5 Nov 2019

By: Ifraz Ali

އެއީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ. ބަންގްލަދޭޝް އަށް އުފަން، މިހާރު 42 އަހަރުގެ ޖީ.އެމް.ބީ އާކާޝްގެ އެންމެ ޒުވާން ދުވަސްވަރެވެ. އެ އުމުރުގައި ގިނަ މީހުން އެމީހެއްގެ ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ އެކި ކަންކަމުގެ ހުވަފެންތައް ދެކޭނެ އެވެ. މިހާރު ނެޝަނަލް އާޓް ގެލެރީގައި ފެންނަން އެ ހުރީ އާކާޝް ހަގީގަތަކަށް ހެދި އޭނާގެ ހުވަފެނެވެ. އެ ހުވަފެން ބޮލުން ނެރެ އެންމެންނަށް ފެންނާނެ ގޮތް ވެސް ހަދައިދީފަ އެވެ.

އާކާޝްގެ މަސައްކަތަކީ ފޮޓޯޖާނަލިޒަމް ނުވަތަ ތަސްވީރުން ވާހަކަ ބުނެދިނުމެވެ.

ފޮޓޯޖާނަލިސްޓް، ޖީ.އެމް.ބީ އާކާޝް.

އެންމެ ތަސްވީރަކުން 1000 ވާހަކަ ބުނެދޭނެ އެވެ؛ "ސޯލްސްކޭޕްސް" ގެ ނަމުގައި އާޓް ގެލެރީގައި އެގްޒިބިޓްކޮށްފައި ހުރި، އާކާޝް ނަގާފައިވާ މިއިން ކޮންމެ ފޮޓޯއެއް ބަލަންމުން ދިޔައިރު އަހަރެންގެ ހިތަށް އިރުއިރުކޮޅުން އަރަނީ މީހުން ބުނެ އުޅޭ މި ޖުމުލަ އެވެ. އާޓް ގެލެރީ އަށް ކުރި މި ޒިޔާރަތުގައި އާކާޝްއާ ބައްދަލުކޮށްލައި މި ވާހަކަ ދައްކާލަން ވެސް ފުރުސަތު ލިބުނެވެ.

އާކާޝްގެ ވާހަކަ ފެށުނީ ވެސް އޭނާގެ ޒުވާން ދުވަސްވަރުންނެވެ. ފުރަތަމަ މި މަސައްކަތް ކުރަން ނިކުތްއިރު، އޭނާގެ ގާތް މީހުންނަށް މިއީ ކަމުދާ ކަމަކަށް ނުވި އެވެ. ފޮޓޯޖާނަލިޒަމަކީ އޭރު އެމީހުންނަށް ވަރަށް ބީރައްޓެހި ނުވަތަ ނުވެސް ދަންނަ މަސައްކަތެކެވެ. އެ ހިސާބުން އެކި މީހުންގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވި އެވެ.

އާކާޝް ނަގާފައިވާ ފޮޓޯއެއް އާޓް ގެލެރީގައި. .-- ފޮޓޯ: ދޯ އޮންލައިން

"ހަށިވިއްކާ މީހުންގެ މަންޒަރުތައް ޑޮކިއުމެންޓްކުރާތީ މީހުން އަހަންނާ މެދު ސުވާލު އުފެއްދި. ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ މަންޒަރުތައް ނަގާތީ މީހުން ބުނަން ފެށީ އަހަރެން ފަގީރުން ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދަނީއޭ،" އެކަމަކު އެއީ ހަގީގަތް ނޫން ކަމަށާއި އޭނާ ކުރާ މަސައްކަތަކީ މި ކަންކަމުގެ ހަގީގަތް އެހެން މީހުނަށް އަންގައިދިނުން ކަމަށް އާކާޝް ބުންޏެވެ.

އާކާޝްގެ ކޮންމެ ފޮޓޯއަކުން ކިޔައިދެނީ މީހުން ދިރިއުޅެމުން އަންނަ ހިތްދަތި ގޮތްތަކެވެ. އަމިއްލަ އުފަން ގައުމުގެ މަންޒަރުތަކުގެ އިތުރު ދުނިޔޭގެ އެހެން ގައުމުތަކަށް ޒިޔާރަތްކޮށް، އެ ގައުމުތަކުގައި މީހުން އުޅޭ ހިތްދަތި ހާލު ދައްކައިދިނުމަށް އެ މަންޒަރުތައް ވެސް ރައްކާކޮށްފައި އެބަހުއްޓެވެ.

އާޓް ގެލެރީގައި ހުރި އާކާޝްގެ ފޮޓޯގްރެފީގެ މަސައްކަތެއް. .-- ފޮޓޯ: ދޯ އޮންލައިން

އާޓް ގެލެރީގައި އާކާޝްގެ 10 ފޮޓޯ ސްޓޯރީއެއް ދައްކާލަން ބަހައްޓާފައި އެބަހުއްޓެވެ. މީގެ ތެރެއިން އަހަރެން އެންމެ ޝައުގުވެރިވި ދެ ފޮޓޯ ސްޓޯރީ އަކީ ބަނގްލަދޭޝްގައި ނަސްލީ ނުވަތަ ދަރިފަސްކޮޅުގެ ތަފާތުކުރުންތަކުގެ ސަބަބުން އެންމެ ހާލުގައި އުޅޭ ޑަލިޓްސްގެ މީހުންގެ މަންޒަރުތަކާއި އިންޑޮނީޝިއާގައި ނަފްސާނީ ބަލިމަޑުކަމާ މެދުގައި މީހުން ދެކޭ ގޮތް ކިޔައިދޭ މަންޒަރުތަކެކެވެ.

ޑަލިޓްސް މީހުން؛ "އަތްލަން ހެޔޮނުވާނެ ބައެއް"

މުހިންމު މެސެޖުތަކެއް ލިބޭ ގޮތަށް އާކާޝް ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ދޯ އޮންލައިން

ނަސްލީ ނުވަތަ ދަރިފަސްކޮޅުގެ ތަފާތުކުރުންތަކުގެ ސަބަބުން ބަނގްލަދޭޝްގައި އެތައް ބަޔަކު ދިރިއުޅުމުގެ އަސާސީ ހައްގުތަކުން ވަނީ މަހުރޫމުވެފަ އެވެ. ހާއްސަކޮށް ޑަލިޓްސް މީހުންނެވެ. މި މީހުންނަކީ މުޑުދާރުކަމުން އަތްލަން ވެސް ހެޔޮނުވާނެ ބައެއް ކަމަށް އޮންނަނީ ސިފަކޮށްފަ އެވެ. ވަރަށް ފަގީރު ހާލަތުގައި ދިރިއުޅެމުން އަންނަ މި މީހުންނަށް ވަޒީފާ އާއި ރަނގަޅު ކާނާ އަދި ތައުލީމު ފަދަ އަސާސީ ހައްގުތައް ވެސް ނުލިބެ އެވެ. އަދި މިއީ އުޅޭ ބައެއް ކަމަކަށް ވެސް ގިނަ މީހުން ނުދެކެވެ.

ނަފްސާނީ ބަލިމަޑުކަމާ މެދު ދެކެނީ ރޫހާނީ ކަމެއް ގޮތުގައި

އާކާޝްގެ މާނަ ފުން ފޮޓޯއެއް: އޭނާގެ ކޮންމެ ފޮޓޯ އަކީ ވެސް ވާހަކައެއް.-- ފޮޓޯ: ދޯ އޮންލައިން

އިންޑޮނީޝިއާގެ އާބާދީގައި 240 މިލިއަން އުޅޭއިރު، އެ ގައުމުގައި ތިބެނީ އެންމެ 500 ސައިކެޓްރިސްޓުންނެވެ. މިހެންވުމުން ނަފްސާނީ ބަލިމަޑުކަން ހުންނަ ގިނަ މީހުނަށް ބޭނުންވާ ފަރުވާއެއް ނުލިބެ އެވެ. ފަރުވާ ހޯދޭނީ ގޮތްތައް މަދުވުމުން މީހުނަށް މަޖުބޫރުވަނީ އެ ގައުމުގެ ކާބަފައިން ކޮށް އުޅުނު ބޭސްތައް ކުރާށެވެ. އެ ބޭސްކޮށްދޭ މީހުން މިއީ ރޫހާނީ ކަމެކޭ ބުނެ، އެމީހުންނަށް ފަރުވާކުރާށޭ ކިޔައިފައި އެތައް އަނިޔާތަކެއް ކުރެ އެވެ.

އާކާޝްގެ މި ފޮޓޯ އިން ފެންނަނީ ނަފްސާނީ ބަލީގެ ފަރުވާ ދޭން ކަމަށް ބުނެ އިންޑޮނީޝިއާގައި ކުރާ ކަމެއް. -- ފޮޓޯ: ދޯ އޮންލައިން

އިތުރު ފޮޓޯ ސްޓޯރީތަކުގެ ތެރޭގައި ބަނގްލަދޭޝްގައި ހުންނަ، ދުނިޔޭގެ އެންމެ ގިނަ މީހުން ހަށިވިއްކާއި ހިސާބާއި، އެ ގައުމުގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، އެ ގައުމުގައި މަގުމަތީގައި ދިރިއުޅޭ ކުދިންނާއި، ގަރުނަކަށް ވުރެ ގިނަ ދުވަސްވީ އެ ގައުމުގެ ރޭލު ދަތުރުތަކާއި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ އަސަރުގަދަ މަންޒަރުތަކެއް ހިމެނެ އެވެ.

އެހެން ގައުމުތަކުގެ ފޮޓޯ ސްޓޯރީސްތަކުގެ ތެރޭގައި، ބާވެފައި ހުންނަ ބޯޓު ފަހަރު ނައްތާލަން ގެންދާ ޕާކިސްތާނުގެ ހިސާބަކާއި، ނޭޕާލުގައި ހުންނަ އެންމެ ގިނަ ދުވަސްވީ، އަޅާލާނެ ބަޔަކު ނެތް މުސްކުޅިންގެ ގެއަކާއި އަދި ރޮހިންޔާ ރެފިއުޖީންގެ ވާހަކަ ކިޔައިދޭ މަންޒަރުތަކެއް ވެސް އެބަހުއްޓެވެ.

އާކާޝްގެ ފޮޓޯގްރެފީގެ މަސައްކަތްތައް.-- ފޮޓޯ: ދޯ އޮންލައިން

މިއިން ކޮންމެ ޕްރޮޖެކްޓަކީ ވެސް ވަރަށް ގިނަ ދުވަހު، ވަރަށް ގިނަ ދިރާސާތައް ވެސް ކޮށްގެން އޭނާ ކޮށްފައި ހުރި މަސައްކަތްތަކެވެ.

މިއިން ކޮންމެ ފޮޓޯއަކުން ބުނެދޭ ވާހަކަތައް ފޮޓޯތަކުގެ ކައިރީގައި ހަރުކޮށްފައި އިން ކުޑަ ގަނޑުކޮޅެއްގައި ލިޔެފައި ހުއްޓެވެ. މި ވާހަކަތައް އާކާޝް ވެސް އަހަންނަށް އަލުން ކިޔައިދިނެވެ. އެ ވާހަކަތައް އޭނާ ދައްކާ ނިންމާލި ތަނާ އަހާލެވުނީ މިކަމުން ލިބޭ ނަތީޖާ އަކީ ކޮބައިތޯ އެވެ.

އާޓް ގެލެރީގައި ހުރި އާކާޝްގެ ފޮޓޯއެއް.-- ފޮޓޯ: ދޯ އޮންލައިން

އާކާޝް ބުނީ އެ ސުވާލަކީ އޭނާގެ މި ކެރިއަރު ފެށި ހިނގާގަތް ދުވަސްވަރު ވެސް ވަރަށް ގިނައިން ކުރިމަތިވި ސުވާލެއް ކަމަށެވެ. "މި ފޮޓޯތަކުގައި މި ތިބަ މީހުންނަށް އަހަންނަށް ކޮށްދެވުނީ ކޮންކަމެއްތޯ" އެވެ. އޭނާ ބުނީ ކެރިއަރުގެ ފެށުމުގައި އޭނާ ފޮޓޯ ނެގި މީހުންގެ ހާލަތު އޭގެ އަހަރެން ފަހުން ވެސް ހުރީ ހަމަ އެއް ގޮތަކަށް ކަމަށެވެ. ބަދަލެއް ގެންނަން ވިސްނީ އެހާ ހިސާބުންނެވެ.

"މި ފޮޓޯތައް މެދުވެރިކޮށް މީހުން ހޭލުންތެރިކުރުވަން ފެށީ. އަދި އަމިއްލަ ކުޑަ ވިޔަފާރިއެއް ވެސް ފެށީ މި ފޮޓޯތަކުގައި މި ތިބި މީހުންގެ އާއިލާތަކަށް އެހީތެރިވުމަށް. މި ފޮޓޯތައް ނަގައި ޝޯކޭސްކޮށްގެން ލިބޭ ފައިސާއިންނާއި ވޯކްޝޮޕްތަކާއި، ހާއްސަ ޕްރޮޖެކްޓުތަކާއި ފޮޓޯތައް ޕަބްލިޝްކޮށްގެން،" އަދި ފަންޑްރެއިޒްކޮށްގެން ވެސް އެމީހުންނަށް މާލީ އެހީ ފޯރުކޮށްދޭ ފެށި ކަމަށް އާކާޝް ބުންޏެވެ.

އާޓް ގެލެރީގައި ހުރި އާކާޝްގެ ފޮޓޯގްރެފީގެ މަސައްކަތްތައް.-- ފޮޓޯ: ދޯ އޮންލައިން

ދުނިޔޭގެ އެކި ގައުމުތަކުގައި އާކާޝް ވަނީ މި ފޮޓޯތައް އެގްޒިބިޓްކޮށްފަ އެވެ. އަދި އޭނާގެ މަސައްކަތްތަކަށް ވަރަށް ގިނަ އެވޯޑް ވެސް ލިބިފައިވެ އެވެ.

މި އިންޓަވިއު އެ ހިސާބުން ކުރުކޮށްލީ އެވެ. އެކަމަކު އާކާޝްގެ މި މަސައްކަތްތަކާ ބެހޭގޮތުން އިތުރު ވާހަކަތައް ހޯދަން ބޭނުން ނަމަ އާޓް ގެލެރީއަށް ގޮސް އޭނާއާ ބައްދަލުކޮށްލެވިދާނެ އެވެ. މާދަމާގެ ނިޔަލަށް މި އެގްޒިބިޝަން ކުރިއަށް ދާނެ އެވެ.

ފޮޓޯގްރަފީ ނޫސްވެރިން އާޓިސްޓް

Popular