28 Nov 2019

By: Aminath Ibrahim

ސްކޫލުގައި އުޅުނު އިރު ދުވަހަކު ވެސް މުހައްމަދު އާތިފް އިބްރާހިމް ކުޅިވަރެއްގައި ބައިވެރިއެއް ނުވެ އެވެ. ލިބިފައިވާ ކުރު އިސްކޮޅާއި ހިމަތޮޅި ހަށިގަނޑަކީ އެތުލީޓަކަށް ފިޓުވާ ވަރަށް ވުރެ މާ ނިކަމެތި ހަށިގަނޑެއް ކަމަށް އަބަދުވެސް ހީކުރެވިފައި އޮންނާތީ ލަދުންނެވެ. ސްކޫލް ދައުރު ނިމި، ރިސޯޓު ވަޒީފާއަށް ދާން ފެށި ފަހުން ވެސް އޭނާގެ މި ވިސްނުމަށް ބަދަލެއް ނާދެ އެވެ. ގަދަޔަށް މަސައްކަތް ކޮށްފައި ލިބޭ ހުސް ވަގުތުގައި ކޮންމެވެސް ފޮތެއް ކިޔާލަން އިންނަނީ އެވެ. ކަސްރަތާއި ދުވުމަކީ ކިތަންމެ ކުރާ ހިތްވާ ކަމަކަށް ވިޔަސް، ގަންނަ ލަދަކާ ހުރެ، އެއިން ކަމަކާ އުޅެވޭ ވަރެއް ނުވެ އެވެ.

އެހެން ހުއްޓައި 2016 ވަނަ އަހަރު، ވަޒީފާގައި އުޅެމުން ކޯހެއްގައި ބައިވެރިވި އެވެ. ވަން އެންޑް އޮންލީ ރީތި ރަށުގެ ފްރޮންޓް އޮފީސް ޓީމް ލީޑަރެއްގެ ގޮތުގައި އޭނާ އަދާ ކުރާ ވަޒީފާ އަކީ ގާތްގަނޑަކަށް ޑެސްކް ޖޮބެކެވެ. ދެން އަންނަނީ ކްލާހަށް ދާން ޖެހޭ ދުވަސް ދުވަހު މާލެއަށެވެ. މަސައްކަތު ގަޑި ނިންމާފައި، ކިޔެވުމަށް ޝައުގު ހުންނާތީ ނިދި ނަގާލައި އަބަދު އިންނަނީ ކިޔަވާށެވެ. އަހަރު ނިންމައި ކޯހުން މޮޅު ނަތީޖާއެއް ހޯދައިގެން ނުކުތް އިރު، މީހާ ހުރީ މުޅިން ބަދަލުވެފަ އެވެ. ދޮޅު އަހަރު ތެރޭ 18 ކިލޯ ބަރުވި އިރު، ބަރުދަނުގައި ގާތްގަނޑަކަށް 70 ކިލޯ ހުއްޓެވެ.

"ލަދަކާ ތަދެއް ދޫކޮށްލައި ދުވަން ފަށަން ބޭނުންވީ އެހިސާބުން. އޭރު ރިސޯޓުގަ މަސައްކަތް ކުރާ އޮފީހުން ރޫމާ ހަމައަށް ދެވޭއިރު ހުންނަނީ މާނޭވާ ލެވި ލެވި. އެއީ ގާތްގަނޑަކަށް 450 މީޓަރު،" ދުވަން ފެށި ގޮތް އާތިފް ކިޔައިދިނެވެ.

ފުރަތަމަ ދުވަން ފެށި އިރު، ކިލޯ މީޓަރަކަށް ދުވުން ވެސް ވީ ވޭންހުރި ބުރަ ކަމަކަށެވެ. އެކަމަކު ހަށިގަނޑުގައި އެޅި ވޭނާއި ރިހުނު ރިހުމަށް އަމާންދީފައި ގެއަށް ދާން އޭނާގެ ޒަމީރު އެއްބަހެއް ނުވި އެވެ. ތަންކޮޅަކަށް ދުވެފައި މަޑުޖެހިފައި ދެން ވެސް ދުއްވައިގަންނަނީ އެވެ. އެ ދުވަހު އޭނާ އަޒުމެއް ކަނޑައެޅި އެވެ. ކޮންމެވެސް ދުވަހަކުން 100 ކިލޯ މީޓަރުގެ ރޭހެއްގައި އޭނާ ދުވާނެ އެވެ. ދެ އަހަރު ވަންދެން އޮހޮރި ދަލާ އެކު މިހާރު އޭނާ އެހުރީ ރާއްޖޭގައި ބާއްވާ ފުރަތަމަ 100 ކިލޯ މީޓަރު މެރަތަންގައި ދުވަން ހުރިހާ ގޮތަކުން ތައްޔާރަށެވެ.

"ބޭނުންވީ އަމިއްލަ މީހާއަށް ދުވަހަކު ހިޔާލަށް ވެސް ނާންނަ ވަރުގެ ބޮޑު ޗެލެންޖެއް ކޮށްފައި އެ ލެވެލަށް ވާސިލްވާން އެއަށް ސިކުނޑި ތަމްރީން ކުރަން. ސިކުނޑީގެ ބާރަކީ ހީވެސް ނުކުރާހާ ބޮޑު ބާރެއް. އަނެއްކާ އެއީ، ފުރަތަމަ ދުވަހު ކިލޯ މީޓަރަކަށް ނުދުވެވުނީމަ، ހިތުގައި ކަނޑައެޅި އަޒުމެއް. އިރާދަކުރެއްވިއްޔާ މިއީ އެ ޓާގެޓްއަށް ދާނެ ފަހަރު،" އާތިފް ބުންޏެވެ.

އޭނާގެ އެންމެ ފުރަތަމަ ބޮޑު ދުވުމަކީ މިދިޔަ އަހަރު ލ ގައި ބޭއްވި 21 ކިލޯ މީޓަރުގެ ހާފް މެރަތަނެކެވެ. އޭގެ ހަތް ދުވަސް ފަހުން އައްޑުގައި އޮތް އެހެން ބޮޑު ދުވުމެއްގައި ބައިވެރިވި އެވެ. ފުރަތަމަ ފުލް މެރަތަން ގައި ބައިވެރިވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ 42.2 ކިލޯ މީޓަރެވެ. އޭގެ ފަސް މަސް ފަހުން، މިދިޔަ ޖޫން މަހު ހަމަ އެރަށުގައި އޮތް 60 ކިލޯ މީޓަރުގެ އަލްޓްރާ މެރަތަންގައި ވެސް ބައިވެރިވި އެވެ. ފުވައްމުލަކުގައި 42 ކިލޯ މީޓަރުގެ މެރަތަނެއްގައި ހުސްފައިގައި ވެސް މިހާރު ދުވެފި އެވެ.

އެންމެ ދެ އަހަރު ތެރޭގައި ހޯދުނު މި ކާމިޔާބީތަކާ އެކު އާތިފް ހުރީ ވަރަށް ވެސް އުފަލުންނެވެ.

"މިހިސާބަށް އާދެވުނީ ކޯޗު ޝުޖާއަށް އާތިފް ގެ މައްޗަށް އޮތް އިތުބާރެއްގެ ސަބަބުން. އެހެން އެންމެނަށް ނުވާނެއޭ ހީވާ ކަންކަމުގައި ޝުޖާގެ ހިއްސުތައް ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ. އެއީ ޝުޖާގެ ސުޕާ ޕަވާ،" އާތިފްގެ ހުރިހާ ޝުކުރެއް އޭނާގެ ކޯޗު ޝުޖާ އާއި އޭނާގެ ސްޕޮންސާ، މެރަތަން ޝޮޕް މޯލްޑިވްސް އަށެވެ.

އާތިފް ވެގެންދާނީ ފެށޭ ޑިސެމްބަރު މަހުގެ ފަހެކުން ހަތެކަށް އައިރަނާސް އިން އައްޑޫގައި ބާއްވާ ފުރަތަމަ 100 ކިލޯ މީޓަރުގެ މެރަތަންގައި ދުވާ ފަސް ބައިވެރިންގެ ތެރެއިން އެކަކަށެވެ. މި ދުވުމަށް ތައްޔާރުވާން އޭނާ އަންނަނީ ސެޕްޓެމްބަރު މަހުން ފެށިގެން ހާއްސަ ތަމްރީންތަކެއް ގައި ވެސް ބައިވެރިވަމުން ނެވެ.

"މި ސެޕްޓެމްބަރުގެ ކުރިން ވަކި ޝެޑިއުލަކަށް ނުދުވަން. އޭރު ދުވަނީ ހަފްތާއަކު ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު ދުވަހު، އެއީ ގާތްގަނޑަކަށް 30 ނޫނީ ސާޅީހަކަށް ކިލޯ މީޓަރު. އެކަމަކު މިހާރު ހަފްތާއަކު 6 ދުވަހު އެބަ ދުވަން ދުވާލަކު ދެގަޑި އިރާ ތިރީސް މިނިޓަށް. އެއީ ހަފްތާއަކު 60 ނޫނީ 70 ކިލޯ މީޓަރު،"

އާތިފަށް އޭނާގެ ޓާގެޓަށް ގާތްގަނޑަކަށް ދުވެވިއްޖެ އެވެ. އެކަމަކު މިއީ އޭނާގެ ދުވުމުގެ ޖާނީގައި ޖަހާނެ ސިއްކައެއް ނޫނެވެ. އޭނާ އަދިވެސް ހުރީ ފުރަތަމަ ދުވަހު ހިފާލި ޖޯށުގަ އެވެ. ދުވަހަކު ވެސް ދުވުން ހުއްޓާ ނުލާނެ ކަމަށް ނިންމައިގެނެވެ.

"ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި މި ހޭދަކުރެވުނު ދިހަ ވަރަކަށް އަހަރު އަހަންނަށް ދަސްވި އެންމެ އަގުހުރި ފިލާވަޅަކީ، ކުރިއެރުމުގެ ރޭހުގައި ފިނިޝް ލައިނެއް ނޯންނާނެ ކަން. އެހެންވީމަ 100 ކިލޯ މީޓަރަކީ މީ އަދި ނިމުމެއް ނޫން. އަޅުގަނޑުގެ ސަބަބުން އެންމެ މީހެއްގެ ދިރިއުޅުމަށް ބަދަލެއް އަޔަސް އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް." މިއީ އާތިފްގެ އަމާޒެވެ.

Popular