13 Jun 2019

By: Shamila Ibrahim

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖިމްގައި ނަންގަވާފައި ހުރި ބައެއް ފޮޓޯތައް މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާންމުކުރެއްވި އިރު އޭނާގެ ޕާސަނަލް ޓްރެއިނަރު ވެސް އެ ފޮޓޯތަކުން ފެނުނެވެ. އެއީ އުމުރުން 20 އަހަރުގެ މުހައްމަދު އައިހަމް ފިރާޒެވެ. މާރިޔާގެ އިތުރުން އެހެން ބައެއް ސިޔާސީ ބޭފުޅުންގެ ޓްރެއިނަރެއްގެ ގޮތުގައި ވެސް އައިހަމް މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އެންމެ ޝައުގުވެރީ އައިހަމް އޭނާގެ ފަލަ ހަށިގަނޑު ހިއްކާލައި އެހެން މީހުންގެ ހަށިގަނޑު ބައްޓަންކޮށްދޭ ހިސާބަށް ކުރި ދަތުރުގެ ވާހަކަ އެވެ.

މީގެ ދެތިން އަހަރު ކުރިން އައިހަމް ހުންނަ ގޮތް ފެނުނު މީހަކު މިހާރު އޭނާ ފެނި ހައިރާންވާނެ އެވެ. އެންމެ ކުޑައިރު ވެސް ހަރަކާތްތެރިކަން ކުޑަކޮށް އުޅުނު އައިހަމް ކިޔައިދިން ގޮތުން ނަމަ އެހެން އުޅެނިކޮށް ފަލަވުން ގޮސް "ހުތުރު ޒާތެއްގެ ފަލައެއް" ވީ އެވެ. ހެޔޮވަރު އަންނައުނު ރާއްޖޭން ނުލިބޭ ހިސާބަށް ގޮސް ބޭރުން ގެންނަން ވެސް ޖެހުނީ އެވެ.

"ކައިކައިގެން އޭރު ހަމަ އިންނަނީ ގޭމް ކުޅެން. ސްޕޯޓްސް އާ ވަރަށް ދުރުވާނެ،" އަހިހަމް ބުންޏެވެ.

ގްރޭޑް ހަތެއްގައި އުޅުނު އަހަރު 70 ކިލޯގައި ހުރެފައި ގްރޭޑް 10 އަށް ދިޔައިރު ހުރީ އެތައް ގުނައެއް ބަރުވެފައެވެ. ބަރުވަމުން ބަރުވަމުން ގޮސް ސަތޭކަ ފަހަނަޅައި ގޮސް، ކައްޓާ މައިތިރިވީ 113 ގަ އެވެ.

ހިކެން މަސައްކަތް ކުރިއިރު ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރު ޖިމްގައި ހޭދަ ކުރި --

އެހާ ފަލަ ވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ވެސް ދިޔައީ އެލާމު އަޅަމުންނެވެ. ހިނގާއިރު ވެސް ރަނގަޅަށް ހަށިގަނޑު ބެލެންސް ނުކޮށްލެވިގެން އުޅެންޖެހެއެވެ.

"ސިޑިން ވެސް މައްޗަށް އަރަން އުނދަގޫވެފަ ހުންނަނީ. ހުކުރު ނަމާދަށް ގޮސް ވެސް ހޫނު ގަދަވާއިރަށް ވެއްޓިފަ އިންނާނީ،" ފަލަކޮށް ހުރި އިރު އުނދަގޫތައް އޭނާ ސިފަކޮށްދިނެވެ.

މާބޮޑަށް ސިއްހީ މައްސަލަތައް ފެނި، ހަމަޖެހިގެން އުޅެން އުނދަގޫވާ ހިސާބަށް ދިއުމުން ޑޮކްޓަރެއްގެ ލަފަޔާއެކު ކަސްރަތު ކުރަން ފެށިއެވެ. ފިޓްނެސްގެ ތެރެއަށް ވަދެވުނީ އެ ހިސާބުންނެވެ. ދިރިއުޅުން އެއްކޮށް ބަދަލުވާން ފެށީ އެވެ.

"ހައެއްކަ މަސް ތެރޭ ވެއިޓް ލޫސް ވަމުންވަމުން ގޮސް އިނީ 60 އަށް ވެފަ. އެހެންވީމަ ޖުމްލަ 53 ކިލޯ މި ކުރު މުއްދަތު ތެރޭ ހިކުނު،" އައިހަމް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެންމެ ފަލައިރު އުނަގަނޑުމަތީ 46 އިންޗި ހުރެ އެވެ. މިހާރު އެ ހުރީ 30 އަށް ވައްޓާލައިފަ އެވެ.

އައިހަމްގެ ކުރީގެ ލައިފްސްޓައިލްގައި، ދެތިން އިރު ކެޔަސް، ކޮންމެ ފަހަރަކު ވެސް އެހާ ގިނައިން ކާލަ އެވެ. އެކަމަކު ހިކެން މަސައްކަތް ފެށި ހިސާބުން ވަކި ޑައިޓެއް ފޮލޯކޮށް، ޕޯޝަން ކުޑަކޮށްލީއެވެ. އަދި ގިނައިން ފެން ބޮއެ، ތެޔޮ ކާނާއާ ވެސް ދުރުވީ އެވެ.

އައިހަމް 113 ކިލޯ ހުރިއިރުގެ ފޮޓޯއެއް

ހިކެން ފެށި ދަތުރުގައި އެންމެ ފުރަތަމަ ފެށީ މާލެ ވަށައި ބުރެއް ޖަހައިގެން މިކަން ކުރާށެވެ. އެކަމަކު ކުޑަ ތަންކޮޅަކަށް ދުވެވުނުތަނާ ދާހިއްލައި ނޭވާ ކުރުވެ ހުއްޓެވެނީ އެވެ. ދެން ދިޔައީ ފަތާށެވެ. ދެ ދުވަސް ތެރޭ ފަތަން ދަސްކުރި އެވެ. އެ ބަރު ހަށިގަނޑުން އެންމެ ފުރަތަމަ ފަސް ކިލޯ ދުއްވާލީ މޫދު ކަސްރަތުންނެވެ.

އެކަމަކު މޫދަށް ދިޔުމުގެ ސަބަބުން އަތްވަށް އެލާޖިކްވެ، ހަންގަނޑަށް އަންނަމުން ދިޔަ ބަދަލާއެކު ބައްޕަގެ ލަފާގެ މަތިން ދެން ފެށީ ޖިމް ވޯކްއައުޓަށް ޖިމަށް ދާށެވެ. ދެބަފައިން ވެގެން މާލެ ފިޓްނަސް ކްލަބުން އެ މަސައްކަތް ފަށައިގަތެވެ.

"އެއީ 10 ގަ އުޅުނު އަހަރު. ސްކޫލު ނިމިގެން ގެއަށް ދާންވާއިރަށް ބައްޕަ ހުންނާނެ ޖިމަށް ދާން ދަބަސް ރެޑީ ކޮށްލައިގެން. ދެން ދެމީހުން ދަނީ އަވަހަށް"

ދުވާލަކު ދެގަޑި އިރު ޖިމްގައި ހޭދަކޮށް ބޮޑު ބަދަލެއް ހަށިގަނޑަށް މިހުރީ ގެނަސްފައެވެ. އެކަމަކު އެކަމުގައި ވަގުތަށް ވުރެ ބޮޑު ރޯލެއް އަދާކުރީ އޭނާގެ ހިތްވަރެވެ.

އެކަމަކު ހިކެން ކުރި ދަތުރުގައި ލިބުނު ހިތްވަރާ އެއްވަރަށް މަލާމާތް ވެސް ލިބުނެވެ. ގާތް ރައްޓެހިންގެ ތެރޭގައިވެސް "ތިކަމެއް ނުވާނޭ" ބުނެ މާޔޫސްކުރިވި މީހުން ބައިވަރެވެ. މަންމަ އަދި "ޖިމް ޕާޓްނަރު" ބައްޕަގެ ފުލް ސަޕޯޓާއެކު އެ ކަންތައްތަކަށް ނުވިސްނާ، ސަރުބީތައް ވިރުވުމުގައި އެހެން ކަމަކަށް ދެން ވިސްނަން ބޭނުން ނުވީ އެވެ.

View this post on Instagram

Stop doubting yourself,work hard,make it happen

A post shared by Aiham (@aiham.firaz) on

އައިހަމް ބުނީ ފަލަ އިރު އާއި މިހާރާ އަޅާކިޔާ ނަމަ، ފަލަކޮށް ހުރި އިރު މީހުންގެ ފަރާތުން ތަފާތުކުރުމާ ދިމާވި ކަމަށެވެ.

ސްކޫލްގެ ސްޕޯޓް ހަރަކާތެއްގައި ވެސް އެންމެ ފަހުން ފުރުސަތު ލިބޭ މީހަކަށް ހުންނަނީ އޭނާ އެވެ. ކުޅެން ގޮސް ވެސް އިންނަން ޖެހެނީ ބެންޗުގަ އެވެ. މިކަހަލަ އެކިއެކި ކަންކަމުގައި ޓީޗަރުންގެ ތަފާތު ކުރުންތައް ވެސް ބޮޑެވެ.

އޭނާ ބުނީ ހިތްކިޔާ އަންހެން ކުއްޖަކަށް ލޯބި ހުށަހެޅުމުން ވެސް ގަބޫލުނުވި ސަބަބަކަށް ވީ ފަލަ ހަށިގަނޑު ކަމަށެވެ. ބަރުދަނާއި ސިފަޔަށް ބަލައި ކޮންމެ މީހަކު ވެސް ޖަޖުކުރީ އެވެ. އެކަމަކު އައިހަމް ހުރީ އެހެން ދިމާވާ ކަމަކުން ހިތުގައި ޖެހޭ ގޮތަކަށް ނޫނެވެ.

އައިހަމް

"މީހަކު އެއްޗެކޭ ބުނެގެން ވަކި އެއްޗެއް ހިތަކަށް ނާރާ. އެކަމަކު ބައެއް ފަހަރު ދެރަވާ ގޮތް ވެސް ވޭ ބުނެލާ އެއްޗެހިން. އެކަމަކު އެހެން އެއްޗެކޭ ބުނެގެން ކޮންމެހެން ހިތަކަށް ނާރާ ހިކޭކަށް ވެސް،"

ފަލައޭ ކިޔައިގެން އޭނާ އަށް ކުރި ތަފާތަކީ ދަސްވި ފިލާވަޅެވެ. އައިހަމްބުނީ ކުރީގެ އައިހަމް އާއި މިހާރުގެ އައިހަމަށް މީހުން ޓްރީޓް ކުރާ ގޮތް ހާސްބައި ތަފާތު ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ބުނީ ކުރިން ނޫނެކޭ ބުނި ކުއްޖާ ވެސް ބައްދަލުވެ ކޮފީ އަށް ދާން މިހާރު ބޭނުންވުމެވެ. އެކަމަކު އައިހަމްގެ ބަދަލުވި ކަމަކީ އޭނާގެ ހަށިގަނޑެވެ. އޭނާގެ އެހެން ކަމެއް ބަދަލުވީއެއް ނޫނެވެ.

ސްކޫލު ނިމި، ދާނެ ވަކި ދާއިރާއެއް ނޭނގިފައި ހުއްޓާ އައިހަމްގެ ސިކުނޑި ހުސްވީ ޕާސަނަލް ޓްރައިނަރަކަށް ވުމުގެ ވިސްނުމަށެވެ. އެއީ އޭނާގެ ހަށިގަނޑަށް ގެނެވުނު އަވަސް ބަދަލާއެކު، އެފަދަ އެހެން މީހުންނަށް ޕާސަނަލް ޓްރެއިނިން ދީ، ހިކުމުގައި އެހީވެދޭން ބޭނުންވީތީއެވެ. ނޫނީ ޖިމަށް ގޮސް އުޅުމުގެ ތެރޭގައި ޕާސަނަލް ޓްރެއިނަރުން އުޅޭ ގޮތް ފެނި އެ ހިސާބުން ސިކުނޑީގައި ކެރިއަރެއް ބިންވަޅު ނެގުނީއެވެ.

View this post on Instagram

Sometimes we fall,but we get back up and finish what we started.Whats the secret to success?Dedication,determination and discipline.You need to understand all your excuses are lies.That you lack the mental strength.That your mind gives up way before your body.That you can and you will.Whats my resolution?To come back stronger and bigger than ever💪

A post shared by Aiham (@aiham.firaz) on

އެހެންވެ، 16 އަހަރުގައި ސްކޫލް ނިންމި ގޮތަށް ޕާސަނަލް ޓްރެއިނަރެއްގެ ވަޒީފާގައި ހަރުލިއެވެ. އެ ދުވަހު ފެށިގޮތަށް އަދިވެސް އުޅެނީ އެ ކަމުގައެވެ. ހީޓް، ހެމާ އަދި އެކްސްޓްރީމް ޖިމްގައި ވެސް ޕާސަނަލް ޓްރެއިނިން ދިނުމުގައި ތަޖުރިބާތަކެއް ކޮށްފި އެވެ. އެކަމަކު މިވަގުތު މިކަން ކުރަނީ ފްރީލާންސްކޮށެވެ.

އައިހަމްގެ އަސްލު ދާއިރާ އަކީ ބިޒްނަސް އެވެ. ވިސްނުން ވެސް ހުރީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން އެ ދާއިރާ އިން ކިޔެވި އެއްޗެއްގެ ބޭނުން ކުރާށެވެ.

ހިތްވަރާއެކު، ތަފާތު ސިފައެއްގެ މީހަކަށް ވާން އައިހަމް ކުރި ދަތުރުގެ ވާހަކަ އިން ހިތްވަރު ހޯދާށެވެ. އައިހަމް ގޮތަށް ހިކެން ބޭނުން ނަމަ އޭނާގެ މެސެޖަކީ މިއީ އެވެ؛ "ކޮންމެހެން ޖިމަށް ނުދިޔަސް ހިކެވިދާނެ. ދުވަން ވެސް ދެވިދާނެ ނޫނީ ގޭގަ ވެސް އެކްސަސައިޒް ކުރެވިދާނެ. މިކަމުގައި ހިތްވަރެއް ބޭނުންވާނީ."

ފިޓްނެސް ފަލަވުން ބަރުދަން ލުއިކުރުން

Popular