4 Jun 2019

By: Aishath Maaha

މިއީ މިހާތަނަށް ގެނެސްދޭ މޭކްއޯވާގެ އެންމެ ތަފާތު ސެގްމަންޓެވެ. މިސްޓަ މޯލްޑިވްސް ކާމިޔާބުކޮށްގެން ގިޔާސް އިބްރާހިމް މި ސެގްމަންޓަށް ގެނައުމުް ޑިޒައިނަރު ނޫރާ ރަޝީދު ބޭނުންވީ ގިޔާސްގެ ހަށިގަނޑު ނުވަތަ ކަޓުތައް ފެންނަ ކަހަލަ ފޮޓޯތަކެއް ނަގާށެވެ. އެކަމަކު ތަފާތު ގޮތަކަށެވެ.

ހަފުތާއެއްހާ ދުވަސްފަހުން ނޫރާ ގެނައި ކޮންސެޕްޓަކީ "ގްލޯ އިން ދަ ޑާކް" ޕެއިންޓުކޮށް ޔޫވީ ލައިޓް އަޅުވާލައިގެން ލޯ ލައިޓުގައި ފޮޓޯ ނެގުމުގެ ހިޔާލެވެ. ޝޫޓަށް ބޭނުންވި ޔޫވީ ލައިޓް ލިބުނީ މޫޝާން މުބާރިކްގެ ހެޔޮއެދުމާއެކުގަ އެވެ.

ފޮޓޯގްރަފީ: ނަދުހާ

ފިޓްނެސްގައި ރާއްޖޭގެ އެންމެ ބޮޑު ޗެމްޕިއަނާއެކު އެ ޝޫޓަށް އެންމެ ރަނގަޅު ޓީމެއްގެ ގޮތުގައި ފެނުނީ ޕެއިންޓްކުރަން އަބްދުﷲ ތައުފީގް (ތައު)، ފޮޓޯ ނަގަން ޒުވާން ފޮޓޯގްރާފަރު އައިޝަތު ނަދުހާ އަދި ބިހައިންޑް ދަ ސީން ވީޑިއޯއަށް ޔަޒްދާން މާޒް އެވެ. މުޅި ޓީމަށް މުޅިން އާ ކޮންސެޕްޓެއް ނަމަވެސް މިއީ މި ޝޫޓަށް އެންމެ "ޕާފެކްޓް" ޓީމެވެ.

ފޮޓޯގްރެފީ: ނަދުހާ

ތައު ނުވަތަ އޭނާގެ ލޮނުފެން ސްޓޫޑިއޯގެ "ލިޔެލާ" ކުރެހުން ވެސް ހިމަނައިގެން ގިޔާސްގެ ގައިގައި ކުރަހަން ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަވި އެވެ. "ދޯ"ގެ ސްޓޫޑިއޯގައި މި ފޮޓޯތައް ނެގިއިރު ހަތަރު ފަސް ވަރަކަށް ގަޑިއިރު ހޭދަވި އެވެ. ފޮޓޯތައް ނަގަން އެންމެ ބޮޑު ޓީމެއް މިހާތަނަށް ބޭނުންވި ޝޫޓަކީ ވެސް މިއީ އެވެ. ނަދުހާ ބޭނުންވާ "ޕާފެކްޓް" ޝޮޓް ނަގަން ލައިޓް އެޅުވުން ވީ ހީކުރި ވަރަށް ވުރެ ވެސް އުނދަގޫ ކަމަކަށެވެ.

ފޮޓޯގްރެފީ: ނަދުހާ

ނަމަވެސް ގިޔާސް މިއީ ހަމަ "މޮޑެލް" އެކެވެ. ދެން ހުންނަންވީ އެހެންނޭ މިހެންނޭ ކިޔައިދޭކަށް ނުޖެހެ އެވެ. ގިޔާސް ބުނީ "އެންމެން ރެޑީވީމަ ގިޔާ ހުންނާނީ ރެޑީގައޭ" އެވެ. އެއީ ގިޔާސް ގެ ދިގު ބިޔަ އިސްކޮޅާ އެއްވަރަށް ކަނޑާލި ފޮންޏެއް ނޫންކަން ރަނގަޅަށް ދައްކާލި އެވެ.

ގިޔާސް އާއި މިސްޓަ މޯލްޑިވްސްގެ ވާހަކަ ކިޔައިދީބަލާށޭ ބުނީމާ ފެށީ މާކުރީގެ ހަނދާންތަކުންނެވެ. އެއީ ގާތްގަނޑަކަށް 2009، 2010 ހިސާބެވެ. ގިޔާސް އުޅުނީ މިސްޓަ މޯލްޑިވްސްގެ ބެކްސްޓޭޖުގައި ބައިވެރިންގެ ގައިގައި ކުލަ ލައިދޭށެވެ. ކޮންމެހެން ބޮޑީ ބިލްޑުކޮށް މިސްޓަ މޯލްޑިވްސްގެ ލަގަބު ހޯދަން މަގު ކޮށާކަށް ވެސް ނޫނެވެ.

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

"އެތަނަށް އޭރު ދިޔައީ އަހަންނަކީ ޖިމެއްގެ މުވައްޒަފަކަށްވާތީވެ. ކޮންމެހެން އެތަނަށް ދާން ބޭނުންވެގެނެއް ނޫން. އޭރު ނެތް މިސްޓަ މޯލްޑިވްސްގަ ބައިވެރިވުމުގެ ހިޔާލެއް ވެސް،" ފިޓްނެސް ކްލަބުގައި މަސައްކަތްކުރި ދުވަސްތައް ހަނދާންކުރަމުން ގިޔާސް ކިޔައިދިނެވެ.

މިސްޓަ މޯލްޑިވްސްގައި ބައިވެރިވުމުގެ ހިޔާލު އައިސްގެން އެންމެ ފުރަތަމަ ގިޔާސް ސެލެކްޝަނަށް ދިޔައީ 2011 ވަނަ އަހަރެވެ. ނަމަވެސް އެފަހަރު ނުހޮވުނީ އެވެ. ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން އޭގެފަހުން އައި މިސްޓަ މޯލްޑިވްސް މުބާރާތުގައި ގިޔާސް ހުރީ ސްޓޭޖަށް އަރަ އެވެ.

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

މިސްޓަ މޯލްޑިވްސްގެ އިތުރުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް ގިޔާސް ވަނީ ބައިވެރިވެ ކާމިޔާބީތަކެއް ހޯދާފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕްތަކުގައި އެކި އަހަރު ބައިވެރިވެ ކެޓަގަރީތަކުން، ފަސް ވަނަ، ހަ ވަނަ އަދި ހަތް ވަނަ ހޯދާފަ އެވެ. މިސްޓަ މޯލްޑިވްސްގެ އެކި ކެޓަގަރީތަކުން ގޯލްޑް، ސިލްވަ މެޑަލް އަދި އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްތަކުން ވެސް ވަނަތައް ހޯދި އެވެ.

މިއަހަރު މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ނަގައި އެވަރުގެ ބޮޑު ޗެމްޕިއަނަކަށް ބަދަލުވީ ފަސް ވަނަ ފަހަރަށް މުބާރާތުގައި ބައިވެރިވި ފަހުންނެވެ. ގިނަ ވަގުތުތަކެއް ޖިމްގައި ހޭދަކޮށް ޑައިޓުތަކަކަށް ފޮލޯކޮށްގެންނެވެ. ގިޔާސްގެ ދުވަސް ފެށެނީ 4:30ގަ އެވެ.

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

"4:30ގައި ހޭލައިގެން ތައްޔާރުވެގެން ފަހެއް ޖަހާއިރު މަ ވަންނާނީ ޖިމަށް. ދެ ޕީޓީ ނަގާފަ 6:45 ގައި ޓްރެޑްމިލް އަށް އަރާފަ 7:45 ގައި މަ ފައިބާނީ. ދެން އަންހެނުން އޮފީހަށް ލާފަ ގެއަށް އައިސް ބްރޭކްފާސްޓް ނަގައިގެން ދެން ޖިމަށް ދަނީ. ނޫނީ ބައެއް ދުވަސް ދުވަހު ރެސްޓްކޮށްލަނީ. ދެން ހޭލައިގެން ދާނީ ލަންޗަށް."

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

ހުރިހާ އިރެއްގެ ކެއުން ވެސް ވަކި ހާއްސަ ޑައިޓަކަށް ފޮލޯކުރެ އެވެ.

"ދެން މެންދުރުފަހު އަނެއްކާ ވެސް ޖިމަށް އައިސް ޕީޓީއަކަށް އެޓެންޑްވެފަ ހަތަރެއް ޖަހާއިރު އަންހެނުން ގެއަށްލާފަ ޖިމް އަށް އަންނާނީ ނޫނީ އަހަރެންގެ ވޯކްއައުޓް މަ ހަދާނީ. ދެން އޭނަ ޖިމަށްދާން ބޭނުންވެއްޖެޔާ އޭނަ ގޮވައިގެން ރޭގަނޑު ދާނީ."

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

"މި ދާއިރާގައި މިހިސާބަށް އަޔަސް މަގޭ އިންސްޕިރޭޝަނަކީ މިއޭ މިހެން ބުނާކަށް ނޭނގޭ. މަގޭ ޑްރީމްސް ހާސިލްކުރަން މަސައްކަތްކުރަނީ. މަ ކުރަން ބޭނުން ނޫން ކަމެއް ނުކުރަން."

"މަށެއް ނުކުރާނަން މަކުރާ ހިތްނުވާ ޕެޝަން ނެތް ކަމެއް. ލާރި ކިތަންމެ ވަރަކަށް ލިބުނަސް. ކަސްރަތު މިއީ މަގޭ ޕެޝަން."

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

އެހެންވެ ގިޔާސްގެ ދިރިއުޅުމުގައި ހުރިހާ ވަގުތެއް ހޭދަކުރަނީ ޖިމަށް އަދި އާއިލާ އަށެވެ. ކޮފީތަކަށް ގޮސް ވަގުތު ހޭދަކުރުމަކީ ޝައުގުވެރިކަން ހުރި ކަމެއް ނޫނެވެ.

މިހާރު ވެސް އެ އަޒުމުގައި ގިޔާސް މަސައްކަތް ކުރަނީ ރާއްޖޭން ބޭރުން ރާއްޖެ އަށް ގޯލްޑް މެޑަލްއެއް ގެންނާށެވެ. ބަރާބަރަށް ޓްރޭނިން ނަގަމުން ޑައިޓަކަށް ފޮލޯކުރަމުން މަސައްކަތްކުރަނީ އެ އަޒުމުގަ އެވެ.

"އައި ތިންކް އައި ކޭން ޑޫ އިޓް މި އަހަރު ފުރަތަމަ މިދާ މުބާރާތުގަ."

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

"ކޮފީއަކަށް ދާނީ ވެސް ރައްޓެއްސަކު މިހެން މުހިން ކަމަކު ބައްދަލުކޮށްލާ ވާހަކަ ދައްކާލަން ބޭނުންވެގެން. ކަމެއްނެތި ޕަބްޖީ ކުޅެން މަށެއް ކޮފީތަކަކަށް ނާރަން. އެއީ އެހާ ކުރަން ބޭނުންވާ ކަމެއް ނޫން."

ދަތުރުގެ މިހާ ހިސާބަށް އައި އިރު ގިޔާސް އަކީ ޖިމެއްގެ ވެރިއެކެވެ. ޕެޓުގެ ގޮތުގައި ތިން ބުޅަލާއި ދެ އެފްރިކަން ގްރޭ ވެސް ގިޔާސް ގެންގުޅެ އެވެ.

ފޮޓޯގްރެފީ: ނަދުހާ | ކޮންސެޕްޓް: ނޫރާ | ޕެއިންޓިން: ތައު

ފިޓްނެސް އާ ޕެޓް ގެންގުޅުމުގެ އިތުރުން އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިން ކުރިއެރުވުމަކީ ވެސް ގިޔާސްގެ ޝައުގުވެރިކަން ހުރި ދާއިރާ އެކެވެ. ވީވަރަކުން މަސައްކަތްވެސް ކޮށްދެ އެވެ.

"އަހަރެން ކައިރީގަ އުޅޭ މީހުން ކުރިއަރާވަރުން ވަރަށް އުފާވޭ. ކުރިއަށްދާން ބޭނުން ކުދިންނަށް މަގުދައްކައިދޭން ބޭނުންވޭ."

ބޮޑީ ބިލްޑިން

Popular