19 Mar 2019

ދިވެހި ޖާދޫގަރު ރާއްޕެ

ޖާދޫ ހެދުމަށް ހިތްޖެހުނީ ވަރަށް ކުޑައިރު އެވެ. ތާސްބަޔަކުން ފެށުނު މި ކަންތައް މިހާރު ވަރަށް ބޮޑަށް ފުޅާވެއްޖެ އެވެ.

ޖާދޫ ހެދުމަށް ހިތްޖެހުނީ ވަރަށް ކުޑައިރު އެވެ. ތާސްބަޔަކުން ފެށުނު މި ކަންތައް މިހާރު ވަރަށް ބޮޑަށް ފުޅާވެއްޖެ އެވެ.

By: Shamila Ibrahim

ލޮލުގައި އޮތް އައިނު ދީބަލަށޭ ކިޔާފައި، ރާފިއު މުހައްމަދު (ރާއްޕެ) ފުރަތަމަ ވެސް އޭނާގެ ޖާދޫގައި އަހަރެން ޖެއްސި އެވެ. ރާއްޕެގެ އަތްމަތީގައި އަތް ބާއްވާލުމަށް ބުނެފައި، އެ ގެނައި ހަރަކާތަކުން ކުއްލިއަކަށް އައިނު ދުނިގަނޑު މައްޗަށް އުފުލި އަމިއްލަ އަށް ހަރަކާތްކުރި އެވެ.

އެ ހެދީ ކިހިނެއްކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ.

ތާސްބައި ބޭނުންކޮށްގެން އާންމުކޮށް ޖާދޫ ހަދާ އުޅުނަސް، 23 އަހަރުގެ މި ޒުވާނާ އަކީ އަތު ޖެހުނު ކޮންމެ އެއްޗަކުން ކޮންމެވެސް އާދަޔާ ޚިލާފު ޖާދޫއެއް ހަދާ މީހެކެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގައިވެސް ރާއްޕެ ފެނުނެވެ. އެފަހަރު އޮޑިޝަން ރޫމަށް ވަނީ ފޮތަކާ ޗިޕްސް ދަޅެއް ހިފައިގެން މެޖިކެއް ހަދަން ކަމަށް ބުނަމުންނެވެ. އެކަމަކު ވަންގޮތަށް، ޖާދޫ ހަދައިގެން ޖަޖުން ހައިރާން ކޮށްލުމަށްފަހު އެތަނުން ނިކުތީ އެންމެން ސިއްސުވާލައިފަ އެވެ.

އުމުރުން އެންމެ 11 އަހަރުގައި ބޭބެ ހެދި އާދައިގެ ތާސްބައި ޓްރިކެއްގެ ސަބަބުން، ޖާދޫގައި ޖެހި އެކަމުގައި ކުރިއަރަމުން އަންނަ ރާއްޕެ ބުނީ އެންމެ ފުރަތަމަ މި މަސައްކަތް ފެށީ "ނައިން ކާޑްސް" ގެ ޓްރިކެއް ދަސްކޮށްގެން ކަމަށެވެ.

"ކުޑައިރުންފެށިގެން ވެސް ވަރަށް ބަލަން މެޖިކް ޝޯ ތަކާ ފިލްމުތަކާ އެއްޗެހި. ވަކިން ބޮޑަށް މެޖިކަށް އެ ވާ ތަންކޮޅު ވަރަށް ބަލާ ހިތްވޭ. ދެން ބަލާފަ ޓްރައިކުރާހިތް (އޭރުވެސް) ވޭ"

މޯލްޑިވިއަން އައިޑޮލްގައި ރާއްޕެ ޖާދޫއެއް ހަދަނީ

ސްކޫލް ނިންމާލާފައި ރިސޯޓަކަށް ގޮސް ވެއިޓަރަކަށް އުޅެން ފެށިއިރު ރާއްޕެއަށް އެނގެނީ އެންމެ ދެތިން ޖާދޫ ހަދާލާށެވެ. އެކަމަކު ތަސްބައިގެ ގަނޑުތައް ތަޅުވާލާ ގޮތުން ޓޫރިސްޓުންގެ ސަމާލުކަން ލިބި، ރާއްޕެ އެ މީހުންގެ ތެރޭގައި މަޝްހޫރުވީ "މެޖިޝަނެއް"ގެ ގޮތުގަ އެވެ.

ޖާދޫ ހަދާއިރު ބޭނުންކުރާ އުކުޅުތައް ޔޫޓިއުބް ބަލައިގެން ދަސްކުރަން ފެށީ އެ ހިސާބުންނެވެ. ދުނިޔޭގެ ނަން މަޝްހޫރް މެޖިޝަނުން ފޮލޯކޮށް ޓެލެންޓް ޝޯތައް ވެސް ގަވައިދުން ބަލަން ފެށިއެވެ.

"ބައެއް ވީޑިއޯތައް ޑައުންލޯންޑް ކޮށްގެން ޕޯސްކޮށްގެން ސްލޯމޯއެއް ހަދައިގެން (ޓްރިކް) ފިގާ އައުޓް ކުރަން މަސައްކަތް ކުރަނީ. ބައެއް އެއްޗެހި ހުންނާނެ ހަދަން ނޭނގިގެން ގިވް އަޕް ކޮށްފަ ވެސް. އެކަމަކު ގިނަ ޓްރިކްތައް މިހާރު އިނގޭ ހަދަން،" ރާއްޕެ ކިޔައިދިނެވެ.

"މިހާރުވެސް ހަނދާން އެބަހުރި އެމެރިކާސް ގޮޓް ޓެލެންޓްގަ ކުއްޖަކަށް ލިބުނީ ގޯލްޑެން ބަޒާއެއް. އޭނަ ހެދީ ވަރަށް ސަޅި ހަތަރު މެޖިކެއް. ގާތްގަނޑަކަށް ތިން ދުވަސް ވަންދެން ވިސްނިން ކިހިނެއްތޯ އެ ހެދީ. ދެން އެ ވީޑިއޯ ޑައުންލޯޑް ކޮށްލައިގެން ސްލޯމޯޝަން ހަދައިގެން އަމިއްލައަށް ޓްރައި ކުރީ. މަންތްސް ޓޫ މަންތްސްގެ ޕްރެކްޓިސް އާ އެއްކޮށް ފަހުން ހެދުނު އެ މެޖިކް."

ޖާދޫ ހަދާ މަދު ބަޔަކު ރާއްޖޭގައި ވެސް އެބަ އުޅެއެވެ. އަދަދު މަދުވުމުން އަހަރެމެންގެ ތެރޭގައި ޖާދޫގެ ކަންކަން އޮތްވަރު ނޭނގެނީއެވެ.

"ރާއްޖޭގަ ޕްލެޓްފޯމެއް ނެތީމަ މެޖިކް ހަދާ މީހުން އުޅޭކަން ނޭނގެނީ. މިސާލަކަށް މޯލްޑިވިއަން ގޮޓް ޓެލެންޓް ކަހަލަ މުބާރާތެއް އޮންނަ ނަމަ ރާއްޖޭގަ ހުރި ޓެލެންޓްސްތައް ވަރަށް ފެންނާނެ"

ބޮޑު ލައިވް އޯޑިއެންސެއްގައި ޕާފޯމް ކޮށްލަން ރާއްޕެ ވަރަށް ބޭނުން

މިކަމަށް އޮތް ޝައުގުގެ ބޮޑުކަމާއެކު އެންމެ ފުރަތަމަ ފެށި ދުވަސްކޮޅު ދިހަ ވަރަކަށް ތާސްބައި ގަނެގެން ގެންގުޅުނު ކަމަށް ރާއްޕެ ބުންޏެވެ.

މިހާރު ބަނޑޮސް ރިސޯޓްގައި އިވެންޓް ކޯޓިނޭޓަރަކަށް އުޅެމުން އެ ބިޒީ ޝެޑިއުލާއެކު ވެސް ޖާދޫ ހެދުމަށް ރާއްޕެ ވަގުތު ހުސްކުރެއެވެ. ލިބޭ ހުރިހާ އޮފާތަކެއްގައި ދަތުރެއް ކޮށްފައި ޖާދޫއެއް ހަދާލަން ދުރު ހިސާބަށް ނުދެވުނަސް، އޯފް ދުވަހެއް ލިބިއްޖެ ނަމަ ރާއްޕެގެ ވަގުތު ހުސްކުރަނީ ވެޑިންތަކާއި، ހިތާނީ ޝޯ ތަކުގައި ވެސް ހަމަ މިކަން ކުރުމަށެވެ.

"އިންކަމް ހޯދަން ވަރަށް ރަނގަޅު ކަމެއް މީ ހަމަ. ޑިމާންޑް ވަރަށް އޮވޭ"

ރާއްޕެ ބުނީ އެންމެ އުނދަގުލީ މިކަމަށް ބޭނުންވާ އެއްޗެހި ރާއްޖޭން ބޭރުން ގެނަންޖެހޭތީ ކަމަށެވެ. އެކަމަކު ބުރަ މަސައްކަތާއެކު ހަދާލާ ޖާދޫގެ ސަބަބުން އެންމެންގެ ވެސް ރިއެކްޝަން ވަރަށް ޕޮޒިޓިވް ކަމަށް ބުންޏެވެ.

"ރިއެކްޝަންތައް ހަމަ ވަރަށް ސަޅި. އެއްވެސް ނެގަޓިވް ފީޑްބެކެއް އަދި ނުލިބޭ. އެހެންވެ ބޮޑަށް މިކަމުގެ ތެރެއަށް ވަދެވުނީ ވެސް. ޓޫރިސްޓުންގެ ފަރާތުން ވެސް އެ ގައުމަށް ގޮސް ޕާފޯމް ކުރަން އޮފާ ލިބޭ"

ސަޕޯޓް ލިބެން ފެށުމުން މިދިޔަ އަހަރު ތެރޭ ރާއްޕެ ވަނީ ފޭސްބުކް ޕޭޖެއް ވެސް ޖާދޫގެ ކަންކަމަށް ހާއްސަކޮށް ހުޅުވާފައެވެ. "މޯލްޑިވިއަން މެޖީޝަން ރާއްޕޭ" ގެ ނަމުގައި ހުޅުވާފައިވާ އެ ޕޭޖުން ރާއްޕެގެ މެޖިކް ވީޑިއޯތައް ފެންނަން ހުއްޓަސް ކޮންމެ ކޮންމެ ފަހަރަކު ހަދާ ޖާދޫތައް ވީޑިއޯ ނުކުރެވޭ ކަމަށް ވެސް ބުންޏެވެ.

ކްލަބް 360 ގައި މިދިޔަ އަހަރު ބޭއްވި އޯޕަން މައިކް ޓެލެންޓް މުބާރާތަކުން ވެސް ރާއްޕެ ވަނީ ދެ ވަނަ ހޯދާފައެވެ. އެކި ކަހަލަ ހުނަރު ދައްކާ އެ ޝޯގައި ރާއްޕެ ހާއްސަވީ ޖާދޫ ހަދައިގެންނެވެ. ލައިވްކޮށް ކުރިއަށްދިޔަ އެ މުބާރާތުން ޝަރަފުވެރި ވަނައެއް ލިބުމުން ހުރީ ވަރަށް އުފަލުންނެވެ.

ޖާދޫ ހަދާއިރު ރޫހާނީ ބާރު ބޭނުންކުރާ ކަމަށާއި، އެއީ ފަންޑިތަވެރިކަމުގެ ތެރެއިންވާ ކަމެއް ކަމަށް ޒަމާނުއްސުރެ އިވެއެވެ. އެކަމަކު ރާއްޕެ މިކަމަކާ އެއްބަހެއް ނޫނެވެ. އޭނާ ހަދާ އެއްވެސް ޖާދުލެއްގައި ރޫހާނީ ބާރެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.

"ރޫހާނީ ބާރު ބޭނުންކޮށްގެން މެޖިކް ހަދާ އެއްވެސް މީހަކާ އަދި ރާއްޖެއަކުން ދިމައެއް ނުވޭ. މިސާލަކަށް އެއްކަލަ އިރު އައިނުވެސް އެއީ ރޫހާނީ ބާރަކުންނެއް ނޫން ދޯ. އެއީ އިލޫޝަން އެއް ދޯ. މީހުންނަށް ލޮލަށް ނުފެންނަ ބައިވަރު ކަންތައްތައް ވާނެއެއްނު"

Popular