8 Sep 2019

By: Ahmed Nadym

"މިއީ އެއްގޮތަކަށް ވެސް ނަބީހުގެ މަންމަ އާއި ބައްޕަގެ މޮޅުކަމެއް ނޫން. އަޅުގަނޑުމެން މީގެ އެއްވެސް ކްރެޑިޓެއް ނަގާކަށް ވެސް ބޭނުމެއް ނޫން. މިއީ މުއުޖިޒާތެއް. ނަބީހު ކަހަލަ އޯޓިސްޓިކް ކުއްޖަކަށް ތިން މަހުން ގުރުއާން ހިތު ދަސްވުމަކީ މުއުޖިޒާތެއް. އެއީ އަޅުގަނޑުމެން މިކަން ގަބޫލުކުރާ ގޮތަކީ،" އެއް ވަނަ ދަރަޖައިގައި ފާސްވެގެން އިހަށް ދުވަހު ހާފިޒުކަމުގެ ސަނަދު ހާސިލުކުރި އޯޓިސްޓިކް ދަރިފުޅު އަހުމަދު ނަބީހުގެ ވާހަކަ ފަށަމުން އޭނާގެ މަންމަ އައިމިނަތު މުހައްމަދު ތަކުރާރުކޮށް ބުނަމުން ދިޔަ ވާހަކައަކީ މިއީ އެވެ.

ބުރިޖު ހުރަސްކޮށް ހުޅުމާލެ އަށް ގޮސް، ވީޑިއޯގްރާފަރު އަފްޝީން ނަސީރު އާއި އަހަރެން މަޑުކޮށްލައިގެން ތިބީ އައިމިނަތު މުހައްމަދު ފޯނުން ކިޔައިދިން ހިސާބުގައެވެ. އެ ހިސާބުން ދާނެ ދިމާލެއް ނޭނގިގެން ފޯނު ނަގައިގެން ގުޅާލިތާ މާ ގިނައިރެއް ނުވެ، ދުރުން ފެންނަން ހުރި ފްލެޓެއްގެ ތެރެއިން އައިމިނަތު ނުކުމެގެން އަންނަ މަންޒަރު ފެނިއްޖެއެވެ. އަހަރެމެން އެ ދިމާލަށް ހިނގައިގަތުމުން ދުރުގައި އޭނާ މަޑުކޮށްލިއެވެ. އެއަށް ފަހު އޭނާ ފަހަތުން ގޮސް އަހަރެމެން ވަނީ "ޗައިނާ" ފްލެޓަކަށެވެ. މާލޭގައި އެތައް އަހަރެއްވަންދެން ކުއްޔަށް އުޅުނު ހިތްދަތި ދިރިއުޅުން ދޫކޮށް ހުޅުމާލޭގައި އައިމިނަތު މުހައްމަދާއި އޭނާގެ ފިރިމީހާ އަބްދުލް ގާދިރު އަދި އެމީހުންގެ ފަސް ކުދިން މިހާރު ދިރިއުޅޭ ތިން ކޮޓަރީގެ ތަނަވަސްކަމަށެވެ.

ނަމަވެސް އެތެރެއަށް ވަންއިރަކު އެގޭގައި ބަޔަކު ނެތެވެ. ހަތަރު ކުދިން ވެސްވީ ސްކޫލަށް ގޮހެވެ. ސިޓިންރޫމުގައި ހުރި ކުޑަކުޑަ ސޯފާއެއްގައި އިށީނދެލައިގެން ކަޅި ވެސް ޖަހާނުލައި ޓީވީ އަށް ގެއްލިފައި އޭރު އިން ފުރާވަރުގެ ފިރިހެން ކުއްޖާ އެއީ މި އިންޓަވިއުގައި އަހަރެމެން ކިޔައިދޭން މި އުޅޭ އާދަޔާހިލާފު ހާފިޒު، ނަބީހެވެ. މައްކާގެ ހަރަމުގައި އަޅުކަންކުރަމުން ދިޔަ މީހުންތައް ޓީވީން ފެންނަމުންދިޔައިރު އިވެމުން ދިޔަ ގުރުއާނުގެ ފުރިހަމަކަމުން ނަބީހުގެ ހަލަބޮލި އެ ދުނިޔެ އެއްކޮށް ފިނިވެ، މައިތިރިވެ ހަމަޖެހިފައިވާ ކަހަލައެވެ. އުމުރުން 17 އަހަރު ފުރިފައިވާ މި ޒުވާނާގެ ގިނަ ވަގުތު މިއަދު މިގޮތަށް ޓީވީގެ ކުރިމަތީގަ އާއި ގުރުއާން އަޑުއެހުމުގައި ހޭދަކުރި ނަމަވެސް އޯޓިޒަމްގެ ބާރުގައި އެއީ އެ ފުށްމިފުށަށް ޖަހާލެވިފައިވާ ހަޔާތެކެވެ. ގުރުއާން ކިޔެވުމުގެ މުބާރާތްތަކުން އޭނާ ގެއަށް ގެނެސްފައިވާ ތަށިތަކުން އޭނާގެ ޓީވީ ރެކު ފުރިގެން ބަންޑުވަމުން ދިޔަ ނަމަވެސް 17 އަހަރުގެ މި ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. އެކަން ނަބީހަށް އިހުސާސް ނުވިޔަސް އޭނާގެ މަންމަ އާއި ބައްޕަ މި ވާހަކަ ކިޔައިދޭއިރު އަޑުއަހަން ހުންނަ މީހާ އަށް ވެސް ބުނެވޭނީ އައިމިނަތު މުހައްމަދު އެބުނާ ފަދައިން، "މިއީ ހަމަ މުއުޖިޒާތެކޭ" އެވެ.

ނަބީހް (މ) އޭނާގެ މަންމަ، އައިމިނަތު އާއި ބައްޕަ ގާދިރުއާ އެކު އެމީހުންގެ ގޭގައި. --ފޮޓޯ: އަފްޝީން ނަސީރު

"ގުރުއާން ދަސްކޮށްދޭ އެއްވެސް ތަނަކުން މީނަ ބަލައިނުގަތީމަ އަޅުގަނޑު ގަނެދިނީ ޑިޖިޓަލް ގުރުއާނެއް. ދެން ގޭގައި އޮންނާނެ އޮށޯވެލައިގެން އޭތި އަޑުއަހަން. ގޭގައި އެހެން އުޅޭއިރަކު ކާޓޫނެއް ނުބަލާނެ. މީހަކާ ވާހަކައެއް ވެސް ނުދައްކާނެ،" އަލަތު ފިރިހެން ދަރިފުޅުގެ އާދަޔާހިލާފު ދިރިއުޅުމުން ވާހަކަތައް ކިޔައިދެމުން އައިމިނަތު ބުންޏެވެ.

ނަބީހަކީ ދެ އަންހެން ކުދިންނަށް ފަހު އައިމިނަތަށް ލިބުނު ތިން ވަނަ ދަރިފުޅެވެ.

"ދެން މިހެން އުޅެނިކޮށް އެއް ރެއަކު ރޭގަނޑު، އަޅުގަނޑުމެންނަށް ހޭލެވެނީ ވަރަށް ދިގު އާޔަތްތަކެއް ބަގަރާ ސޫރަތުން ނަބީހު ކިޔަވާ އަޑަށް. ދެން އޭނަ އެ ކިޔަނީ ރަނގަޅަށްތޯ ބަލަން ބޭނުންވީ. އަވަސް އަވަހަށް ހަތިމު ހޯދައިގެން ބެލިއިރު ހަމަ ރަނގަޅަށް މި ކިޔަނީ"

"ދެން އެހެން ތަނެއް ދައްކާލީމަ ހަމަ އެތަން ވެސް ކިޔަން ފަށަނީ."

"އަލިފުބާ ޖަހާ އުސޫލުން ފިލި ޖަހައިގެން ދަރިފުޅަކަށް އެއްވެސް އިރަކު އެއްވެސް ވަރަކަށް ކިޔަވައެއް ނުދެން. ކިހިނެއްތަ ކިޔަވައިދޭނީ ވެސް. އެއްތަނެއްގައި ހުންނަ ކުއްޖެއް ވެސް ނޫން ވިއްޔަ. އެކަމަކު އަބަދުވެސް އަޅުގަނޑު ދުއާކުރަން"

"ދުޢާ އެއީ ވަރަށް ބާރުގަދަ އެއްޗެއް."

އޯޓިޒަމްގެ އެންމެ ސިވިއާ ސިފަތަކާ ހެދި އުނގެނުމާއި ކިޔެވުމާއި ރަނގަޅަށް ވާހަކަ ދެއްކުމާއި ދޭހަވުމުގެ ނަސީބުން ކިތަންމެ ބޮޑު އުނިކަމެއް އަދި ހުސްކަމެއް ނަބީހުގެ ހަޔާތަށް އައިސްފައި ވިޔަސް ގުރުއާން ހިތުދަސްކުރަން އޭނާ އަށް ނެގީ ތިން މަސް ދުވަހެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ކުރާ ދުއާ އިޖާބަކުރައްވަތެވެ! ކީރިތި ގުރުއާނަށް ނަބީހުގެ ކިބައިން ޝައުގުވެރިކަން ފެނުނު ހިސާބުން ފެށިގެން އައިމިނަތު ދުށް ހުވަފެނަކީ މިއެވެ. -- ދަރިފުޅު ހާފިޒަކަށް ވާނެ ދުވަހެވެ.

އުފަންވިއިރު ބަރުދަނުގައި 4.1 ކިލޯ ހުރި ނަބީހަކީ ފިރިހެން ކުއްޖަކު ދެއްވާތޯ އެދިގެން މާތް ރަސްކަލާނގެ އަށް އައިމިނަތުގެ ދެމަފިރިން ދުއާކުރަނިކޮށް އެމީހުންނަށް ލިބުނު ޖަވާހިރެކެވެ. ނަމަވެސް ދުނިޔެ އަށް އުފަންވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޮންމެ ދުވަހަކު ވެސް އެ ދަރިފުޅުގެ ކިބައިން ފެންނަމުން ދިޔައީ އާދަޔާހިލާފު ސިފަތަކެވެ.

"ވިހެއިގެން ނެގިއިރަކު ނަބީހެއް ނުރޮއެ. ނަރުހުން އޭނާ ނަގައިގެން ތިބިއިރު ވެސް ނުރޮއެ. ދެން އަޅުގަނޑަށް އަހާލެވުނީ ދަރިފުޅު މަރުވީ ހެއްޔޭ؟ އޭރު ނަބީހު އޮތީ އިސް ދަށަށް ޖެހިފައި. ލޯ މެރިފައި،" ހަޔާތަށް އައި އެންމެ އުފާވެރި ދުވަހުގެ ހަނދާންތަކާއެކު އައިމިނަތު ފެންކަޅިވެއްޖެއެވެ.

"ދެން ނަރުހުން ބުނެފި މަރެއް ނުވެއޭ. ދެން ތެޅިގަތީ ފޫޅުކަނޑަން. އޭގެ 15 ވަރަކަށް މިނެޓެއްހާ ފަހުން ރޯން ފެށި. ވަރަށް ލޯބިކޮށް އޮތީ."

"އެހެން އޮތް ދަރިފުޅު ފެނުމުން އެއްވެސް ބަޔަކު އުއްމީދެއް ނުކުރާނެކަންނޭނގެ ބަލި ކުއްޖަކަށް ވެދާނެ ކަމަކަށް ވެސް. އެހާ ވެސް ލޯބިކޮށް އޮތީ. ބޭރުފުށުން ފެންނަން ހުރި އައިބެއް ނެތް. ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނީ."

އެ އުފާވެރިކަމުގައި ދުވަސްތައް ގުނަމުންދިޔައިރު އައިމިނަތު މުހައްމަދަށް އިހުސާސުނުވީ އެމީހުންގެ އަލަތު ފިރިހެން ދަރިފުޅުގެ އަސްލު ހާލެވެ. އެއީ ކޮން ކަހަލަ ކުއްޖެއް ކަމެވެ.

"ތަންތަން ބަލައި ހޯދައި ހީ ސަމާސާކުރާ އުމުރަށް އެޅިގެން ވެސް މާ ބޮޑު ހަރަކާތެއް ނުކުރޭ އޭނަ. މީހުންނާ ހަތަރު ކަޅިއެއް ހަމަނުކުރޭ. ނުވެސް ހޭނެ. ފިރު ވެސް ނުކެއި ހަމަ ކުއްލިއަކަށް ހިނގަން ފެށީ. ރުޅި އައީމަ ވެސް ބިންމަތީގައި ބޯ ތަޅައި ހަދާނީ،" ދަރިފުޅުގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ފެށި އާދަޔާހިލާފު ސިފަތައް ކިޔައިދެމުން އައިމިނަތު ކުރިއަށް ދިޔައެވެ.

ނަމަވެސް އޭރަކު އަދި ވާނުވާއެއް އައިމިނަތަކަށް ނޭނގެއެވެ.

ނަބީހުގެ ވާހަކަ އޭނާގެ މަންމަ އައިނިމަތު މުހައްމަދު ކިޔައިދޭ ހާއްސަ އިންޓަވިއު، "ދަ ސެޝަން" ގެ ވީޑިއޯ. --ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ: އަފްޝީން ނަސީރު

"އުނދުން ރޯކޮށްފައި ހުންނައިރު، ހުޅުކޮޅު ތެރެއަށް ގޮސް އިނގިލި ވެސް ކޮއްޕާލަފާނެ. އެކަމަކު ވެސް ނޫޅޭނެ ފިހިގެން ތަދުވެގެން ދިލަނަގައިގެން އުނދަގޫވެގެންނެއް ވެސް. އޭރު ވާނީ އަހަރެއް ދޮޅުއަހަރު ވަރު"

"ވާނުވާއެއް ނޭނގި، އަބަދު ހާސްވެފައި އަޅުގަނޑު ހުންނަނީ އަބަދުވެސް އޭރު. ބަލި ކުއްޖެއްކަން ނޭނގުނަސް، ދަރިފުޅު އެހެން ކުދިންނާ ތަފާތުކަން އެނގޭ އޭރު."

މިހެން އުޅެނިކޮށް ނަބީހުގެ އަސްލު ސިފައާ ބައްދަލުވީ އޭނާގެ ބައްޕައާ އެކު ކޮންމެ ދުވަހަކު އޭރު މާލެ ވަށައި ޖަހާ ހަވީރުގެ ފިނިބުރަށް ނުކުމެ އުޅެނިކޮށް ވަރަށް ބޮޑަށް ނަބީހުގެ ފައި ފިހިގެންނެވެ.

"މާލެ ވަށައިގެން ދުއްވާ ދުއްވާ ވަރުބަލިވެގެން އެނބުރި އައީ އެންމެ ފަހުން ގެއަށް. އެކަމަކު ނަބީހު ބޭނުމެއް ނުވި ސައިކަލުން ފައިބާކަށް. ދެން ތެޅިގަތްބޮނޑީގައި ފައިގެ ކުޑަކަޅުވާ ސައިލަންސަރުގައި ޖެހިފައި ވަރަށް ބޮޑަށް ފިހުނީ. އޭރު ނަބީހަށް ވާނީ ދެ އަހަރާއި ބައި ވަރު،" އައިމިނަތު ކިޔައިދިނެވެ.

"ދެން ދިޔައީ އޭޑީކޭ އަށް. އެތަނަށް ގޮސް ބޭސް ޖަހަން ފައި ދީގެން ހުރިއިރު ވެސް އެ ބޮޑު އަނިޔާގެ އެއްވެސް އިހުސާސެއް ދަރިފުޅަކަށް ނުވޭ"

"އެހިސާބުން ކޮންމެވެސް ބޮޑު ކަމެއް ގޯސްކޮށް އުޅޭކަން އެނގިއްޖެ."

ދެން ދެއްކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަފީފަށެވެ.

"އެހިސާބުން އެނގުނީ. ދެން ވަގުތުން ރައީސް އޮފީހުގެ ހާއްސަ އެހީއެއް ހަމަޖެހިގެން ދިޔައީ އިންޑިއާ އަށް. އެ ހިސާބުން ޓެސްޓުތަކަށް ފަހު ޔަގީންވީ ނަބީހަކީ އޯޓިސްޓިކް ކުއްޖެއްކަން،" އައިމިނަތު ބުނެލިއެވެ.

އެ ހިސާބުން ލިބުނު ޝޮކާއެކު އުފާވެރިކަމުގެ ހުރިހާ އަސަރެއް ދެމަފިރިންގެ ހަޔާތުން ވަގުތުން ފިލައިގެންދިޔައެވެ. ނަމަވެސް ދަރިފުޅާއެކު ވީހާލެއްގައިވާން އަޒުމްކަނޑައަޅައި ހިނގައިގަތީއެވެ. އެކަމަކު، އޯޓިޒަމްގެ އެންމެ ސިވިއާ ސިފަތަކާ އެކު ބޭނުންވި އެއްވެސް ކަމެއް ނަބީހަށް ހާސިލުކޮށްދެވޭ ގޮތެއް ފުރަތަމަ ނުވިއެވެ.

އޭނާ ގޮވައިގެން ގެންދިޔަ އެއްވެސް ސްކޫލެއްގައި މައިތިރިކުރެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން އާދައިގެ ކްލާސްތަކުން ޖާގަ ނުލިބޭނެކަން ޔަގީންވުމުން އިމާދުއްދީން ސްކޫލްގެ ހާއްސަ ކްލާހަށް ގޮސް ވެއްދިއިރު ގުރުއާން ކްލާސްތަކުން ވެސްް ނަބީހަށް ފުރުސަތު ގެއްލިއްޖެއެވެ. ނަމަވެސް ގުރުއާނަށް އޭނާގެ ހިތުގައި ހާއްސަކަމެއް ދެވިފައިވާކަން ފާހަގަކުރެވުނު ހިސާބުން ދަރިފުޅަށް އުއްމީދު ކަނޑާލާކަށް އޭނާގެ މަންމަ ބޭނުމެއް ނުވިއެވެ.

ނަބީހުގެ ބައްޕަ އޭނާގެ އޯޓިސްޓިކް ދަރިފުޅުގެ ވާހަކަ ކިޔައިދޭއިރު ކައިރީގައި ނަބީހު އިށީނދެލައިގެން. --ފޮޓޯ: އަފްޝީން ނަސީރު

"ޑޮކްޓަރު ނިޔާފަށް ދެއްކީމަ ބުނީ، ނަބީހަކީ އޯޓިސްޓިކް ސިވިއާ ކުއްޖެކޭ. ދެން އެހީ ނަބީހުގެ ކިބައިން ފާހަގަކުރެވޭ އަދާޔާހިލާފު އެއްވެސް ކަމެއް އެބަހުރި ހެއްޔޭ. އޭރު ނަބީހަށް ވާނީ 3-4 އަހަރު،" އައިމިނަތު ކިޔައިދިނެވެ.

"ދެން އަޅުގަނޑު ބުނެފިން ގުރުއާނަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރެއޭ އޭނަގެ. ދެން ޑޮކްޓަރު ބުނެފި އެހެން ކަމުގައި ވަނީ ނަމަ ގުރުއާން ދަސްކޮށްދިނުމާއިގެން ކުރިއަށް ދާށޭ. އިރާދަކުރެއްވިޔާމު އެރޮނގުން ކުރިއަށް ދެވިއްޖެ ނަމަ ހުނަރުގެ ގޮތުން މޮޅު މަދު މީހުންތަކެއްގެ ތެރޭގައި ހިމެނިދާނެއޭ ނަބީހް."

ދީލަތި ފަރާތެއްގެ އެހީއާ އެކު ގުރުއާން މުދައްރިސެއް ގެއަށް ގެނެސްގެން ކިޔަވައިދޭން ފެށިތާ ތިން މަސް ތެރޭގައި އޭނާ ދެން ގެންދިޔައީ ގުރުއާނާ ބެހޭ މަރުކަޒަށެވެ.

"އެއް ވަނަ ދަރަޖައިގަ ފާސްވީ. އެއީ ގުރުއާނާ ބެހޭ މަރުކަޒުގެ ކޮމިޓީގައި ތިއްބެވި ބޭފުޅުން ވެސް ހައިރާންވި ކަމެއް. އެއީ ނަބީހުގެ ބަސްމޮށުންތެރިކަން ހުރި ފެންވަރާ އަޅާބަލާއިރު ގުރުއާނުގެ އިލްމު އޭނާ އަށް ލިބިފައިވާ ވަރު ބޮޑުކަމުން،" އައިމިނަތު ބުނެލިއެވެ.

ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ: އަފްޝީން ނަސީރު

އައިމިނަތު ބުނަނީ ގުރުއާން ހިތުދަސްކުރުމުގެ ސަބަބުން ދަރިފުޅުގެ އޯޓިސްޓިކް ހައިޕާ ބިހޭވިއާ 90 ޕަސެންޓަށް މައިތިރިވެފައިވާ ކަމަށެވެ. ގުރުއާން ހިތު ދަސްކުރުމަށް ފަހު ނަބީހު ވަނީ ލަވަކިޔުމާއި ލަވަ އަޑުއެހުން ވެސް ހުއްޓާލައިފައެވެ.

"މިހާރު އަބަދުވެސް ހުންނާނީ ޓީވީ އަޅުވައިގެން ގުރުއާން އަޑުއަހަން. ނަމާދުކުރާ މަންޒަރާއި ގުރުއާން ކިޔަވާތަން ބަލަން."

އިންޓަވިއުކޮށް ނިމިގެން އަހަރެމެން އެ ގެއިން ނުކުތްއިރު ވެސް ނަބީހު އިނީ ނަމާދުކުރާ މަންޒަރުތައް ދައްކަމުންދިޔަ ޓީވީގެ ތެރެއަށް ވަދެ ގެއްލިފައެވެ. އެއް އިރެއްގައި ހަލަބޮލިވެގެން ތަންތަން ހަލާކުކޮށް ސުންނާފަތިކުރިޔަސް ނަބީހު އެހެރީ މުޅިން ބަދަލުވެފައެވެ.

ޤުރުއާން ދަ ސެޝަން އޯޓިޒަމް

Popular