15 Feb 2019

ދިވެހި ބަހާއި ސޯދުބޭގެ ދަރީގެ ކޫލުކަން

ސޯދުބޭ ފަދައިން މިއީ ވެސް ދިވެހި ބަހުގެ ހިދުމަތްތެރިއެއް

ސޯދުބޭ ފަދައިން މިއީ ވެސް ދިވެހި ބަހުގެ ހިދުމަތްތެރިއެއް

By: Shamila Ibrahim

"މިހާރު" ނޫހުގެ ވީޑިއޯއަކަށް އަޑު އަޅަން ހުއްޓައި އެ ހުނަރުވެރިކަން ފެނިގެން، ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސާދިގު (ސޯދުބޭ) ގެ ހަގުދަރިފުޅު އަލީ ރައުފަތު ސާދިގުގެ އިންޓަވިއުއެއް ނަގަން ބޭނުންވެއްޖެއެވެ. އެކަމަކު އިންޓަވިއުއަކަށް ކުފޫ ހަމަވާ ވަރަށް ހިދުމަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި މިއުޅެނީ "އަމިއްލަ މީހާގެ ޅަ ފަތުގެ ދައުރުގައި" ކަމަށް މި ޒުވާނާ ބުނެފިއެވެ. ނަމަވެސް އޭނާގެ ގާބިލިއްޔަތުކަމާއި ދިވެހި ބަހަށް ހިތުގައި އޮތް ލޯބި ހޯދާލަން މަސައްކަތް ނުކޮށް ދޫކޮށްލާ ވަރެއް ނޫނެވެ.

ބައްޕަ ފަދައިން، އުމުރުން 22 އަހަރުގެ ރައުފަތު ވެސް މިހާ ޒުވާން އުމުރުގައި ދިވެހި ބަހުގެ ތެރެއަށް ވަދެފިއެވެ. އެއްބަނޑު އެއްބަފާ އަނެއް ތިން ބެއިންނާ ހިލާފަށް ރައުފަތު އަންނަނީ ބައްޕަގެ ފިޔަވަޅު މަތިން ހިނގަމުންނެވެ.

ރައުފަތު

ކުރުގޮތަކަށް ރައުފަތު ސިފަ ކޮށްދެންޏާ ބުނެވޭނީ، އެއީ އެކިފަންނުގެ އެކިއެކި ކަންކަމުގައި ޝައުގުވެރިކަމާއެކު ޝާމިލްވާ "ވަރަށް އަގުހުރި" ދަރިއެކޭއެވެ. ހަމަ ދެ ވަނަ "ސޯދުބޭ" އެކޭވެ.

ދިވެހި ބަހަށް އޮތް ލޯބި އެންމެ ބޮޑަށް ފާހަގަވީ އެކަމަށް ހާއްސަކޮށްގެން "އަމަލީ ދިވެހި" ނަމުގައި އޭނާ އުފެއްދި ޖަމިއްޔާއިންނެވެ.

"އެއީ ދިވެހި ބަހާއި ތާރީހާއި ސަގާފަތުގަ މިއޮންނަ ކަންކަން ވީހާވެސް ގިނަ ބަޔަކަށް ޝައުގުވެރިކޮށް ގެނެސްދިނުމުގެ ނިޔަތުގަ ހަދާފަ އޮތް ޖަމިއްޔާއެއް،" ވަރަށް ކުރިންސުރެ ހިތުނިޔަތް ގަނެގެން އޮތް ކަންތައް، އެންމެފަހުން ރައްޓެހިންތަކެއްގެ އެހީގައި "ގްރޫޕް ޖަމިއްޔާއަކަށް" ބަދަލު ކުރެވުނީ މިދިޔަ އަހަރެވެ.

އެގޮތުން ތާރީހުގެ ތެރޭގައި ހިނގާފައި ހުންނަ ކަންތައްތައް ވީޑިއޯގެ ޒަރިއްޔާއިން "އަމަލީ ދިވެހި" ޖަމިއްޔާގެ ފަރާތުން ގެނެސްދިނުމަށް މަސައްކަތް ކުރެއެވެ. އޭގެ އެއް ވީޑިއޯ އަހަރެމެންނާ ހަމައަށް އައިސްފައިވާއިރު، އިތުރު މަސައްކަތަށް ވެސް އަންނަނީ ކުރަމުންނެވެ.

"އަމަލީ ދިވެހި" އިން ހެދި، ޜާއްޖެ އިސްލާމްވި ގޮތާ ބެހޭ ވީޑިއޯ

އުޅެބޮޑުވަމުން އައި މާހައުލާއި ދިމާވި މުދައްރިސުންގެ ފަރާތުން ރައުފަތަށް ދަސްވީ ދިވެހި ބަހަކީ ފޫހި އެއްޗެއް ނޫންކަމެވެ. އެކަން ސާބިތު ކޮށްދިނުމަށް މިއަދު އޭނާ ނުހަނު ގިނަ މަސައްކަތް ވެސް ކުރަމުން އެބަ އާދެއެވެ.

"އަބަދުވެސް ދިވެއްސޭ ބުނީމަ ވަރަށް ފޫހި އެއްޗަކަށްވެފަ ދޯ މި އޮންނަނީ، ދިވެހި ޓީޗަރުން ފޫއްސޭ، ދިވެހި ބަސް ފޫއްސޭ، މި ނެތިގެން ދާނެ އެއްޗެކޭ އެހެން އަބަދުވެސް މި ކިޔަނީ. އެކަމަކު އަސްލު އަޅުގަނޑަށް އޭތި ގަބޫލު ކުރަން އުނދަގޫ."

ދުވަހަކުވެސް "ސޯދުބޭގެ ދަރިފުޅަށް" ވީތީއޭ ކިޔައި، ބަހަށް ބާރުއެޅުމަށް ބައްޕަ ވަކި މަސައްކަތެއް ނުކުރައްވާ ކަމަށް ރައުފަތު ބުންޏެވެ. އެކަމަކު މިކަމަށް ހިތްޖައްސުވައިދީ ބަހުގެ ތެރެއަށް ނެރެދިނީ މަންމަގެ އިސްނެގުމަށް އެ ދެމީހުން ދިން ތަރުބިއްޔަތެވެ. ބައްޕަގެ މަސައްކަތް ފެނަށްދިޔަ ނުދީ، ބައްޕަގެ ދަރިވަރުން ބަހާ ހެދި އެހާވަރަށް އުޅޭއިރު ވަކިންބޮޑަށް ދަރިންއެކަމާ އުޅެން ވާނެ ކަމަށް ވެސް އޭރު މަންމަ އޮތީ ވިސްނައިދީފައެވެ.

"ގޭގަ ހަތަރު ޝޯ ކޭސް ފުރާ ފޮތް ހުންނާނެ. އެތަނުން ބޭނުން ފޮތެއް ކިޔުމުގެ އިހްތިޔާރު އޮވޭ"

ރައުފަތު ވިލާ ސްކޫލުގައި އުޅުނު ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް

ކުޑައިރު ގޭތެރޭން ވެސް ރައުފަތަށް ލިބުނީ ލާމަސީލު ތަރުބިއްޔަތެކެވެ. ފޮތްތަކުގެ ދުނިޔެއަށް ލޯ ހުޅުވި އެ ބަގީޗާގައި ބޮޑުވަމުން އައީ ކޮންމެ ދުވަހަކު ވަކި ވަރަކަށް އުމުރު ފުރާ އާ ގުޅޭ ގޮތަށް ފޮތް ކިޔުމަށް ބާރު އަޅާ ނިޒާމެއްގެ ތެރެއިންނެވެ.

"އަޅުގަނޑު ކުޑައިރު އަންވަރު ސާރ ކައިރިން އަޅުގަނޑުމެންގެ ގޭގަ ބޭބެ ނަގާނެ ޓިއުޝަން. އެހެންވެ، އެތަނަށް ގޮސް އިންނަން ވަރަށް ގިނައިން. އެގަޑީގަ އެތާ ބައިންދާތީ ވެސް ވަރަށް އުފާވި. ކިޔަވައިދޭލެއް ޝައުގުވެރިކަމުން ބޮޑަށް ހިތްޖެހުނީ،" އުމުރުން އަށް އަހަރުގެ ހަނދާނެއް އާ ކޮށްލަމުން ރައުފަތު ބުނީ މިހެންނެވެ.

ރައުފަތު ވަނީ ކުޑައިރު ވެސް ބައްޕައަށް އެހީތެރިވެދިނުމުގެ ގޮތުން ކޮލަމްތަކަށް ބައްޕަ ލިޔުއްވި ލިޔުންތައް ޓައިޕް ކޮށްދީފައެވެ. މިހާރު ވެސް ބޭބެމެންނާ ގުޅިގެން އަންނަނީ ކުރިން ބައްޕަ ލިޔުއްވި ބައެއް ލިޔުއްވުންތަކުގެ ލޭއައުޓް ހެދުމާއި ޗާޕް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ލިޔުންތެރިކަމަކީ ވެސް ރައުފަތުގެ ހުނަރެކެވެ. މަދުމަދުން މަޒުމޫނާއި ވާހަކަ އަދި ސްކްރިޕްޓް ވެސް ލިޔެއެވެ. "ފަތްތޫރަ"ގެ ދެ އަދަދެއްގައި ވެސް ރައުފަތުގެ ދެ މަޒުމޫނެއް ޝާއިއިކޮށްފައި އެބަ އޮތެވެ. އެކަމަކު ލިޔުމަށްވުރެ ބޮޑަށް ވާހަކަދެއްކުންތެރިކަމުގެ ހުނަރު ބޭނުންކޮށްގެން މީހުންނަށް މައުލޫމާތު ދޭން ރައުފަތަށް މާ ފަސޭހައީއެވެ. ލިޔުންތެރިކަމުން ގެއްލުނީކީ ނޫނެވެ.

ރައުފަތު ނަދުވީއާއެކު

"ގޭގަ ބައްޕަ އާއި ކަށިމާ ޝާކިރު ބޭއްވި ވާހަކަ ދެއްކުމުގެ ކޯހެއްގަ ބައިވެރިވެގެން، ވާހަކަ ދެއްކުންތެރިކަމަށް ވަދެވުނީ. ދެން ވާހަކަދެއްކުންތެރިކަމަށް މައުލޫމާތު ހޯދުމުގެ ތެރޭން މުޅިން އާ ދިމާލަކަށް ލޯ ހުޅުވިގެން ދިޔައީ،" ރައުފަތު ކިޔައިދިނެވެ.

"ސްކޫލްގަ އުޅުނުއިރު ވާހަކަ ދެއްކުމުގެ މުބާރަތްތަކަށް ވެސް އެރޭތޯ ވަރަށް މަސައްކަތް ކުރަން. އެކަމަކު އަޅުގަނޑު އަމިއްލަ އުސްލޫބަށް އޭތި ގެންދާތީ ކޯޗުންނަށް ކަމަކު ނުދޭ. ނަމަކަށް ޓީމަށް އަރުވާފަ ހުރި ދުވަސްކޮޅަކަށް. އެހެންވެ، ފަހުން ނުއެއްދަން. އެކަމަކު އެކަމުގަ އުޅޭ ކުދިންނަށް އެހީތެރިވެދެން އޭރު ވެސް"

ސްކޫލް ދައުރު ނިންމާލިފަހުން ބައްޕައަށް ނަގައިނުދެެއްވޭ ކްލާސްތައް ނަގައިދިނުމަށް ބައްޕަގެ ބަދަލުގައި ދާން ފެށީ ރައުފަތެވެ. މިއަދު ރައުފަތަކީ ބައްޕަ ފަދަ މުދައްރިސެކެވެ. މިކަމުގައި ވެސް ބައްޕަގެ ނަމޫނާ ދެއްކޭތޯ ބަލައެވެ.

ރައުފަތު

"އޭރު އަނެއްހެން މާކަ ބޮޑު ޝައުގުވެރިކަމެއް އޮތް ކަމެއް ނޫން (ކިޔަވައިދިނުމަކީ). އެކަމަކު ނޭނގިފަ ތިބި ކުދިންތަކަކަށް އެއްޗެހި އެނގުނީމަ އެކުދިން އެވާ އުފާ ފެނިފަ ހިތަށް އެރި މީ ކިހާ ރަނގަޅު ކަމެއްހޭ އިނގޭ އެއްޗެއް ކިޔައިދިނުން،" އެހިސާބުން ދެން ހަވާލުވީ ގޭގައި ގްރޭޑް ހައެއްގެ ކުދިންނަށް ހިންގަމުން އައި ޓިއުޝަން ކްލާހާއެވެ.

އޭގެފަހުން އޭލެވެލް ހެދި ދުވަސްކޮޅު، ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ދިވެހި ކްލަބްގެ ރައީސް ކަމާ ހަވާލުވެ، ބަހުގެ ތަފާތު ހަރަކާތްތައް ރޭވުމުގައި ވެސް އުޅުނެވެ. އެ ދުވަސްވަރުގެ ތަޖުރިބާއިން މިހާރު ނިކުމެގެން މިއުޅެނީ ބިލަބޮން އިންޓަނޭޝަނަލް ހައިސްކޫލްގެ ދިވެހި ޓީޗަރުގެ މަގާމަށެވެ. އުނގެނުނު އެއްޗެއް އެހެން ބަޔަކަށް ޝައުގުވެރިކަމާއެކު އުނގަންނައި ދިނުމުގައި ގުނަމުން އެ އަންނަނީ ދެވަނަ އަހަރެވެ.

ރައުފަތު ބުނީ، ކިޔަވައިދިނުމުގެ ތެރެއިން ބަހަށް ދަރިވަރުން ޝައުގުވެރިކޮށްދިނުމުގައި އަހަރެމެން ވަރަށް ފަހަތުގައި އުޅޭ ކަމަށެވެ. ޓީޗަރެއްގެ ތަޖުރިބާއިން، ދަރިވަރުން ދިވެހި ބަހާ "ދުރު" ސަބަބު ވެސް އެނގެމުން އަންނަ ކަމަށް ބުންޏެވެ.

"ދިިިވެއްސަށް ފަރިތަ، ދިވެހި ކިޔަވައިދޭން މޮޅެތި މުދައްރިސުން ތިއްބަސް، މި ޒަމާނުގެ ކުދިންނާ ގުޅޭ ގޮތަށް އެކަން ކުރިއަށް ނުގެންދެވޭ ތަން އަދި މި ފެންނަނީ. ޒަމާނާ އެއްވަރަށް ބަސް ކިޔަވައިދިނުން ވެސް ތަރައްގީވާން ޖެހޭނެ. ކުދިން ބަހަށް ގަޔާނުވާނީ އެ ކިޔަވައިދޭ މުދައްރިސަކު ވެސް އެހާ ގަޔާނުވާތީ ތާ،" މިހާރަށް ވުރެ ޝައުގުވެރިކޮށް ކިޔަވައިދިނުމުގެ ނިޒާމު ބަހައްޓަން ޖެހޭ ކަމަށް ބުންޏެވެ.

ދިވެހި ބަހުގެ އެކިއެކި މުދައްރިސުންނާއި އަދީބުންނާ ބައްދަލުވެ ހިޔާލު ބަދަލު ކޮށްލެވުމަކީ ރައުފަތަށް ލިބޭ އުފަލެކެވެ. ބަސް ކޮމެޓީގެ ސެކްޓްރީގެ ހައިސިއްޔަތުން ދެ އަހަރެއްގައި އެ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާން އެހާ ޅަ އުމުރެއްގައި ލިބުނު ވާހަކަ ރައުފަތު ކިޔައިދިނީ ޝުކުރުވެރިކަމާއެކުގައެވެ.

ތާރީހު ދިރާސާކުރައްވާ ނަސީމާ މުހައްމަދު ކަލޭފާނުގެ އިސްނެންގެވުމުގެ ދަށުން ބޯދާ (ކުރީގެ) ބަސްފޮތުން ފަހުގެ އިސްދާރު ޖަމްއުކޮށް ޓައިޕްކޮށްފައިވަނީ ރައުފާތާއި އޭނާގެ ގާތް އެކުވެރިޔާ ސާމީއެވެ. ބައްޕަ ފަދައިން ބަހުގެ ހިދުމަތްތެރިއަކަށް ވާން ރައުފަތު ވެސް ނުހަނު މަސައްކަތް ކުރާކަން ހާމަވަނީ މިކަމުންނެވެ.

މިހާރު ބޮޑަށް އިސްކަން ދެނީ ތާރީހުގެ ތެރެއަށް ފީނައި އިތުރަށް މައުލޫމާތު މުއްސަނދިކޮށްގެން އެހެން މީހުންނަށް ޝައުގުވެރި ގޮތަކަށް އެ މައުލޫމާތު ބުނެދިނުމަށެވެ.

ދިވެހި ރާއްޖޭގެ އަޑުން ކުރިން ކުރިއަށްގެންދިޔަ "ސައިންސް ދަސްކުރަމާ" ޕްރޮގްރާމަށް އަޑު އަޅައިދީފައިވާ ރައުފަތު "މިހާރު" ނޫހަށް އަޑު އަޅައިދިން ވީޑިއޯއަށް ވެސް ގިނަބައެއްގެ ތައުރީފު ލިބުނެވެ.

ދިވެހި ބަސް އަބުދުﷲ ސޯދިގު (ސޯދުބެ) ތާރީހް

Popular