18 Jun 2019

By: Aishath Maaha

ޝަޒްވާން އަހުމަދާ އެންމެ ފުރަތަމަ ދިމާވީ ކޮލެޖުންނެވެ. ކުލާހުގެ ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ތައާރަފް ދެމުން ދިޔަ އެވެ. ގާތްގަނޑަކަށް އެއްކަހަލަ ގޮތަކަށް ހުރިހާ އެންމެން ތައާރަފްވަމުން ގޮސް ބަދަލެއް ފެނުނީ ޝަޒްވާންގެ ފަރާތުންނެވެ. ތައާރަފް ނިންމާލަމުން ބުނެލި އެއް ޖުމްލަ އެއްވެސް އަކުރެއް، ފިއްޔެއް ބަދަލުނުވެ ހަނދާން އެބަހުއްޓެވެ.

"ޝަޒްވާން އަކީ އެކްސިޑެންޓް ސަވައިވާއެއް ވެސް މެ،" ގްރޫޕްތަކަކަށް ބަހާލައިގެން އެއް ކުއްޖަކު އަނެއް ކުއްޖަކުގެ ވާހަކަތައް ކިޔައިދިން އެ ދުވަހު ޝަޒްވާންގެ ވާހަކަ ކިޔައިދިން ކުއްޖާ އެންމެ ފަހުން ބުނެލި އެވެ.

އެ ހިސާބުން ޝަޒްވާންގެ މި އެކްސިޑެންޓުގެ ވާހަކަ އަހައި އޮޅުން ފިލުވާލާހިތްވާން ފެށި އެވެ. ފުލުހެއްގެ ވަޒީފާ އަދާކުރާ ޝަޒްވާން އަށް ދިމާވި ހާދިސާ ހާއްސަވާނެ ކަމަށް ގަބޫލުކުރެވުނެވެ. އެހެންވެ ޝަޒްވާނާ ވާހަކަ ދައްކާލައި މިކަމުގައި ފުލުހުންގެ އިދާރާ އިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިންޓަވިއު ފެށީމެވެ.

"އެއީ ގާތްގަނޑަކަށް މީގެ 15 ވަރަކަށް އަހަރު ކުރި. އޭރު ވެސް ޕޮލިހުގައި އުޅޭނީ. މިހާރު އެހާ ބޮޑަށް ހަނދާނެއް ވެސް ނެތް. އެކްސިޑެންޓުވި ފަހުން ވަރަށް ހަނދާން ބަލި. ކުރީގެ ވަރަށް ބައިވަރު ހަނދާންތައް މިހާރު ނެތް،" އުމުރުން 22 އަހަރުގައި ހިނގި އެކްސިޑެންޓް ހަނދާން އާކުރަމުން ޝަޒްވާން ފެށި އެވެ.

އެ އެކްސިޑެންޓް ހިނގީ ގާތްގަނޑަކަށް ރޭގަނޑު 11:30 ހާއިރު އެވެ. ދެބެއިންގެ ދެދަރި ކުއްޖަކާއެކު އޭރުގެ ހާބަރު ކަޑަ ނުވަތަ މިހާރުގެ ގޮތުން ނަމަ ފުޑް ކޯޓުން ކޮފީއެއް ބޮއެގެން ގެއަށް ދިޔަ މަގުމަތީގަ އެވެ. އަމީނީމަގުން ހެންވޭރަށް ދުއްވާފައި ދިޔަ ޝަޒްވާންގެ ސައިކަލާއި، ރެހެންދި ފްލެޓް ހުންނަ ގޯޅިން ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ޖެހުނީ އެވެ.

ދެ ސައިކަލު ޖެހި، ޝަޒްވާން ވިއްސައިގެން ދިޔައީ އެވެ. އޭނާ ގޮސް ޖެހުނީ މަގުގެ އަނެއް ފަރާތުން ސިފައިންގެ ފިހާރައެއް އެ ހުރި އިމާރާތުގެ ފާރުގަ އެވެ.

"އަހަރެން ޖެހުނު ފާރުގައި އަތްތިލައިގެ ނިޝާނާއި ލޭ ވެސް ހުރި. އެ ފާރުގެ ކުލަ ބަދަލުކުރީމަ ވެސް ލޭގެ ނިޝާންތައް ނުގޮސް ހުރި ވަރަށް ފަހަކާ ޖެހެންދެން،"

ޝަޒްވާން: ފުލުހުންގެ އިދާރާގައި ހިދުމަތްކުރާތާ 14 އަހަރު. --

"އަހަރެން އެހާ ބޮޑަކަށް ހަނދާނެއް ނެތް. އެންމެ ފަހު ހަނދާނަކަށް ހުރީ ގިޔާސުއްދީން ކައިރި އެ ހުރި ލައިޓު ހުރީ ފެހިވެފަކަން. ބިލަބޮންގް ކައިރި އެ ހުރި ލައިޓު މަތިން ނެތް ހަނދާނެއް. އެކަމަކު މަންޒަރު ފެނުނު މީހުން ބުނި އަހަރެން ވެއްޓުނީމަ ތެދުވެގެން ސައިކަލު ނަގަން ވެސް ދިޔައޭ. އޭގެ ފަހުންނޭ އެއްކޮށް ބްލެކްއައުޓް ވެގެން ވެއްޓުނީ،" ހަނދާން އާކުރަމުން އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ޝަޒްވާން ހޭ އެރީ އޭގެ އަނެއް ދުވަހުގެ ހެނދުނު އަށެއް ޖަހަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔަ ގޮތެއް އަދި ހޮސްޕިޓަލު ތެރޭގައި ކަންތައް ހިނގި ގޮތެއް އޭނާ ހަނދާނެއް ނެތެވެ.

"އެ ރޭ ހޮސްޕިޓަލަށް ގެނައިފަހުން ފެން ބޮވައިގަނެގެން ފެން ފޮދެއް ދޭށޭ ބުނި ހަނދާނެއްވޭ، އެ އެކަނި ހަނދާނަކަށް ހުރީ،" އޭނާ ބުނީ އެކްސިޑެންޓާއި އެއަށް ފަހު ހިނގި ކަންކަން ނޭނގޭ ކަމަށާއި ހޮސްޕިޓަލުގައި އޮތް އިރު ހޮޑުގެ ގޮތުގައި ލޭ ވެސް އައި ކަމަށް ބޭބެމެން ބުނާ ކަމަށެވެ.

ބޭރު ފުށުން ފެންނަ އަނިޔާއަކަށް ހުރީ ވެއްޓި ޖެހުނު ގޮތުން އަނގަމަތިން ހުރި އައިބަކާއި، ނޭފަތްމަތިން ކަށިގަނޑެއް ބިންދައިގެން ދިއުމެވެ. ލޯމަތިން ވެސް ފަޅައިގެން ދިޔަ އެވެ. މިހާރު ފެންނަން ހުރީ ނޭފަތްމަތީގައި ހުރި ލަކުނު އެކަންޏެވެ.

"އަނގަ އެއް ފަރާތަކަށް އޮރިދަމައިގަނެފަ އިނީމަ މަހެއް ފަހުން ހަރު އެއްޗެއް ކެވޭވަރު ވެސް ވީ. ދެން ތަދުވީ ބޮލަށް. ހޭ އެރި އިރު މޫނު ވަރަށް ބޮޑަށް ނޫފައިގަނެފަ އޮތީ. ލޮލެއް ވެސް ނުހުޅުވޭ. މަންތެއް ފަހުން ރިކަވާ ވީ،" އެކްސިޑެންޓުގައި ބޭރުފުށުން ފެންނަން ހުރި އަނިޔާތައް އޭނާ ކިޔައިދިނެވެ.

އެއީ ބޭރުފުށުން ފެންނަން ހުރި ޒަހަމްތައް އެކަންޏެވެ. ބޯ ޖެހުމުން ސިކުނޑިއަށް ލިބުނު ޝޮކުގެ ސަބަބުން ގެއްލުނު ހަނދާންތައް އަދިވެސް ނާދެ އެވެ. ހަނދާންކުރަން އުޅުމުން ބޮލަށް ބާރުވެ ބޮލުގައި ރިއްސަ އެވެ.

"ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިފިން ރާއްޖެ އާއި ރާއްޖޭން ބޭރުން. ޑޮކްޓަރުން ބުނަނީ ޖެހުނުލެއް ބާރުކަމުން އެ ހަނދާންތައް ގޮސްފައޭ އެ ހުރީ. ހަނދާންކުރަން ބޮލަށް ބާރުލައިފިއްޔާ އެހެން މެމޮރީސްތައް ގޮސްދާނެ،" ޝަޒްވާން އޭނާގެ ހަގީގީ މައްސަލަ ކިޔައިދޭން ފެށި އެވެ.

ޝަޒްވާން ބުނި ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ހަނދާންތައް ގެއްލޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

"...މިހާރު ވެސް އޭތި ފީލްވޭ. ކުރީގަ އެކީ އުޅުނު ރައްޓެހިންނާ ދިމާވެގެން އޭރުގެ ބައެއް ވާހަކަތައް ދައްކާއިރު. ބައެއް ވާހަކަތައް އެއްވެސް ވަރަކަށް ނޭނގޭ،" ޝަޒްވާން ކިޔައިދިނެވެ.

އޭގެ މާފަހުން ހިނގި އެތައް ކަމެއް ވެސް ޝަޒްވާންގެ ހަނދާނަތަކު ނެތެވެ. މީގެ ހައެއްކަ އަހަރު ކުރީގެ ހަނދާންތަކެވެ.

"މީގެ ހަތް އަހަރުކުރިން ވައިފާ އެކު ހުރި ބައެއް މެމޮރީސްތައް ވެސް ނެތް. މިހާރު ވެސް ބައެއް ފަހަރަށް ކަމެއްގެ ވާހަކަ ބުނެފަ ދެ ދުވަސްވާއިރު ހަނދާން ނެތިދާނެ. އެކަމެއްގެ ވާހަކަ ހަނދާން ނުކޮށްދީފިއްޔާ ނުހުރޭ ހަނދާނެއް. މިބުނީ އެއްކޮށް އެ ހަނދާން ގެއްލެނީއެއް ނޫން. ވަރަށް ހަނދާން ބައްޔޭ މިހާރު،"

ޝަޒްވާން: އޭނާ ބުނަނީ އެކްސިޑެންޓްގެ ފަހުން ކުރީގެ ގިނަ ހަނދާންތަކެއް ގެއްލިފައިވާ ކަމަށް. --

"އަހަންނަށް ވަރަށް ބޮޑު ކަމެއް މިއީ ހަނދާން ނެތުން. ކުރީގެ މުހިންމު ބައެއް ކަންކަން ހަނދާން ނެތިފަ ހުރުން."

އޭރު ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ޝަޒްވާނަށް ވަނީ ބޮލުގައި ރިއްސުމާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެތައް ޑޮކްޓަރުންނަށް ދައްކައިގެން ވެސް އަސްލު ދެނެނުގަނެވުނު ބޮލުގެ ރިހުމެކެވެ. ގަޑިން ގަޑިއަށް ނުކައި، ނިދި ހަމަނުވެއްޖެ ނަމަ ވެސް އެ ވޭންތަކާ ކުރިމަތިލާން ޖެހެ އެވެ.

"އެއްވެސް ޑޮކްޓަރެއް ނުބުނޭ މައިގްރޭންއެކޭ ވެސް. ސައިނަސް އެކޭ ވެސް. އާންމުކޮށް ބޮލުގަ ރިއްސާއިރު އަންނާނެ ތިން ސްޓޭޖެއް. ފުރަތަމަ ރިއްސާލާ ގަޑީގައި ބޭސް ނުކައިފިއްޔާ ތަދު ބޮޑުވަމުން ގޮސް ހޮޑުލެވޭނީ. ބޭސް ކެއުމުގެ ކުރިން ނިދާލިއަސް ރަނގަޅުވޭ. އެކަމަކު ނުނިދާ، ބޭސް ނުކައިފިއްޔާ ހޮޑު ލެވެންދެން ރިއްސާ."

އޭގެއިތުރުން އެކްސިޑެންޓަށް ފަހު އާދައިގެ އަރިދަފުސް ރޯގާ ވެސް ޝަޒްވާންގެ އެކުވެރިއަކަށް ވެއްޖެ އެވެ. އެއީ ނޭފަތު ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.

އެ އެކްސިޑެންޓަކީ ޝަޒްވާންގެ ފުލުހުންގެ ކެރިއަރުގެ ފުރަތަމަ ހަތް އަހަރުގެ ތެރޭގައި ނަގަން ޖެހުނު ހަމައެކަނި ޗުއްޓީ އެވެ. ފުލުހުންގެ ޓްރެއިނިން ޑިޕާޓްމަންޓުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ޝަޒްވާންގެ 14 އަހަރުގެ ކެރިއަރުގައި ފުރަތަމަ ހަތް އަހަރު އޭނާ މަސައްކަތްކުރީ އެއްވެސް ޗުއްޓީއެއް ނުނަގަ އެވެ. އުފަން ރަށް ގދ. ތިނަދޫ އަށް އާއިލާގެ ގާތަަކަށް ވެސް ނުދެ އެވެ. އޭގެ ބަދަލުގައި އާއިލާ މާލެ އައިސް ޝަޒްވާނާ ބައްދަލުކުރަނީ އެވެ.

"ގައުމަށް އެންމެ ރަނގަޅަށް ހިދުމަތްކުރަން އޭރު ބޭނުންވީ. ޗުއްޓީ ކޮންމެހެން ނަގަން ޖެހޭ ސަބަބެއް ވެސް އޭރު ނެތީމަ ނުނަގަނީ. ސަލާމެއް ވެސް ނުބުނަން."

މި ހުރިހާ ކަމަކާ އެކު ވެސް ޝަޒްވާން އަންނަނީ ކިޔަވައި ކުރިއެރުން ހޯދަން މަސައްކަތްކުރަމުންނެވެ. މެލޭޝިއާ އިން ސެޓްފިކެޓް ހާސިލްކޮށް، ފުލުހުންގެ އިދާރާ އިން ދާއިރާއާ ގުޅޭ ކޯހަކުން ޑިޕްލޮމާ ހާސިލްކޮށް މިހާރު އަންނަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ޑިގްރީއަށް ކިޔަވަމުންނެވެ.

"ކުރީގައި ކިޔަވަން ނުދިޔައީ ޔަންގް އޭޖުގައި ގައުމަށް ނުވަތަ މުއައްސަސާއަށް ހިދުމަތްކުރަން. ނަމެއްގައި ނުކިޔަވާ، ހިދުމަތާ ގުޅޭ ދާއިރާއަކުން ކިޔަވަން ބޭނުންވީ ވެސް."

އެކްސިޑެންޓް ފުލުހުން

Popular