެ. މިއީ ކުދިކުދި ޕެޓާންސްތަކާއި ޖިއޮމެޓްރީ އެއްކޮށް މަސްހުނިކޮށްގެން ޑޫޑްލިންގެ ސްޓައިލަކަށް ކުރަހާ ކުރެހުންތަކެކެވެ.

"އެންމެ ކުރިންސުރެން ވެސް ވަރަށް ކުރަހާ ހިތްވޭ އެކި ކަހަލަ ޕެޓާންސްއާ އެއްޗެހި. އެގޮތަށް ކުދިކުދި ޕެޓާންސްތައް ހިމަނައިގެން އިސްކަންދަރުގައި އުޅުނުއިރު ފުރަތަމަ ކުރެހީ ނާބޮއްޔެއް. އޭރު އެހެން ކުދިން ވެސް އޭތި ރީތިވެގެން އެގޮތަށް ކުރަހަމުން ބުނާނެ މިއީ މާހީގެ ސްޓައިލްއޭ،" މާހީ ބުންޏެވެ.

މާހީ އޭނާގެ ކްރިއޭޓިވް ޕްރޮސެސް ހުންނަ ގޮތް ވެސް ކިޔާލަދިނެވެ.

"އަބަދުވެސް އައިޑާސްތައް ނޯޓުފޮތެއްގައި ސްކެޗްކުރަން. އެގޮތަށް ވަރަށް ބައިވަރު އައިޑިއާސް ހުންނާނެ ފޮތްތަކުގައި ސްކެޗްކޮށްފައި. ކުރަހަން ބޭނުންވެފައި ޓައިމް ނުލިބި ހުރި އައިޑިއާސް ވެސް ހުންނާނެ. ދެން ކުރެހުމެއް ކުރަހަން ފަށާއިރު އޭގެ ތެރެއިން އައިޑިއާއެއް ނަގައިގެން އެންމެ ފުރަތަމަ ވެސް ކުރަހަނީ އައުޓްލައިންސް،" މާހީ ކިޔައިދިނެވެ.

"ދެން އާންމުކޮށް ޕެޓާންސްތައް ކުރަހަނީ ލޭޔާސްތަކަށް ބަހާލައިގެން. އެ ލޭޔާސްތައް ޕެޓާންސްތަކުން ފިލްކުރާނީ ދެން. އެންމެކުރިން އަދި ކުލަ ބޭނުމެއް ނުކުރަން. މިހާރު ކޮންމެވެސް ވަރަކަށް ކުލަ ވެސް ބޭނުންކުރަން. ދެން އެ ކުރެެހުމަކަށް ހުސްވެގެން ހުރެއްޖެ ނަމަ އެއް ދުވަސް ތެރޭގައި ނިންމާލެވޭނެ. ގަލަމުން ޕެޓާންސްތަކުގައި ކުލަޖެއްސުމަށްވުރެ ވެސް ގިނަ ވަގުތު ނަގަނީ ބޭނުންވާ އައުޓްލައިން އެޅުމަށް."

މާހީ ބުނީ އާޓިސްޓެއްގެ ގޮތުގައި ފައްކާވަމުން ދިޔައިރު އޭނާ އަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ނުވަތަ ކުރަން ނޭނގުނު ކަމަކަށްވީ ކުރެހުންތަކަށް އަގު ކަނޑައެޅުމެވެ. ނަމަވެސް ފަހުން އޭނާގެ އާޓުތައް މެނޭޖުކޮށް ވިއްކުމުގައި އެހީތެރިވެދޭނެ މެނޭޖަރެއް ލިބުނު ހިސާބުން އެކަން އަމިއްލަ އަށް ހައްލުކުރަން ދަސްވި ކަމަށް މާހީ ބުންޏެވެ.

"އެންމެ ފުރަތަމަ ކުރެހުންތަކަށް އަގުކީއިރު 50 ޑޮލަރު، 10 ޑޮލަރު ވަރު ކިޔާނީ. އެރަކު ނޭނގޭ އާޓު ވެލިއުކުރާކަށް. އަލަށް ފަށާއިރު ދެން އެހެން ދޯ ވާނީ ވެސް. ބޮޑު އަގެއް ކިޔާކަށް ވެސް ނުކެރޭނެތާ. އެންމެފަހުން ބްރިޓިޝް މެނޭޖަރެއް ލިބިގެން އޭނާ ބުނީ އެހާ ޓައިމް ނަގައިގެން ކުރާ މަސައްކަތެއް އަމިއްލަ އަށް ވެލިއުކުރަން އެނގެން ޖެހޭނެއޭ،" މާހީ ކިޔައިދިނެވެ.

"ދެން އެ ހުރިހާ ކަމަކަށް ބަލައިގެން މިހާރު އަގުކިޔަނީ ޕޭޕާ ސައިޒަށް ބަލައިގެން. އެންމެ ގިނައިން މިހާރު ކޮމިޝަންކޮށް ހަދަނީ އޭތްރީ ސައިޒްގައި. އެގޮތަށް އޮރިޖިނަލްސް ކުރަހާފައި ދޫކޮށްލާއިރު ދެރަވޭ. އެއީ ދެން އެ ޑްރޯވިންއެއް ނުލިބޭނެއޭ. އަލުން ކުރަހާށޭ ޖެހޭނީ. ބިޓާ ސްވީޓް ފީލިންއެއް އިންނަނީ."

މާހީ ބުނީ އާޓިސްޓަކަށް ވުމަކީ ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމެއް ކަމަށް މީހުން ބުނާ ވާހަކަ މިހާރު އޭނާ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާ ކަމަށެވެ. ޑޮކްޓަރަކަށް ނުވެ، އާކިޓެކްޓަކަށްވެ އެންމެފަހުން ފުލްޓައިމް އާކިޓެކްޓެއްގެ ގޮތުގައި މިހާރު މަސައްކަތް ނުކުރަނީ ވެސް ގޭގައި އިނދެ ކުހަރާލައިގެން އޮންލައިންކޮށް އާޓު ވިއްކައިގެން މާ ބޮޑު އާމްދަނީއެއް އޭނާ އަށް ލިބޭތީ ކަމަށެވެ.

"އާކިޓެކްޓަކަށް އުޅެފައި އެ ވަޒީފާ ދޫކޮށްލި ސަބަބަކީ ވެސް އެއީ، އެ ޖޮބުގައި އުޅެގެން ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް ހަމައެކަނި ކުރަހާލައިގެން ވެސް އަހަންނަށް ލިބޭތީ. އެކަމަކު އޭގައި އިންނަ އެޑްވާންޓޭޖެއް އެއީ އިންސްޓަގްރާމުގައި ގިނަ ބަޔަކަށް އެކްސްޕޯސްވެފައި ހުރުން،" މާހީ ބުންޏެވެ.

މާހީގެ އިންސްޓަގްރާމް "މާހީއާޓް" ގައި އެކަނި ވެސް ބައި ލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. ކޮންމެ ދުވަހަކީ ވެސް އޭނާ އަށް އެތައް އޯޑަރެއް ލިބޭ ދުވަހެކެވެ.

"އެކަމަކު ވަރަށް ގިނައިން ކުރަހައިގެން އެހިސާބަށް ވެސް ދެވުނީ. މިއީ ކިޔަވަމުން ވެސް ކުރެވިދާނެ ކަމެއް އަސްލު. ވަރަށް ބައިވަރު ޕްލެޓްފޯމްސް މިހާރު އެބަހުރި،" މާހީ ބުންޏެވެ.

"އަމިއްލަ އެގްޒިބިޝަނެއް އަދި ނުބާއްވަން. އެއީ ވެސް ވަރަށް މުހިންމު ކަމެއް. އެކަމަކު މާހީގެ މި އާޓަކީ ފުދޭވަރަކަށް ކޮމާޝަލް އާޓެކޭ ބުނެވޭނީ. ވަރަށް ޕެޝަނޭޓްކޮށް ކުރިޔަސް. ގިނައިން މިއީ އަލްބަމް އާޓައި، ޓެޓޫ އާޓައި ޓީޝާޓާއި އެކަހަލަ މީޑިއަމްތަކަށް ދާ އާޓެއް. އަސްލު އެހާ އެގްޒިބިޝަން މެޓީރިއަލްސްތަކެއް ނޫން. އެކަމަކު އެގްޒިބިޓްވެސް ކުރެވޭނެ. އެކަމަކު ހަމައެކަނި އެގްޒިބިޝަނަށް ދިއުމުގެ ބަދަލުގައި އެހެން ވަރަށް ގިނަ ގޮތްގޮތަށް ބޭނުން ހިފައި ފައިދާ ހޯދިދޭނެ އާޓެކޭ މިއީ."

Popular