8 Jul 2019

އަންވަރު ބޭނުމީ 25 ފުރުމުގެ ކުރިން 50 ގައުމަކަށް ދާން

"ސްކޫލް ނިންމި ގޮތަށް ސޭވްކޮށްގެން ހަމަ ޓްރެވަލް ކުރަނީ. ވަޒީފާގެ އިތުރުން އެހެން މަސައްކަތް ވެސް ކޮށްގެން ސޭވް ކުރަނީ"

"ސްކޫލް ނިންމި ގޮތަށް ސޭވްކޮށްގެން ހަމަ ޓްރެވަލް ކުރަނީ. ވަޒީފާގެ އިތުރުން އެހެން މަސައްކަތް ވެސް ކޮށްގެން ސޭވް ކުރަނީ"

By: Shamila Ibrahim

ހުސެއިން އަންވަރުގެ އިންސްޓަގްރާމް ފީޑު ބަލައިލީމާ، މިއީ ޓްރެވަލް ކުރުމުގައި އަރާ ހުރި މީހެކޭ ހިތަށް އަރާނެ އެވެ. އުމުރުން 22 އަހަރުގެ މި ޒުވާނާ އޭނާގެ ދަތުރުނާމާ ކިޔައިދެނީ "މޯލްޑިވޯޓްރެވެލާ"ގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އެކައުންޓަކުންނެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޕްރޮކިއުމެންޓް އޮފިސަރެއްގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން އަޔަސް، އަންވަރުގެ ދަތުރުފަތުރުގެ ޕްލޭނަށް ބުރުލެއް އެރިޔަކަ ނުދެއެވެ. މިހާރު ކިޔަވަމުން އަންނަ ބެޗެލާސް އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހުގައި އުޅެމުން ވެސް ދަތުރުކުރަން ވަގުތު ހޯދަނީއެވެ.

އަންވަރުގެ އަމާޒަކީ އުމުރުން 25 އަހަރުވުމުގެ ކުރިން، 50 ގައުމަކަށް ދަތުރުކޮށްލުން--

އަހަރަކު އެއް ފަހަރު ވެސް ޗުއްޓީއެއް ހަދާނުލެވިގެން އުޅޭ ކަމަށް ބައެއް މީހުން ބުނާ ވާހަކަ އަންވަރު ގަބޫލެއް ނުކުރެއެވެ. އޭނާ ދެކޭ ގޮތުގައި އެކަމަށް ޝައުގުވެރި ނަމަ، ޗުއްޓީ ވެސް ލިބޭނެއެވެ. ވަގުތު ހޯދައިގެންވެސް ދެވޭނެއެވެ.

"މިދިޔަ އަހަރު ޖުލައިން ފެށިގެން މި އަހަރުގެ ފެބުރުއަރީއާ ހަމައަށް ނީންނާނެ އަޅުގަނޑު އެއްވެސް ގައުމަކަށް ނުގޮސްއެއް. ބައެއް މަސްމަހުގަ ހުންނާނެ ހަތަރު ފަހަރު ވެސް ގޮސް. ދާން ބޭނުވީމަ ދެވޭނެ ހަމަ،" މަސައްކަތްކުރާ އޮފީހުގެ ހުއްދަ ކުރިއާލައި ހޯދައިގެން އަންވަރު މިކަން ކުރަނީ އަހަރަކަށް ވާ ވަރަށް ޕްލޭން ވެސް ކޮށްގެނެވެ.

އެކަމަކު ވަގުތާ އެއްވަރަށް އަންވަރު އަންނަނީ ދަތުރުކުރަން ފުރުސަތު ވެސް ހޯދަމުންނެވެ. ވިލާ ކޮލެޖްގެ ސްޓޫޓެންޑް އެސޯސިއޭޝަންގެ ޗެއާ ސެކްރެޓަރީ ކަމުގައި އުޅެމުން، އިތުރު އެހެން ވޮލަންޓަރީ މަސައްކަތްތައް ވެސް ކުރެއެވެ. އެއީ މިފަދަ ކަންކަމުގައި އުޅެގެން އެކި ދާއިރާތަކުން ފުރުސަތު ފަހިވެގެން ދިއުމަކީ އަންވަރަށް ދަތުރު ކުރުމުގައި ލިބޭ ފަސޭހަކަށް ވެފައި، ދެމި ހުންނަން ލިބޭ ހިތްވަރަކަށް ވެސް ވާތީއެވެ. އެހެންވެ އޭނާ ހުރީ ކުރިއަށް އޮތްތާ ވެސް ޖަމިއްޔާތަކުގައި ހިލޭސާބަހަށް ހަރަކާތްތެރި ވުމަށް ނިންމައިގެންނެވެ.

އަންވަރު ބުނާ ގޮތުން، އެކި އެކި ގައުމުތަކަށް ޓްރިޕްތަކަށް ގޮސް އުޅޭއިރު އެ ގައުމުތަކުގެ ކަލްޗާ ވަރަށް ރަނގަޅަށް ދަސްވެ އިތުރު ކަންކަމަށް ލޯ ހުޅުވެ އެވެ. އަދި މީހުންގެ ތެރޭގައި އުޅެންވީ ރީތި ގޮތް ދަސްވެ، ތަފާތު ކާއެއްޗެހި ތަޖުރިބާކުރަން ލިބެއެވެ. ހިތްގައިމު ތަންތަނުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްލަން ލިބުމަކީ ވެސް އޭނާގެ އެއް އުފަލެވެ.

View this post on Instagram

A post shared by Anwar | Maldivo (@maldivotraveller) on

އެކަމަކު އަންވަރުގެ ޓްރެވެލް ލައިފްގެ ފެށުމުގައި މިއަދު މި ފެންނަހާ ސަޕޯޓާއި ލޯތްބާއި އަރާމެއް ނެތެވެ. ދަތުރުކުރާ ހިތްވާލެއް ބޮޑުކަމުން ފުރަތަމަ ދަތުރެއް ކުރީ މައިންބަފައިންނަށް ނޭނގި ރައްޓެއްސަކާއެކު އެކަންޏެވެ. އޭރު އުމުރުން 16 އަހަރުގައި، އުފަށް ރަށް ރ. އިނގުރައިދޫން އޯލެވެލް ނިންމާލުމަށް ފަހު ކިޔަވަން މާލެ ފޭބި ގޮތަށް ވަޒީފާ އަށް ގޮސް ސޭވްކުރި ފައިސާ އިން އެފަހަރުގެ ތަޖުރިބާ ހަނދާނުން ނުފިލާހާ ފޮނިކޮށްލާފައި، ޓްރެވަލިން އަކީ ހޮބީއަކަށް ހެދީއެވެ.

"(ވަގަށް ދިޔަކަން) ބޭބެ އަށް އެނގިގެން ވަރަށް ހިތްހަމަ ނުޖެހިފަ ހުރީ. އެދުވަސްކޮޅު ވާހަކަ ވެސް ނުދައްކާ. އެކަމަކު މިހާރު ވަރަށް ސަޕޯޓިވް،" ބޭބެ އަކީ ފޮޓޯގްރަފަރަކަށް ވުމުން ދަތުރުތަކުގައި ނަގާ ފޮޓޯތައް އެޑިޓްކުރުމުގައި މިހާރު އެންމެ ބޮޑު އެހީތެރިއަކީ އެއީއެވެ.

މިހާތަނަށް އަންވަރު 12 ގައުމަކަށް ދަތުރުކޮށްފައި

ދަތުރެއް ދާން ބޮލުތެރޭގައި އެނބުރޭ ހިސާބުން އެތަނަކާ ބެހޭ ރިސާޗްތައް ހަދައިގެން ކުރީ ބައިގައި އަންވަރު ހުންނަނީ ތައްޔާރު ވެގެންނެވެ. އެހެންވެ، ތާރީހީ ތަންތަނަށް ގޮސް އެކްސްޕްލޯ ކުރަން ވެސް ފަސޭހައެވެ. އެއްފަހަރު ދިޔަ ގައުމުތަކަށް ދެވަނަ ފަހަރު ދިޔަ ނަަމަވެސް އަންވަރު ގެންގުޅޭ އުސޫލަކީ އެ ގައުމުތަކުން މުޅިން ނުދާ އެހެން ހިސާބުގަޑަކަށް ގޮސް އަލުން އާ ތަޖުރިބާއެއް ކޮށްލުމެވެ.

އިންސްޓަގްރާމް ފީޑް ރީތިކުރަން މަސައްކަތްކުރާ އަންވަރު ބުނީ އޭނާގެ ފޮޓޯތައް ފެނިގެން ބައެއް ގައުމުތަކުގެ ހޮޓެލް ތަކުން އޮފާތައް ލިބޭ ކަމަށެވެ. ފްރީ ސްޓޭ ނުވަތަ ފްރީ ޓިކެޓް ލިބިގެން ވެސް އެތައް ގައުމަކަށް ގޮސްފިއެވެ. އެފަހަރުތަކުގައި މާ ބޮޑަށް ބަޖެޓާ މެދު ވިސްނާކަށް ވެސް އޭނާއަކަށް ނުޖެހެއެވެ.

View this post on Instagram

A post shared by Anwar | Maldivo (@maldivotraveller) on

ޓްރެވެލް ކުރަނީ ސޭވް ކޮށްގެން

"ސްކޫލް ނިންމި ގޮތަށް ސޭވްކޮށްގެން ހަމަ ޓްރެވަލް ކުރަނީ. ވަޒީފާގެ އިތުރުން އެހެން މަސައްކަތް ވެސް ކޮށްގެން ސޭވް ކުރަނީ. ހަމަ ވަރަށް ބުރަކޮށް އުޅެގެން މިކަމަށް ބަޖެޓް ހޯދަނީ. އަޅުގަނޑާ އެއްކޮށް ދެން ޓްރެވަލްކުރާ ކުއްޖާ ވެސް ހަމަ ސޭވް ކުރާނެ."

ޓްރެވަލް ކުރަން ބޭނުން މީހުންނަށް އޭނާ ބުނަި އެއީ އުނދަގޫ ކަމެއް ނޫންކަމަށެވެ.

"އަދިވެސް މީހުންނަށް ހީވެފަ އޮންނަނީ ޓްރެވަލް ކުރުމަކީ ބޭކާރު ހަރަދެކޭ. އެކަމަކު ލާރި ހޯދަނީ ވެސް ސެޓިސްފެކްޝަނަކަށްނު. އެހެންވީމަ އެ ލާރިން ޓްރެވަލް ކޮށްގެން ބޭކާރު ކަމަކަށް ނުވާނު. ވަކި ބަޖެޓެއްގެ ދަށުން ސޭވް ކުރީމަ އޯކޭ ވާނެ."

އަންވަރަށް މިހާތަނަށް ގިނައިން ދެވިފައި ހުރީ އޭޝިއާގެ ގައުމުތަކަށެވެ. ބައެއް ގައުމުތަކަށް ދެވޭލެއް ގިނަކަމުން ދެވުނު އަދަދު ވެސް އޭނާގެ ހަނދާނަކު ނެތެވެ. އެކަމަކު އަންވަރުގެ އިންސްޓަގްރާމް ފީޑުން ހުރިހާ ތަފްސީލެއް ފެންނަން އެބަ ހުއްޓެވެ. މަދުން ނަމަވެސް ރާއްޖޭގެ ރިސޯޓުތަކަށް ވެސް ދެއެއެވެ. އޭނާގެ ޓްރެވަލް ޕާޓްނަރު ލައްވާ ނަގާފައިވާ އަންވަރުގެ ފޮޓޯތަކުން އެ ފީޑު އެ އޮތީ ފުރިފައެވެ.

އަންވަރުގެ ޓްރެވަލް ޕްލޭނުގައި ކުރިއަށް އޮތީ ކޮލެޖް ޓްރިޕަކާ ގުޅުވާލައިގެން ތުރުކީ އަށް ދާށެވެ.

ކުޑަ ބަޖެޓަކުން ޓްރެވަލް ކުރަން ބޭނުން ނަމަ ޓިޕްސްކޮޅެއް

1. އެކޮމޮޑޭޝަން އަށް އެއާ.ބީން.އެން.ބީ ކަހަލަ އަގުހެޔޮ ޕްލެޓްފޯމެއް އިހްތިޔާރު ކުރުން

2. ސޯލޯކޮށް ޓްރެވެލް ކުރާ ނަމަ ހޮސްޓަލްގައި ހުރުން. އެއްޗެހި ގެއްލުމުގެ ބިރު އޮތަސް ފަރުވާތެރިވެގެން އުޅުނީމަ ރަނގަޅުވާނެ.

3. ކުރީ ބައިގައި ބުކް ކުރުން. އޭރުން ޕްރޮމޯޝަންތަކުން އަގު ހެޔޮކޮށް ޓިކެޓް ލިބޭނެ.

4. ދިޔުމުގެ ކުރިން އަގު ހެޔޮކޮށް ހުރެވޭނެ ތަންތަން ރިސާޗް ކޮށްލުން.

5. ދިޔުމުގެ ކުރިން ރަފްކޮށް ބަޖެޓެއް ހެދުން.

Popular