3 Oct 2019

By: Ifraz Ali

ޒުވާން މަސްވެރިޔާގެ ގޮތުގައި ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ - ހަމަ އަސްލު ވެސް ޒުވާން - ހަސަން ސާޖިން އަށް ގުޅާލީ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ އަށް އޭނާ އެ ދޫކުރަމުން އަންނަ އެކި ޕޯސްޓުތަކުގެ ތެރެއިން ޕޯސްޓެއްގައި ކުޑަކުޑަ ދޫންޏެއް ބޮލަށް ލައިގެން ކަނޑުގައި އޮތް ވީޑިއޯއެއް ފެނިގެންނެވެ.

ގއ.ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ މި ޒުވާނާ މި ވީޑިއޯގެ ވާހަކަ ދައްކާ ނިމި ދެން ފެށީ މާ ޝައުގުވެރި ވާހަކައެކެވެ. އެ ހިސާބުން ދޫނީގެ ވާހަކަ ބާއްވާފައި މި ވާހަކަ އިސްކުރީ އެވެ.

ޒުވާން އުމުރުގައި މަސްވެރިކަމަށް ނުކުތުމާއެކު އޭނާގެ ޒުވާން ލޯބި އަތުން ބީވެ، އުދުހި ދިޔައީ އެވެ.

މި ލޯބި ފެށުނީ ސާޖިންގެ ސްކޫލް ދައުރުގަ އެވެ. ކިޔެވުމަށް އެއްވެސް ވަރަކަށް ޝައުގުވެރިކަން ނުހުންނާތީ ގުރޭޑް ނުވައަކުން އޭނާ ސްކޫލުން ކެނޑުނެވެ. އެއަށް ފަހު ދެން ދާން ފެށީ ރަށުގައި ހަދަމުންދިޔަ މިސްކިތުގެ ސައިޓް ބަލަހައްޓާ މީހެއްގެ ވަޒީފާ އަދާކުރާށެވެ. އެ ވަޒީފާގައި އަހަރެއްހާ ދުވަހު އުޅުނެވެ. އޭރު ވެސް އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ އޮތް ގުޅުން ރަނގަޅެވެ.

ސާޖިން ބުނީ މޫދުން އަރާ ހިތެއް މިހާރު ނުވާ ކަމަށް.

"ޖޮބަށް ދިޔައިރު 7،000 ރުފިޔާ ލިބުނުއިރު ވެސް ރައްޓެހިވެގެން އުޅުނު މަންޖެ އޭނާ ހަމަ ވަރަށް ނޯމަލް. ހަމަ ގުޅައިގެން ވާހަކަ ވެސް ދައްކާ ކަންތައް ކުރާނެ، ދިމާވެސް ކުރާނެ. ހަމަ ވަރަށް ލޯބިން އޭރުގައި ވެސް އުޅުނީ. އޭނާއާ ރައްޓެހިވީ ވެސް އިންނަ ހިތުން،" އެކަމަކު އެ އުޅުނު ވަޒީފާ އިން ލިބޭ އެއްޗަކުން ނުވެގެން އެ ވަޒީފާއިން ކެނޑިގެން، މަސްވެރިކަމަށް ނުކުތީމާ ދިމާވީ މާ ދެރަ ގޮތެކެވެ.

މަހަށް ދާން ފުރަތަމަ ފެށިއިރު ވެސް، ދެމީހުން ގުޅުން ރަނގަޅެވެ. ސާޖިން ބުނީ އެކަމަކު އެ އަންހެން ކުއްޖާ އޭނާގެ މި މަސައްކަތާ މެދު އެންމެ ހިތްހަމަނުޖެހޭކަން އޭރު ވެސް އެނގޭ ކަމަށެވެ. ކަނޑުމަތީގައި އެހެން އުޅޭއިރު ބައެއް ފަހަރަށް ރޭންޖު ނުލިބި ގިނައިރު ވާތީ، ދެމީހުންނަށް ވާހަކަ ނުދެއްކި އެ ގުޅުމަށް އަސަރުކުރަން ފެށި ކަމަށެވެ.

ކޮންމެ ދުވަހަކު ކަނޑުމަތީގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާ އަށް ސާޖިން ދޫކޮށްލާ.

"ހަތަރު ފަސް މަސް ފަހުން ދެން ވީ ގޮތަކީ އެއްކަލަ މަންޖެ، އޭނާ މަށާ ދުރުވީ،" އެއީ ކަނޑުމަތީގައި ފޯނަށް ރޭންޖު ނުލިބި ދެ ދުވަސްވީ ފަހުން ހިނގި ކަމެކެވެ. އެ ދުވަހު 13 ޓަނުގެ މަސް ބާނައިގެން އައިސް، ރޭންޖު ލިބުނީމަ ފުރަތަމަ ވެސް ގުޅީ ލޯބިވެރިޔާއަށެވެ.

"ހަމަ ވާހަކަ ދައްކަން ފެށިއިރަށް ބުނެފި ފޯނު ބަލާ އަންނާށޭ. އަހަރެން އަމިއްލަ އަށް ގަނެފައި އޭނާ އަށް ދީފައި އޮތް ފޯނެއް އެއީ. ކިހިނެއްވީހޭ ބުނީމަ ބުނީ ބޭނުމެއް ނޫނޭ އެއްވެސް ގުޅުމެއް ބާއްވާކަށް. ޓެކްސްޓެއް ކުރީމަ ރިޕްލައިއެއް ކުރެވޭ މީހެއް ނޫނޭ. ގުޅީމާ ފޯނެއް ނެގޭ ވަރުގެ މީހެއް ނޫނޭ،" އޭގެ ތިން ހަތަރު ދުވަސް ފަހުން ސާޖިން ދިޔައީ ރަށަށެވެ.

ރަށަށް ގޮސް އެ އަންހެން ކުއްޖާއާ ބައްދަލުކުރަން ދިއުމުން، ސާޖިން ބުނީ އޭނާ ދިނީ ދެ އިހުތިޔާރެކެވެ.

ވ.އަތޮޅުގައި އަޑިއަށް ގޮސްފައި އޮތް ބޯޓުގައި ސާޖިން ނަގާފައިވާ ފޮޓޯއެއް.

"ރިސޯޓް ވަޒީފާއަކަށް ދަންޏާމުން ތިމަންނައާ އެކީގައި އުޅޭށޯ. މަހަށް ދަންޏާމުން ތިމަންނަ އަށް ރަނގަޅީ ދުރޫވީމައޭ،" މިތަނުން ސާޖިން ހިޔާރުކުރީ މަހަށް ދިއުމަށެވެ. އެ ދިޔަ ހަތަރު ފަސް މަސް ތެރޭގައި މަސްވެރިކަމަކީ ވެސް ކުރަން ރަނގަޅު މަސައްކަތެއްކަން އޭނާ އަށް ވިސްނިފައި އޮތުމުން އެކަން ދޫކޮށްލަން ބޭނުންނުވީ އެވެ. އަދި ނުކިޔަވާ ހުރުމުން ރިސޯޓް ވަޒީފާއެއް ވެސް ފަސޭހައިން ނުލިބޭނެކަން އެނގޭތީ އެގޮތަށް ނިންމީ އެވެ.

އެހިސާބުން އެ ގުޅުން ނިމުނީ އެވެ.

މަސްވެރިކަމަށް ދިޔުމުގެ ހިޔާލު ސާޖިން ބޮލަށް ވަނީ ވެސް ސްކޫލުން ކެނޑުނުތާ ވަރަށް ގިނަ ދުވަސްވީ ފަހުންނެވެ. ފުރަތަމަ އުޅުނު ވަޒީފާ އިން ކެނޑިގެން އެހެން ވަޒީފާއެއް ހޯދަން ބެލިއިރު، ނުކިޔަވާ ހުރުމުން ރަނގަޅު ވަޒީފާއެއް ލިބޭނެ ގޮތެއް ވެސް އޭނާއަކަށް ނެތެވެ. އެ ހިސާބުން ގޮތް ހުސްވެ، ހުރެފައި ދެން ފެށީ ދެބެއިންގެ ދެދަރި ބޭބެއެއްގެ ދޯންޏަކުން މަހަށް ދާށެވެ.

ދޯނީގައި އުޅޭ އިތުރު މަސްވެރިންނާއެކު ސާޖިން މަސް ބާނަނީ.

"އަބަދުވެސް ބޮލުގައި އިންނަ އެއްޗެއް އިނދޭ، ހަނދާނުން ފިލައިގެން ނުދާނެ. ސްކޫލްގައި އުޅުނުއިރު ޓީޗަރުން ބުނާނެ ނުކިޔަވަންޏާ ދާންޖެހޭނީ މަހަށޭ،" ޓީޗާރުން ވެސް މަސްވެރިކަން ސިފަކުރީ ވަރަށް ދަށް، ހަޑި މަސައްކަތެއްގެ ގޮތުގައި ކަމަށް ސާޖިން ބުންޏެވެ. އެކުގައި އުޅުނު ބައެއް ރައްޓެހިގެން ފަރާތުން ވެސް މިކަހަލަ މަލާމާތްތައް އޭނާ އަށް ރައްދުވި އެވެ.

އެކަމަކު އެއީ ސާޖިން އަށް ލިބުނު ހިތްވަރެކެވެ. މަސްވެރިކަމަކީ ވެސް ކުރަން ވަރަށް "ކޫލް" ކަމެއްކަން އެންމެނަށް އޭނާ އަންގައިދިނީ، އޭނާގެ އަމިއްލަ މަސައްކަތުން ސޯޝަލް މީޑިއާ ދޫކޮށްލި ފޮޓޯތަކާއި ވީޑިއޯތަކުންނެވެ.

ސާޖިން އަށް ކަނޑުމަތީގައި ޖައްސާލައިގެން އިންދާ ފެނުނު ދޫނި.

އިންޓަވިއު ފެށިއިރު ދެއްކި ދޫންޏެއް ބޮލަށް ލައިގެން އިން ވީޑީއޯގެ ވާހަކަ އަކީ ވެސް މި ކަހަލަ "ކޫލް" ވީޑިއޯއެކެވެ. އޭގެ ފޮޓޯތައް ވެސް ނަގައިފައި އެބަހުއްޓެވެ. ކަނޑުމަތީގައި ދިމާވާ ސަޅި ކަންކަން ފޯނު ނުވަތަ ކެމެރާގައި އޭނާ ރައްކާކުރެ އެވެ.

"އަހަރެމެން ދޯނީގައި ތިއްބަ ފެނުނީ އެ ދޫނި ކަނޑުމަތީގައި ޖައްސާލައިގެން އިންތަން. އޭތި ތަންކޮޅެއް ބަލިކޮށް އިންހެން ހީވާތީވެ، ހިތަށް އެރީ ގޮސް ބަލާލާނީއޭ ވެފައި އިން ގޮތެއް،" އެކަމަކު ކައިރިއަށް ގޮސް ބެލިއިރުގައި އަށް މާ ބޮޑު އަނިޔާއެއް ވެފައި ހުރިހެން ހީނުވާ ކަމަށް ސާޖިން ބުންޏެވެ.

އެ ދޫނި ބޮލަލަށް ލައިގެން ސާޖިން ނަގާފައިވާ ވީޑިއޯ.

އެކަމަކު ވެސް ކަމެއްވެފައި އިންހެން ހީވާތީވެ، އެ ދޫނި ބޯ މައްޗަށް ލައިގެން ދޯންޏާ ދިމާލަށް ދާން ފެށި އެވެ. އިރުކޮޅެއް ފަހުން ދޯންޏާ ގާތްވުމާ އެކު އެ ދޫނި އުދުހިގެން ގޮސްފި އެވެ. އެއީ ކޮން ކަހަލަ ދޫންޏެއް ކަމެއް ސާޖިން އަކަށް ވެސް ނޭނގުނެވެ. ބުނީ ނަން ހޯދާލައިފައި ފަހުން ގުޅާނެ ކަމަށެވެ.

ޒުވާނުން މަސްވެރިކަން

Popular