8 Dec 2019

By: Aminath Ibrahim

ބައި ގަރުނުވީ ހަޔާތުގެ އެކި މަރުހަލާތަކުގައި ތަހައްމަލުކުރަން ޖެހުނު ވޭނާއި ހިތްދަތިކަމުން، އާއިޝަތު ޝެރިން އަށް ދަސްވި އެންމެ އަގުހުރި ފިލާވަޅަކީ ކެތްތެރިކަމެވެ. ކުޑަ ދެ ދަރިންނާއެކު އެކަނިވީ ހަޔާތުން، މަންމަގެ ލޯބި ވެސް ބީވެގެން ދިޔައީ ކެންސަރު ބަލީގައި އެ މަންމަ ވަކި ދިއުމުންނެވެ. އޭގެ ފަހުން ކޮއްކޮ އާއި ލިބުނު ތިން ދަރިންގެ ތެރެއިން ދޮއްޓަށް ލިބުނު އަންހެން ދަރިފުޅު ވެސް ހަމަ އެފަދަ ވޭނެއްގައި އުޅެ، އޭނާގެ އުނގުތެރޭގައި މި ދުނިޔެ ދޫކޮށް ދިޔައީ އެވެ. އެއީ ތަގްދީރުގައި އޭނާ އަށް މިންވަރު ކުރެއްވި ގޮތެވެ. ކެތްތެރިވުން ނޫން އެހެން ގޮތެއް ނެތީ އެވެ.

ދިރިއުޅުމުގައި ހިތް ހަލާކުވެ މާޔޫސްވާ ނަމަ ޝެރިންގެ މި ދިރިއުޅުމާއި އާދަޔާ ހިލާފު ހިތްވަރުގެ ވާހަކަ ކިޔާލައި ހިނިތުންވެލާށެވެ.

އާމްދަނީ ހޯދަން ޝެރިން ކުރާ މަސައްކަތަކީ ކޭކު އެޅުމެވެ. ކޭކު އަޅަން ޝައުގުވެރިވެ، ހޮބީއެއްގެ ގޮތުގައި އެކަން އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އާމްދަނީ ހޯދުމުގެ ގޮތަށް ކޭކު އަޅަން ފެށިތާ އަދި މިވީ ފަސް ވަރަކަށް އަހަރެވެ. އޭނާގެ އަންހެން ދަރިފުޅުގެ ދެ ކިޑްނީ، 2013 ވަނަ އަހަރު ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހިގެން، އެކަމަށް ހަރަދުކުރާނެ ފައިސާ ނެތި އޮފަރޭޝަން ނުކުރެވިގެން އުޅެނިކޮށް ދަރިފުޅު ވަކިވެގެން ދިއުންވީ ކޭކު އެޅުމާއި ދަރުމަވެރިކަމަށް އޭނާގެ ހިތް ދޫވެގެން ދިޔަ އެންމެ ބޮޑު ސަބަބަށެވެ.

ކޭކު އަޅަން ފަށައިގެން، އާމްދަނީ އަށް ވެސް ކޭކު އަޅައިދެމުން، "ކޭކް ޑޯނާސް" ގެ ނަމުގައި އަމިއްލަ ގްރޫޕެއް އުފައްދައިގެން ޝެރިން ފެށީ ބޮޑެތި ބަލިތަކަށް އެހީ ބޭނުންވާ މީހުންނަށް ފަންޑު ހޯދަން ކަޕް ކޭކް ވިއްކާށެވެ. ދަރިފުޅުގެ ވަކިވެދިޔުމުން ދިރިއުޅުމަށް އައި ފަޅުކަމާއި ހިތުގައި އެޅި ވޭނަށް ޝިފާ ހޯދަން އޭނާ ހިޔާރު ކުރީ އެގޮތެވެ.

ޚައިވެންޏަކަށް ޝެރިން ތައްޔާރުކޮށްފައިވާ ކޭކެއް --

"ޓްރާންސްޕްލާންޓް ހެދޭނެ ފަދައެއް ނެތިގެން އޭރު އަޅުގަނޑު ނިކުތީ ތައްގަނޑު ޖަހައިގެން ޓީޝާޓް ވިއްކަން. އެކަމަކު، އެހާ ލާރި އެއް ނުކުރެވެނީސް ދަރިފުޅު ނިއާވެގެން ދިޔައީ. ދެން ހިތަށް އެރި ހަމަ އެކަނި ވަޒީފާ އަދާކޮށްގެން މީހަކަށް އެހީއެއް ނުވެވޭނެއޭ. އެކަމަކު ކޮން ކަމެއް ބާއޭ ކުރެވޭނީ. ދެން އަޅުގަނޑަށް އެނގޭ ވަރަށް ގޭގަ ތިބެގެން ކޭކު އަޅާ ބައިވަރު ކުދިން. ކޭކު އަޅަން ފެއްޓީމަ ހިތަށް އެރި، ކަޕް ކޭކް ކަހަލަ އެއްޗެހި އަޅައިގެން ވިއްކައިފިއްޔާ، އެއިން، ކޮންމެވެސް ބަޔަކަށް އެހީތެރިކަމެއް ވެވިދާނެއޭ. އެގޮތަށް ވިސްނާފަ، ކޭކު އަޅާ ކުދިންކޮޅަކާ އެކު އެކަން ވެސް ފެށީ،" ކޭކު އެޅުމާއި ކޭކު ޑޯނާސް ފެށުނު ގޮތް ޝެރިން ކިޔައިދިނެވެ.

ޝެރިން ހަދާފައިވާ އެޑިބަލް މާތަކެއް --

ވަރުބަލިކަމެއް ނެތި މި ދެ މަސައްކަތް ވެސް ކުރަމުން ދަނިކޮށް މިދިޔަ އަހަރު ފެށުނުތަނާ، ގޮތް ނޭނގޭ އުނދަގޫތަކެއް އޭނާ އަށް ވާން ފެށި އެވެ. ހަށިގަނޑުގެ ހަރަކާތްތެރިކަން ކުޑަވެ، އެކި ގުނަވަންތަކުގައި އާދަޔާ ހިލާފަށް ރިއްސަން ފެށި އެވެ. މި އަހަރުގެ ކުރީ ކޮޅު އިންޑިއާ އަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ އެއީ ރޫމަޓޮއިޑް އާތުރައިޓިސްގެ އަލާމާތްތައް ކަމެވެ.

"އާންމު ދިރިއުޅުން އެއްކޮށް ބަދަލުވީ އެހާ ހިސާބުން. ދެން ކޭކް އޯޑާސް ވެސް އަސްލު ނުނަގަން އެއްވެސް މަސައްކަތެއް ނުކުރެވޭތީ. އަޅުގަނޑަކަށް ގަލަމެއް އެއްޗެއްގަ ވެސް ހިފާ ނުލެވޭ. ހެނދުނު ނުތެދުވެވި، ހޭލާފަ ވެސް ގަޑިއެއް ދެގަޑި އިރު ވަރު ދޭ ތެދު ނުވެވި. މުޅި މީހާ ހުންނަނީ ސްޓިފް ވެފަ، މިކަންކަން މިހެންވީމަ، ﷲ ގެ ހަޟްރަތުން ވާގި އެދިގެން މަސައްކަތް ކުރުން އޮންނާނީ. ނަސީބަކުން އަޅުގަނޑުގެ ގާތުގައި އަޅުގަނޑަށް ލޯބި ދޭނެ ފިރިއަކު އެބަހުރި،" ޝެރިން ކިޔައިދނެވެ.

ޝެރިންގެ ދެމަފިރިން --

ކޭކު އެޅުމާއި ޝެރިންގެ ޝުގާ ފްލާވާސް

މާލޭގައި އާންމުކޮށް ކޭކު އަޅާ މީހުންނާ ޝެރިން ތަފާތުކޮށްދެނީ އޭނާ ހަދާ އެޑިބަލް ޝުގަ ފްލާވާ ތަކުންނެވެ. ގުދުރަތީ މަލުގައި ހުންނަ ރީތި ބައްޓަމާއި ހިތްގައިމުކަން ފޮންޑެންޓުން ހަދާ، ކާލެވޭ ޝުގަ ފްލާވާތަކަށް ގެނައުމުގައި ޝެރިންގެ ޝައުގާއި ވިސްނުންތެރިކަމާއި ހުނަރާއި ފެނި ހައިރާން ވާނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ދަރުބާރުގޭގައި އޮތް ފަންނު އެކްސްޕޯ އިން ވިދާލި އެންމެ ރީތި ތިން ކޭކުން އެއް ކޭކަކީ ވެސް އޭނާގެ "މާ ގުލްދަސްތާ" ކޭކެވެ. އެކްސްޕޯ އަށް ދިޔަ އެތައް ބަޔަކު އެ ގުލްދަސްތާ ރީތިވެގެން ފޮޓޯ ނަގައި ސްޓޯރީ އަށް ލައި ތައުރީފުކުރި އެވެ. އެކަމަކު އެ ހިތްގައިމު، ކަވި މަސައްކަތުގެ ފަހަތުގައި މީހުންނަށް ނުފެންނަ ފަޅި، އެއަށްވުރެ މާ ބޮޑަށް ހިތްގައިމު ވެފައި އިންސްޕަޔަރިން އެވެ.

ފަންނު އެކްސްޕޯ އަށް ޝެރިން ތައްޔާރުކުރި މާ ގުލްދަސްތާ: މިއީ އެ އެކްސްޕޯގެ އެންމެ ރީތި އެއް ކޭކު --

"އޯޑަރަށް ކޭކު ނުނެގޭތީ އާއި ބަލީގައި މިހެން ހަރަކާތް ނުކުރެވި ދާތީ، އެކްސްޕޯގެ ޚަބަރު ލިބުނީމަ ހިތަށް އެރި، ހަނދާނަކަށް ނަމަވެސް، އަޅުގަނޑު ލޯބިވާ މަސައްކަތެއް ދޫކޮށްލާނަމޭ. އެހެންވެ މާކޮޅެއް ހަދަން ވިސްނީ. ފްލާވާ ވާސް އެއް، އަޅުގަނޑު އެއަށް ކީ ގުލްދަސްތާ، އެއީ ހަމަ އެންމެ ފުރަތަމަ ވެސް މައިންޑަށް އައި ނަން. ދެން އެއްބައި ދުވަސް ދުވަހު އެންމެ މަލެއް ވެސް ހެދޭ. އަނެއް ބައި ދުވަސް ދުވަހު މަލެއް ނުހެދި ވެސް ދޭ. މާ ބޮޑަށް ރިހުން ހުންނަ ދުވަހެއް ވެއްޖިޔާ މަސައްކަތް ބަހައްޓަން،" ޝެރިން ކިޔައިދިނެވެ.

ޝެރިން ހަދާފައިވާ އެޑިބަލް މާތަކެއް --

"މައުރަޒަށް ފަނަރަ ދުވަސް ވީއިރު ވެސް ނިމޭނެ ކަމުގެ ޔަގީން ކަމެއް ނެތް. އެހެންވެ، ވަރަށް ތަދު ވިޔަސް ހެޔޮ ކަމަށް ރޭގަނޑު ވެސް ދުވާލު ވެސް މަސައްކަތް ކުރީ. އެންމެ ބޭނުންވި ވަރަށް ރީތި ނުކުރެވުނު. އެއީ ގެންދަންވީ ވަގުތާ ހަމައަށް ކުރެވުނު ވަރު،"

އާތުރައިޓިސް އާއި އެ ނޫން ވެސް ބަލިތަކުގައި ވޭން ތަހައްމަލުކުރަމުންދާ މީހުންނަށް ހިތްވަރެއްގެ ގޮތުގައި ދޫކޮށްލި އެ ތާރީހީ މަސައްކަތާއެކު އޭނާއަށް ލިބުނު ކާމިޔާބީއާ މެދު ޝެރިން ހުރީ އުފަލުން ފޮޅިފަ އެވެ.

ޝެރިންގެ ދެމަފިރިން --

ހަޔާތުގައި ނެގި އުސްމިން ނޭނގޭ ބިޔަ ރާޅުތަކުގެ ތެރޭގައި ނުގެނބި، މިހާރު ހުރި އައްސޭރި އަށް ވާސިލުވެވުނީ ޝެރިންގެ ގަދަ ހިތްވަރުންނެވެ. ގަދަ ހިތްވަރުން ކޮޅަށް ތެދުވެ ޝައުގުވެރިވާ މަސައްކަތުގައި ހުންނައިރު އަރިއަޅާލައި ގޮތެއް ވެދާނެ ކަމަށް ސަމާލުވެ ހުންނަ ފިރިމީހާ، ޝެހެޝާން އަލީ އަށް ޝެރިންގެ ހިތުގައި އޮތީ މުޅިން ތަފާތު ޝުކުރަކާއި ހާއްސަ ލޯތްބެކެވެ.

ސިއްހަތު ކޭކް ޑެކޮރޭޝަން ދަ ސެޝަން

Popular