9 Jan 2019

މަސްތު ފިލާނެ، މި ކިޔައިދެނީ އެ ވާހަކަ

މަސްތުގެ ދުނިޔެއިން ނިކުންނަން ބޭނުން ނަމަ އެކަން ވާނެ އެވެ. ތޮއްލަމްގެ ވާހަކައިން އެނގެނީ ކިތަންމެ ބޮޑުވަރު ވިޔަސް މިކަން ހުއްޓާލެވިދާނެކަމެވެ.

މަސްތުގެ ދުނިޔެއިން ނިކުންނަން ބޭނުން ނަމަ އެކަން ވާނެ އެވެ. ތޮއްލަމްގެ ވާހަކައިން އެނގެނީ ކިތަންމެ ބޮޑުވަރު ވިޔަސް މިކަން ހުއްޓާލެވިދާނެކަމެވެ.

By: Shamila Ibrahim

މާލެ ތެރޭގައި އޭރު ހެރޮއިން ތައާރަފްވެ އޭގެ ވަބާގައި ޒުވާނުން ޖެހެނީ އެވެ. އުމުރުން އެންމެ 11 އަހަރުގައި މުހައްމަދު ތޮއްލަމް، އޭނާގެ އުފަން ރަށް، ސ. ފޭދޫ ދޫކޮށް މާލެ އަށް ފޭބުނީ މި މަސްތުގެ ރާޅު ބިންދާލި ވަގުތަށެވެ.

އެންމެ ފުރަތަމަ، ހަފުތާ ބަންދުގައި ކޮށްލާ ކަމެއްގެ ގޮތުގައި ހެރޮއިން ބޭނުންކުރި އެވެ. ފަހުން ހަފުތާ އަކު ތިން ދުވަހު އަދި އޭގެ ފަހުން ދުވާލަކު އެއް ފަހަރު ވެސް ބޭނުންކުރި އެވެ. ދުވާލަކު ބާރަ ވަރަކަށް ފަހަރު ބޭނުންކޮށްގެން ވެސް ނުފުދޭ ހިސާބަށް ދިޔަ އެވެ. ތޮއްލަމް އޭރު އޭނާގެ ހާލަތު ސިފަކުރީ "އެޔަށް ގޮސް ހުސްވެފައި" ހުރި ކަމަށެވެ.

އުމުރުން އެންމެ 16 އަހަރުގައި ޑްރަގްގެ ވަބާގައި ޖެހުނު އިރު، އޭނާ އަށް ރަނގަޅު ލަފާ އެކުވެރިން ވަކިކޮށް ދެނެގަންނަން ނޭނގުނީ އެވެ. ހިނގުނީ ވިޔާނުދާ އެކުވެރިން ދެއްކި މަގުންނެވެ.

ތޮއްލަމް އޭނާގެ ދޮށީ އަންހެން ދަރިފުޅާއެކު

"އޭރަކު އަސްލު ނޭނގެ ވާ އެއްޗެއް. ބޭނުންވޭ ގަޓުވާން ނޫނީ ގައްޑާވާން. ތޮއްލަމްގެ ރީޒަނަކަށް އޭރު އިންނަނީ ތޮއްލަމްގެ މަންމަ އާއި ބައްޕަ ވަރިވެފަ ތިބުން. އެހެންވީމަ ޕިއާ ޕްރެޝާ އޭ މިކިޔާ އެތިވެސް އިންނާނެތާ،" މިހާރު އުމުރުން 40 ފުރިފައިވާ ތޮއްލަމް ބުންޏެވެ.

މަސްތުގެ ދުނިޔެއަށް ރަނގަޅަށް ގެނބި، ދުނިޔެ ފުސްވި އެވެ. ރަނގަޅު އެކުވެރިން ގެއްލުނެވެ. އެހީވާނެ މީހަކު ނުވި އެވެ. ނަތީޖާ އަކީ މަސްތުވުން ނޫން ކަމެއް އޭރު ނެތުމެވެ.

"އައްޑޫގަ އުޅުނުއިރު ވެސް ޔޫސްކުރަން ނުވަންނަ ތަނެއް ނީންނާނެ. ފަޅު ގެއެއް ފަޅު އިމާރާތެއް ވަލެއް އެހެން ގޮސް ކިޔާނެ ކަމެއްނެތް. މިހާރުވެސް (އެތަންތަން) ފެނުނީމަ އިންނާނެ މެމަރީސް."

ތޮއްލަމް ރާޅާ އަޅަނީ

މަސްތުން ސަލާމަތްވާން ބޭނުންވިޔަސް، އެ އަނދިރިގަނޑުން ނިކުންނާނެ ގޮތް ކިޔައިދޭނެ މީހަކު ނެތެވެ.

"ރިކަވަރީ އަކީ އޮތް އެއްޗެކޭ ވެސް ނޫނީ މަސްތުވާ އެއްޗެހިން ސަލާމަތްވެގެން އުޅެވިދާނެ އެކޭ ވެސް އަޑެއް ނާހަން. ދެން ބޮޑަށް އޭރު އަޑު އިވެނީ ދީނީ އެއްޗެހި ނޫނީ އާނ ދެން ދުވަހަކުވެސް (މީނަ) ރަނގަޅެއް ނުވާނޭ އެހެން މީހުން ބުނާ އެއްޗެހި އިވެނީ."

ތޮއްލަމް

މަންމަމެން ތޮއްލަމް އަށް އެހީވާން ބޭނުންވިޔަސް އެކަން ކުރާނެ ގޮތެއް އޭރު މަންމެންނަކަށް ވެސް ނޭނގެ އެވެ. މަސްތުވާތަކެތީގެ ތެރެއަށް އިހުނަށް ވުރެ ބޮޑަށް ގެނބި ތޮއްލަމަށް ކުރިމަތިވީ ކެކުޅުމެވެ.

"ނިދުމުގައި ވަރަށް ބައިވަރު މައްސަލަ އުޅޭ. ފުރަތަމަ ކޮޅު ތޮއްލަމް ނުނިދާ އެބަ އިންނަން ސެވެން ޑޭސް ވަންދެންވެސް އެއްވެސް ވަރަކަށް."

މި އަނިޔާވެރިކަމުން ސަލާމަތްވާން ތޮއްލަމް ނިންމީ މީހަކާ އިންނާށެވެ. އޭނާގެ ރަށުން މަރިޔަމް ޝީޒާ (މަރީ)، 37، އާ ކައިވެނިކުރީ ރައްޓެހިވެގެން ދެ އަހަރެއްހާ ދުވަހު އުޅެފަ އެވެ.

މަރީ ބުނީ އެންމެ ފުރަތަމަ ތޮއްލަމް އާ ދިމާވިއިރު ވެސް އެއީ "ބޯ މީހެއް" ކަމަށް މީހުން ކިޔާ ކަމަށެވެ. މަރީ ވެސް ޝައްކު ކުރި އެވެ. އެކަމަކު އޭނާ ގަބޫލުކުރީ ޑްރަގް ބޭނުންނުކުރާ ކަމަށް ބުނެ ތޮއްލަމް ދެއްކި ވާހަކަ އެވެ.

"މެރީ ކުރީވެސް ރަނގަޅު ވާނަމޭ ބުނީމަ. ފުރަތަމަ ކިޑެއް ހޯދަން ވެސް އުޅުނީ ތިމަންނަ ރަނގަޅުވާނޭ ކިޑެއް ލިބުނީމަ ކިޔާފަ. އެކަމަކު މެރީ ކުރި ހިސާބުން އެނގިއްޖެ ރަނގަޅު ނޫންކަން. އޭގެ ފަހުން ދެމީހުން މައްސަލަ ޖެހެން ފެށީ. ކުއްޖަކު ލިބުނީމަ އޭގެ ފަހުން ވެސް ނުވޭ ރަނގަޅެއް." އާއިލާ ނުގަބޫލުގައި ކުރި ކައިވެނީގައި އުފަލެއްނެތި މަރީ ހޭދަކުރީ ހިތްދަތި ދުވަސްތަކެކެވެ.

އެކަމަކު އެހެން ގިނަ ޑްރަގް އެޑިކްޓުންނާއި ހިލާފަށް ތޮއްލަމްގެ ފަރާތުން ޖިސްމާނީ އަނިޔާއެއް މަރީ އަށް ކުރިމައްޗެއް ނުވެ އެވެ. އެކަމަކު ތޮއްލަމް މަސައްކަތްކުރި، ބައްޕަގެ ފިހާރައިން ސިއްރުން ފައިސާ ނެގުން ފަދަ ކަންކަން ކުރި އެވެ. އެހެންވެ އެތަނުން ބޭރުކޮށްލީ އެވެ.

ތޮއްލަމްގެ މާމަ އާއެކު

ފުރަތަމަ ދަރިފުޅަށް ހަ މަސް ވެސް ނުވަނީސް ތޮއްލަމް އަނެއްކާވެސް ހައްޔަރުކުރި އެވެ. އެ ހިސާބުން ބައްޕަ ރުޅިއައިސްގެން ގެއިން ނެރެލި އެވެ. ދެން އުޅެންޖެހުނީ މަންމަ ކައިރީގަ އެވެ.

އެފަހަރު ދޫކޮށްލުމުން، ތޮއްލަމް ރަނގަޅުވާނެ ކަމަށް ބުނެ ވައުދު ވިޔަސް ހަފުތާއެއް ވެސް ނުވެ އަނެއްކާ ވެސް ބޭނުންކުރަން ފެށި އެވެ. މަންމަ އަށް އެކަން އެނގި އެ ގެެއިން ވެސް ނެރެލީ އެވެ.

މީހުންގެ ފަރާތުން ރައްދުވާ މަލާމާތަށް ކެތްނުކުރެވިގެން މަރީ އެންމެ ފަހުން ނިންމީ ކައިވެނި ނިމުމަކަށް ގެންނާށެވެ. އޭރު ވެސް ތޮއްލަމް ހުރީ އޭނާގެ މަސްތީ ދުނިޔޭގައި ހާސްކަމެއްނެތި "ނަށާލަ ނަށާލަ" އެވެ. ލޮލެއް ނުހުޅުވެ އެވެ.

"ތޮއްލަމް ޕޮލިހަށް ގެންދިޔަ ދުވަހު (އެތާ ބަންދު ކުރި ދުވަހު) އަޅުގަނޑަށް ކޯޓަށް ވެސް ދެވުނީ. ޕޮލިހުން އޭނަ ކޯޓަށް ވެސް ގެންދިޔައީ. ޕޮލިހުން ބަންދުކުރި ދުވަހާ ޑިވޯސް ކަންތައް ވެސް، އެ ދެ ކަންތައް އެއްފަހަރާ ދިމާވީ. ދެން އެ ދުވަހު އެއްބަސްވެއްޖެ ރިހެބަށް ދާން،" ތޮއްލަމާއި މަރީގެ ކައިވެނި ސަލަމާތްވި ހިސާބު ކިޔައިދެމުން މަރީ ބުންޏެވެ.

ތޮއްލަމަށް ލޯ ހުޅުވާލަން ފުރުސަތު ލިބުނީ މި ހިސާބުންނެވެ.

"ފުލުސް އޮފީހަށް ގެންގޮސް ފަހު ދުވަހު ކޯޓަށް ގެންދިޔައިރު އަންހެނުން ވެސް އިންނަނީ ތޮއްލަމް ކައިރިން ވަރިވާން ކޯޓަށް ހުށަހަޅާފަ. އެ ހުރިހާ އިމޯޝަންސްތައް ތޮއްލަމް ގައިގައި ވަރަށް ބޮޑަށް ކުޅެލި. ވަރަށް ދެރަވެލާފަ އެ ދުވަހު ހުރީ،" ތޮއްލަމް ބުންޏެވެ.

"ރާޅު އެދުރު" ޕްރޮގްރާމްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް

ތޮއްލަމް ބުނީ މިކަމުން ސަލާމަތްވާން ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ އަންހެނުން ވަރިވާން ހުށަހެޅުން ކަމަށެވެ. އެ ހިސާބުން ކައިވެނި ސަލާމަތްކުރަން ބޭނުންވެ، އިސްލާހުވާން ރިހެބަށް ދާން ވެސް އެއްބަސްވީ އެވެ.

ހަ މަސް ދުވަހުގެ ރިހެބް ސެޝަންތަކަށް ފަހު އެންމެ ފަހުން ޑްރަގްގެ ވަބާއިން ނިކުމެ، މުޅިން "ކްލީން" މީހެއްގެ ގޮތުގައި ދުނިޔެއަށް ނޭވާލީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެފަހުން މިހާރު 11 އަހަރުވީ އެވެ. މިއަދު ތޮއްލަމްގެ ދިރިއުޅުން އުފާވެރި އެވެ. ލޯބި ދެ ދަރިންނާއި އަނބިމީހާ ބެލެހެއްޓުމުގައި ތޮއްލަމް ޒިންމާދާރެވެ. ތޮއްލަމް އުޅެނީ ބައްޕަގެ ހާޑްވެއާ ވިޔަފާރި މެނޭޖުކުރާށެވެ.

"ތޮއްލަމް އަކީ އެހާ ސްޕޯޓީ މީހެއްނޫން. މިހާރު ހުސް ވަގުތު ކުރާކަމަކީ ރާޅާ އެޅުން. މިހާރު ދަރިން ކޮޅު ގޮވައިގެން ވެސް ދަން. އެކަމުގައި އުޅެނީ ފްރީ ޓައިމްއެއް ވެއްޖެއްޔާ. އޭތި ވަރަށް ހެޕީ،" މިއަދު ތޮއްލަމްއަކީ އެންމެ މޮޅު ނޫނަސް ރާޅާއެޅުންތެރިއެކެވެ.

ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ވެސް "ރާޅު އެދުރު" ނަމުގައި ބަޔަކާ ގުޅިގެން އެ މަސައްކަތް ވެސް ކުރެ އެވެ.

"ރާޅު އެދުރު" ޕްރޮގްރާމްގެ ބައިވެރިންނާއެކު ތޮއްލަމް ނަގާފައިވާ ފޮޓޯއެއް

އޭނާ ބުނީ މަސްތުވެ މަގުމަތިވެފަ ތިބޭ ރައްޓެހިން ފެނުނީމާ މިހާރު ވަރަށް ދެރަވާ ކަމަށެވެ. އަދި އަލަށް އެ ވަބާގައި ޖެހޭ ކުދިން ފެނިއްޖެ ނަމަ ނަސޭހަތްދޭ ކަމަށް ވެސް ބުންޏެވެ.

ތޮއްލަމްގެ މެސެޖަކީ މިއީ އެވެ؛

"ރިކަވަރީއަކީ ޕޮސިބަލް އެއްޗެކޭ. އޭގަ ހޯޕް އެބައިނޭ. އެ މީހާ އޭ މައްސަލައަކީ. އެ މީހާ ސޯލްވު ކުރީމަ އޭތި ވާނެއޭ. ރިކަވަރީ އެޑިކްޓުން އެބަ ތިއްބޭ އެކަކު އަނެއްކަކަށް ހެލްޕް ވާން،"

މަސްތުވާތަކެތި ޒުވާނުން

Popular